ކ. މާލެ
|
4 ޖޫން 2024 | އަންގާރަ 22:28
ހަމާސްގެ ޕޮލިޓަލް ބިއުރޯގެ އިސް އޮފިޝަލް ސާމީ އަބޫ ޒުހުރީ
ހަމާސްގެ ޕޮލިޓަލް ބިއުރޯގެ އިސް އޮފިޝަލް ސާމީ އަބޫ ޒުހުރީ
ޕްރެސް ޓީވީ
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ސުލްހައިގެ އެއްބަސްވުމަށް ހުރަސް އަޅަނީ އިޒްރޭލުން: ހަމާސް
ސާމީ ހާމަ ކުރިގޮތުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ހަގީގަތަކަށް ނުވެގެން އުޅެނީ އިޒްރޭލުގެ ސަބަބުން ކަމަށް ޚުދު އެމެރިކާ އަށް ވެސް އެނގޭނެ

ގާޒާއަށް ސުލްހަ ގެނައުމަށް އެމެރިކާއިން ހާމަ ކުރި އެއްބަސްވުމަށް އިޒްރޭލުން ސީރިއަސް ނޫން ކަމަށާއި، އެކި ގޮތްގޮތައް އެއްބަސްވުމުގެ ކަންކަން އަނބުރަމުން ގެންދަނީ އެމެރިކާ ނިވަލުގައި ބާއްވައިގެން އިޒްރޭލުން ކަމަށް ހަމާސްގެ ޕޮލިޓަލް ބިއުރޯގެ އިސް އޮފިޝަލެއް ކަމަށްވާ ސާމީ އަބޫ ޒުހުރީ ބުނެފިއެވެ.

ސާމީ ހާމަ ކުރިގޮތުގައި، ހުޅަނގުގެ ގައުމުތަކާއި އެމެރިކާއިން ސުލްހައިގެ އެއްބަސްވުމަށް އައުމަށް ހަމާސް އަށް ބާރު އަޅާ ވާހަކަ ބުނަމުން ދާއިރު، ހަގީގަތަކީ އެއްބަސްވުމަކަށް ނާދެވިގެން އުޅެނީ އިޒްރޭލުން އެކަމަށް ހުރަސް އަޅާތީ ކަމަށެވެ. އޭނާ ބުނި ގޮތުގައި ކަން އޮތް ގޮތުގެ ހަގީގަތް ވަރަށް ބޮޑަށް އޮޅޭ ގޮތައް ހަމާސްގެ ބޮލުގައި އެކަން އެޅުވުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހަމާސްގެ އޮފިޝަލް ބުނި ގޮތުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ހަގީގަތަކަށް ނުވެގެން އުޅެނީ އިޒްރޭލުގެ ސަބަބުން ކަމަށް ޚުދު އެމެރިކާ އަށް ވެސް އެނގޭނެއެވެ.

ގާޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް މި ދިޔަ ހުކުރު ދުވަހު ވަނީ 3 މަރުހަލާ އަކަށް ބަހާލެވިގެން ކުރިއަށް ގެންދާ ސުލްހައިގެ ޕްލޭނެއް ހާމަ ކުރައްވާފައެވެ. އެ ޕްލޭންގެ ދަށުން ދެ ފަރާތުގެ ދެމެދުގައި ރަހީނުން ބަދަލު ކުރުމާއި، ގާޒާއިން އިޒްރޭލް ސިފައިން މުޅިން ފޭބުމާއި، ގާޒާ އަލުން އާރާސްތު ކުރުން ހިމެނެއެވެ. ބައިޑްން ހުށަހެޅުއްވި ޕްލޭންގައި އިޒްރޭލް ސިފައިން ފޭބުމަށްފަހު ގާޒާގެ ވެރިކަން މިހާރުވެސް އޮތް ގޮތަށް ހަމާސް އިން ކުރަމުންގެންދާ ވާހަކަ ހިމެނިފައި ނެތްކަން ހަމާސް އިން ފާހަގަ ކުރެއެވެ. އެމެރިކާ އިން ވެސް އިޒްރޭލުންވެސް ބޭނުންވަނީ ހަމާސްގެ ބާރު މުޅިން ކަނޑުވާލުމަށެވެ. ގާޒާގައި އޮތް ހަމާސްގެ ވެރިކަން މުޅިން ނިމުމަކަށް ގެންނާށެވެ. އެކަމާ ހަމާސް އިން އަންނަނީ ތަކުރާރުކޮށް ދެކޮޅު ހަދަމުންނެވެ.

ސުލްހައިގެ އެއްބަސްވުމުގެ މަސައްކަތުގައި އިޒްރޭލާއި ހަމާސް އާ ދެމެދުގެ މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަނީ ގަތަރުންނެވެ.

ކޮމެންޓް