އަތޮޅުތެރޭގައި ބައެއް ފުލުހުން ދިރިއުޅެނީ ގައިދީންނަށް ވުރެ ނިކަމެތި ހާލުގައި ކަމަށް ހޯމް މިނިސްޓަރު އިމްރާނު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތަށް 90 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ އަތޮޅު ތެރޭގައި ތިބޭ ފުލުހުން މަސައްކަތް ކުރަން ޖެހެނީ ދަތި މާހައުލެއްގައި ކަމަށެވެ. އެފަދަ ފުލުހުން ނިދަން ޖެހޭ ތަނާއި ދިރިއުޅުމުގެ ކަންކަމަށް ބަލާ އިރު ގައިދީންނަށް ވުރެ ހާލަތު ދަށް ކަމަަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް އެފަދަ ދަތިތަކާއި އެކުވެސް ފުލުހުން ދަނީ ފުލުހުންގެ ވާޖިބު އަދާކޮށް ގިނަ ކުރިއެރުންތަކެއް ހޯދަމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފުލުހުންނަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް މި ވެރިކަމުގައި ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ. އިމްރާން ވިދާޅުވީ އެންމެވެސް އެކަން ބަލައިގަންނަ ކަމަށެވެ. މީގެ އިތުރުން ފުލުހުންގެ ސަފުތައް ބަދަހިކޮށް، ބަލިކަށިވެފައިވާ ލީޑާޝިޕް ވަރުގަދަކުރުމަށާއި ފުލުހުންގެ ތެރެއިން ނާއުއްމީދުވެފައިވާ އޮފިސަރުންނަށް އުންމީދު ހޯދާދީފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އިމްރާން ވަނީ މި ދައުރުގައި ފުލުހުންގެ އަދަދު އިތުރުކޮށްފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.
މަދަނީ ޚިދުމަތަކާއި ކުރިމަތިލުމަށް ފަހު ފުލުހުން ހޭދަކުރީ އުނދަނގޫ ދުވަސްތަކެއް ކަމަށް އިމްރާން ވިދާޅުވިއެވެ. 2004 ން 2008 އާދެމެދު ފުލުހުން ހޭދަކުރީ ދަތި ދުވަސްތަކެއް ކަމަށް އިމްރާން ވަނީ ވިދާޅުވިއެވެ. އޭރު ފުލުހުން މަސައްކަތް ކުރީ އާދަޔާއި ޚިލާފު ޖައްވެއްގެ ތެރޭގައި ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ. 2008 އިން 2012އިގެ ނޮވެމްބަރާއި ހަމައަށް ފުލުހުން އުފުލީ އާ ދަތިތަކެއް ކަމަށާއި އެ ހިސާބުން 2013އިގެ ނޮވެމްބަރާއި ހަމައަށް ހޭދަކުރީ ކަށިބޯ ޖަންގައްޔެއްގައި ކަމަށް އިމްރާން ވިދާޅުވިއެވެ. މީގެ އިތުރުން 2013އިން 2018ގެ ނޮވެމްބަރަށް ފުލުހުން ކުރިމަތިލީ ވަރުގަދަ ތޫފާނަކާއި ކަމަށް އިމްރާން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ޤާއިމްކޮށްފައި ވަނީ 29 މާރިޗު 1933ގައެވެ. އަދި އަސްކަރިއްޔާގެ ދަށުން ފުލުހުންގެ ޚިދުމަތް ވަކިކޮށް، ފުލުހުންގެ ޚިދުމަތަކީ މަދަނީ ޚިދުމަތެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ 1 ސެޕްޓެމްބަރު 2004 ގައެވެ.