Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ވެގްނަރ ގްރޫޕްގެ ލީޑަރު

ޔެވްގެނީ ޕްރިގޮޒިން: ޕުޓިންގެ ކައްކާ އިން ޕުޓިން އާ ދެކޮޅަށް ހަނގުރާމަކުރާ ވެރިއަކަށް

ހަނގުރާމަ ކުރިޔަށްދާ ވަރަކަށް ޔެވްގެނީ ވެގެންދިޔައީ ރަޝިޔާގެ އަސްކަރީ ސީނިއަރ އޮފިޝަލުންނަށް ހުރި ބިރެއްގެ ގޮތުގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 25 ޖޫން 2023 | އާދީއްތަ 02:46
ވެގްނަރ ގްރޫޕްގެ ލީޑަރު ޔެވްގެނީ ޕްރިގޮޒިން

ވެގްނަރ ގްރޫޕްގެ ލީޑަރު ޔެވްގެނީ ޕްރިގޮޒިން

ވެގްނަރ ގްރޫޕްގެ ލީޑަރު ޔެވްގެނީ ޕްރިގޮޒިން މުހިންމު މީހެއްގެ ގޮތުގައި ފާހަގަވާން ފެށީ ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގައި 2022 ވަނަ އަހަރުއެވެ. ވެގްނަރ ގްރޫޕްގެ ހަނގުރާމަވެރިން ވަނީ ޔޫކްރެއިންގެ މުހިންމު ސަރަހައްދުތައް ރަޝިޔާގެ ކޮންޓްރޯލްދަށަށް ގެންދިޔުމަށް އިސް ރޯލެއް އަދާކޮށްފައެވެ. ވަކިން ޚާއްސަކޮށް ބަޚްމުތުގައި އެ ގްރޫޕުން ވަނީ މުހިންމު މަސައްކަތްތަކެއްކޮށްފައެވެ.

ހަނގުރާމަ ކުރިޔަށްދާ ވަރަކަށް ޔެވްގެނީ ވެގެންދިޔައީ ރަޝިޔާގެ އަސްކަރީ ސީނިއަރ އޮފިޝަލުންނަށް ހުރި ބިރެއްގެ ގޮތުގައެވެ. ސަބަބަކަށްވީ ޔެވްގެނީ އަށް ރަޝިޔާއިން ޔޫކްރެއިންގައި ކުރިޔަށްގެންދާ "އަސްކަރީ އޮޕަރޭޝަން" ކާމިޔާބުވާތަން ނުފެނި ފެއިލްވަމުންދާތަން ފެނިގެންދިޔުމެވެ. އެހެންކަމުން ޔެވްގެނީގެ ފާޑުކިޔުން ވަރަށް ބޮޑަށް އަސްކަރިއްޔާއަށް ކުރިމަތިވަމުންދިޔައެވެ.

އަދި ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން އާ ގާތްގުޅުމެއް ބާއްވަމުންގެންދިޔަ ޔެވްގެނީ ކޮންމެސް ވަރަކަށް ޕުޓިންއަށް ފާޑުކިޔަން ފެށިއެވެ.

ޔެވްގެނީ ޕްރިގޮޒިން އުފަންވެފައިވަނީ ޕުޓިންވެސް އުފަން ސިޓީކަމުގައިވާ ސެއިންޓް ޕީޓާރސްބާރގް އަށެވެ. އުމުރުން އެންމެ 18 އަހަރުގައި އޭނާއަށް އެންމެ ފުރަތަމަ ޖަލު ހުކުމް އައެވެ. އެއީ ވައްކަންކުރުމުގެ މައްސަލައެއްގައެވެ. އޭގެފަހުން ފޭރުމާއި ވައްކަންކުރުމުގެ ކުށް ސާބިތުވެ ޖަލަށް ލިއެވެ.

ޖަލުން މިނިވަންވުމުން ސެއިންޓް ޕީޓާރސްބާރގް ގައި ޔެވްގެނީ ފެށީ ހޮޓް ޑޯގް ވިއްކުމުގެ ވިޔަފާރިއެވެ. މަދު އަހަރުތަކެއްގެ ތެރޭގައި އެ ވިޔަފާރި ފުޅާވެ އަގުބޮޑެތި ރެސްޓޯރެންޓްތައް ހުޅުވުމުގެ މަގުފަހިވެގެންދިޔައެވެ.

އޭނާގެ އެއް ރެސްޓޯރެންޓަކީ ނިއު އައިލެންޑެވެ. މިއީ ނީވާ ކޯރުގައި ބޯޓު ދުއްވޭ ގޮތަށް ފަރުމާކޮށްފައިވާ ރެސްޓޯރެންޓެކެވެ. މިރެސްޓޯރަންޓަކީ ޕުޓިން ވަރަށް ގަޔާވާ ރެސްޓޯރެންޓެކެވެ. އަދި ޕުޓިން ބޭރު ގައުމުތަކުގެ އޮފިޝަލުންނާއެކު އެ ރެސްޓޯރެންޓަށް ވަރަށް ގިނައިން ވަޑައިގަންނަވައެވެ. ޕުޓިން އާއި ޔެވްގެނީގެ ގުޅުން ފެށުނު ހިސާބެއްކަމަށް ބެލެވެނީ މި ހިސާބެވެ.

ޔެވްގެނީ މީގެ ކުރިން ދީފައިވާ އިންޓަރވިއުއެއްގައި ބުނެފައިވަނީ ބޭރުގެ ވަފުދުތަކަށް ކާއެއްޗެހި ތައްޔާރުކުރުމުގައި އޭނާ އަމިއްލައަށް ހަރަކާތްތެރިވުމުގައި މައްސަލައެއް ނެތްކަން ޕުޓިން އަށް އެނގިވަޑައިގެންނެވި ކަމަށެވެ. އެންމެ ފުރަތަމަ ޕުޓިން އާ ބައްދަލުވީ ޖަޕާނުގެ ބޮޑުވަޒީރު މޯރީ އާއެކު ވަޑައިގެންނެވި ފަހަރުކަމަށް ޔެވްގެނީ ބުންޏެވެ.

ޔޮޝިރޯ މޯރީ ސެއިންޓް ޕީޓާރސްބާރގް އަށް ވަޑައިގެންނެވީ 2000 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ. އެއީ ޕުޓިން ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ކުރީކޮޅުއެވެ.

ޕުޓިން ޔެވްގެނީ އަށް އިތުބާރުކުރައްވާ ވަރަކީ 2003 ވަނަ އަހަރު އުފަންދުވަސް ވެސް ނިއު އައިލެންޑްގައި ފާހަގަކުރެއްވުމެވެ.

އޭގެ އަހަރުތަކެއް ފަހުން ޔެވްގެނީގެ ކޭޓަރިންގ ކުންފުނި ކޮންކޯރޑް، ކްރެމްލިން އަށް ކާބޯތަކެތި ސަޕްލައިކުރުމުގެ އެއްބަސްވުމުގައި ސޮއިކުރިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޔެވްގެނީ އަށް ވަނަމެއްގެ ގޮތުގައި "ޕުޓިންގެ ޝެފް" އޭ ކިޔަން ފެށިއެވެ.

މީގެއިތުރުން ޔެވްގެނީ އާ ގުޅުންހުރި ފަރމްތަކަށް އަސްކަރީ އާއި ސަރުކާރުން ހިންގާ ސްކޫލްތަކަށް ކޭޓަރިންގެ ހިދުމަތް ފޯރުކޮށްދިނުމުގެ ކޮންޓްރެކްޓްތައް ލިބެން ފެށިއެވެ.

ޔެވްގެނީ އަކީ އާދައިގެ ވިޔަފާރިވެރިއެއް ނޫންކަން ހާމަވާން ފެށީ 2014 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިންއަށް އަރާ ކުރި ހަނގުރާމައިގެ ތެރޭގައެވެ. ޝެޑޯ އަމިއްލަ އަސްކަރީ ކުންފުންޏަކުން އިރުމަތީ ޑޮންބަސް ސަރަހައްދުގައި ހަނގުރާމަކުރަމުންދިޔައިރު އެގްރޫޕަކީ ޔެވްގެނީ އާ ގުޅުންހުރި ގްރޫޕެއްކަމަށް އޭރު ބުނަމުންދިޔައެވެ.

އެގްރޫޕަށް ކިޔާ ނަމަކީ ވެގްނަރ ގްރޫޕެވެ. ބުނެވޭ ގޮތުގައި ޔެވްގެނީ އަކީ ނާޒީ ޖަރމަނީންގެ ވަރަށް ބޮޑު ފޭނެކެވެ. އެމީހުން ގެންގުޅުނު އުކުޅުތަކާއި އުސޫލުތައް ވަރަށް ކަމުދާ މީހެކެވެ. އަނެއްކޮޅުން ނާޒީންގެ ގޮތްތައް ކަނޑުވާލުން ނުވަތަ "ޑީނާޒިފިކޭޝަން" އަކީ ޕުޓިން މިފަހަރު ޔޫކްރެއިންއަށް ހަމަލާދެމުން ބޭނުންކުރެއްވި އެންމެ މުހިންމު ބަހެވެ.

ޔޫކްރެއިންގެ އިތުރުން ދެން ވެގްނަރ ގްރޫޕު އެންމެ އެކްޓިވް ސަރަހައްދަކީ އެފްރިކާއެވެ. އެއީ ކްރެމްލިންގެ ސިޔާސަތުތައް ތަންފީޒުކުރުމުގައެވެ. ބައްޝާރުގެ ވެރިކަން ނިމުމަކަށް ނައިސް ހިފެހެއްޓުމުގައި ސީރިޔާގައި ހަރަކާތްތެރިވަމުންދާއިިރު ހުޅަނގު އެފްރިކާގެ ގައުމެއްކަމަށްވާ މާލީން ފްރާންސްގެ ބާރު ކަނޑުވާލުމުގައި ރަޝިޔާގެ ސިޔާސަތު ތަންފީޒުކުރުމުގައި އެ ގްރޫޕުން ހަރަކާތްތެރިވެއެވެ.

މަރސިނަރީ މި ގްރޫޕް ބޮޑަށް ފާހަގަވެގެންދަނީ އެއްވެސް ބިރެއް، ޖެހިލުމެއްނެތި ހަނގުރާމަކޮށް އަނިޔާކުރާ ބައެއްގެ ގޮތުގައެވެ.

2017 ވަނަ އަހަރު ވެގްނަރ ގްރޫޕްގެ މައްޗަށް ވަނީ ބަންދުކޮށްފައިވާ ސީރިއާ މީހުންގެ ބޮލުގައި މަރުތޭލުން ޖަހާ ބޯ ވަކިކުރުމަށްފަހު އެމީހާގެ ގައިގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުކުރެވިފައެވެ. އަދި ޖެހިގެން އައި 2018 ވަނަ އަހަރު މެދުތެރޭ އެފްރިކާ ސަރަހައްދުގައި ވެގްނަރ ގްރޫޕުގެ ހަރަކާތްތެރިވާ މިންވަރު ދެނެގަތުމަށް މަސައްކަތްކުރި ރަޝިޔާގެ ތިން އިންވެސްޓިގޭޓިވް ނޫސްވެރިން ވަނީ މި ގްރޫޕުން މަރާލާފައެވެ.

2022 ވަނަ އަހަރު ވެގްނަރ ގްރޫޕަށް އަނެއްކާ ވެސް ވަނީ މީހެއްގެ ގައިގައި މަރުތޭލުންޖަހާ އެމީހާ މަރާލިކަމުގެ ތުހުމަތުކޮށްފައެވެ. އެމީހާ މަރާލީ ޔޫކްރެއިންގައި ހަރަކާތްތެރިވި ގްރޫޕްގެ މީހުންނަށް ބޭވަފާތެރިވެގެންނެވެ.

ޔެވްގެނީ އަކީ އެއްވެސް އިންސާނިއްޔަތުކަމެއް ނެތި މީހުން މަރާމީހެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އޭގެފަހުން ޔޫރަޕިއަން ޕާލަމަންޓުން ވަނީ ވެގްނަރ ގްރޫޕަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

އެތައް އަހަރުތަކެއް ވަންދެން ޔެވްގެނީ ވަނީ ވެގްނަރ ގްރޫޕާ އޭނާ އާ އެއްވެސް ގުޅުމެއް ނެތްކަމަށް ބުނެފައެވެ. އަދި ވެގްނަރ ގްރޫޕާއި އޭނާ އާ ގުޅުވާ ވާހަކަދައްކާ މީހުންގެ މައްޗަށް ދައުވާ ވެސް ކޮށްފައިވެއެވެ. ނަމަވެސް 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޔެގްނެވް ވަނީ 2014 ވަނަ އަހަރު އޭނާ ވެގްނަރ ގްރޫޕް އުފެއްދިކަމަށް ބުނެފައެވެ.

އެމެރިކާ، އިނގިރޭސިވިލާތް އަދި އީޔޫ އިން ވަނީ ވެގްނަރ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. ނަމަވެސް ރަޝިޔާގެ ތެރޭގައި އެގްރޫޕްގެ ހަރަކާތްތައް އަންނަނީ ހިނގަމުންނެވެ.

ޔެވްގެނީ ޕްރިގޮޒިން ދުނިޔޭގެ ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވަނީ ހަމައެކަނި މީހުންނާއި ބަޑި ބޭނުންކޮށްގެންނެއް ނޫނެވެ. ކީ ބޯޑުގެ ޒަރީއާއިން ވެސް އޭނާ މުހިންމު ދައުރެއް އެކަމުގައި އަދާކުރެއެވެ.

އެތައް އަހަރެއްވަންދެން ޔެވްގެނީގެ މައްޗަށް އިންޓަރނެޓްގައި ހަރަކާތްތެރިވާ ޓްރޯލް ފަރމްތަކާއި ބޮޓް ފެކްޓަރީސްތައް އޮޕަރޭޓްކުރުމުގެ އިސް މީހެއްގެ ދައުރު އޭނާ އަދާކުރަމުންގެންދާ ކަމުގެ ތުހުމަތު ދިޔައީ ކުރަމުންނެވެ. ވަކިން ޚާއްސަކޮށް ސޯޝަލް މީޑިޔާގައި ކެރެމްލިންގެ ސިފަ ރީތިކޮށް ކްރެމްލިން ކުރިއަރުވާ ޕޯސްޓްތައް ކުރުމުގެ ފަހަތުގައި ހުރި މީހަކީ ޔެވްގެނީ ކަމަށް ދިޔައީ ބުނަމުންނެވެ.

މިކަންކުރަމުންދަނީ 2016 ވަނަ ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ސެއިންޓް ޕީޓާރސްބާރގްގައި ހަރަކާތްތެރިވި އިންޓަރނެޓް ރިސަރޗް(އައިއާރުއޭ) އެޖެންސީންނެވެ.

2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ޑޮނަލްޑް ޓްރަމްޕްގެ ކެމްޕެއިން ޓީމާއި ރަޝިޔާ އާ އޮތް ސިއްރު ގާނޫނާއި ޚިލާފު ގުޅުން ތަހުގީގުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އެފްބީއައިގެ ކުރީގެ ޑިރެކްޓަރު ރޮބަރޓް މުލާރ ވިދާޅުވި ގޮތުގައި އައި.އާރު.އޭ އިން ވަނީ ސިޔާސީ ގޮތުންނާއި އިޖުތިމާއީ ގޮތުން އެމެރިކާގައި ބައިބައިވުން އުފެދޭގޮތަށް ސޯޝަލް މީޑިޔާގައި ކެމްޕެއިނެއް ހިންގާފައެވެ. އަދި އޭގެފަހުން ޓްރަމްޕަށް ފައިދާވާ ގޮތަށް ޓްރަމްޕްގެ ވާދަވެރިޔާ ކަމުގައިވާ ހިލަރީ ކްލިންޓަނަށް ގެއްލުންވާގޮތަށް ކުރިޔަށްދިޔަ އޮޕަރޭޝަނުގައި ވެސް އައިއޭރުއޭ އިން ހަރަކާތްތެރިވިކަމަށް މުލާރގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އެމެރިކާ އިން ވަނީ އައިއާރުއޭ އަދި ޔެވްގެނީ އާ ދެކޮޅަށް މިކަމާއި ގުޅިގެން ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

ޔޫކްރެއިން އަކީ އައިއާރުއޭގެ ދެން އެންމެ ބޮޑު ޓާގެޓެވެ. ތެދުނޫން މައުލޫމާތު ފެތުރުމުގެ ކެމްޕެއިން އައިއާރުއޭއިން ޔޫކްރެއިން ހަނގުރާމައިގައި ކުރިޔަށްގެންދެއެވެ. އިނގިރޭސިވިލާތުން ބުނާގޮތުގައި ޔެވްގެނީ އާ ގުޅުންހުރި ސައިބަރ-ސޯލްޖާރސް އިން ވަނީ އިނގިރޭސިވިލާތް، ދެކުނު އެފްރިކާ އަދި އިންޑިޔާއަށް އެފަދަ ހަމަލާތައް ދީފައެވެ.

ވެގްނަރ އާ އެއްވެސް ގުޅުމެއް ނެތްކަމަށް ޔެވްގަނީ ބުނިގޮތަށް މިފަދަ ޓްރޯލް ފެކްޓަރީތަކާއި ބޮޓް ފަރމްތަކާއި ވެސް ގުޅުމެއް ނެތްކަމަށް ޔެވްގަނީ އައީ ބުނަމުންނެވެ. ނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހު ޔެވްގަނީ ވަނީ އައިއާރުއޭ އުފެއްދީ އޭނަކަމަށް ބުނެފައެވެ.

މިހާހިސާބުން އުފެދޭ ސުވާލަކީ ކްރެމްލިން އިން ޔެވްގަނީ ފަދަ މީހަކު ތެދުނޫން މައުލޫމާތު ފެތުރުމަށާއި އަސްކަރީ ކެމްޕެއިންތައް މުޅި ދުނިޔޭގައި ކުރިޔަށްގެންދިޔުމަށް ބޭނުންވާ ސަބަބަކީ ކޮބައިތޯއެވެ.

އެންމެ މައިގަނޑު އެއް ސަބަބަކީ މިފަދަ ކަންކަމުގައި ރަޝިޔާގެ ސަރުކާރުން ބައިވެރިވާކަމަށް އެއްބަސްނުވުމުގެ ފުރުސަތު ހޯދުމެވެ. ޕްރައިވެޓް އޮޕަރޭޓަރުން މެދުވެރިކުރުމުން އެފަދަ ގާނޫނާއި ޚިލާފު ލާއިންސާނީ އަމަލުތައް ހިންގުމުގައި ރަޝިޔާ ސަރުކާރުގެ ބައިވެރިވުމެއް އޮތްކަމަށް ބުނެވޭނެ އެއްވެސް ޖާގައެއް ނޯންނާނެއެވެ. އެހެންކަމުން އެފަދަ ކަންކަމުގައި ރަޝިޔާ ސަރުކާރުގެ ބައިވެރިވުމެއް ނެތްކަމަށް ބުނެވޭނެއެވެ.

ދެން އޮތީ ޔެވްގެނީ މިފަދަ ކަންކަން ކުރަން ޖެހޭ ސަބަބާމެދު އުފެދޭ ސުވާލެވެ. ޔެވްގެނީގެ ދިރިއުޅުމާއި ގުޅޭގޮތުން ދިރާސާ ކުރަމުންދާ ނޫސްވެރިއެއްކަމުގައިވާ އިލްޔާ ބުނާގޮތުން އެކަމުގައި ތަފާތު ސަބަބުތައްވެއެވެ.

އެންމެ ބޮޑު ކަމަކީ ޔެވްގެނީ އަކީ ދުވަހަކުވެސް ގާނޫނާއި ޚިލާފު ލާއިންސާނީ އަމަލުތައް ހިންގުމަށް ދެކޮޅު ހަދާނެ މީހަކަށް ނުވުމެވެ. ސަބަބަކީ އޭނާގެ ގެއްލޭނެ އަބުރެއް ނެތީމައެވެ. އަނެއްކޮޅުން ޔެވްގެނީގެ ދިރިއުޅުމުގައި ކުރީގައި ހިނގާފައި ހުރި ކަންކަން އެއީ ޕުޓިން އޭނާ އާ ގަޔާވާ ސަބަބެއްކަމަށް އިލްޔާ ބުންޏެވެ. އެއީ ޕުޓިންއަށް، ފަތިފުށް ސާފު ފަސްބައިގައި ކިލަނބުކަމެއް ނެތް މީހުން ކަމު ނުދިޔުމެވެ. އެއީ އެފަދަ އެފަދަ މީހުން ކޮންޓްރޯލްކުރަން އުނދަގޫވީމައެވެ. އެހެންކަމުން މިކަންކަމަށް ބަލާއިރު ޕުޓިން ބޭނުންވާ ކަންކަން ކުރުމުގައި ޔެވްގެނީ އަކީ ހަމަ އެންމެ ރަނގަޅު މީހާއެވެ.

2011 ވަނަ އަހަރު ޔެވްގެނީ ދިން އިންޓަރވިއުއެއްގައި ބުނެފައިވަނީ ކުޑަކުދިންނަށް ޚާއްސަ ފޮތެއް އޭނާ ލިޔުނުކަމަށެވެ. އެ ފޮތުގައި މައި ޝަހުސިއްޔަތަކީ ރަސްކަން ދިފާއުކުމުގައި އެހީވެދޭ މީހެއްކަމަށާއި އަދި ފަހުން އޭނާއަކީ ބަތަލެއްގެ ދަރަޖަދޭ ވަރުގެ ކަމެއް ކުރާ މީހެއްކަމަށެވެ.

އެންމެ ފުރަތަމަ ޔެވްގެނީ ފެނިގެންދިޔައީ އޭނާގެ ކޭޓަރިންގ ކުންފުނި ކޮންކޯރޑް މެދުވެރިކޮށް މީޑިޔާއަށް ބަޔާންތައް ދެމުންދިޔަތަނެވެ. އެކަން ބަދަލުވީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާދިން ހިސާބުންނެވެ. ހަނގުރާމަ ކުރިޔަށްދިޔަ ވަރަކަށް ޔެވްގެނީގެ ބޭނުން ބޮޑުވެ ޑިމާންޑް ބޮޑުވާތަން ފެންނަން ފެށިއެވެ.

އެތައް އަހަރެއް ވަންދެން ރަޝިޔާ ސަރުކާރުން ވެގްނަރ ގްރޫޕް އެއީ ވުޖޫދުގައި ވެސް ނެތް ގްރޫޕެއްކަމަށް ބުނަމުން އައިސް ކުއްލިއަކަށް 2022 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު ކްރެމްލިން ކޮންޓްރޯލްކުރާ މީޑިޔާ އިން ޔޫކްރެއިންގެ އިރުމަތީގައި ވެގްނަރ ގްރޫޕުން ހަނގުރާމަކުރަމުންދާކަމަށް ބުންޏެވެ.

އަދި ހަމައެއާއެކު ޔެވްގެނީ ވެސް ސޯޝަލް މީޑިޔާއަށް ޔޫކްރެއިންގެ އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައިވާ އެކި ސަރަހައްދުތައް ފެންނަ ވީޑިއޯތައް ޕޯސްޓްކޮށް ވެގްނަރ އިން އެސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން އަންނަ ގޮތް ކިޔައިދެމުންދިޔައެވެ. މިއީ މިހާތަނަށް ދުނިޔޭގެ އެއްވެސް ޕްރައިވެޓް އަސްކަރީ ކުންފުންޏެއް ކުރިއަރާފައިވާ މިންވަރެއް ނޫނެވެ. ދުނިޔޭގެ އެއްވެސް އަމިއްލަ އަސްކަރީ ކުންފުންޏެއްގެ އަތުގައި ނެތް މިންވަރަށް ފައިޓަރ ޖެޓްސް އާއި ހެލިކޮޕްޓަރ އަދި ޓޭންކު ވެގްނަރ ގްރޫޕްގައި އެބަހުއްޓެވެ.

ރަޝިޔާގެ އެތައް ހާސް ސިފައިންނެއް ޔޫކްރެއިންގައި މަރުވެގެންދިޔަ ފަހުން ޔެވްގެނީ އަށް ވަނީ ޖަލުތަކުން މީހުން ރެކްރޫޓްކުރުމުގެ ފުރުސަތު ދީފައެވެ. އެތައް ޖަލަކަށް ޔެވްގެނީ އަމިއްލައަށް ގޮސް ހަނގުރާމައިގެ ކުށްވެރިންގެ ގާތުގައި އޭނާ ބުނެފައިވަނީ ހަ މަސް ވަންދެން ޔޫކްރެއިން ގައި ވެގްނަރ ގްރޫޕާއެކު ހަނގުރާމަކޮށްފިނަމަ އެމީހުންނަށް މިނިވަންކަމާއެކު އަނބުރާ ގެޔަށް ދިޔުމުގެ ފުރުސަތު ލިބޭނެކަމަށެވެ.

ނަމަވެސް ޔެވްގެނީގެ ފާޑުކިޔުން ރަޝިޔާގެ އަސްކަރިއްޔާ އަށް އަމާޒުވާ މިންވަރު އިތުރުވާން ފެށިއެވެ. ވަކިން ޚާއްސަކޮށް އަސްކަރީ ލީޑަރޝިޕަށް އޭނާ ކިޔަމުންދިޔަ ފާޑުކިޔުންތައް ގިނަވެ މަސްލަހަތު ގެއްލޭ ހިސާބަށް ކަންކަން ދާންފެށިއެވެ.

ޔެވްގެނީ އާއި ރަޝިޔާގެ ޑިފެންސް މިނިސްޓްރީ އާ އޮތް ގުޅުން އިތުރަށް ގޯސްވީ 2023 ވަނަ އަހަރުގެ ކުރީކޮޅު ގައިދީން ރެކްރޫޓްކުރުން މަނާކުރުމާ ގުޅިގެންނެވެ. ޔެވްގެނީ ތަކުރާރުކޮށް ވަނީ ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ވެގްނަރ ގްރޫޕަށް ބޭނުންވާ ވަރަށް ހަތިޔާރު ފޯރުކޮށްނުދޭކަމަށް ބުނެފައެވެ. އަދި ޑިފެންސް މިނިސްޓަރު ސަރްގޭ ޝޮއިގޫ އާއި ޗީފް އޮފް ޖެނެރަލް ސްޓާފް ވެލަރީ ޖެރާސިމޯވް ގައުމަށް ގައްދާރުވެފައިކަމަށް ތުހުމަތުކޮށްފައެވެ.

ޔެވްގެނީގެ މިފާޑުކިޔުންތައް އެންމެ ފަހުން ބަދަލުވެގެންދިޔައީ ސީދާ ކުރިމަތިލުންތަކަކަށެވެ. ޔެވްގެނީ ވަނީ ރަޝިޔާގެ އަސްކަރިއްޔާއިން ޔޫކްރެއިންގައި ހުރި ވެގްނަރ ގްރޫޕްގެ ބޭސްތަކަށް ހަމަލާދީފައިވާކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ރަޝިޔާއިން ވަނީ އެކަން ދޮގުކޮށްފައެވެ.

އޭގެފަހުން ވެގްނަރ ގްރޫޕްގެ ހަނގުރާމަވެރިން ވަނީ ޔޫކްރެއިންގައި އެމީހުންގެ ބާރުގެ ދަށުގައި ހުރި ސަރަހައްދުތަކުން ރަޝިޔާއަށް ވަދެގަނެފައެވެ. އަދި ރެސްޓޮވްގެ މައި އަސްކަރީ ސައިޓެއް އެމީހެއްގެ ބާރުގެ ދަށަށް ގެނެސްފައެވެ. މިއީ ބޯޑަރު ކައިރީގައި އޮންނަ ރަޝިޔާގެ ދެކުނުގެ ސިޓީއެކެވެ.

ރަޝިޔާއިން ވަނީ ޔެވްގެނީގެ މި އަސްކަރީ ދެކޮޅު ހެދުންތަކާއި ގުޅިގެން ޖިނާއީ ތަހުގީގެއް ފަށާފައެވެ. އަދި ޕުޓިން ވަނީ މިއީ ގައްދާރުވުމުގެ އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަވްލަޑިމިއަރ ޕުޓިންވެގްނަރ ގްރޫއްޕުދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު