މަކަރާއި ހީލަތުން މުދާ އެތެރެކޮށް ވިއްކާ މީހަކު ހައްޔަރުކޮށްފި
28 ފެބުރުއަރީ 2023 | އަންގާރަ 15:47އޭނާ ވަނީ ތަކެތި ގަނެފައި ސައްޙަ ނޫން ޓެލެގްރަފިކް ޓްރާންސްފަރ ކޮށްފައި


ފުލުހުންގެ މައި އިދާރާ
މަކަރާއި ހީލަތުން ރާއްޖެއަށް މުދާ އެތެރެކޮށް ވިއްކައި، އެއިން މަންފާ ހޯދާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކުރި މީހާ ދަނީ ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުގެ ކުންފުނިތަކުން ދިވެހި ރާއްޖެއަށް މުދާ އެތެރެކޮށް އެ މުދަލުގެ އަގު އަދާކުރުމުގެ ގޮތުން އެފަރާތްތަކަށް ސައްޙަ ނޫން ޓެލެގްރަފިކް ޓްރާންސްފަރ (ޓީ.ޓީ) ފޮނުވައި، މަކަރާއި ހީލަތުން އޮޅުވާލައިގެން މުދާ އެތެރެކޮށް، އެމުދާ ރާއްޖޭގައި ވިއްކާ މަންފާ ހޯދަމުން ކަމަށެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން މާލޭގައި އެމީހާ ދިރިއުޅެމުންދާ ތަން ބަލައިފާސްކޮށްފައިވާކަމަށެވެ.
ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓުން ދަނީ މި މައްސަލަ ތަޙްޤީޤްކުރަމުންނެވެ.











