Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އަޙުމަދު ޝާހިދު ޙަލީމް

އަޙުމަދު ޝާހިދު ޙަލީމަށްފަހު، "ބަޚަބަރު" ގެ ޝަޚުސިއްޔަތުން، އަވަހާރަވެ ނިމުނީއެވެ!

މިހާރު މިއޮތީ ސްޓޭޖު ޑްރާމާގެ އާ ހަޔާތެއް ވުޖޫދުވާންޖެހިފައި

މުހައްމަދު އާދަމް ސަލީމް
މުހައްމަދު އާދަމް ސަލީމް, ރާއްޖެ އެމްވީ | 28 ޖުލައި 2023 | ހުކުރު 12:55
ރާއްޖޭގެ މަޝްހޫރު ކޮމީޑިއަން އަހުމަދު ޝާހިދު ހަލީމް

ރާއްޖޭގެ މަޝްހޫރު ކޮމީޑިއަން އަހުމަދު ޝާހިދު ހަލީމް

އެއީ، 1989ގެ ދުވަސްވަރެވެ. ރޯދަމަހެއްގައި ޓީވީމޯލްޑިވްސުން، "ބަޚަބަރު" ކިޔާ ޕްރޮގްރާމެއް ތަޢާރަފު ކޮށްފިއެވެ. މިއީ ހެއްވާ މަޖާ ޚަބަރު ހިމެނޭ ޝޯވއެއްފަދަ، ޕްރޮގްރާމެކެވެ. ކޮންމެ ސުރުޚީއެއްގެ ދަށުން ގެނެސްދޭ ޚަބަރުގައި ދައްކަނީ، ވަކި ޝަޚްސިއްޔަތެއްގެ ރޯލު ފެންނަ ވަކި ބައެކެވެ. ޚަބަރަކީ އެއީއެވެ. ކޯޓު ލައްވައިގެން ސްޓޫޑިއޯގައި ޚަބަރު ކިޔުއްވަން ތިއްބަވަނީ މަރުޙޫމް ފީބޯ އަޙުމަދު މަނިކާއި، މަރުޙޫމް އަޙުމަދު ޝާހިދު ޙަލީމުފަދަ، މި ޝޯއަށް ޚާއްސަ ބޭފުޅުންނެވެ. އެ ޚަބަރަކާ ޖެހުމުން އޭގެ ވީޑިއޯ ދައްކާއިރު، ފެންނާނީ ޝާހިދު، ނުވަތަ ފީބޯ، ނޫނީ ކުޑަދޮން، އެހެން ނޫނިއްޔާ ޙަސަން މަނިކެވެ. ބަޚަބަރު ޢާންމުކޮށް ބިނާވެފައި އޮންނަނީ މި ހަތަރު ބޭފުޅުންކުރެ، ކޮންމެވެސް ބޭފުޅެއްގެ ހެއްވާ ރޯލެއްގެ މައްޗަށެވެ. ރަދީފުގައި ބުނާ ގޮތުންނަމަ، ބަޚަބަރަކީ، ޚަބަރެއް ނުވުމެވެ.

ގާތްގަނޑަކަށް 30 މިނިޓުގެ ދިގުމިނުގައި، ޓީވީއެމުން ދައްކަމުން އައި "ބަޚަބަރު ޝޯ" ޚާއްސަވެފައި އޮންނަނީ ރޯދަމަހު ދައްކާ، ހެއްވާ މަޖާ ޕްރޮގްރާމެއްގެ ގޮތުގައެވެ. ޕީއެސްއެމް ބޯޑުގެ ޑީއެމްޑީގެ މަޤާމުގައި، އިހަށް ދުވަހާއި ހަމައަށް ހުންނެވި ޓީވީ ޝަމީމު، ކިޔުއްވައި ދެއްވި ގޮތުގައި، "ބަޚަބަރު" ޕްރޮގްރާމުގެ ޚިޔާލަކީ، މަރުޙޫމް ސަމަރުބުލޫ އިބްރާހީމް މަނިކު، ޙަސަން މައުމޫނަށާއި ޝަމީމަށް ޙިއްސާކުރެއްވި ޚިޔާލެއްގެ މައްޗަށް ތައްޔާރުކުރަން ފެށި ޕްރޮގްރާމެކެވެ. އެއީ އެ ވައްތަރުގެ ޕްރޮގްރާމެއް "ބީބީސީ" ން، ވެސް، ގެނެސް ދެމުން ގެންދިއަ ދުވަސްވަރެކެވެ. އެހެން ކަމުން ވިސްނީ، އެ ކޮންސެޕްޓުގައި، މާ ސީރިއަސް ނޫން ގޮތަކަށް، ހެއްވާ މަޖާ ޕްރޮގްރާމެއް، ޓީވީއެމުން އުފެއްދުމަށެވެ. އަލްމަރުޙޫމް ފީބޯ އަޙުމަދު މަނިކާއި ޝާހިދު ޙަލީމު، މައިގަނޑު ޝަޚްސިއްޔަތުންގެ ގޮތުގައި، ހޮވައިގެން، ޕްރޮގްރާމު އުފައްދަންފެށީ، ޝަމީމާއި ޙަސަން މައުމޫންގެ ދައުރެއް އޮވެގެންނެވެ.

މި ޕްރޮގްރާމަށް ހޮވައިފައި ތިބި ޝަޚްސިއްޔަތުންނަކީ، އެ ޒަމާނުގައި ކޮމެޑީ ބައިތަކަށް އެންމެ އެކަށޭނަ، މަގުބޫލު ޝަޚްސިއްޔަތުންނެވެ. ސްޓޭޖު ޑްރާމާތަކުން ވިދާލި މުމައްސިލުންނެވެ. ކޮމެޑީ ބައިތައް އެންމެ ރަނގަޅަށް ކުޅުއްވޭނެ ބޭފުޅުންނަކީ އެއީއެވެ. އެއްބޭފުޅަކީ، ކުރިން މި ދެންނެވި، އަލްމަރުޙޫމް ފީބޯ އަޙުމަދު މަނިކެވެ. އަނެއް ބޭފުޅަކީ، މަޝްހޫރު ނަމުން ދަންނަވާނަމަ، އަލްމަރުޙޫމް "ކުޑަދޮން" އެވެ. ތިންވަނަ ބޭފުޅަކީ، އަލްމަރުޙޫމް ހަސަން މަނިކު ނުވަތަ މަޝްހޫރު ނަމުން ދަންނަވާނަމަ، "ކޮއްޔަ ޙަސަން" އެވެ. ހަތަރުވަނަ ބޭފުޅަކީ، މިދިޔަ އާދީއްތަ ދުވަހު، އަޅުގަނޑުމެންނާއި ވަކިވެވަޑައިގަތް، އަލްމަރުޙޫމް އަޙުމަދު ޝާހިދު ޙަލީމެވެ. މަޝްހޫރު ނަމުން ދަންނަވާނަމަ، "ބަޚަބަރު ޝާހިދު" އެވެ. 

އެއީ، މުނިފޫހި ފިލުވާނެ މާކަގިނަ ވަސީލަތްތަކެއް އޮތް ޒަމާނެއް ނޫނެވެ. ހީލާ މަޖާކޮށްލައި ހިތްހަމަ ޖައްސާލަން އޮތް އެއް ވަސީލަތަކީ ޓީވީއެވެ. ޓީވީއެމުން، "ދިރިއުޅުމަކީ މިއީބާ" އާއި، "ބަޚަބަރު" ފަދަ، ޝޯވތައް، ގެނެސްދޭން ފެށުމުން، ޓީވީ ބެލުންތެރިންނަށް މަޤުބޫލު ޕްރޮގްރާމް ތަކަކަށް ވެގެންދިޔައެވެ. "ހާރުދަން" ޕްރޮގްރާމާއި، "ތިޔަބޭފުޅުންގެ ފުރުސަތު" ޕްރޮގްރާމް ފަދަ، ޕްރޮގްރާމުތައް، މަގުބޫލުވެގެން އައިރު، ބަޚަބަރަކީ، ޕްރޮގްރާމުގެ ގަޑި ޖެހުމާއެކު، އެންމެން ޓީވީ ބަލަން ޙާޒިރުވެތިބޭ ޕްރޮގްރާމަކަށްވިއެވެ. 

އަލްމަރުހޫމް އަޙުމަދު ޝާހިދު ޙަލީމަކީ، މި ޕްރޮގްރާމުގެ މަޤުބޫލު މޫނުތަކުގެ ތެރެއިން، އެންމެ ފަހުން ހުންނެވި ބޭފުޅާއެވެ. ޕްރޮގްރާމުގެ ޚިޔާލު ދެއްވި ކަމަށް، ޝަމީމު ވިދާޅުވި، ސަމަރުބުލޫ އިބްރާހީމް މަނިކުވެސް ވަނީ، ދާދިފަހުން، އަވަހާރަވެފައެވެ. އޭގެ މާކުރިން އަޙުމަދު މަނިކުވަނީ ނިޔާވެފައެވެ. އަދި ހަސަންމަނިކު ވެސްވަނީ، ދާދިފަހުން ދުނިޔެ ދޫކުރައްވައިފައެވެ. އަދި ބަޚަބަރުގެ ބައެއް އެޕިސޯޑް ތަކުން ފެންނަ މަގްބޫލް ކޮމީޑިއަން "ޖޮނީ" ވެސް ވަނީ އަޅުގަނޑުމެންނާ ވަކިވެފައެވެ. އެހެން ކަމުން ޝާހިދަށްފަހު، މި މަޤުބޫލު ޕްރޮގްރާމުގެ ހުރިހާ ސަޚުސިއްޔަތު ހެން، އަޅުގަނޑުމެންނާއި ވަކިވެގެން ދިޔައީ ކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ.   

މިދިޔަ އާދީއްތަ ދުވަހު، އަޅުގަނޑުމެންނާ ވަކިވެގެންދިޔަ، "ބަޚަބަރު" ގެ ލީޑު ރޯލް ކުޅުއްވި، ފަންނާނު ޝާހިދަކީ، "ހަރަކާތް" މަޖައްލާއިން، ވިދާލި ޅެންވެރިޔާ "ޝާމް" އެވެ! އެއީ، 1970ގެ އަހަރު ތަކުގައި ނުކުތް "މަދަދު" ފަދަ މަޖައްލާ ތަކުގައި ޝާއިޢުވަމުން ދިޔަ "ޝާމް" (އަޙްމަދު ޝާހިދު ޙަލީމު) އެވެ. އޭރު ޅެންވެރި ކަމުގައި ފިޔަޖަހާ ޤަލަމީ ނަންތަކަކީ، "ކާހިލު" (ބޮޑުގަލު އިބްރާހީމް މަނިކު) އާއި "ކޮމްރެޑް" (ކަށިމާ އަޙްމަދު ޝާކިރު) އެވެ. މި ބޭފުޅުންގެ "ވާދަޅެން" ތަކަކީ، ވަރަށް ޝައުޤުވެރި ޅެންތަކެކެވެ. ޅެންވެރިކަމުގެ ދުނިޔޭގައި، ވިދަމުން އައި މ.ހާވިލާ އަޙުމަދު ޝާހިދު ޙަލީމް، ޝާހިދު ނިޔާވި ޚަބަރު ނޫސްތަކުގެ ސުރުޚީތަކަށް އައީ، "ބަޚަބަރު" ޝާހިދުގެ ނަންފުޅުންނެވެ. މިކަމުން އެ ހާމަވަނީ، އެ ޝަޚްސިއްޔަތު އެންމެ ގިނަ ބަޔަކު އަދިވެސް ދަންނަނީ، މުމައްސިލެއްގެ ގޮތުގައި ކަމެވެ. "ބަޚަބަރު" ޝާހިދުގެ ގޮތުގައި ކަމެވެ. 

އުމުރުފުޅުން، 72 އަހަރުފުޅުގައި، އަޅުގަނޑުމެންނާއި ވަކިވެދިޔަ، ޝާހިދުގެ ޙަޔާތްޕުޅަކީ، މުނިފޫހި ފިލުވުމާއި، އަދަބީ ޚިދުމަތާއި، ސަރުކާރުގެ ޚިދުމަތުގައި ވޭތުކުރެއްވި ޙަޔާތްޕުޅެކެވެ. އޭނާއަކީ ބައްޕައެއްގެ ހައިސިއްޔަތުން ބަލާނަމަ، ހަރުދަނާ ބޭފުޅުންކޮޅެއް ބިނާކުރެއްވި، ޚިދުމަތްތެރި އޯގާތެރި ބައްޕައެކެވެ. ޝާހިދުގެ ކޮއްކޮ މުޙައްމަދު ޝާހިދު ޙަލީމު، ވިދާޅުވެދެއްވި ގޮތުގައި، ދެބެންގެ އުމުރުގެ ތަފާތަކީ ދެ އަހަރެވެ. ވަރަށް ތުއްޕުޅު އިރު، ދެބޭފުޅުންވެސް އެންމެ ޝައުގުވެރިވީ، ރީތިކޮށް ތާނަލިޔަން ދަސްކުރާށެވެ. 

ރިތިކޮށް ތާނަލިޔަން ދަސްކުރަން މި ދެބެން، އެންމެ ފުރަތަމަ ވަޑައިގަތީ، އަލްމަރުޙޫމް މުޙައްމަދު ސާދިގުގެ އަރިއަހަށެވެ. ދެން، ފެންފިޔާޒުގޭގައި އޭރު ހިންގި، ކުޑަކުދިންގެ ކުލާހަކަށެވެ. ދެ ޝާހިދަކީ ވެސް، ސްޓެންސިލު ލިޔުއްވަން މޮޅު ދެ ބޭފުޅުންނެވެ. ކެލިގްރާފަރުންނެވެ. އެ މަސައްކަތް ދެބޭފުޅުން ކުރެއްވި ވެސް މެއެވެ. އަޙުމަދު ޝާހިދު ޙަލީމު، "އާފަތިސް" ނޫހުގައި، އެޑިޓޯރިއަލް މަސައްކަތް ވެސް ކުރެއްވިއެވެ. 

އަޙުމަދު ޝާހިދު ޙަލީމު ސްޓޭޖު ޑްރާމާގެ ރޮނގުން ވިދާލަން ފުރުސަތު ފަހިވީ، ފެންފިޔާޒުގޭ ކުޑަކުދިންގެ ކުލާހުގައި އުޅުއްވިއިރެވެ. އެތާނގަ އޮތް ތަމްސީލެއްގައި ބައިވެރިވާން ލިބިލެއްވި ފުރުސަތަކުންނެވެ. ތަމްސީލީ ދުނިޔޭގައި ޢާންމު ކޮށް އިސްޓޭޖުން ފެންނަން ފެށީ 1978 ގައި އިސްކަންދަރު އިސްކޫލު އިސްޓޭޖުގައި ކުޅުނު "ކުއްލިދިއްލުމެއް" ޝޯ އިންނެވެ. "ސާހިބުގެ ބުމަރު" ން ފެށިގެން، ދެން އެ ހިނގައިގަތީ ސްޓޭޖު ޑްރާމާގެ ހަޔާތްޕުޅެވެ. އޭގެ ފަހުން 1980 ގެ އަހަރުތަކުގައި ސީޑީއެސްގެ ޝޯތަކާއި 1992 ގައި އޮތް ދިވެހިނާދީގެ ޝޯ "ކާޅިވައް" އާއި އެ ނޫންވެސް ތަމްސީލުތަކުން ޝާހިދު މުމައްސިލެއްގެ ގޮތުން މަޝްހޫރުވިއެވެ. ޓީވީއެމުން ދެއްކި "ބަރާބަރު އޭޖެންޓު" ޑްރާމާގައި ވެސް މުހިންމު ރޯލެއް ކުޅުއްވިއެވެ. މި ދާއިރާގެ ޚިދުމަތް ގައުމީ ފެންވަރުގައި ގުނި، އޭނާއަށް  ތަމްސީލު ކުޅުމުގެ ރޮނގުން ޢާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު 1986ގައި ލިބިވަޑައިގަތެވެ. 

ޝާހިދަކީ، ސަރުކާރަށްވެސް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. 1970 ގައި އެންމެ ފުރަތަމަ ވަޒީފާ އަދާކުރައްވަން ފެށްޓެވީ އިލެކްޓްރިކް ޑިޕާޓްމަންޓުގައެވެ. ދެން އެމްޖީބީއެސް 9 ނަންބަރުގައެވެ. އެއަށްފަހު، ޖަސްޓިސް މިނިސްޓްރީއާއި ބްރީޗް އޮފްލޯ އެންޑް ޕޮލިޓިކަލް ޓްރައިލްސް ޑިވިޝަންގައެވެ. ދެން އެއަށްފަހު، އޯޑިޓް އޮފީހުގައި ވެސް ވަޒީފާ އަދާކުރެއްވިއެވެ. އެންމެ ފަހުން ވަޒީފާ އަދާކުރެއްވީ މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމެންޓްގައެވެ.  

މުޙައްމަދު ޝާހިދު ޙަލީމު، ވިދާޅުވެ ދެއްވި ގޮތުގައި، އޭނާގެ ދޮންބެ، އަޙުމަދު ޝާހިދު ޙަލީމަކީ، ތިމާގެ ގާތް މީހުންނާއި ވަރަށް ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެކެވެ. ތިމާގެ މީހުންނަށް ފޯނުން ގުޅުއްވައިގެން ހާލު ބެއްލެވުމާއި، އެ ގޭގެއަށް ޒިޔާރަތް ކުރެއްވުމަކީ، ދޮންބެގެ އުފަލެކެވެ. ހަމަ އެގޮތަށް، އަވަށްޓެރިންނާއި މެދުގައި ވެސް، ގެންގުޅުއްވީ އެހާމެ ގާތް ރަޙުމަތްތެރި ކަމެކެވެ. ޝާހިދު، މި ދުނިޔެއާއި ވަކިވި ހިނދު، އަވަށްޓެރިންނާއި ތިމާގެ މީހުންނާއި މުޅި އާއިލާ، އެ ހިތާމައިގައި ބައިވެރިވިއެވެ. ޚާއްސަކޮށް، ޝާހިދުގެ ޚިދުމަތުގެ ފަންނު ތަކުގެ ފަންނާނުން ވެސް، އޭނާގެ ޖަނާޒާގައި ބައިވެރިވިއެވެ.

ޝާހިދުގެ މި ވަކިވުމަކީ، 1989ގައި، އެޕިސޯޑެއް 30 މިނިޓުގެ ދިގު މިނުގައި، ޓީވީއެމުން، 8 އެޕިސޯޑުގެ މައްޗަށް ތައްޔާރު ކުރި މަޝްހޫރު ޕްރޮގްރާމު "ބަޚަބަރު" ގެ ހުރިހާ، މުމައްސިލުންހެން، އެންމެފަހުން، އަޅުގަނޑުމެންނާއި ވަކިވެގެން ދިއުމެވެ. ހަމަ އެހެންމެ ސްޓޭޖު ޑްރާމާތަކުން ވިދާލި ކިތަންމެ ފަންނާނުންނެއް، މިއަދުވަނީ އަޅުގަނޑުމެންނާއި ވަކިވެގެން ގޮސްފައެވެ. މަޝްހޫރު ކޮޕީރަޝީދު ފަދަ، ޗިޅިޔާ މޫސާމަނިކު ފަދަ، ކިތަންމެ މުމައްސިލުންނެއް ވަކިވެގެންދިޔައިރު، ސްޓޭޖު ޑްރާމާގެ ފަންނުވެސް މިއަދު އޮތީ، "ފޭޑެޑް ގްލޯރީ" އަކަށް ވެފައެވެ. އާ ބާބަކުން ފަށަންޖެހޭ ހިސާބަށް ގޮއްސައެވެ. ތެދެކެވެ. އަޙުމަދު ޝާހިދު ޙަލީމަށްފަހު، "ބަޚަބަރު" ގެ ޝަޚްސިއްޔަތުން އަވަހާރަވެ ނިމުނީއެވެ. ދެން އޮތީ، މިފަދަ ކުޅަދާނަ މުމައްސިލުން އުފަންވާނެ މާދަމާއަކަށް ކުރެވޭ އިންތިޒާރެވެ. ސްޓޭޖު ޑްރާމާގެ އައު ޙަޔާތެއް އޮތީ،ވުޖޫދުވާން ޖެހިފައެވެ! އެ ފަންނު ވެސް މިއަދު މިއޮތީ ދޮނަމަތިއަޅާ ހިސާބުގައެވެ.

މަރުޙޫމް އަޙުމަދު ޝާހިދު ޙަލީމުގެ ފުރާނަފުޅަށް ރަޙުމަތް ލައްވާށިއެވެ. 

ކޮމެންޓް

އިތުރަށް ކިޔާލަން

ޝާހިދު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު: އައްޑުއަށް ވަރަށް ޚާއްސަ

ޝާހިދު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު: އައްޑުއަށް ވަރަށް ޚާއްސަ

03 އެޕްރީލު 2022
އަންހެނުން ބާރުވެރިކުރުވުމަށް ޝާހިދު ކުރައްވާ މަސައްކަތަކީ މުޅި ދުނިޔެއަށް މިސާލެއް

އަންހެނުން ބާރުވެރިކުރުވުމަށް ޝާހިދު ކުރައްވާ މަސައްކަތަކީ މުޅި ދުނިޔެއަށް މިސާލެއް

15 މާރިޗު 2022
މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ޝާހިދު ކަނޑައެޅުއްވި އަޒުމް

މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ޝާހިދު ކަނޑައެޅުއްވި އަޒުމް

21 ޑިސެމްބަރު 2021
އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދުގެ ޒިންމާ ވަރަށް ބޮޑު

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދުގެ ޒިންމާ ވަރަށް ބޮޑު

26 ސެޕްޓެމްބަރު 2021
ޝާހިދުގެ މަސައްކަތުގެ ނަތީޖާ ފެނޭ: އީޔޫ އިން އެކަނިވެސް ބިލިއަނެއްހާ ރުފިޔާ!

ޝާހިދުގެ މަސައްކަތުގެ ނަތީޖާ ފެނޭ: އީޔޫ އިން އެކަނިވެސް ބިލިއަނެއްހާ ރުފިޔާ!

10 ފެބުރުއަރީ 2020

އަހަރުތަކުން މިއަދު

5 ޖެނުއަރީ
ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ
20251 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު
20215 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން
20188 އަހަރު ކުރިން
ރާއްޖެ

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު