ކ. މާލެ
|
6 މާރޗް 2023 | ހޯމަ 23:25
އާގަލާ ބޯޓުގައި ރޯވި ހާދިސާ
އާގަލާ ބޯޓުގައި ރޯވި ހާދިސާ
އެމްއެންޑީއެފް
އާގަލާ ބޯޓުގައި ރޯވުން
ބިރުވެރިކަމާއި ނާމާންކަމުގެ ވަގުތު: އާގަލާ ބޯޓު ކައްޕިގެ ދުލުން!
 
ބޯޓުގައި ރޯވީ 2:45 އެހާއިރު
 
ބޯޓުގައި އެތައް މުދަލެއް ހުރި، މިއީ ފޫނުބެއްދޭ ވަރު ގެއްލުމެއް
 
އެންމެ ބޮޑު ހިތާމައަކީ ފަޅުވެރިއަކު ގެއްލުން

އުމުރުގެ ބޮޑު ބައި ކަނޑުމަތީގައި ހޭދަކުރި ނަމަވެސް އާގަލާ ބޯޓުގެ ކައްޕި މުހައްމަދު އާތިފްއަށް މި ވަރުގެ ބިރުވެރި ތަޖުރިބާއެެއް ކުރެވިފައެއް ނެތެވެ. އާދީއްތަ ދުވަހުގެ ރޭ އެއްކޮށް އޭނާ އާއި އެ ބޯޓުގައި ތިބި އެންމެން ހޭދަކުރީ ވަށައިގެންވާ ބިރުވެރިކަމާއި ނަމާންކަމާ ހަނގުރާމަ ކުރަމުންނެވެ. އެއީ ހިއްސާކުރަން ފަސޭހަ ވާހަކަތަކެއް ނޫން ނަމަވެސް، އާތިފް އެ ވާހަކަތައް "ރާއްޖެޓީވީ"އާ ހިއްސާކުރިއެވެ. އެއްވެސް އުނިއިތުރެއް ނެތި އެވާހަކަ ތައް ގެނެސްދެވެ.

ދަތުރު ކުރިއަށް ދިޔައީ ހަމަ އާދައިގެ މަތިންނެވެ. އައްޑޫން ފުރައިގެން ހުވަދޫ އަތޮޅުގެ ވެސް ރަށްރަށަށް ޖައްސައިގެން މުދާ އަރުވައިގެން ދަތުރުގެ މިސްރާބު ޖަހައިފައި ހުރީ މާލެއަށެވެ. އާދަޔާހިލާފު އެއްވެސް ކަމެއް ފާހަގައެއް ވެސް ނުވެއެވެ. އާދީއްތަ ދުވަހުގެ ރޭ މެންދަމު 2:30 އެހާއިރު އާތިފް ވީލްހައުސްގައި ހުރެފައި ތިރިއަށް ފައިބައިލިއެވެ. ފަޅުވެރިންނާ ކުޑަކޮށް ވާހަކަ ދައްކާ އަނގަތަޅައިލުމަށެވެ. އޭރު ވެސް އިންޖީނުރޫމްގެ ޑިއުޓީގައި އިންޑިއާގެ ފަޅުވެރިއަކު އިނެވެ. އޭނާގެ ގާތަށް ގޮސް ސަމާސާ ކޮށްލައިފައި އަނެއްކާ ވެސް އާތިފް ދިޔައީ ބޯޓުގެ ހުންގާނަށެވެ.

ކުއްލިއަކަށް އޭނާއަށް އިވެން ފެށީ މީހެއްގެ ހަޅޭކުގެ އަޑެވެ. އެކަމަކު އޭރަކު ވެސް ވީ ކީއްކަމެއް ނޭނގެއެވެ. ވަގުތުން އިންޖީނުގެ ސްޕީޑް މަޑުކޮށްލައިފައި އާތިފް ތިރިއަށް ފޭބިއެވެ. އެ އަޑަކީ އެ ބޯޓުގެ ކައްކާ މީހާގެ ހަޅޭކުގެ އަޑެވެ. ކާ އެއްޗެއް ހެދުމަށްފަހު މައްޗަށް އަރުވައިފައި އޭނާ ތިރިއަށް ފޭބި ވަގުތު އިންޖީނު ރޫމްގައި ހުޅުހިފައިފައިވާ މަންޒަރު ފެނުނެވެ. ވަގުތުން ފޯމްފުޅި ނަގައިފައި އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވޭތޯ މަސައްކަތް ކުރިއެވެ. އެހީއަށް އެދި ހަޅޭއްލަވަން ފެށީ އެ ކަން ކާމިޔާބުނުވާނޭކަން އެނގުމުންނެވެ.

އިންޖީނު ދަށްކޮށްލުމަށްފަހު އާތިފް ބޭރަށް ނުކުތެވެ. އޭރު ވެސް ހަޅޭއްލަވަމުން ބޯޓު ތެރޭގައި ފަޅުވެރިން އެކިކޮޅުކޮޅަށް ދުވެއެވެ. ބޭރަށް ބަލައިލުމުން އާތިފަށް ފެނުނީ ކަޅު ދުންތަކެވެ. ވަގުތުން އޭނާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ބަލާކަށް ނުހުރެ ވީލް ހައުސްއަށް ވަދެ ގިޔަރު ކަނޑައިލިއެވެ. އެ ވަގުތު މުޅި ބޯޓުން ކަރަންޓު ގޮސް އިންޖީނު ނިވުނެވެ.

ފުރަތަމަ ވެސް އޭނާ ގުޅީ ކޯސްޓުގާޑަށެވެ. ވެގެން އުޅޭ ގޮތް ކޯސްޓުގާޑަށް އެންގުމަށްފަހު ދެން ގުޅީ ބޯޓުގެ ވެރިފަރާތަށެވެ. އާގަލާ ބޯޓަކީ އައްޑޫ ސިޓީ ހިތަދޫ މީހެއްގެ ބޯޓެކެވެ. އޮޑި ވެރި މީހާއަށް މައުލޫމާތު ދިނުމަށްފަހު ދެން އޭނާ ގުޅީ އަންހެނުންނަށެވެ. ހާސްވެ ކަންބޮޑުވެފައި ހުރެ އަންހެނުންނަށް އެ ހަބަރު ދިނުމަށްފަހު ދެން އާތިފް އަވަސްވެގަތީ ކައްޕިއެއްގެ އެންމެ ބޮޑު ޒިންމާ އަދާކުރުމަށެވެ. އެއީ ބޯޓުގައި ތިބި ފަޅުވެރިންނާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމެވެ.

އޭރު މުޅި ބޯޓު ވަނީ ކަޅު ދުމުން ފުރިފައެވެ. މީހުންތައް ކޮށިއަރާތީ އުޅެއެވެ. އޭރު ބޯޓުގެ ބޮޑު ބައެއްގައި އޮތީ ހުޅުހިފައިފައެވެ. ބޯޓުގައި ފެންއަޅައިފައި ހުރި ހަންތައް ހުސްކުރުމަށްފަހު ކޮންމެ މީހަކަށް ހަމެއް ދޭން އާތިފް ފަޅުވެރިން ގާތުގައި އެދުނެވެ. އެއަށްފަހު އިމަޖެންސީގައި ބޭނުންކުރަން ބޯޓުގައި އޮންނަ އެއާ ބޭގެއް މޫދަށް ބޭލުމުގެ މަސައްކަތް ފެށިއެވެ.

އެއަށްފަހު އެންމެން މޫދަށް ފޭބުމަށް އެދުމަށްފަހު އާތިފް އަނެއްކާ ވެސް ގުޅީ ކޯސްޓުގާޑަށެވެ. ކޯސްޓުގާޑު އޮތް ހިސާބެއް އޮޅުންފިލުވުމަށްފަހު ބޯޓު ދޫކޮށްލުމަށްފަހު މޫދަށް ފައިބާކަމުގެ ހަބަރު އޭނާ ދިނެވެ. ކޯސްޓުގާޑުން އޭރު ބުނީ މީމު އަތޮޅުން ނައްޓައިލައިފި ކަމަށެވެ. އެ ވަގުތު އޭނާގެ އަންހެނުން ވެސް ގުޅިއެވެ. ނަމަވެސް މޫދަށް ފައިބަނީ ކަމަށާއި މާ ގިނަ ވާހަކަ ދައްކަން ހުރެވޭނެހާ ވަގުތު ނެތްކަމަށް ބުނެ އާތިފް ވެސް ފޭބީ މޫދަށެވެ. އޭރު އެ އަލިފާންގަނޑު މުޅި ބޯޓަށް ފެތުރި އެ މީހުންގެ ގަޔަށް ވެސް ހޫނު ވާން ފަށައިފިއެވެ.

މޫދަށް ފޭބުމަށްފަހު 15 މީހުންގެ ތެރެއިން 12 މީހުން ތިބީ އެއްކޮށްނެވެ. އަނެއް ތިން މީހުން ވެސް ތިބީ އެ މީހުންނާ ވާހަކަ ދެއްކޭހާ ގާތުގައެވެ. މަޑުމަޑުން ކުރިމަތީގައި ފެންނަން އޮތް ފަޅުރަށަކާ ދިމާލަށް ދިއުމަށް އާތިފް އެންމެން ގާތު ބުންޏެވެ. ނަސީބަކުން ކަނޑުމަޑެވެ. ފުދޭވަރަކަށް ހަނދުވަރު ވެސް ދެެއެވެ. އެކަމަކު، ގާތްގަނޑަކަށް ދެ ގަޑިއިރު ކަނޑުމަތީގައި އެ މީހުން ތިއްބެވެ. ކޯސްޓު ގާޑު އައީ އެހާއިރުއެވެ.

އާގަލާ ބޯޓުގައި ރޯވި ހާދިސާ - އެމްއެންޑީއެފް

ކޯސްޓުގާޑުގެ އުޅަނދު ފެނުމުން ފަޅުވެރިއެއްގެ އަތުގައި އޮތް ބައްތި އެޅުވިއެވެ. އެ ހިސާބުން ކޯސްޓުގާޑަށް އެ މީހުން ފެނުނެވެ. ކަނޑުމަތީގައި ތިބި އެންމެން ސަލާމަތް ކުރިއެވެ. އެންމެ މީހަކު ފިޔަވައެވެ.

އެ މީހާއަކީ އެ ބޯޓުގެ ފަޅުވެރިއެކެވެ. އިންޖީނު ރޫމުގައި ޑިއުޓީގައި އިންދާ އާތިފް ގޮސް ސަމާސާކޮށްލި ފަޅުވެރިޔާއެވެ. އަލިފާނުގެ ހާދިސާ ހިނގުމުން އޭނާ ހުރީ ވަރަށް ބިރުން ކަމަށް އާތިފް ކިޔައިދިނެވެ. ނަމަވެސް، އޭނާ މޫދަށް ފޭބިކަން އާތިފަށާއި އެ ތަނުގައި ތިބި އެންމެންނަށް ވެސް ކަށަވަރެވެ. މޫދަށް ފޭބި ފަހުން ވެސް އޭނާ ވާހަކަ ދައްކާ އަޑު އިވުނެވެ. އާތިފް ބުނި ގޮތުގައި އޭނާއަކަށް މާ ރަނގަޅަކަށް ދިވެހި ބަހެއް ނޭނގެއެވެ. އެހެންކަމުން އޭނާ އާންމުކޮށް ވާހަކަ ދައްކަނީ ހިންދީންނެވެ.

ވަކިން ތިބި ތިން މީހުންގެ ތެރޭގައި އޭނާއެއް ނެތެވެ. އެންމެން ކޯސްޓުގާޑުގެ އުޅަނދަށް އެރުވުމަށްފަހު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފެށިއެވެ. އެކަމަކު، އަދި އަދަށް ދާންދެން ވެސް އޭނާ ހޯދަން ކުރި މަަސައްކަތް ނާކާމިޔާބެވެ.

ކަނޑުމަތީގައި ތިބި ވަގުތު އެ މީހުން ދަތުރުކުރަމުންދިޔަ ބޯޓު އަނދައިގެން ދާ މަންޒަރު ފެނުނެވެ. އެ މީހުންނަށް ކޯސްޓުގާޑުގެ އުޅަނދުގައި ނައްޓައިލެވުނީ 6:30 އެހާއިރުއެވެ. އޭރު ބޯޓުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑުބައި އޮތީ އަނދައިގެން ގޮސްފައެވެ. ކޯސްޓުގާޑާ ހަވާލާދީ އާތިފް ބުނި ގޮތުގައި މުޅި ބޯޓު އަޑިއަށް ދިޔައީ 8:30 އެހާއިރުއެވެ.

އެންމެ ބޮޑު ހިތާމައަކީ އިންޑިއާއަށް ނިސްބަތްވާ ފަޅުވެރިޔާ ގެއްލުމެވެ. އެކަނި ހުރެ ވިސްނާލުމުން މިހާރު ވެސް އާތިފްގެ ހަނދާނަށް އަންނަނީ އިންޖީނު ރޫމް ކައިރީގައި އިންދާ ގޮސް އޭނާއާ ސަމާސާކޮށްލާ ވާހަކަ ދައްކައިލެވުނު ހަނދާނެވެ. އޭނާ ގެއްލުމުގެ ހިތާމަ އެ ބޯޓުގެ އެންމެން ވެސް ކުރެއެވެ. އެކަމަކު އަދިވެސް އުންމީދަކީ އޭނާ ހެޔޮހާލުގައި ފެނުމެވެ،

ކޯސްޓުގާޑުން އާތިފް އާއި ބޯޓުން ސަލާމަތްވި އިތުރު 13 މީހުން ގެންދިޔައީ މ. މުއްޔަށެވެ. އެ ރަށުން އެ މީހުންނަށް މެހެމާންދާރީ އަދާކުރީ ވަރަށް ވެސް ރަނގަޅަށެވެ. އާތިފް ބުނީ އެ ރަށުގެ ހުރިހާ ރައްޔިތުން ވެސް ވަރަށް ހެޔޮކަމަށެވެ. އަދި ކައުންސިލުން ވެސް އެ މީހުންނާ ވަރަށް ގާތްކަން ބަހެއްޓެވި ކަމަށެެވެ.

އާދީއްތަ ދުވަހުގެ ރޭ އެއްކޮށް، އާތިފް އާއި ބޯޓުގައި ތިބި އެންމެން ހޭދަކުރީ ބިރުވެރި ވަގުތުތަކެކެވެ. އެކަމަކު ސަލާމަތްވާނެ ކަމުގެ އުންމީދުގައި އެންމެން އެކުގައި ތިބީއެވެ. ކަނޑުމަތީގައި ގިނަ ދުވަސްތަކެެއް ހޭދަކުރެވިފައި ވިޔަސް މިވަރުގެ ބިރުވެރި ތަޖުރިބާއެއް އޭނައަކަށް ނުކުރެވެއެވެ.

އެ ބޯޓުގައި ތިން ކާރާއި ތިން ސައިކަލު ވެސް ހުއްޓެވެ. އެތައް ބައެއްގެ މުދާތައް ހުއްޓެވެ. އަނދާ ހުލިވެ އަޅިއަށް ވެގެން އެ ހުރިހާ މުދަލެއް ވެސް ބޯޓާއެކު އެ ދިޔައީއެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ.

އެ ބިރުވެރިކަމާއި ނާމާންކަން އަދިވެސް ސިފަކުރެވޭ ކަމަށް ބުންޏެވެ. އެ ހަނދާން އަބަދުމެ އާތިފްގެ ހަނދާނުގައި ހުންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
8%
3%
71%
8%
5%
4%
ކޮމެންޓް