ޕޯޓްސްގެ ދާއިރާއަށް ޒުވާނުން ވެއްދުމަށް ގިނަ އަދަދެއްގެ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދަން: ސީއީއޯ ޝާހިދު
22 ޖުލައި 2023 | ހޮނިހިރު 09:21ޕޯޓްސްގެ އެކި ދާއިރާތަކަކީ ޒުވާނުންނަށް ފަހި ފުރުސަތުތައް އޮތް ދާއިރާތަކެއް


އެމްޕީއެލްގެ ސީއީއޯ، ޝާހިދު އަލީ
ޕޯޓްސްގެ ދާއިރާއަށް ޒުވާނުން ވެއްދުމަށް ގިނަ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދާކަަމަށް, މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަވިޔުއެއްގައި ޝާހިދު ވިދާޅުވީ، ޕޯޓްސްގެ އެކި ދާއިރާތަކަކީ ޒުވާނުންނަށް ފަހި ފުރުސަތުތައް އޮތް ދާއިރާތަކެއް ކަމަށާއި، މިދާއިރާއަށް ޒުވާނުން ވެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
ހުނަރުވެރި، ފަންނީ މީހުން ބިނާކުރުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވީ، ކޮންމެ އަހަރަކު ހަ ދަރިވަރުންނަށް ސްކޮލަރޝިޕް ދެވޭނެ ކަމަށާއި، އެ ދަރިވަރުންނަށް ޚަރަދުކުރާނީ އެމްޕީއެލުން ކަމަށެވެ. ރާއްޖެއިންނާއި ރާއްޖެއިން ބޭރުންވެސް ކިޔެވުމުގެ ފުރުސަތު ލިބޭނެކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރު ބައެއް ދަރިވަރުން ކިޔަވަން ރާއްޖެއިން ބޭރަށް ގޮސްފައިވާކަމަށާއި، ކިޔަވާ ނިމުމުން ޕޯޓްސްގައި މަސައްކަތް ކުރާނެ ކަމަށެވެ.
ޝާހިދު ވިދާޅުވީ ޔޫތު މިނިސްޓްރީއާ ގުޅިގެން އެޕްރެންޓިސްޝިޕް ޕްރޮގްރާމްތައް ކުރިއަށް ގެންދާކަމަށެވެ. މި ޕްރޮގްރާމަކީ ސްކޫލު ނިންމާފައި ތިބޭ ޒުވާނުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި، ހަ މަސް ދުވަހަށް ކުރިއަށް ގެންދާއިރު، ރަނގަޅަށް ޕްރޮގްރާމް ފުރިހަމަކުރާ ޒުވާނުންނަށް ދާއިމީ ވަޒީފާ ހަމަޖެހޭނެކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ވިދާޅުވީ މި މުއްދަތުގެ ތެރޭގައި ޕޮކެޓް މަނީވެސް ދޭނެކަމަށެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ، އެޑިޔުކޭޝަން މިނިސްޓްރީއާ ގުޅިގެން ސްކޫލު ކުދިންނަށް ޚާއްސަކޮށްގެން ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދާ ކަމަށެވެ. އިންޓަރންޝިޕް ޕްރޮގްރާމް ކުރިއަށްގެންދަނީ ސްކޫލު ބަންދު ދުވަސްވަރު ކަމަށާއި، މިދުވަސްވަރު އެކުދިންނަށް ޕޯޓްސްގެ އެކި ދާއިރާތައް ތަޖުރިބާކުރުމުގެ ފުރުސަތު ލިބޭނެކަމަށެވެ. އެއް މަސް ދުވަހަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ސަބަބުން އެކުދިން ކުރިއަށްދާން ބޭނުންވާ ދާއިރާ ސިލެކްޓްކުރަން ފަސޭހަވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އެމްޕީއެލްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމްތަކަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވީ، ދިގު މުއްދަތަށް ކުރިއަށް ގެންދެވޭ ކޯސްތަކާއި، ކުރު މުއްދަތަށް ކުރިއަށް ގެންދެވޭ ކޯސްތަކުން މުވައްޒަފުންނަށް ފުރުސަތު ދޭކަމަށެވެ. އަދި މިހާރުވެސް ބައެއް މުވައްޒަފުން ރާއްޖެއިން ބޭރުގައި އިތުރު ތަމްރީން ހޯދަމުންދާކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މުވައްޒަފުންގެ މަސައްކަތުގެ ހުނަރު އިތުރު ކުރުމަށް ރާއްޖޭގައި ވެސް އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދާކަމަށެވެ.
އެގޮތުން ހެވީ ވެހިކަލް އޮޕަރޭޝަން، ޔާޑް ޕްލޭނިންގ، ސޭފްޓީ މެނޭޖްމަންޓް އަދި ލީޑަރޝިޕް ޕްރޮގްރާމްތައް ކުރިއަށް ގެންދާކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމްޕީއެލްގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުންވެސް އެހެނިހެން މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޕްރޮގްރާމްތަކުން ފުރުސަތު ދޭކަމަށެވެ.





