Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މ. އަތޮޅަށް ކުރެއްވި ދަތުރުފުޅު

ރައީސުލްޖުމްހޫރިއްޔާ މުލަކަތޮޅުގެ ފަސްރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ، އެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވެވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 29 އޯގަސްޓު 2022 | ހޯމަ 07:24
ރައީސް މުލަކަތޮޅުގެ 5 ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ ހޯމަ ދުވަހު ވަނީ މާލެ ވަޑައިގަންނަވާފައި

ރައީސް މުލަކަތޮޅުގެ 5 ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ ހޯމަ ދުވަހު ވަނީ މާލެ ވަޑައިގަންނަވާފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މުލަކަތޮޅުގެ ފަސްރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ހޯމަ ދުވަހުގެ ހެނދުނު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މ.އަތޮޅަށް ކުރެއްވި މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ އެއަތޮޅު ރަތްމަންދޫ އަށެވެ. މީގެ އިތުރުން އެއަތޮޅު މަޑުއްވަރީ އާއި ދިއްގަރާއި ވޭވަށުގެ އިތުރުން އެއަތޮޅުގެ އަތޮޅުވެރިކަންކުރާ ރަށް، މުއްޔަށްވެސް އެމަނިކުފާނު ވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ރަތްމަންދޫއަށް ވަޑައިގެން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވައި ރަތްމަންދޫގެ ތަރައްޤީއަށް ހިންގަމުންދާ މަޝްރޫއުތަކާއި ރައްޔިތުންނަށް ހުރި ދަތިތަކާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުވުމަގައި ކައުންސިލުން ވިދާޅުވީ، މިސަރުކާރުން ރަތްމަންދޫގެ ރައްޔިތުން ކުރިން އުއްމީދު ނުކުރާވަރުގެ ތަރައްޤީއެއް ގެނެސްދީފައިވާ ކަމަށެވެ. އަދި މިހާރުވެސް ގިނަ މަޝްރޫއުތަކެއް ހިނގަމުންދާ ކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. ރަތްމަންދޫ ކައުންސިލުން ވިދާޅުވީ، ކުރިން އެރަށުގެ ރައްޔިތުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަމަކީ ފެނާއި ނަރުދަމާ ނެތުން ކަމަށެވެ. އެހެންނަމަވެސް މިހާރު ފެނާ ނަރުދަމާ އެޅުމުގެ މަސައްކަތް ހިނގަމުންދާކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރަތްމަންދޫ ކައުންސިލުން ފާހަގަކުރެއްވި ދަތިކަންކަމުގެ ތެރޭގައި ލަފާފުރުމުގެ ދަތިކަމާއި ރަށް ގިރުމާއި، ލެބޯޓްރީ ޚިދުމަތް މެދުކެނޑިފައިވުމާއި ސްކޫލު ކުދިން މަދުވުމާއި އެކު ތައުލީމު ދިނުމުގައި ހުރި ދަތިތައް ހިމެނެއެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާއާއެކު ބައިވެރިވެވަޑައިގެންނެވި ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ވަނީ، ރަތްމަންދޫގައި ހިންގަމުންދާ މަޝްރޫއުތަކާއި އަދި މިހާރު ހިންގުމަށް ރޭވިފައި ހުރި މަޝްރޫއުތަކުގެ މަޢުލޫމާތު ކައުންސިލް މެމްބަރުންނާއި ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކައުންސިލުން އެންމެ އިސްކަންދީގެން ޙައްލުކުރަން ބޭނުންވެލައްވާ ކަންކަން ޙައްލުކޮށްދެއްވުމަށް ސަރުކާރުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކާއި އެކު މަސައްކަތްކޮށްދެއްވާނެ ކަމަށެވެ. މިގޮތުން ރަށުގެ ރައްޔިތުން ހައްލުކުރަން ބޭނުންވާ އެންމެ މުހިއްމު ކަންތަކުގެ ތެރޭގައި ހިމެނޭ ބަނދަރެއް ހެދުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އަވަހަށް ފެށުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ރަތްމަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވިދާޅުވީ، ރަތްމަންދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެއްމަޝްރޫއެއްގެ ގޮތުގައި ކުރިޔަށް ގެންދެވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން މަޑުއްވަރީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ކޮމިޓީ އާއި ބައްދަލުކުރައްވައި، އެރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާއި ކުރިޔަށް ރޭވިފައިހުރި މަޝްރޫޢުތަކާއިގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މިބައްދަލުކުރެއްވުމުގައި މަޑުއްވަރީ ކައުންސިލުން ވަނީ، ސަރުކާރުން މަޑުއްވަރީގައި މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ހިންގާފައި ނުވާހައި ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މަޑުއްވަރީއަށް ދިމާވެފައިވާ މައްސަލަތަކާއި ހުރި ދަތިތަކާއި ގުޅޭ ގޮތުން ކައުންސިލުން ތައްޔާރުކޮށްފައިވާ ވީޑިއޯއެއް ވަނީ މިބައްދަލުވުމުގައި ދައްކާފައެވެ. މިގޮތުން މަޑުއްވަރީގެ ބަނދަރުގައި ނިވާކަމެއް ނެތުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި، ދެ މޫސުމަށް އުދައެރުމާއި، ރަށް ގިރުމާއި، ކުނީގެ މައްސަލަ އާއި ޒުވާނުންގެ މަރުކަޒެއް ނެތުމާއި، ސްކޫލުގެ ޖާގައިގެ ދަތިކަން ކައުންސިލުން ފާހަގަކުރައްވާފައި ވެއެވެ.

މިބައްދަލުވުމުގައި ވެސް އެންމެ ބޮޑަށް މަޝްވަރާކުރެވިފައި ވަނީ، މަޑުއްވަރީގެ ބަނދަރާއި ގުޅޭ ގޮތުންނެވެ. މަޑުއްވަރީގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރެވިފައިވީ ނަމަވެސް، އެމަސައްކަތް ނުފެށި އޮތީ ބަނދަރުގެ ކުރެހުމާއި މެދު މަޑުއްވަރީގެ ރައްޔިތުންގެ މެދުގައި ޚިޔާލުތަފާތުވުމުންނެވެ. އެކަމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަޑުއްވަރީގެ ބަނދަރު ހެދޭނީ މަޑުއްވަރީގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާ އެކު ރައްޔިތުން ބޭނުންވާ ގޮތް އެކަމުގައި ހިމެނިގެން ކަމަށެވެ. މަޑުއްވަރީގައި މިހާރު ކުރިޔަށްދާ މަޝްރޫއުތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތް ހިމެނެއެވެ.

މަޑުއްވަރީގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށްފަހުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަޑުއްވަރީގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.

މަޑުއްވަރީގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ކުރިން މަޑުއްވަރީ ކައުންސިލާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމީޓީ އާއި ބައްދަލު ކުރެއްވި ކަމަށާއި، ކައުންސިލުން ވެސް އެންމެ ބޮޑަށް ފާހަގަކުރެއްވި މައްސަލަތަކުގެ ތެރޭގައި، ބަނދަރުގެ މައްސަލަ އާއި ރަށް ގިރުމުގެ މައްސަލަ ހިމެނޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަޑުއްވަރީގެ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރެވިފައިވާ ކަމަށާއި، ބަނދަރުގެ ކޮންސެޕްޓް ފައިނަލްވީހާ އަވަހަކަށް އަމަލީ މަސައްކަތްފެށިގެންދާނެ ކަމަށެވެ. ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރެއިން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން މުލަކަތޮޅު ދިއްގަރު ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ބައްދަލުކުރައްވައި ދިއްގަރުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި ރައްޔިތުންނަށް ދަތިވެފައިވާ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން ކުރައްވަން ބޭނުންފުޅުވާ ވަރަށް ގިނަ ކަންކަން އަދިވެސް އެބަހުރި ކަމަށެވެ. އަދި ކައުންސިލްތަކާއި އެކު މިގޮތަށް ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމުގެ ބޭނުންފުޅަކީ، ރައްޔިތުން އެންމެ ބޭނުންވާކަންކަން ބައްލަވައިގެން ތަރައްޤީއަށް ހިންގޭ މަޝްރޫއުތައް ތަރުތީބު ކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިއްގަރު ކައުންސިލުން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި، ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ ތެރޭގައި، ހައުސިންގ މަޝްރޫއެއް ހިންގުމާއި، ރަށުގެ ބިންހިއްކުމުގެ މަސައްކަތް އަވަހަށް ނިންމުމާއި، ރަށުގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމާއި، ދިއްގަރު ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުން ހިމެނެއެވެ. އަދި ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި ސްކޫލުގައި އޭލެވެލްއަށް ކިޔަވައިދިނުމުގެ މުހިއްމުކަމުގެ އިތުރުން، ނަރުދަމާގެ މައްސަލަ ހައްލުކުރުމާއި، ދުވާލެއްގެ މައްޗަށް ފެން އުފެއްދޭ މިންވަރު އިތުރުކުރުން ހިމެނެއެވެ.

މ.ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތު ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މި ސަރުކާރު އައިއިރު ރައްޔިތުން ބޭނުންވާ އެތައް ގިނަ ކަންތައްތަކެއް ހުރީ ނުފުދި ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުން އެކަންކަން ކޮށްދިނުމަށް ދިއްގަރު ރައްޔިތުންނަށް ވައުދުވެފައި އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިއްގަރުގެ ތަރައްޤީއަށް މަސައްކަތްކުރުމުގައި، ސަރުކާރަށް އެއްބާރުލުން ދޭ ކައުންސިލެއް އޮތުމާއި ދާއިރާގެ މަޖިލީހުގެ މެމްބަރުގެ ފަރާތުން ލިބިވަޑައިގަންނަވާ އެއްބާރުލެއްވުން ފާހަގަކުރައްވާ ކަމަށެވެ. އަދި އެއީ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމުގައި ސަރުކާރަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ ދިއްގަރު ބިން ހިއްކުމުގެ މަސައްކަތް ނިމޭއިރު 38 ހެކްޓަރަށް ރަށް ބޮޑުވެގެންދާނެ ކަމަށެވެ. އަދި މިސަރުކާރުން ވައުދުވީ 25 ހެކްޓަރުގެ ބިން ހިއްކުމަށް ކަމަށާއި މިހާރު 17 ހެކްޓަރުގެ ބިން ހިއްކިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއާއިއެކު ރަށުގެ ލޭންޑްޔޫސް ޕްލޭން އަވަހަށް ހަދައި ބިން ބޭނުން ކުރާނެގޮތް ކައުންސިލުން ކަނޑައެޅުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ސަރުކާރުގެ މި ދައުރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގެ ލަފާފުރުމުގެ ދަތިކަން ޙައްލުކޮށްދެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މުލަކަތޮޅު ވޭވަށަށް ވަޑައިގެން ވޭވަށު ބަނދަރު ރަސްމީގޮތުން ހުޅުވައިދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫޢުތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުތައް ރާއްޖޭގެ 115 ރަށެއްގައި ހިނގަމުންދާކަން ފާހަގަކުރައްވައި އޭގެ ތެރެއިން 38 ރަށެއްގެ މަސައްކަތް ނިމި އިތުރު ރަށްރަށުގެ މަސައްކަތްތައް ކުރިޔަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ވޭވަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެ އާއި އޮފީސް ވެސް ރަސްމީކޮށް ވަނީ ހުޅުވައިދެއްވާފައެވެ. ފެނަކަ ކޯޕަރޭޝަނުން މ. ވޭވަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއެކު ކުރިއަށް އޮތް ވިހި، ތިރީސް އަހަރަށް އެއްވެސް ދަތިކަމެއްނެތި ކަރަންޓުގެ ޚިދުމަތް އެރަށަށް ފޯރުކޮށްދެވެމުންދާނެ ކަމުގައި އެމަނިކުފާނު ވަނީ މި ރަސްމިއްޔާތުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ވޭވަށުގެ ޒުވާނުން ބޭނުވާ ތަރައްޤީ ގެނައުމަށް ވެސް މިސަރުކާރުން މަސައްކަތްކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. އެގޮތުން ކުޅިވަރުގެ އެކިއެކި ފެސިލިޓިސްތައް ޤާއިމުކުރުމުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އެއްބާރުލުން ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފެނަކަ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތައް ރައްޔިތުން ބަލައިގެންފައިވާކަން ހާމަކުރައްވާފައެވެ. އަދި އެކަމަށްޓަކައި އެމަނިކުފާނު ވަނީ އެ ކުންފުންޏަށް ޝުކުރުއަދާކުރައްވާފައެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން އެމަނިކުފާނު ވަނީ ފެނަކައިން ފޯރުކޮށްދޭ ޚިދުމަތްތައް ރައްޔިތުން ބަލައިގެންފައިވާ މިންވަރުގެ ހެއްކެއްގެ ގޮތުން ރާއްޖޭގެ ބޮޑު ބައެއްގެ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލްތަކުން އެކުންފުންޏާ ހަވާލުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުންވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އައިސް ޕްލާންޓްގެ ޚިދުމަތް ނެތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ކުރިއަށް އޮތް ސެޕްޓެންބަރު މަހުގެ ތެރޭގައި އައިސް ޕްލާންޓްތައް ފެނަކައާ ހަވާލުކުރެވިގެން ދާނެކަމުގައިވެސް ވިދާޅުވެފައެވެ.

ވޭވަށު ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމިޓީ އާއި ބައްދަލުކުރައްވައި އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވައި ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާއި އަދި ކުރިޔަށް ރޭވިފައިވާ ކަންކަމާއި ގުޅޭ ގޮތުން ރައީސް ވަނީ މަޝްވަރާކުރައްވާފައެވެ. 

މި ބައްދަލުކުރެއްވުމުގައި ވޭވަށު ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވޭވަށަށް ދެއްވާ ސަމާލުކަމަށްޓަކައި ޝުކުރުއަދާ ކުރައްވައިފައެވެ. އަދި ފާއިތުވެ ދިޔަ 10 އަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ފިޔަވައި އެހެން އެއްވެސް ރައީސަކު ވޭވަށަށް ވަޑައިގެން ވޭވަށުގެ ރައްޔިތުންގެ ޙާލަތު ބައްލަވާލައްވާފައި ނުވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިންގައި ނިމި އަދި މިހާރުވެސް ބައެއް މަޝްރޫއުތައް ހިނގަމުންދާކަން ފާހަގަކުރައްވައި، ކައުންސިލުން ވިދާޅުވީ، މިވަގުތު ވޭވަށުގެ ރައްޔިތުން އެންމެ ބޭނުންވެފައިވާ ކަންކަމުގެ ތެރޭގައި، ކައުންސިލް އިދާރާގެ އައު އިމާރާތެއް އެޅުމާއި، ވޭވަށުގައި އައިސް ޕްލާންޓެއް ބެހެއްޓުމާއި، ސިއްޙީ މަރުކަޒަށް އައު އެމްބިއުލާންސެއް ހޯދުމާއި، މ.މުލަކު ފާލަން މަރާމާތުކުރުން ހިމެނޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މުލަކަތޮޅު، އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި އަތޮޅުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި އަދި އަތޮޅުގެ ރަށްރަށަށް ބޭނުންވެފައިވާ ކަންކަމާއި ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

މިބައްދަލުވުމުގައި އަތޮޅު ކައުންސިލުން ވަނީ، އަތޮޅުގެ ހުރިހާ ރަށެއްގައިވެސް ދުވަހަކު ނުދެކޭ ފަދަ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިނގަމުންދާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

އަތޮޅު ކައުންސިލުން ފާހަގަކުރެއްވި މަސްތުވާތަކެތީގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަތޮޅުގައި އޮތް މަސްތުވާތަކެތީގެ މައްސަލަ ކައުންސިލުން ފާހަގަކުރައްވައި އެކަމަށް ހައްލެއް ހޯއްދެވުމަށް މަސައްކަތް ކުރެއްވުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ.

ކައުންސިލް މެމްބަރުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ، މުލަކުގައި ހަދާ މަސް ބަނދަރުގެ މަސައްކަތް އަވަހަށް ފެށުމަށް ސަރުކާރުން މިހާރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. ސަޢޫދީ ފަންޑުން ހިންގާ އެމަޝްރޫޢުގެ މަސައްކަތް ލަސްވެފައިވަނީ އެމަސައްކަތް ކޮށްދޭނެ ކޮންޓްރެކްޓަރެއް ލިބުން ލަސްވެގެން ކަމަށާއި، އެމަސައްކަތް އެމްޓީސީސީ އާއި މިހާރު ހަވާލުކުރެވި މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މ. މުލީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި ބައްދަލުކުރައްވައި، މުލީގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކާއި، ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މިބައްދަލުކުރެއްވުމުގައި، މުލީ ކައުންސިލުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަކީ ރައްޔިތުންގެ އަޑު އައްސަވާ އަދި ރައްޔިތުންގެ އިހްސާސްތައް ދެނެވަޑައިގަންނަވާ ބޭފުޅެއްކަން ފާހަގަކުރައްވާ ކަމަށާއި، މުލީގެ ތަރައްޤީއަށް މިސަރުކާރުން ކޮށްދޭ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، މުލީގެ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މުލީ ރީޖަނަލް ހޮސްޕިޓަލްގެ ފެންވަރުމަތި ކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ހެލްތު މިނިސްޓްރީން ކުރައްވަމުން ގެންދަވާނެ ކަމަށާއި އެކަމާއި ގުޅޭ ސާރވޭ މަސައްކަތްތަކެއް މިނިސްޓްރީން ކުރަމުންގެންދާކަމުގައި ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލަ އާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށުގައި މަސްތުވާތަކެތީގެ ހާލަތު އޮތް މިންވަރު ދެނެގަނެ އެކަމާއި ގުޅޭ ރިޕޯޓެއް ހެއްދެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެމައްސަލަ ހައްލު ކުރުމަށް މަސްތުވާތަކެއްޗާއި ގުޅޭ މައްސަލަތައް ހައްލުކުރުމަށް ޤައުމީ ފެންވަރުގައި މަސައްކަތްކުރާ ޓާސްކްފޯހުގައި މަޝްވަރާކުރައްވައި ހައްލުތަކެއް ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން މ. މުލީ ރައްޔިތުންނާއި ރައީސް ވަނީ ބައްދަލުކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި މުލީގެ ރައްޔިތުންގެ ފަރާތުން ވަނީ، އެރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައްޔިތުންނާއި މިގޮތަށް ބައްދަލުކުރެއްވި ފުރަތަމަ ރައީސަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ރައްޔިތުންނާއި އެކު ބޭއްވި މިބައްދަލުވުމުގައި، ރައްޔިތުންވެސް ވަނީ ރަށުގެ ބަނދަރު މަރާމާތު ކުރަންޖެހިފައިވުމާއި، ޤަވާއިދުން ފެރީގެ ޚިދުމަތް ލިބެމުން ނުދިޔުމާއި، އެއާޕޯޓުގެ މަސައްކަތާއި ކޯޒުވޭ އާއި ހޮސްޕިޓަލާއި އަތޮޅު ތައުލީމީ މަރުކަޒުގެ ތަރައްޤީއަށް ކުރަން ބޭނުންވެފައިވާ މަސައްކަތްތައް ފާހަގަކޮށްފައެވެ.

މުލީ ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހޮސްޕިޓަލްގެ ޚިދުމަތް ރަނގަޅުކުރުމަށް ކޮށްދެއްވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށެވެ. އަދި ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެއް އޮތް ބަނދަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި، ބަނދަރުގެ ޑިޒައިނާއި ކުރެހުން ނިންމާފައިވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

އަދި ރާއްޖެ ޓްރާސްޕޯޓް ލިންކްގެ ހައިސްޕީޑް ފެރީގެ ޚިދުމަތް އެއަތޮޅުގައި ފެށުމުގެ ކުރިން ވެސް، މުލަކަތޮޅުގެ ފެރީގެ ޚިދުމަތަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވެއެވެ.

ރައީސް ވަނީ މި ދަތުރުފުޅުގެ ތެރެއިން މުލީ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާ ހޮސްޕިޓަލްގެ ކަންކަން ބައްލަވާލައްވާފައެވެ. އަދި ހޮސްޕިޓަލުގެ ސީނިއަރ މެނޭޖްމަންޓުގެ ބޭފުޅުންނާއި، މުވައްޒަފުންނާއި ބައްދަލުކުރައްވާފައިވެއެވެ. މީގެ އިތުރުން ހޮސްޕިޓަލްގެ ހާލަތު ބައްލަވާލައްވާ ހޮސްޕިޓަލްގެ ތަރައްގީއާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

ރައީސްގެ ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން، އެމަނިކުފާނު ވަނީ މި ސަރުކާރުން މުލީގައި ތަރައްގީކުރާ އެއަރޕޯޓުގެ މަސައްކަތް ކުރިއަށްދާގޮތް ވެސް ބައްލަވާލައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!

26 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު