ކ. މާލެ
|
4 ޑިސެންބަރ 2023 | ހޯމަ 13:31
ގދ. ތިނަދޫ- ތިނަދޫއަށް ރައީސް ސާލިޙު ވަނީ ސިޓީއެއްގެ ދަރަޖަ ދެއްވާފައި
ގދ. ތިނަދޫ- ތިނަދޫއަށް ރައީސް ސާލިޙު ވަނީ ސިޓީއެއްގެ ދަރަޖަ ދެއްވާފައި
ރާއްޖެއެމްވީ
ތިނަދޫ ސިޓީ ކައުންސިލު
ތިނަދޫ ސިޓީ ކައުންސިލް އިދާރާ ޤާއިމުކުރުމާ ގުޅޭގޮތުން އިދާރާތަކުން ދިން ޚިޔާލުތަކަށް ބިނާކޮށް ލާމަރުކަޒީ ކޮމިޓީން ގޮތެއް ނިންމަނީ
 
އެ ޙާލަތުގައި ކައުންސިލުގެ ސެކެޓަރީ ޖެނެރަލްގެ މަޤާމަށް ވާނީ ކިހިނެއްތޯއާމެދުވެސް ކޮމިޓީން ގޮތެއް ނިންމަންޖެހޭ
 
އިންތިޚާބު ކުރެވިފައިވާ މެންބަރުންގެ ބާރުތައް ސިޓީ ކައުންސިލެއްގެ ބާރުތަކަކަށް ފޮރުޅާލެވިދާނެ

ގދ ތިނަދޫގައި ސިޓީ ކައުންސިލް އިދާރާ ޤާއިމުކުރުމާ ގުޅޭގޮތުން ކަމާ ގުޅުންހުރި އިދާރާތަކުން ދިން ޚިޔާލުތަކަށް ބިނާކޮށް، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ގޮތެއް ނިންމުމަށް އެ ކޮމިޓީން ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ތިނަދޫއަކީ ސިޓީއެއް ކަމަށް ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ސާލިޙު ވަނީ ކަނޑައަޅުއްވާފައެވެ.

ތިނަދޫ ސިޓީއަކަށް ވުމުން ދާއިރާތަކެއް ކަނޑައެޅި، ސިޓީ ކައުންސިލް އިދާރާއެއް ގާއިމްކުރުމާއި ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލައިގައި ކޮމިޓީން ހޯމަ ދުވަހު ވަނީ ގުޅުންހުރި އިދާރާތަކާ ބައްދަލު ކުރައްވާފައެވެ.

ސިޓީއަކަށް ބަދަލުވާ ޙާލަތުގައި އޭރަކު ރައްޔިތުން އިންތިޚާބުކޮށްގެން ހޮވާފައި ތިބޭ ކައުންސިލަރުންގެ ދައުރަށް ވާނެ ގޮތަކާއި ގުޅޭގޮތުން ވެސް މި މައްސަލައިގައި އަލިއަޅުވާލާފައިވެއެވެ.

ހޯމަ ދުވަހުގެ ކޮމިޓީ ބައްދަލުވުމަށް ސިޓީސް، ލޯކަލް ގަވަރމަންޓް މިނިސްޓްރީގެ ފަރާތުން ވަޒީރު އާދަމް ޝަރީފު ވަނީ ހާޒިރުވެވަޑައިގެންފައެވެ.

ކޮމިޓީ ބައްދަލުވުމުގައި އާދަމް ޝަރީފް ވިދާޅުވީ، ތިނަދޫ ސިޓީއަކަށް ހެދުމަކީ އެ ރަށު ރައްޔިތުންގެ ދުވަސްވީ އުއްމީދެއްކަމަށެވެ. އެގޮތުން ނިމިދިޔަ ސަރުކާރުން ތިނަދޫ ސިޓީއަކަށް ހެދުމަށް ނިންމާފައިވާއިރު، ތިނަދޫގައި ސިޓީ ކައުންސިލު ޤާއިމު ކުރަން މި ސަރުކާރުންވެސް ވިސްނާފައިވާ ކަމަށާއި، މި ސަރުކާރުން އެ ނިންމުމަށް އިޙުތިރާމު ކުރާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ގެންދަނީވެސް އެ ވިސްނުމުގައިކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ސިޓީ ކައުންސިލެއްގެ ދަރަޖަ ދީގެން ކައުންސިލަށް ދޭންޖެހޭ ބްލޮކް ގްރާންޓުވެސް ދިނުމަށް ސަރުކާރުން މަގުފަހިކޮށްދީފައިވާނެ ކަމަށެވެ.

ތިނަދޫގައި ސިޓީ ކައުންސިލް ޤާއިމުކޮށްގެން ކުރަންޖެހޭ މަސައްކަތްތައް އަވަސް ކުރަންޖެހޭކަން ފާހަަގަ ކުރައްވައި އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، އެކަމާ ގުޅޭގޮތުން މިނިސްޓްރީން ސަރުކާރުގެ ގުޅުންހުރި ވުޒާރާތަކާވެސް ބައްދަލުކޮށްފައިވާނެކަމަށެވެ.

މި މައްސަލައިގައި އުފެދިފައިވަނީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެވުނު ނަމަވެސް، ދައުރު ނިމެންދެން ރަށު ކައުންސިލުން ޚިދުމަތް ދޭ ގޮތަށް އަމަލު ކުރަމުން ދިއުމުން އުފެދިފައިވާ ޚިލާފުތަކެއްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މިއަދު ކައުންސިލުގެ މެންބަރުންނަށްވެސް ދަރަޖަ ކުރައްވަންވީ ގޮތެއް މުޅިން ސާފުނުވާކަން ފާހަގަ ކުރައްވައި އާދަމް ޝަރީފް ވިދާޅުވީ، މިކަމަށް ޤާނޫނީ ފަރުވާއެއް ގެންނަންޖެހޭކަމަށެވެ. ސަބަބަކީ ރަށު ކައުންސިލުތަކުގައި ތިބޭނީ ރަށު ކައުންސިލު ރައީސްކަމަށްވެފައި، ސިޓީ ކައުންސިލެއްނަމަ ހުންނަންޖެހޭނީ މޭޔަރެއްކަމަށްވާތީއެވެ.

ތިނަދޫގައި މިހާރު ހޮވާފައިވާ ރަށު ކައުންސިލުގެ މެންބަރުންގެ ދައުރުގައި އަދި ބާކީ ދުވަސްތަކެއް އެބައޮތެވެ.

އާދަމް ޝަރީފް ވިދާޅުވީ، މި މައްސަލައިގައި ދިމާވެފައިވާ ޤާނޫނީ ގޮންޖެހުންތައް ހައްލު ކުރުމަށް ވީ އެންމެ އަވަހަށް ފަރުވާއެއް ހޯދައިދިނުމަކީ ސަރުކާރުގެވެސް އަމާޒުކަމަށެވެ.

މި މައްސަލައިގައި ހޯމަ ދުވަހު ކޮމިޓީން ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި، ތިނަދޫ ސިޓީ ކައުންސިލުގެ ބޭފުޅުންނާވެސް ބައްދަލު ކުރައްވާފައެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ ގޮތުން ހިންގުމުގެ ޤާނޫނުގެ 51 ވަނަ މާއްދާގެ (ނ) ގައި އޮންނަނީ އިދާރީ ދާއިރާއެއްގައި ހިމެނޭ ރަށެއް ސިޓީއެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅަނީ، އެ ރަށް ހިންގުމަށް އިންތިޚާބުކުރެވިފައިވާ ރަށު ކައުންސިލް އިންތިޚާބުވުމަށްފަހު އެހެންނަމަވެސް އެ ކައުންސިލްގެ ދައުރު ހަމަވުމުގެ ކުރިން ކަމުގައިވާނަމަ، މި މާއްދާގައިވާ ގޮތުގެމަތިން އެ ރަށަކީ ސިޓީއެއް ކަމުގައި ކަނޑައަޅައި، އެ ރަށް ސިޓީއަކަށް ބަދަލުވި ކަމުގައިވީނަމަވެސް، އެ ސިޓީ ހިންގަމުންދާނީ އެ ރަށް ސިޓީއަކަށް ބަދަލުވުމުގެ ކުރިން އެ ރަށް ހިންގުމަށްޓަކައި އިންތިޚާބުވެފައި އޮތް ރަށު ކައުންސިލުންކަމަށެވެ.

ކޮމިޓީގައި ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވީ، އެ މާއްދާގައި އެ ބުނަނީ އަލުން އިންތިޚާބެއް ނުބާއްވައި، އިންތިޚާބު ކުރެވިފައިވާ މެންބަރުންގެ ބާރުތައް ސިޓީކައުންސިލެއްގެ ބާރުތަކަކަށް ފޮރުޅާލެވިދާނެ ވާހަކަ ކަމަށެވެ.

އެހެންނަމަވެސް އެ ޙާލަތުގައި ކައުންސިލުގެ ސެކެޓަރީ ޖެނެރަލްގެ މަޤާމަށް ވާނީ ކިހިނެއްތޯއާމެދުވެސް ކޮމިޓީން ގޮތެއް ނިންމަންޖެހޭކަން ބައެއް ބޭފުޅުން ފާހަގަކުރެއްވިއެވެ. ސަބަބަކީ އެއީ ސިވިލް ސަރވިސްގެ މަޤާމަކަށްވާތީއެވެ.

ކޮމިޓީއަށް ހާޒިރުވި ބޭފުޅުންގެ ޚިޔާލުތައް ކޮމިޓީން ހޯދާފައިވާއިރު، މި މައްސަލައަށް ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމަށް ކޮމިޓީ މެންބަރުން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް