ކ. މާލެ
|
18 ފެބްރުއަރީ 2024 | އާދީއްތަ 13:26
ސުޕްރީމް ކޯޓް
ސުޕްރީމް ކޯޓް
މެންބަރުންގެ އަދަދު
މެންބަރުންގެ އަދަދު ކަނޑައެޅުމާ ގުޅޭ ދުސްތޫރީ މައްސަލައިގެ ޝަރީއަތް އަވަސްކޮށް، މިމަހުގެ 21 ގައި
49 ވަނަ މާއްދާގެ ކ،އ އަދި ވ އަށް ގެނެސްފައިވާ އިޞްލާޙުތަކަށް މިވަގުތަށް ޢަމަލުނުކުރުމަށް އަންގާފައިވޭ
މިހާރު ތާރީޚު އަވަސްކޮށް، 21 ފެބްރުއަރީ 2024 ގެ ހެނދުނު 10:00ށް ވަނީ ތާވަލުކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދު ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ޝަރީއަތް ޢަވަސްކޮށްފިއެވެ.

މި މައްސަލައިގެ ޝަރީއަތް ފަށައި، ފުރަތަމަ އަޑުއެހުން ބޭއްވުމަށް ކުރިން ތާވަލުކޮށްފައިވަނީ 25 ފެބްރުއަރީ ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:45 އަށެވެ. އެހެންނަމަވެސް މިހާރު އެ ތާރީޚު އަވަސްކޮށް، 21 ފެބްރުއަރީ 2024 ގެ ހެނދުނު 10:00ށް ވަނީ ތާވަލުކޮށްފައެވެ.

ސަރުކާރުން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގައި ގޮތެއް ނުނިމެނީސް ގަވާއިދަށް ގެނައި ބަދަލަށް އަމަލުކުރުން ފަސްނުކޮށްފިނަމަ މައްސަލައިގެ މައުލޫގައި ހިމެނޭ ކަންކަމުގެ މުއާލާތް ކެނޑިދާނެ ކަމަށް ސުޕްރީމްކޯޓުގެ ފަނޑިޔާރުންނަށް ފެނިވަޑައިގަންނަވާކަމަށް ބަޔާންކުރައްވައި ސުޕްރީމް ކޯޓުން މި މައްސަލައިގައި އަމުރެއް ވެސް ނެރެފައިވެއެވެ.

ވަގުތީ އަމުރު ނެރެފައި ވަނީ ފަނޑިޔާރުންގެ އަގުލަބިއްޔަތާއި އެކުގައެވެ.

އަމުރު ނެރެފައި ވަނިކޮށް މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ ތިން އިސްލާހު އެ މާއްދާއިން އުނިކުރުމަށް ދާދި ފަހުން މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެގޮތުން ކޮމިޓީން ފާސްކުރީ މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ ތިން އިސްލާހު އެ މާއްދާއިން އުނިކޮށް، މަޖިލީހުގެ ގަވާއިދުގެ 242 ވަނަ މާއްދާގެ ފަހަތަށް އިތުރުކުރުމަށެވެ. އެގޮތުން 'ހުސްވާ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި މަޖިލީހުގެ މެމްބަރުން އަދަދު ގުނާނެ ގޮތް' ކިޔާ މާއްދާއެއް މަޖިލީހުގެ ޤަވާއިދުގެ 242 ވަނަ މާއްދާއަށް އިތުރު ކުރުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އެ މާއްދާގައި ހިމެނުމަށް ކޮމިޓީން ފާސްކޮށްފައިވަނީ "މެމްބަރުކަމުން ވަކިވުމުން، ކުރިއަށް މަޖިލިސް އިންތިހާބާ ދެމެދު ހަ މަސް ދުވަސް ނުވަތަ އެޔަށްވުރެ ކުރު މުއްދަތެއް އޮންނަ ހާލަތުގައި، މަޖިލީހުގެ ޖުމަލް މެމްބަރުންގެ އަދަދު ގުނުމުގައި އެ ގޮނޑިއެއް ނުހިމަނާނެ" ކަމަށެވެ.

މައްސަލައިގެ ފަސްފަހަތް:

ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހަޅާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައި، މެންބަރުންގެ ސޮއި ހަމަކޮށްފައި ވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ކަނޑައެޅުމާ ގުޅޭގޮތުން، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 37 ވަނަ ޖަލްސާއިން ފާސްކޮށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ، (ކ)، (އ) އަދި (ވ) ގައި، "މަޖިލީހުގެ ޖުމްލަ މެންބަރުން" މި އިބާރާތަށް ދީފައިވާ މާނަކުރުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފަށް ދީފައިވާ މާނަކުރުމެއް ކަމަށް ބަންޑާރަނައިބުގެ އޮފީހުން ވަނީ ބުނެފައެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އަކީ ބާތިލް އަކުރުތަކެއް ކަމުގައި ކަނޑައަޅައިދިނުމަށް އެދި އެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ 28 ޖަނަވަރީ 2024ގައެވެ.

އޭޖީ އޮފީހުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި "މަޖިލީހުގެ ޖުމްލަ މެންބަރުން" މި އިބާރާތަށް އެ މަޖިލީހުން މިހާރު ދީފައިވާ މާނަކުރުމުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ، އެއްވެސް ސަބަބަކާ ގުޅިގެން މަޖިލީހުން ހުސްވެފައިވާ ގޮނޑިތައް ނުހިމެނޭ އަދަދެއްކަމަށް ބަޔާންކޮށްފައިވާތީ، މިއީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނާ އެ މަޖިލީހުގެ ޖުމްލަ އަދަދާ ޚިލާފު މާނަކުރުމެއް ކަމަށެވެ.

އަދި މިއީ ގާނޫނުއަސާސީގެ 86 ވަނަ މާއްދާއާއި 87 ވަނަ މާއްދާއާއި 88 ވަނަ މާއްދާ، އަދި ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ކަންކަން ބަޔާންކުރާ އެހެނިހެން މާއްދާތަކާ ތައާރުޒުވާ މާނަކުރުމެއްކަމަށްވެސް ބުނެފައިވެއެވެ.

ގާނޫނުއަސާސީގެ 268 ވަނަ މާއްދާއަށް ރިއާޔަތްކުރާއިރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިތުރުކޮށްފައިވާ އެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އަކީ ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ)އިން ގަވާއިދު ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އިޚްތިޔާރުގެ ބޭރުން ނިންމާފައިވާ ނިންމުމެއް ކަމުގައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އަކީ ބާތިލް އަކުރުތަކެއް ކަމުގައި ކަނޑައަޅައިދިނުމަށް މި މައްސަލައިގައި އެދިފައިވާނެ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
ކޮމެންޓް