ކ. މާލެ
|
2 އޯގަސްޓް 2023 | ބުދަ 16:59
އައިޖީއެމްއެޗް ނަރުހުން
އައިޖީއެމްއެޗް ނަރުހުން
އަވަސް.އެމްވީ
ނޯރޯވައިރަސް
ހޮސްޕިޓަލްތައް ފުރި ބަންޑުންވާ ބައްޔާ ބެހޭގޮތުން އިނގެނީ ކިހާވަރަކަށް؟
"ވިންޓަރ ވޮމިޓިން ބަގް" ގެ ނަމުން ނަން ދީފައިވާ ނޯރޯވައިރަހަކީ ހޮޑުލުމާއި ބޭރަށް ހިންގުމަށް މަގުފަހިކޮށްދޭ ބައްޔެއް

"ވިންޓަރ ވޮމިޓިން ބަގް" ގެ ނަމުން ނަން ދީފައިވާ ނޯރޯވައިރަހަކީ ހޮޑުލުމާއި ބޭރަށް ހިންގުމަށް މަގުފަހިކޮށްދޭ ބައްޔެކެވެ. މިއީ ވަރަށް އުނދަގޫ ކަމަކަށް ވިޔަސް އާންމުގޮތެއްގައި ގާތްގަނޑަކަށް 2 ދުވަހުގެ ތެރޭގައި ބަލި ފިލައިގެން ދެއެވެ. ހޮޑުލުމާއި ބޭރަށްހިންގުން، އަދި ކާނާގެ ސަބަބުން ޖެހޭ ބަލިތަކުގެ އެންމެ ބޮޑު ސަބަބަކީ ނޮރޯވައިރަސްއެވެ. ފަސޭހައިން އަދި އަވަހަށް ފެތުރޭ ނޮރޯވައިރަސް ޖެހި، ކޮންމެ އުމުރެއްގެ މީހެއްވެސް ބަލިވެދާނެއެވެ.

ނޮރޯވައިރަސްގެ ތަފާތު އެތައް ވައްތަރެއް ހުރުމުން އެތައް ފަހަރަކު ނޮރޯވައިރަސް ބަލި ޖެހިދާނެއެވެ. އެއް ވައްތަރެއްގެ ނޮރޯވައިރަސް ޖެހުމުން އެހެން ބާވަތްތަކުން ރައްކާތެރި ނުވެދާނެއެވެ. ވަކި ބާވަތްތަކުން ރައްކާތެރިކަން އުފެއްދުމަކީ ކުރެވިދާނެ ކަމެކެވެ. އެކަމަކު، ރައްކާތެރިވާނީ ސީދާ ކިހާ ދުވަހަކު ކަމެއް ނޭނގެއެވެ. މިއީ ނޮރޯވައިރަސް ފެތުރޭ ދުވަސްވަރު އެކި އުމުރުފުރައިގެ އެތައް ބަޔަކަށް ބަލި ޖެހޭ ސަބަބެއް ކަމަށް ވެދާނެއެވެ. ނޮރޯވައިރަސް އިންފެކްޝަން ޖެހުމުގެ ފުރުސަތު ވެސް ބައެއް ގޮތްގޮތުން ކަނޑައަޅަނީ އެމީހެއްގެ ޖީންތަކުންނެވެ.

ބަނޑަށް އުނދަގޫވުންކަހަލަ ގޮތެއް ހުންނަ ކަމަށް ހީވޭ ހެއްޔެވެ؟

އެއީ ރޯގާއާއި ގުޅުން ނެތް އާންމު ވައިރަސްއެއް ކަމަށްވާ ނޯރޯވައިރަސް ކަމަށް ބެލެވޭނެއެވެ. ނޮރޯވައިރަސް އަކީ ހޮޑުލުމާއި ބޭރަށް ހިންގުން، އަދި ކާނާގެ ސަބަބުން ޖެހޭ ބަލިތައް އެންމެ ގިނައިން މެދުވެރިވާ ސަބަބެވެ.

ނޮރޯވައިރަސްގެ އެންމެ އާންމު އަލާމާތްތަކަކީ:

- ބޭރަށް ހިންގުން

- ހޮޑުލުން

- ބޯއެނބުރުން

- ބަނޑުގައި ރިއްސުން

އެހެނިހެން އަލާމާތްތަކުގެ ތެރޭގައި ހުންއައުން ، ބޮލުގައި ރިއްސުން އަދި ގައިގައި ރިއްސުން ހިމެނެއެވެ.

ނޮރޯވައިރަސްގެ ސަބަބުން ބަނޑު ނުވަތަ ގޮހޮރު ދުޅަވެއެވެ. މިކަމަށް ކިޔަނީ އެކިއުޓް ގޭސްޓްރޯއެންޓަރައިޓިސްއެވެ.

އާންމުކޮށް ބަލީގެ އަލާމާތްތައް ފެންނަނީ ނޮރޯވައިރަސް އަށް ހުށަހެޅިތާ 12 ގަޑިއިރާއި 48 ގަޑިއިރާއި ދެމެދުގެ ވަގުތެއް ފަހުންނެވެ. ނޮރޯވައިރަސް ބަލި ހުންނަ ގިނަ މީހުންނަށް 1 ދުވަހާއި 3 ދުވަހުގެ ތެރޭގައި ރަނގަޅުވި ނަމަވެސް އޭގެ ފަހުން ވެސް ދެތިން ދުވަސް އެމީހެއްގެ ފަރާތުން އެހެން މީހަކަށް ވައިރަސް ފެތުރިދާނެއެވެ.

ނޮރޯވައިރަސް ބަލި ޖެހިފައިވާނަމަ އިންތިހާއަށް ބަލިވެ އުޅޭ ކަމުގެ އިހުސާސް ކުރެވި، ދުވާލަކު އެތައް ފަހަރަކު ހޮޑުލުން ނުވަތަ ބޭރަށް ހިންގުން ފަދަ ކަންކަން ކުރިމަތިވެދާނެއެވެ. މިކަމުގެ ސަބަބުން ޚާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި އެހެނިހެން ބަލިތައް ހުންނަ މީހުންނަށް ޑީހައިޑްރޭޝަން އަށް މަގުފަހިވެދާނެއެވެ. ފެން މަދުވާ ކުދިން މަދު ކަރުނައެއް ނުވަތަ އެއްވެސް ކަރުނައެއް ނެތި ރޮއި އާދަޔާހިލާފަށް ނިދިއައުން ނުވަތަ އުނދަގޫތަކާއި ކުރިމަތިވާނެއެވެ.

ޑީހައިޑްރޭޝަންގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ؛

- ކުޑަކަމުދާ މިންވަރު މަދުވުން

- އަނގަޔާއި ކަރު ތެރެ ހިކިފައި ހުރުން

- ކޮޅަށް ތެދުވުމުން ބޮލަށް އެނބުރުން އެރުން

ނޮރޯވައިރަސް ފެތުރޭ ގޮތް

ނޯރޯވައިރަހަކީ ގައިން ގަޔަށް އަރާ ބައްޔެކެވެ. އަދި ވަރަށް ފަސޭހައިން އަދި އަވަހަށް އެކި ގޮތްގޮތަށް ފެތުރޭ ވައިރަހެކެވެ.

ނޮރޯވައިރަސް ޖެހިފައިވާ މީހެއްގެ ފަރާތުން ނޭނގިވެސް ނަޖިހުގެ ކުދިކުދި ޕާރޓީކަލްސް ނުވަތަ ހޮޑުގެ ޕާޓިކަލްސް އެހެން މީހެއްގެ އަނގައިގެތެރެއަށް ގޮސްފިނަމަ ނޮރޯވައިރަސް ޖެހިދާނެއެވެ. ނޮރޯވައިރަސް ބަލި ޖެހިއްޖެނަމަ މައިކްރޯސްކޯޕަކާ ނުލައި ނުފެންނަ ބިލިއަން ބިލިއަން ނޮރޯވައިރަސް ޕާޓިކަލްތައް ހަށިގަނޑުން ބޭރުވެ ނުވަތަ ފޮނުވާލެވިދާނެއެވެ. ތިމާއާއި އެހެން މީހުން ބަލިވާން ބޭނުންވަނީ މަދު ނޮރޯވައިރަސް ޕާރޓިކަލްތަކެކެވެ.

ނޮރޯވައިރަސް ޖެހެނީ؛

- ނޮރޯވައިރަސް ޖެހިފައިވާ މީހަކާ ސީދާ ގުޅުން އޮތުން، އެއީ އެމީހަކަށް އަޅާލުމާއި، ކާނާ ނުވަތަ ކެއުމަށް ބޭނުންކުރާ ސާމާނު ހިއްސާކުރުމާއި، ނުވަތަ އެމީހަކު ގެންގުޅޭ ކާނާ ކެއުން.

- ނޮރޯވައިރަސް ތަޣައްޔަރުވެފައިވާ ކާނާ ނުވަތަ ދައުރުވާ ތަކެތި ކެއުން.

- ނޯރޯވައިރަސް ތަޣައްޔަރުވެފައިވާ ތަންތަނުގައި ނުވަތަ އެއްޗެއްގައި އަތްލުމަށްފަހު، ނުދޮވެ ހުރި އަތުގެ އިނގިލިތައް އަނގަޔަށްލުން.

ބަލި ފެތުރޭނީ،

- ނޮރޯވައިރަސް ބަލީގެ އަލާމާތްތައް ފެންނަ އިރު.

- ރަނގަޅުހެން ހީވިނަމަވެސް ފުރަތަމަ މަދު ދުވަސްކޮޅުގެ ތެރޭގައި.

ނަމަވެސް ދިރާސާތަކުން ދައްކާ ގޮތުގައި ބަލިން ރަނގަޅުހެން ހީވިނަމަވެސް، ދެހަފްތާ ނުވަތަ އެއަށްވުރެ ގިނަ ދުވަސް ވަންދެން ނޯރޯވައިރަސް ފެތުރިދާނެއެވެ.

ބަލިން ރައްކާތެރިވުން

ނޮރޯވައިރަސް އަކީ ވަރަށް އަވަހަށް ފެތުރޭ އެއްޗެއް ނަމަވެސް، އެ ވައިރަސް ފެތުރުން ހުއްޓުވުމަށް ފިޔަވަޅުތައް އެޅިދާނެއެވެ.

- ސައިބޯނި ލައިގެން ފެނުން ރަނގަޅަށް އަތް ދޮވުން.

- ބްލީޗް ސޮލިއުޝަނުން ތަންތަން ސާފުކޮށް ޑިސްއިންފެކްޓް ކުރުން

- ދޮންނަންޖެހޭ ސާމާނާއި ތަކެތި ހޫނުފެނުގައި ދޮވުން

މީގެ އިތުރުންވެސް ބަލިން ރައްކާތެރިވުމަށް އިތުރު ކަންކަން ކުރެވިދާނެއެވެ. އޭގެ ތެރޭގައި

ރަނގަޅަށް އަތް ދޮވުން

ސައިބޯންޏާއި ފެނުން މަދުވެގެން 20 ސިކުންތު ވަންދެން އަތްދޮވުން، ހާއްސަކޮށް:

- ފާޚާނާ ބޭނުންކުރުމަށްފަހު ނުވަތަ ޑައިޕަރ ބަދަލުކުރުމަށްފަހު

- ކާއެއްޗެހި ކެއުމުގެ ކުރިން، ތައްޔާރުކުރުމުގެ ކުރިން، ނުވަތަ ގެންގުޅުމުގެ ކުރިން

- އަމިއްލައަށް ނުވަތަ އެހެން މީހަކަށް ބޭސް ދިނުމުގެ ކުރިން

ބަލި ރަނގަޅުހެން ހީވިނަމަވެސް ގިނަގިނައިން އަތްދޮވުން މުހިންމެވެ. ބަލިވާން ފެށުމުގެ ކުރިން ވެސް ހޮޑާއި، ނަޖިހުން ނޮރޯވައިރަސް ފެނިދާނެއެވެ. އަދި ބަލިން ރަނގަޅުވި ނަމަވެސް ދެ ހަފްތާ ނުވަތަ އެއަށްވުރެ ގިނަ ދުވަހު ނަޖިހުގައި ވައިރަސް ހުރެދާނެއެވެ. އަދި އެ މުއްދަތުގައި ނޯރޯވައިރަސް ފެތުރިދާނެއެވެ.

ހެންޑް ސެނިޓައިޒަރަކީ ނޮރޯވައިރަސް އާއި ދެކޮޅަށް ރަނގަޅަށް މަސައްކަތް ކުރާ އެއްޗެއް ނޫނެވެ. އަތްދޮވުމުގެ އިތުރުން އަތް ސެނިޓައިޒާ ބޭނުންކުރެވިދާނެއެވެ. ނަމަވެސް އަތްދޮވުމުގެ ބަދަލުގައި އަތް ސެނިޓައިޒާ ކުރުމަކީ އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

ރައްކާތެރިކަމާއެކު ކާބޯތަކެތި ގެންގުޅެ ތައްޔާރުކުރުން

ކާނާ ތައްޔާރުކޮށް ކެއުމުގެ ކުރިން،

- މޭވާއާއި ތަރުކާރީ ރަނގަޅަށް ދޮވުން

- އޮއިސްޓަރ އާއި އެހެނިހެން ބޮލީގައި ހުންނަ މަސް އެންމެ ދަށްވެގެން 62 ޑިގްރީ ސެލްސިއަސްގެ ހޫނުމިނުގައި ކެއްކުން.

- ބަދިގެ ސާމާނާއި ކައުންޓަރުތަކާއި ތަންތަން ސާފުކޮށް ސެނިޓައިޒް ކުރުން

ސަމާލުވާންވީ ކަމަކީ، ނޯރޯވައިރަސް އަކީ ގަދަ ހޫނަށް ގަދަ އެއްޗެކެވެ. ސްޓީމް ކޮށްގެން ނޮރޯވައިރަސް މަރާލެވޭ ވަރަށް ކާނާ ހޫނު ނުވެދާނެއެވެ. އަދި ނޯރޯވައިރަހުން ތަޣައްޔަރުވެދާނެ ކާނާ ރައްކާތެރިކަމާއެކު އުކާލުން މުހިންމެވެ.

ބަލިވެ އުޅޭއިރު ކާއެއްޗެހި ތައްޔާރުކޮށް ބެލެހެއްޓުމާއި އެހެން މީހުންނަށް އަޅާނުލުން

ބަލިވެ އުޅެނިކޮށް އަދި މަދުވެގެން 2 ދުވަސް (48 ގަޑިއިރު) ފަހުން އަލާމާތްތައް ނުފެނި، އެހެން މީހުންނަށް ކާނާ ތައްޔާރުކޮށް ނުވަތަ ސިއްހީ ފަރުވާ ފޯރުކޮށްދީގެން ނުވާނެއެވެ.

ތަންތަން ސާފުކޮށް ޑިސްއިންފެކްޓްކުރުން

މީހަކު ހޮޑުލުމަށްފަހު ނުވަތަ ބޭރަށް ހިންގުމަށްފަހު އަބަދުވެސް ރަނގަޅަށް ސާފުކޮށް މުޅި ސަރަހައްދު ވަގުތުން ޑިސްއިންފެކްޓް ކުރަންވާނެއެވެ.

ގޭތެރޭގައި ބްލީޗް ސޮލިއުޝަން ހަދާށެވެ.

ޑިސްއިންފެކްޓް ކުރުމަށްޓަކައި 3.7 ލިޓަރުގެ ފެނަށް 5 މޭޒުމަތީ ސަމުސާ ނުވަތަ ތައްޓެއްގެ ތިންބައިކުޅަ އެއްބަޔަށްވާ ބްލީޗް އަޅައިގެން، ބްލީޗް ސޮލިއުޝަނެއް ބޭނުންކުރެވިދާނެއެވެ. ރަބަރު ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ އަންގި ލައްވައިގެން މުޅި ސަރަހައްދު ޓިޝޫން ފޮހެލުމަށްފަހު ޕްލާސްޓިކް ކޮތަޅަކަށް އަޅާފައި ރައްކާތެރިގޮތުގައި އެއްލާލާށެވެ.

ޑިސްއިންފެކްޓްއެއް ބޭނުން ކުރާނަމަ، އޭގެ ލޭބަލްގައި ލިޔެފައިވާ ގޮތަށް ތަންތަން ޑިސްއިންފެކްޓް ކުރާށެވެ. ބްލީޗް ޑިސްއިންފެކްޓެންޓް ބަލިޖެހިފައިވާ ތަނުގައި މަދުވެގެން 5 މިނެޓް ވަންދެން ބަހައްޓާށެވެ. އަނެއްކާވެސް ސައިބޯނި އާއި ހޫނު ފެނުން މުޅި ސަރަހައްދު ސާފުކޮށްލާށެވެ. ދޮންނަން ޖެހޭ އެއްޗެއް ހުރިނަމަ އެ އެއްޗެހި ދޮވެ، ކުނި ނަގައި، އަތް ދޮވެލާށެވެ.

ދޮންނަން ޖެހޭ އެއްޗެހި ރަނގަޅަށް ދޮވުން،

ހޮޑު ނުވަތަ ނަޖިސް ޖެހިފައިވާ އަންނައުނާއި ބެޑްޝީޓްފަދަ ތަކެތި ނަގައި ދޮވެލާށެވެ. އެކަން ކުރާއިރު، ރަބަރު ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އެއްލާލެވޭ އަންގި ބޭނުންކުރާށެވެ. ތަކެތި ތެޅިފޮޅާނުލާ ފަރުވާތެރިކަމާއެކު ގެންގުޅެން ޖެހޭނެއެވެ. ފޮޅާލައިފިނަމަ ވައިރަހުގެ ޕާޓިކަލްސްތައް ހަށިގަނޑުގެ ތެރެއަށް ދިއުމުގެ ފުރުސަތު ބޮޑުވާނެއެވެ. ޑިޓާޖެންޓާއި ހޫނު ފެނުން ދޮވެވޭނެ އެންމެ މައްޗަކަށް ސެޓިން ހަދާފައި ދޮވެލުމަށްފަހު އެންމެ ހޫނު ސެޓިންގްގައި މެޝިނުން ހިއްކާށެވެ. އޭގެ ފަހުން ސައިބޯންޏާއި ފެނުން އަތް ދޮވެލާށެވެ.

ފަރުވާ

ނޯރޯވައިރަސް ބަލި ހުންނަ މީހުންނަށް ފަރުވާ ދިނުމަށް ވަކި ބޭހެއް ނެތެވެ.

ގިނައިން ދިޔާތަކެތި ބޭނުންކުރުން،

ނޯރޯވައިރަސް ބަލި ޖެހިފައިވާނަމަ ހޮޑުލުމާއި ބޭރަށްހިންގުމުގެ ސަބަބުން ހަށިގަނޑުން މަދުވާ ފެނުގެ ބަދަލުގައި ގިނައިން ދިޔާއެއްޗެހި ބޯން ޖެހެއެވެ. މިއީ ޑީހައިޑްރޭޝަން ހުއްޓުވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ސްޕޯޓްސް ޑްރިންކްސް އާއި ކެފެއިން ނުހިމެނޭ ބުއިންތަކަކީ މަޑުމަޑުން ޑީހައިޑްރޭޝަން އަށް އެހީތެރިވެދޭ އެއްޗެކެވެ. ނަމަވެސް މި ބުއިންތަކަކީ މުހިއްމު ނިއުޓްރިއެންޓްސް އާއި މިނަރަލްސްގެ ބަދަލުގައި ބޭނުން ނުކުރެވިދާނެ ބުއިންތަކެކެވެ. އޯރަލް ރީހައިޑްރޭޝަން ފްލޫޑްސް އަކީ މަޑު ޑީހައިޑްރޭޝަން އަށް އެންމެ އެހީތެރިވެދޭ އެއްޗެކެވެ.

ޑީހައިޑްރޭޝަންގެ ސަބަބުން ބޮޑެތި މައްސަލަތައް ކުރިމަތިވެދާނެއެވެ. ސީރިއަސް ޑީހައިޑްރޭޝަން އަށް ހޮސްޕިޓަލުގައި ފަރުވާ ހޯދުމަށް ލޭނާރު މެދުވެރިކޮށް ދޭ ފްލޫޑް (އިންޓްރާވެނަސް ނުވަތަ އައިވީ ފްލޫޑްސް) އިން ފަރުވާ ދޭން ޖެހިދާނެއެވެ.

ނޮރޯވައިރަސް ބަލި ހުންނަ ކުދިންގެ ގައިގައި ޑީހައިޑްރޭޝަންގެ އަލާމާތްތައް ފެންނަތޯ ބަލާށެވެ. ފެން މަދުވާ ކުދިން މަދު ކަރުނައެއް ނުވަތަ އެއްވެސް ކަރުނައެއް ނެތި ރޮއި އާދަޔާ ހިލާފަށް ނިދި ނުވަތަ އުނދަގޫ ވެދާނެއެވެ.

ތިމާ ނުވަތަ ތިމާ ބަލަހައްޓާ މީހަކު ވަރަށް ބޮޑަށް ޑީހައިޑްރޭޓްވެފައިވާ ކަމަށް ހީވާނަމަ ސިއްހީއެހީތެރިކަން ހޯދާށެވެ،

އެންޓިބަޔޮޓިކް ބޭސްތަކަކީ ނޮރޯވައިރަސް އިންފެކްޝަންތަކަށް ފަރުވާ ދިނުމުގައި އެހީތެރިވެދޭނެ ބޭސްތަކެއް ނޫނެވެ. ސަބަބަކީ އެއީ ބެކްޓީރިއާތަކާ ހަނގުރާމަކުރާ ބޭހަކަށް ވާތީއެވެ.

- ކޮމެންޓް