ވަޤުތަކީ އެންމެ އަގުބޮޑު އެއް ނިޢުމަތެވެ. ހަމަ އެ ފަދައިން ނަފުސުގެ ހަމަޖެހުމަކީވެސް އުފާވެރި ދިރިއުޅުމަކަށް ކޮންމެހެން ބޭނުން ކަމެކެވެ. ވީ އިރު، ހަށްޓަށް ލުއި ގޮތަކަށް، ވަޤުތުވެސް ސަލާމަތް ކުރެވުމާއެކު މަސައްކަތްކޮށް ނިންމާލަން ނޭދޭނީ ކާކު ހެއްޔެވެ؟ ޒަމާނީ ޓެކްނޮލޮޖީއާއެކު ދިރިއުޅުމަށް ލިބެމުންދާ ލުއިފަސޭހަ ކަމުގެ ސިލްސިލާ ޗޭނަށް އަނެއްކާވެސް މިވަނީ އެފަދަ ބޮޅެއް އިތުރު ވެފައެވެ. ދައްކަން މިއުޅެނީ އޭގެ އަމިއްލަ ޒާތުގައި އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރުމުގެ ޤާބިލުކަން ލިބިފައި ވާ، އެއް ބޭނުމަށް ވުރެ ގިނަ ބޭނުންތައް ހިފޭ، ޖައްވަށް ވިހަ ގޭސް ބޭރު ނުކުރާ 'ސިޓީބޮޓް'ގެ ވާހަކައެވެ.
ތިޔަ ހީކުރެވުނީ ރަނގަޅަށް ކަމުގައިވެސް ވެދާނެއެވެ. ދައްކަން މިއުޅެނީ ޖަރުމަނުވިލާތުގެ އީޖާދީ ރޮބޮޓެއްގެ ވާހަކައެވެ. ސިޓީބޮޓްއަކީ ޖަރުމަނުވިލާތުގެ ފްރޭންކްފަރޓްގެ އުތުރުގައި މަރުކަޒު ކޮށްގެން ހިންގާ އިންޖިނޭރު ކުންފުންޏެއް ކަމަށް ވާ އީޑެގްގެ އުފެއްދުމެކެވެ. އީޑެގްއިން އާމާޒު ހިފާފައި ހުރީ ދުވާލާ ރޭގަނޑުވެސް ޢާއްމުންގެ ޚިދުމަތަށް ސިޓީބޮޓް ނެރުމަށެވެ. އެގޮތުން، ގެތަކުން ކުނި ނެގުމާއި، ގަސްތަކަށް ފެން ދިނުން ފަދަ މަސައްކަތްތައް ސިޓީބޮޓްއިން ކުރާނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި، އެއަރޕޯޓްތަކުގެ އޭޕްރަންގައި ކުރަން ޖެހޭ މަސައްކަތްތައް ކުރެވޭ ފެންވަރަށްވެސް ސިޓީބޮޓް އަދާހަމަ ކުރަމުން ދިއުމަށް އީޑެގްއިން ވަނީ ނިންމާފައެވެ.
އީޑެގްއިން މިހާރު މަސައްކަތް ކުރަމުން ދަނީ ސިޓީބޮޓްގެ ބޭނުން 24 ގަޑިއިރު ހިފުމަށްޓަކައި ރޮބޮޓަށް ގެންނަން ޖެހޭ އެންމެ ފަހުގެ ބަދަލުތައް ގެނައުމަށް ބޭނުންވާ، ވީހާވެސް ގިނަ ޢަދަދެއްގެ ތަފާސް ހިސާބުތައް އެއްކުރުމަށެވެ.
އީޑެގްގެ ކޮންސެޕްޓް އެންޑް ޕްރޮޑަކްޓް އޯނަރ ޖޮހެނަސް ބްރޭކްމަން ފާހަގަ ކުރި ގޮތުގައި މިހާރުވެސް، ސިޓީބޮޓްގެ ގިނަ މޮޑިއުލްތަކެއް ލިބެން އެބަހުއްޓެވެ. އެއާއެކު، މި ކޮންސެޕްޓަކީ މާލީ ގޮތުންވެސް ފައިދާތަކެއް ލިއްބައިދޭނެ، ހިންގުންތެރި މަޝްރޫޢަކަށް ވެގެން ދިއުމުގެ ފުރުޞަތު އިންތިހާއަށް ބޮޑުވެއެވެ.
ހަކަތައިގެ ގޮތުގައި ސިޓީބޮޓްއަށް ބޭނުން ކުރެވިދާނެ 2 އިޚުތިޔާރެއް އޮވެއެވެ. އެއީ ކަރަންޓު ނުވަތަ ހައިޑްރޯޖަންއެވެ. ސިޓީބޮޓް އީޖާދު ކުރި ފަރާތުގެ އަމާޒަކީ، އެ ރޮބޮޓްގައި ހަރުކޮށްފައި ވާ ސެންސަރުތަކުގެ އެހީގައި، އިތުރު އިންސާނެއްގެ ބައިވެރިވުމެއް ނެތި، އަމިއްލައަށް ސިޓީބޮޓަށް ހަރަކާތްތެރިވެވޭނެކަން ކަށަވަރު ކުރުމެވެ. ޑިޖިޓަލް ސިޓީއެއްގެ ވެށީގައި، ޖެހިލުމެއް ނެތި ސިޓީބޮޓްއަށް މަސައްކަތް ކުރެވިދާނެކަން ކަށަވަރު ކުރުމެވެ.
ދުވާލެއްގަ މި އޮންނަ 24 ގަޑިއިރުވެސް ސިޓީބޮޓް ޚިދުމަތަށް ނެރެވިދާނެ، އެއާ ގުޅާލެވެން ހުރި އެކިއެކި މޮޑިއުލްތަކުގެ އެހީގަ. ދުވާލު ގަޑީގަ އެއްތަނުން އަނެއް ތަނަށް މީހުންނާއި މުދާ އުފުލަން ބޭނުން ކުރެވިދާނެ، ރޭގަނޑުގެ ވަޤުތުތަކުގަ މުނިސިޕަލް މަސައްކަތްތައް، ކުރެވި ދާނެ. މަގުމަތި ސާފު ކުރުމާއި، ކުނި އެއްކުރުމާއި، ގަސްތަކަށް ފެންދިނުން ކަހަލަ މަސައްކަތްތައްވެސް ކުރިވިދާނެ ސިޓީބޮޓް ލައްވާ.ޖޮހެނަސް ބްރޭކްމަން؛ އީޑެގް
ސިޓީބޮޓް، މަސައްކަތްތެރިކަމުގެ ހުނަރު ދަސްކުރަނީ އަރޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނުވަތަ މަސްނޫޢީ ތޫނިފިލިކަން ބޭނުން ކޮށްގެންނެވެ. އެ މަޢުލޫމާތުގެ އެހީގައި ސިޓީބޮޓްއިން ދަސްކޮށް، އުނގެނޭ އެއްޗެއްގެ މައްޗަށް ބިނާކޮށް، އެއަށް ފެންނަ ތަފާތު އެއްޗެހި ދެނެގަނެ، ކުނި ފަދަ ތަކެތި ވަކިވަކިކޮށް، ބައި ކުރަންވެސް އެނގެއެވެ.
މީ ވަރަށް ބޮޑަށް އޮޓޯމޭޓް ކުރެވިގެން ކުރިއަށް ގެންދާ މަޝްރޫޢެކޭ މި ބުނަނަނީ، އޮޓޮމެޓިކް އިޖުރާޢަތުތަކެއް ދުރާލާ އެބަ ހަދަން ޖެހޭ. މިސާލަކަށް، ކަރުދާސް އަޅާ ކުނި ވަށިގަނޑެއް ހުސް ކުރުވަން ބޭނުން ވަނީ، އެހެންވިއްޔާ، ސިޓީބޮޓްގެ ސެންސަރުތަކަށް ކަރުދާސް ދެނެގަންނާނެ. ސިޓީބޮޓް އަންނާނެ އޮޓޯއިން. އައިސް، އެ ވަށިގަނޑު ހުސްކޮށްލާނެ. ވަށިގަނޑު ހުސްކޮށްލީމަ، ސިޓީބޮޓްއަށް އުޖޫރައެއް ދޭކަހަލަ ގޮތެއްވެސް ހަމަޖެއްސިދާނެ.ޖޮހެނަސް ބްރޭކްމަން؛ އީޑެގް
އީޑެގް ކުންފުނިން ކުރިއަށް އަޅަން ގަސްތު ކުރާ ފިޔަވަޅަށް އަލިއަޅުވާލާއިރު، މިޞްރާބު ހުރީ އެއަރޕޯޓްތަކާ ދިމާއަށެވެ. އެގޮތުން އޭޕްރަން މަތީގައި ބޯޓުތައް ދުއްވަންވީ ގޮތުގެ އިރުޝާދުތައް ދިނުމާއި، ލަގޭޖް ހޭންޑްލިންގް ފަދަ ކަންކަމަށް ސިޓީބޮޓް ތަމްރީނު ކުރުމަކީ އަމާޒެކެވެ.
އެ އަމާޒަށް ވާޞިލު ވުމުގެ ކުރިން، ފްރޭންކްފަރޓްގެ ފުޓުބޯޅަ ދަނޑެއްގައި ސިޓީބޮޓްތައް ޓެސްޓު ކުރުމަށް ވަނީ ހަމަޖެހިފައެވެ.