ސިޔާސީ މަސްރަހު ހިމޭންކޮށް އޮންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. ޕާޓީގެ ބޭރުންނާއި އެތެރެއިންނާއި އިދިކޮޅުން ވެސް ސަކަރާތެއް ނުޖަހާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް ސިޔާސީ ހަމަހިމޭންކަމެއް ގައުމުގައި އޮތުމަކީ ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ޑިމޮކްރަސީއެއް ނޫނެވެ. ޑިމޮކްރަސީއަކަށް ވަނީ ގަދަޔަށް ހަޅޭލަވާ، ހުދު ކަޅަށް ބަދަލުކޮށް، ދުވާލު ރޭގަނޑަށް ހެދުމުންނެވެ. އިދިކޮޅު މީހުން ސަރުކާރުގެ ސޯޓު ބޭލުމުންނެވެ. ފެންނަން އޮތް ހަގީގަތް ބަދަލުކޮށް ޕާޓީ ތެރޭގައި އެކަކު އަނެކަކު ބަރަހަނާ ކުރުމުންނެވެ.
މިހާރު ފެންނަމުން މިދަނީ ވެސް އެކަހަލަ މަންޒަރެކެވެ. ފޯޅަވަހީގެ މައްސަލައިގައި ސަރުކާރު ބަރަހަނާކުރަން ޕާޓީ ތެރެއިންނާއި އިދިކޮޅުން ވަލުގެ އެއްކޮޅުގައި ހިފާ ދަމަނީއެވެ. ހަގީގަތް ކިތައްމެ ސާފުކޮށް ފެންނަން އޮތަސް އެކަމެއް ގަބޫލުކުރަން ބޭނުން ނުވެއެވެ.
ފޯޅަވައްސަކީ ރާއްޖޭގެ ތަނެއްކަމަށް ދެކެވޭ ވާހަކައިގެ ހަގީގަތަށް ބަލާއިރު، އެތައްސަތޭކަ އަހަރެއްވީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ފޯޅަވަހި ހޯދުމަށް އެއްވެސް ވެރިކަމެއްގައި އެއްވެސް ރަސްކަމެއްގައި ރަސްމީގޮތަކުން އެއްވެސް ތަނަކަށް އަންގާފައި ނެތެވެ. އެތަނުގެ ވަޒަންވެރިންނަކީ ކޮބައި ކަމާއި، އެތަނަށްވީ ކިހިނެއް ކަން ދިރާސާ ކުރާ އެތައް ބައެއްގެ ފޮތްތަކުގައި ލިޔެފައި އެބަހުއްޓެވެ. ދިވެހިން ގަބޫލުކުރާގޮތުގައި އެއީ ދިވެހިންގެ ތަނެކެވެ. މޮރިޝަސް މީހުން ގަބޫލުކުރާ ގޮތުގައި ފޯޅަވައްސަކީ އެމީހުންގެ ތަނެކެވެ.
ތާރީހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާގޮތުން، ކުރީ ޒަމާނުގައި ސަރުކާރު ހިންގަވަން ތިބި ބޭފުޅުން އެތަން ދޫކޮށްލެއްވުމުން އިނގިރޭސީންގެ އަތްދަށަށް އެތަން ދިޔައެވެ. ދެން ދިވެހިރާއްޖޭގެ ބާރު ދެރަކަމުން، މިލިޓަރީ ބާރަކަށް ނުވާތީ އިނގިރޭސީން އެތަން އަތުލުމުން ކުރެވޭނެ ކަމެއް ނެތިގެން ދޫކޮށްލީ ކަމަށް ވެސް ވުން އެކަށީގެންވެއެވެ.
މިހާރު ހިނގަމުންދާ މައްސަލައަށް ބަލާއިރު، މޮރިޝަސް އިން ފޯޅަވަހީގެ މައްސަލައިގައި ދައުވާކުރަނީ ދެ ސަބަބަކާހުރެއެވެ. އިނގިރޭސީވިލާތުގެ ސިޔާދަތީ ބާރު ފޯޅަވައްސައް އޮތަސް އަދި މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ގަބޫލުކުރިޔަސް، އެއީ ދިވެހިރާއްޖޭގެ ސަރަހައްދުން އެއްވެސް ބައެއް ގެއްލޭނެ ސަބަބެއް ނޫނެވެ.
ފޯޅަވަހީގެ މައްސަލައިގައި އޮޅުވާލައިގެން ސިޔާސީ މަންފާއަށް އެކި ވާހަކަތައް ދައްކަމުން އަންނަ އިރު، 2019 ގައި އދ ގައި ނެގުނު ވޯޓުގެ ވާހަކައަށް ބަލާލުން މުހިންމެވެ. 2019 ވަނަ އަހަރު އދ ގައި ނެގި ވޯޓުގައި އިނގިރޭސީން ފޯޅަވަހިން ފައިބައި މޮރިޝަސްއަށް އެތަން ހަވާލުކުރުމާ ދެކޮޅަށް ވޯޓުދިން 6 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުނެވެ.
ޗާގޮސްގެ ސިޔާދަތާ ގުޅޭ މައްސަލައަކީ މީގެ އެތައް އަހަރުތަކެއް ކުރިން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އެފެދިފައިވާ، އެހެންނަމަވެސް ހައްލުކުރެވިފައިނުވާ މައްސަލައެކެވެ. 23 އޮގަސްޓު 2019 ގައި މޮރިޝަސްގެ ފަރާތުން، ދިވެހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (ޓްރައިބިއުނަލް) އަށް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (މުޢާހަދާ) ގެ ދަށުން މައްސަލައެއްވަނީ ހުށަހަޅާފައެވެ. އެ މައްސަލައިގައި، މޮރިޝަސް އިން ހުށަހެޅި މައްސަލަ ބަލައި ކަނޑުގެ ސަރަޙައްދުގެ ބައުންޑަރީ ކަނޑައެޅުމުގެ އިހުތިސާސް ޓްރައިބިއުނަލަށް ލިބިގެންނުވާކަމަށް އިޖުރާއީ ގޮތުން ދިވެހިރާއްޖެއިން ފާހަގަކުރިއެވެ. އެހެންނަމަވެސް ޓްރައިބިއުނަލުން 28 ޖަނަވަރީ 2021 ގައި ނިންމާފައިވަނީ މައްސަލަ ބެލުމަށެވެ.
ޓްރައިބިއުނަލްގެ އެ ނިންމުމާއި ގުޅިގެން ދެން ކުރިއަށް ދިޔައީ ދެ ޤައުމުން ލިޔުމުން ޖަވާބުދާރީވުމުގެ މަރުޙަލާއެވެ. މި މައްސަލައިގައި ދިވެހިރާއްޖޭގެ ފަރާތުން ލިޔުމުން ޖަވާބު ހުށަހަޅާފައިވަނީ ކަމާގުޅޭ ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހޯދައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް، ދިވެހި ދައުލަތުގެ އެންމެ މަތީ މަޞްލަޙަތުތައް ހިމާޔަތްކުރުމަށް އިސްކަންދީގެންނެވެ. މި މައްސަލައަކީ ދިވެހިރާއްޖެ ފަދަ މަސްވެރިކަމަށް ބަރޯސާވާ ޤައުމަކަށް މުހިންމު މައްސަލައަކަށްވުމުން ދިވެހިރާއްޖެ ތަމްސީލުކުރުމަށްޓަކައި މި ދާއިރާއިން ފާހަގަކޮށްލެވޭ ތަޢުލީމާއި ތަޖުރިބާހުރި ބައިނަލްއަޤްވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ޚަބީރުންގެ މައްޗަށް އެކުލެވޭ ޓީމެއް އައްޔަނުކުރެވުނެވެ. މި މައްސަލައިގައި ކަމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ޤާނޫނީ އުޞޫލުތަކާއި ނިންމުންތަކުގައިވާ ގޮތުގެ މަތިން ޓްރައިބިއުނަލްގައި ދިވެހިރާއްޖޭގެ މަސްލަހަތުތައް އެންމެ ފުރިހަމައަށް ވާނީ ދިފާއުކޮށްފައެވެ.
މިގޮތުން، ރާއްޖޭގެ ދިފާއު ބިނާކޮށްފައިވަނީ އަންނަނިވި މައިގަނޑު ކަންކަމުގެ މައްޗަށެވެ.
- މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރު (Low Tide Elevation ނުވަތަ LTE) ގައި ފެންނަން އޮތް Blenheim Reef (ބްލެންހެމް ރީފް) އިން ފެށިގެން ކަމުގައި ބަޔާންކޮށްފައިވީ ނަމަވެސް، ބައިނަލްއަޤްވާމީ ކޯޓުތަކުން މިފަދަ މައްސަލަތަކުގައި މިހާތަނަށް ނިންމާފައިވާ ނިންމުންތަކަށް ރިޢާޔަތްކޮށް އެއީ ބޭސް ޕޮއިންޓްއެއް ކަމަށް ނުބަލައި އެ ސަރަޙައްދު ބައިކުރުމަށް ދިވެހިރާއްޖެއިން މަސައްކަތްކޮށް ކާމިޔާބުވެއްޖެނަމަ ދިވެހިރާއްޖެއަށް 4,687 އަކަކިލޯމީޓަރުގެ އިތުރު ސަރަޙައްދެއް ލިބިގެންދާނެތީ، ސަރަޙައްދު ބައިކުރަން މޮރިޝަސްއިން ހުށަހަޅާފައިވާ ގޮތަށް އިޢުތިރާޟްކުރުން؛
- ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (CLCS) އަކީ އައުޓަރ ކޮންޓިނެންޓަލް ޝެލްފްގެ ލިމިޓް ކަނޑައެޅުމަށް ޚާއްޞަކޮށް އުފައްދާފައިވާ ކޮމިޝަންއެއް ކަމަށްވާތީއާއި މި މައްސަލަ މިހާރު ބަލަމުންދާ ޓްރައިބިއުނަލްގެ ސްޕެޝަލް ޗެމްބަރަކީ އައުޓަރ ކޮންޓިނެންޓަލް ޝެލްފްއާގުޅޭ މައްސަލަތައް ބެލުމަށް ސައިންޓިފިކް އެކްސްޕަރޓުން ފަދަ ޚާއްޞަ ޚަބީރުން ހިމެނޭގޮތަށް އެކުލަވާލެވިފައިވާ ޗެމްބަރެއްކަމުގައިނުވާތީ، ދިވެހިރާއްޖޭގެ ފަރާތުން CLCS އަށް 2010 ވަނަ އަހަރު ހުށަހަޅާފައިވާ ހުށަހެޅުމާ އެއްގޮތަށް އެ ކޮމިޝަނުން އައުޓަރ ކޮންޓިނެންޓަލް ޝެލްފްއާމެދު ގޮތެއް ކަނޑައެޅުމަކީ ދިވެހިރާއްޖެއަށް އެންމެ ފައިދާހުރި ގޮތްކަމަށް މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވޭތީ، އައުޓަރ ކޮންޓިނެންޓަލް ޝެލްފްއާ ގުޅޭ ގޮތުން މޮރިޝަސްއިން ހުށަހަޅާފައިވާ ހުށަހެޅުން ބެލުމުގެ އިޚްތިޞާޞް ޓްރައިބިއުނަލްގެ ސްޕެޝަލް ޗެމްބަރަށް ލިބިފައިނުވާކަމަށް ހުށަހެޅުން؛
- ބުނެވިދިޔަ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތަށް ދިވެހިރާއްޖެއިން ހުށަހަޅާ ހުށަހެޅުން ބަލައިނުގަނެ، އައުޓަރ ކޮންޓިނެންޓަލް ޝެލްފްއާގުޅޭ މައްސަލަ ބެލޭނެ ކަމަށް ޓްރައިބިއުނަލުން ނިންމަވާ ޙާލަތުގައިވެސް، އައުޓަރ ކޮންޓިނެންޓަލް ޝެލްފް ކަނޑައެޅުމުގެ ގޮތުން ހުށަހަޅަންޖެހޭ natural prolongation އާގުޅޭ ސައިންޓިފިކް އަދި ޓެކްނިކަލް ހެކިތައް މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިނުވާތީ، މޮރިޝަސްއަށް އައުޓަރ ކޮންޓިނެންޓަލް ޝެލްފް ޙައްޤުވެގެން ނުވާކަމަށް ބަޔާންކުރުން.
މައްސަލައިގެ ލިޔުމުން ޖަވާބުދާރީވުމުގެ މަރުހަލާ ނިމުމުން، އާންމުކޮށް ހުޅުވާލައިގެން ބޭއްވޭ މި މައްސަލައިގެ އަޑުއެހުންތައް 17 އޮކްޓޫބަރު 2022 އިން ފެށިގެން 24 އޮކްޓޫބަރު 2022 އާ ހަމައަށް، ޓްރައިބިއުނަލްގައި ކުރިއަށް ގެންދިޔައެވެ. އަދި 24 އޮކްޓޫބަރު 2022 ގައި މައްސަލައިގެ އަޑުއެހުންތައް ނިންމާލުމަށްފަހު، މި މައްސަލަ ބައްލަވާ ޓްރައިބިއުންލަގެ ސްޕެޝަލް ޗެމްބަރުގެ ފަރާތުން މައްސަލައާ ގުޅޭ އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ މި މައްސަލައިގައި ގޮތެއް ކަނޑައެޅުމެވެ.
މި މައްސަލައިގައި، މިބާވަތުގެ އެހެން މައްސަލަތަކުގައިވެސް އާންމު އުސޫލުން ނިންމުންތައް ނިންމާ ހަމަތަކަށް ބަލާއިރު، މުއާހަދާގައި ބަޔާންކޮށްފައިވާ ބައިނަލްއަޤްވާމީ ޤާނޫނީ ހަމަތަކާ އެއްގޮތަށް، ފުށުއަރާ ކަނޑުގެ ސަރަހައްދުތަކުގެ ބައުންޑަރީ ޓްރައިބިއުނަލުން ކަނޑައަޅާނެއެވެ. ބައިނަލްއަޤްވާމީ އުސޫލުތަކަށް ރިއާޔަތްކުރާއިރު، އާންމު އުސޫލެއްގެ ގޮތުން ދެޤައުމުގެ މެދުގައި އޮންނަ ފުށުއަރާ ސަރަހައްދުގެ ބައި ކަނޑައަޅަނީ އިކުއިޑިސްޓެންސްގެ ހަމަހަމަ އުސޫލުންނެވެ. އޭގެ ނަތީޖާއަކަށްވާނީ، މުއާހަދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ބައުންޑަރީ ކަނޑައެޅި، ދިވެހިރާއްޖެއަށް އެ ސަރަހައްދުތަކުގެ މައްޗަށް ސިޔާދަތީ ހައްޤުތައް ލިބިގެން ދިއުމެވެ.
ޗާގޯސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން 2019 ގައި ނިންމެވި ނިންމެވުމުގައި، އިނގިރޭސިވިލާތުން އެ ތަން މޮރިޝަސްއާ ހަވާލުކުރަންޖެހޭ ކަމަށް ނިންމާފައިވެއެވެ. އެ ނިންމުމާ ގުޅުވައިގެން އދ ގެ ޖެނެރަލް އެސެމްބްލީގައި ދޭ ވޯޓުގެ މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެކެވެ. އަދި އދ ގެ ޖެނެރަލް އެސެބްލީގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓުލުމަކީ، ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެއެވެ.
އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ފެބްރުއަރީ 2019 ގައި ނެރުނު "އައި.ސީ.ޖޭ. އެޑްވައިޒަރީ އޮޕީނިއަން އޮން ލީގަލް ކޮންސީކުއެންސަސް އޮފް ދަ ސެޕަރޭޝަން އޮފް ޗާގޮސް އާކިޕެލަގޯ ފްރޮމް މޮރިޝަސް އިން 1965 " އަށް ބަލާއިރު، އެ އޮޕީނިއަންގައި އިނގިރޭސިވިލާތުން ޗާގޮސް އިސްތިއުމާރުކޮށްފައިވާ ކުރުމަށް ނިމުމަކަށް ގެނެސް އެތަން ވީ އެންމެ އަވަހަކަށް މޮރިޝަސްއާ ހަވާލުކުރަންޖެހޭކަމަށް ކަނޑައަޅާފައިވެއެވެ. އަދި މި އައި.ސީ.ޖޭ. އޮޕީނިއަންއާ ގުޅިގެން، 06 މަސްދުވަހުގެ ތެރޭގައި ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލައި ޔޫއެން ޖެނެރަލް އެސެމްބްލީގެ ރިޒޮލިއުޝަނެއް ވެސް 22 މެއި 2019 ގައި ފާސްކޮށްފައިވެއެވެ. އެ ރިޒޮލިއުޝަން ނެރެފައިވަނީ 116 ޤައުމުގެ ތާއިދާއެކުގައި ކަމާއި، އެ ރިޒޮލިއުޝަނާ އިދިކޮޅަށް ރާއްޖެއިން ވޯޓުލާފައިވަނީ، ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށްވުރެ އިތުރުކުރުމަށް ދިވެހިރާއްޖެއިން ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީ.އެލް.ސީ.އެސް.) އަށް 26 ޖުލައި 2010 ގައި ހުށަހެޅި ހުށަހެޅުމަށް މޮރިޝަސްއިން އިއުތިރާޒުކޮށް، 24 މާޗް 2011 ގައި "ފޯމަލް ޕްރޮޓެސްޓް" ހުށަހަޅާފައިވާތީއެވެ.
އެހެންނަމަވެސް، ރާއްޖެއަކީ ޑީކޮލޮނައިޒޭޝަންއަށް އަބަދުވެސް ތާއީދުކުރާ ގައުމަކަށްވެފައި، މިހާރު މޮރިޝަސްއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވަމުން އަންނައިރު، ދިވެހިރާއްޖެއިން ވެސް މޮރިޝަސްއާ އެއްކޮޅަށް މި އަހަރުގެ އދ.ގެ ޖެނެރަލް އެސެމްބްލީގައި ވޯޓުލާން ނިންމައި، އެކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅަކުން މޮރިޝަސްގެ ބޮޑުވަޒީރަށް އަންގަވާފައިވާކަން، މިހާރު ޓްރައިބިއުނަލްގައި ހިނގަމުންދާ އަޑުއެހުމުގައި އެޓަރނީ ޖެނެރަލް ފާހަގަކުރައްވާފައިވެއެވެ. ޔޫއެން ޖެނެރަލް އެސެމްބްލީގައި ބަހުސްކުރެވޭ ވަކި ކަމެއްގައި ވަކި ގޮތަކަށް ވޯޓު ދިނުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތާ ގުޅިފައިވާ ކަމެކެވެ. އަދި ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (މ) އަށް ބަލާއިރު ޚާރިޖީ ސިޔާސަތު ކަނޑައެޅުމާއި، ހިންގުމާއި، އެ ސިޔާސަތު ހިނގާ ނުހިނގާ ގޮތް ބަލައި، ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއެކު ގުޅުން ޤާއިމުކޮށް ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރެކެވެ.
އަދި ޓްރައިބިއުނަލްގައި އޮތް ދިވެހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭގޮތުން ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލައަކީ ރާއްޖެ ބައިވެރިވެފައިވާ މުއާހަދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގޮތް ނިންމަންޖެހޭ މުޅިން ތަފާތު މައްސަލައެއްކަމަށްވާއިރު އައި.ސީ.ޖޭ. ގެ ނިންމުން ތަންފީޒުކޮށް ޗާގޮސް މޮރިޝަސްއާ ޙަވާލުކުރުމަށް ގޮވާލާ ޤަރާރަށް އދ.ގެ ޖެނެރަލް އެސެމްބްލީގައި ތާއީދުކޮށް ވޯޓުލުމުގެ ސަބަބުން ޓްރައިބިއުނަލްގައި ކުރިޔަށްދާ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެއެވެ.
ޗާގޯސް މައްސަލައިގައި، އެކި ސަރުކާރުތަކުން އެކި ފަރާތްތަކާ ވާހަކަ ދައްކާފައި އެބަހުއްޓެވެ. އެއްބަޔަކު އިނގިރޭސިވިލާތާ އެކީގައި، އަނެއް ބަޔަކު މޮރިޝަސްއާ އެކީގައެވެ. މި މައްސަލައިގައި ސަރުކާރުން މަސައްކަތް ކުރަމުން މި އަންނަނީ ބައިނަލްއަޤުވާމީ ޓްރައިބިއުނަލެއްގައެވެ. ވަކި ސަރުކާރަކާ އެކީގައެއް ނޫނެވެ. މޮރިޝަސް ސަރުކާރުން އިޓްލޮސްއަށް ހުށަހަޅާފައި އޮތް މައްސަލައިގައި ވެސް ސަރުކާރުން އަންނަނީ ދިވެހިރާއްޖޭގެ އެންމެ މަތީ މަަސްލަހަތު ހިމާޔަތް ކުރަމުންނެވެ.
ނަމަވެސް މިކަމުގައިވެސް ވަކި މީހެއްގެ އަމިއްލަ ބޭނުމަކަށް ނޫނީވިއްޔާ ވަކި ބައެއްގެ އަމިއްލަ ބޭނުމަކު ނުވަތަ ސިޔާސީ މަޤްސަދެއް ހާސިލުކުރުމަށް އަދި ކަމުގެ ހަގީގަތް އެނގި ތިބެ، ކަނޑައެޅިގެން ދޮގު ވާހަކަތައް ފަތުރަމުން ދިޔުމަކީ ވަރަށް ދެރަ މައްސަލައެކެވެ. އެފަދަ ވާހަކަތައް ފަތުރައިގެން ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރުމަކީ އެއަށްވުރެ މާބޮޑަށް ހިތާމަހުރި ކަމެކެވެ.
މި މައްސަލައިގައި ވެސް އަދި ޚާރިޖީ ދާއިރާ އާ ގުޅޭ އެހެން ކަމެއްގައި ވެސް ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭ ފަދަ ނިންމުމެއް މި ސަރުކާރަކުން މިހާތަނަށް ވެސް ނިންމާފައެއް ނެތެވެ. އަދި ދެން ވެސް އެފަދަ ގެއްލުމަކަށް މި ސަރުކާރުން ޖާގައެއް ނުދޭނެކަމުގެ ޔަގީންކަން އެދަނީ ދެމުންނެވެ.
ދިވެހިރާއްޖޭގެ ސަރަހައްދަކީ ކޮބައިކަން، އަޅުގަނޑުމެންގެ ޤާނޫނުއަސާސީގެ 3 ވަނަ މާއްދާގައި ވަރަށް ސާފުކޮށް އެބައޮތެވެ. އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާއި އެހެން ޤައުމެއްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ނަމަ އަމަލުކުރާނެ ގޮތް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައި އެބައޮތެވެ. މިއީ ފިތުނަ އުފައްދަންވީ ވަގުތެއް ނޫނެނެވެ. ސިޔާސީ މީހުން ރައްޔިތުންނަށް ކަން އޮތްގޮތް ހަގީގަތާ އެއް ގޮތަށް ކިޔައިދޭންވީ ވަގުތެވެ.