ކ. މާލެ
|
10 އޯގަސްޓް 2023 | ބުރާސްފަތި 16:10
މާޔާ: އޭނާގެ ބޭބެގެ ކުލަބަށް އަންނަ އަންހެނުންނާއި ކުޑަކުދިންނަށް އަސް ދުއްވަން ދަސްކޮށްދެނީ މާޔާ
އަސްދުއްވާ ކުޅަދާނަ ޒުވާނާ
މާޔާ: އަހަށް ޖެހުނު ލޯތްބަކުން އެ މިސްރާބަށް އެތައް ހިތެއް ލަންބުވާލި އުޚްތާ!
 
މާޔާގެ ހިތްވަރާއި މަސައްކަތް ފެނި، ހުޅަނގު އައްސޭރީގެ އަންހެނުންގެ މެދުގައިވެސް އަސް ދުއްވުމުގެ ޝައުގުވެރިކަން ދަނީ އިތުރުވަމުން
 
މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ގަބޫލު ކުރުންތަކާއި ސަގާފަތް އޮންނަގޮތުން، އަސް ދުއްވުމާއި އަސް ރޭސް ޖެހުމަކީ ފިރިހެނުންނަށް ޚާއްސަ ކަމެއް

ފެންނަމުން އެ ދަނީ މެދުއިރުމަތީގެ އަރަބި، އިސްލާމީ ގައުމެއްގެ އަދުގެ ވެށިން ފެނުން މާ އާންމު މަންޒަރެކޭ ނުދެންނެވޭނެއެވެ. ކޮންމެ ސަބަބަކާ ހެދި ކަމުގައި ވީނަމަވެސް، އެ ގައުމުތަކުގައި ދެ ޖިންސުގެ ހަމަހަމަކަން، އޭގެ އެންމެ އިންތިހާއަށް ގެއްލި ދިޔަ ދުވަސްތަކެއްވެސް ތަޖުރިބާކުރިކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. ނަމަވެސް، ދީނުގެ ކަންކަމަށް މީހުންގެ މެދުގައި އޮންނަ ހޭލުންތެރިކަން އިތުރުވަމުން ދާވަރަކަށް، ދީނުގެ ނަމުގައި އޮތް ބިދުއަތައް ދޫކޮށް، އާންމު ދިރިއުޅުމައިގެން ކުރިއަށް ދިއުމުގެ އާދަތައް މިހާރު ވަނީ މަޑުމަޑުން ފެންނަން ފަށާފައެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އަވަށަކުންވެސް ފެނިގެން އެ ދަނީ ހަމަ އެ ފަދަ މަންޒަރެކެވެ. މާޔާ އަޔާދީއަކީ އަސްދުއްވުމުގެ ހުނަރު ދަސްކޮށްދިނުމުގެ ރޮނގުން އަރާ ހުރި އިންސްޓްރަކްޓަރެކެވެ. ދުރު ރާސްތާތަކަށް، ސާބިތުކަމާއެކު އަހުގައި ދުއްވާ، ކުޅަދާނަ ޒުވާނެކެވެ. މިއީ މިފަދަ އަވަށަކުން ފެނުން ނާދިރު މަންޒަރެއް ކަމުން، ކެމެރާގެ ލެންސު މާޔާއަށް އަމާޒުވިއެވެ.

މާޔާގެ ހިތުގައި، އަސް ދުއްވުމުގެ ޝައުގުވެރިކަން އުފެދެން ފެށީ އޭނާގެ އުމުރުން ވަރަށް ޅައިރުއެވެ. އަސްތަކެއް ފެނި އެންމެ ފުރަތަމަ އެ އަސްތައް ދެކެ ބިރުގަތް މާޔާގެ ފޮނި ހުވަފެންތަކަކަށް އެ އަސްތައް ބަދަލުވިއެވެ. އޭނާގެ ގަދަ ހިތްވަރާއި ސާބިތުކަމުގެ ސަބަބުން، އެ ހުވަފެންތަކުގައި ހަގީގީ ކުލަވެސް ޖެއްސީއެވެ.

މިތަނަށް އައިސް، އަސް ދުއްވަން ދަސްކުރަން އަހަރެން ހިތްވަރު ދެން. ގިނަ އަދަދެއްގެ އަންހެން ކުދިންނާ ފިރިހެން ކުދިން އާދޭ އެބަ އަހަރެމެން ގާތަށް، އަސް ދުއްވަން. ބައެއް ފަހަރު، އެމީހުންގެ އަންހެން ދަރިން ދޫކޮށްލަން ބައެއް ބެލެނިވެރިން ފަސްޖެހޭ ގޮތްވޭ. ބޭރު ތެރެއަށް ނުކުމެ، ހާމަ ރާސްތާތަކުގަ އަސް ދުއްވަން ދޫކޮށްލަން ޖެހިލުންވޭ. މަށަކީވެސް އަންހެނެއް. އަހަރެން ވަރަށް ބޭނުންވޭ ބޭރުތެރެއަށް ނުކުމެލާ، ދުރު ރާސްތާތަކަށް މިނިވަންކަމާއެކު ދުއްވާލަން. އަހަރެން ގަބޫލުކުރާގޮތުގަ، މި ކުރެވެނީ ގޯސް ކަމެއް ނޫން. ލަދު ގަންނަންޖެހޭ ކަހަލަ ކަމެއް ނޫން މި ކުރަނީ. ބިރުވެސް ގަންނާކަށް ނުޖެހޭ. ބޭރުގަ އުފާވެރި ވަގުތުތަކެއް މި ހޭދަކުރަނީ. މިހާރު މިކޮޅަށް ގިނަ އަދަދެއްގެ ބަޔަކު އަންނަން ފަށައިފި. އާއިލާތައް ދަތުރު ހަދައިގެން އެބަ އާދޭ ސީދާ މިކަމަށް.
މާޔާ އަޔާދީ؛ އަސް ދުއްވަން ދަސްކޮށްދޭ އިންސްޓްރަކްޓަރެއް

އަސް ދުއްވުމުގެ މައިދާނުގައި މާޔާއަށް ލިބޭ އެންމެ ބޮޑު ހިތްވަރަކަށް ވަނީ އޭނާގެ ބޭބެ، މުންތަސިރު އަޔާދީއެވެ. މުންތަސިރަކީ، އަސް ދުއްވުމާއި އަސް ރޭސް ޖެހުމަށް ޚާއްސަ ކުލަބެއްގެ ވެރިއެކެވެ. އަސް ދުއްވަން ބޭނުންވާނެ ހުރިހާ ހުނަރެއް މާޔާ ދަސްކުރީ އޭނާގެ ބޭބެ ގާތުންނެވެ. އެވަރުން ފުއްދާލީއެއް ނޫނެވެ. އަސް ދުއްވަން ދަސްކޮށްދޭ އިންސްޓްރަކްޓަރަކަށް ވެސް ވީއެވެ. ބޭބެގެ ކުލަބަށް އަންނަ އަންހެނުންނާއި، ދެޖިންސުގެ ކުޑަކުދިންނަށް އަސް ދުއްވަން ދަސްކޮށްދެނީ މާޔާއެވެ.

އަސް ދުއްވުމުގެ އަޒުމު އަހަރެންގެ ހިތުގަ ކަނޑައަޅައިފިން ވަރަށް ކުޑައިރު. އޭރު، އަހަރެންގެ އުމުރުން ވާނީ އެންމެ 12 ވަރަކަށް އަހަރު. ތެދެއް، އޭރު ކޮންމެވެސް ވަރަކަށް ބިރުގަނޭ. އެކަމަކު، އަހަރެންގެ އާއިލާއަކީ އަސް ގެންގުޅޭ އާއިލާއެއް. އަހަރެންގެ ބޭބެ، އަބޫ ސަމްރާއަކީ އަސް ގެންގުޅޭ މީހެއް. އަހަރެން ދުރުގަ ހުންނަން ބޭބެ އަސް ގެންގުޅޭތަން ބަލަން. އަސްތައް ފެންވަރުވާ ތަނާ، އަސްތަކަށް ކާންދީ ހަދާތަން ބަލަން ހުންނަން. އެކަންކަމުން ހިތްވަރު ލިބެން ފެށި. އަދި އަމިއްލަ ނަފުސު އެކަމަށް ހާނުވަން މަސައްކަތް ފެށިން.
މާޔާ އަޔާދީ؛ އަސް ދުއްވަން ދަސްކޮށްދޭ އިންސްޓްރަކްޓަރެއް

މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ގަބޫލުކުރުންތަކާއި ސަގާފަތް އޮންނަގޮތުން، އަސް ދުއްވުމާއި އަސް ރޭސް ޖެހުމަކީ ފިރިހެނުންނަށް ޚާއްސަ ކަމެކެވެ. ނަމަވެސް އެއީ އިސްލާމީ ތާރީޚާ ގުޅިފައި އޮތް ކަމެއް ނޫނެވެ. އިސްލާމީ ތާރީޚުގައި އަސް ދުއްވަން ކުޅަދާނަ، އަދި އަސް ރޭސް ޖައްސަވާ އެތައް ކަނބަލުންނެއްގެ ނަންފުޅުތައް ފާހަގަކުރެވެއެވެ.

އަހަރެމެންނަކީ ވަރަށް ކޮންޒަރވޭޓިވް މުޖުތަމައެއް ވީމަ، ކޮންމެ ކަމެއްގަވެސް ދީނުގަ އެކަމެއް އޮންނަ ގޮތް ބަލާނީ. ދަރިންނަށް ފަތަން ދަސްކޮށްދީ، ތީރު އުކަން ދަސްކޮށްދީ، އަދި އަސްދުއްވަން ދަސްކޮށްދިނުމަށް މުހައްމަދު ރަސޫލުﷲ صلى الله عليه وسلم އެންގެވިއިރު، ވަކި ޖިންސަކަށް އެކަން ޚާއްސައެއް ނުކުރައްވާ. ފިރިހެނުންނާ އެއްފަދަ ހައްގުތަކެއް އަންހެނުންނަށްވެސް ލިބިގެންވޭ. ކުޑައިރު އަހަރެން ފަދައިން އަސްތަކަށް ޝައުގުވެރިކަން ހުރި އަހަރެންގެ ކޮއްކޮ ފެނިފަ، ބޮޑުވެގެން މޮޅު ކުއްޖަކަށް އެ ކޮއްކޮ ވާނެކަން އަހަންނަށް ގަބޫލު ކުރެވުނު. ކޮއްކޮއަށް އަސް ދުއްވަން ދަސްކޮށްދީ، އަސް ދުއްވަން ދަސްކޮށްދޭ އިންސްޓްރަކްޓަރަކަށް ކޮއްކޮ ހަދަން، ކޮއްކޮއަށް އެހީވާން އަހަންނަށް ހިތްވަރަކަށް އެކަން ވި.
މުންތަސިރު އަޔާދީ؛ އަސް ދުއްވަން ދަސްކޮށްދޭ އިންސްޓްރަކްޓަރެއް

މާޔާގެ ހިތްވަރާއި މަސައްކަތް ފެނި، ހުޅަނގު އައްސޭރީގެ އަންހެނުންގެ މެދުގައިވެސް އަސް ދުއްވުމުގެ ޝައުގުވެރިކަން ދަނީ އިތުރުވަމުންނެވެ. ދަރިންނަށް އަސް ދުއްވަން ދަސްކޮށްދޭން ބޭނުންވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ވަކިން ޚާއްސަކޮށް، ކުޅިވަރެއްގެ ގޮތުގައި އަންހެން ދަރިންނަށް އަސް ދުއްވަން ދަސްކޮށްދޭން ބޭނުންވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް