ކ. މާލެ
|
9 އޯގަސްޓް 2022 | އަންގާރަ 08:32
ފަތުރުވެރިއެއް
ފަތުރުވެރިއެއް
ޓޫރިޒަމް މިނިސްޓްރީ
ގްރީން ފަންޑު ރިޕޯޓު
ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 70 މިލިއަން ރުފިޔާ ލިބިއްޖެ
 
ގްރީން ފަންޑުން 51 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު ހިންގާފައިވޭ

ޖޫން މަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 70.8 މިލިއަން ރުފިޔާއަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ޖޫން މަހުގެ ގްރީން ފަންޑް ރިޕޯޓުން ދައްކާގޮތުން ގްރީން ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ރާއްޖޭގައި ހިންގާ ރިސޯޓުތަކަށް އައި ފަތުރުވެރިންގެ އަތުންނެވެ. ރިސޯޓުތަކަށް އައި ފަތުރުވެރިންގެ އަތުން 66،652،606.62 (ފަސްދޮޅަސް ހަމިލިއަން ހަލައްކަ ފަންސާސްދެހާސް ހަސަތޭކަ ހަރުފިޔާ ފަސްދޮޅަސް ދެލާރި) ދައުލަތަށް ވަނީ ލިބިފައެވެ.

ގެސްޓްހައުސްތަކަށް އައި ފަތުރުވެރިންގެ އަތުން 1،736،555.84 (އެއްމިލިއަން ހަތްލައްކަ ތިރީސްހަހާސް ފައްސަތޭކަ ފަންސާސް ފަސްރުފިޔާ އަށްޑިހަ ހަތަރުލާރި) ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާއިރު، ހޮޓާތަކަށް އައި ފަތުރުވެރިންގެ އަތުން 1،038،245.52 (އެއްމިލިއަން ތިރީސް އަށްހާސް ދުއިސައްތަ ސާޅީސް ފަސް ރުފިޔާ ފަންސާސް ދެލާރި) ވަނީ ދައުލަތަށް ލިބިފައެވެ. މީގެ އިތުރުން ލިވްއަބޯޑްތަކަށް އައި ފަތުރުވެރިންގެ އަތުން 1،407،296.60 (އެއްމިލިއަން ހަތަރުލައްކަ ހަތްހާސް ދުއިސައްތަ ނުވަދިހަ ހަރުފިޔާ ފަސްދޮޅަސްލާރި) ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ވަނީ ލިބިފައެވެ.

ޖޫން މަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީން 51،879،821.33 (ފަންސާސް އެއްމިލިއަން އަށްލައްކަ ހަތްދިހަ ނުވަހާސް އަށްސަތޭކަ އެކާވީސް ރުފިޔާ ތިރީސްތިންލާރި) ގެ ޕްރޮޖެކްޓު ހިންގާފައިވެއެވެ. މީގެ ތެރޭގައި އެކި ރަށްރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، މާލެ ސަރަހައްދުގައާއި، އައްޑޫ ސިޓީގައި ކުނި މެނޭޖްކުރުމުގެ މަސައްކަތްތަކަށް ހިންގާ ޕްރޮޖެކްޓުތައް ހިމެނެއެވެ.

މިއާއެކު މަޝްރޫއުތަކަށް ކެނޑުމަށްފަހު ދައުލަތަށް ލިބިފައިވަނީ 18،954،883.25 (އަށާރަމިލިއަން ނުވަލައްކަ ފަންސާސް ހަތަރުހާސް އަށްސަތޭކަ އަށްޑިހަ ތިންރުފިޔާ ފަންސަވީސް ލާރި) އެވެ. އަހަރުގެ މިހާތަނަށް އައިއިރު ގްރީން ފަންޑުގައި ބާކީ ހުރީ 846،573،459.89 (އަށްސަތޭކަ ސާޅީސް ހަމިލިއަން ފަސްލައްކަ ހަތްދިހަތިންހާސް ހަތަރުސަތޭކަ ފަންސާސް ނުވަރުފިޔާ އަށްޑިހަ ނުވަލާރި)އެވެ.

ގްރީން ޓެކުހަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގާ ޓެކުހަކަށް ވުމުން، ފަތުރުވެރިން އައުން މަަދުވާނަމަ ގްރީން ފަންޑަށް ޖަމާވާ ފައިސާ މަދުވާނެއެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ސަފާރީ، ރިސޯޓް އަދި ހޮޓެލްތަކަށް އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ދުވާލަކަށް 6 ޑޮލަރު ނަގައެވެ. އަދި ގެސްޓް ހައުސްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ދުވާލަކަށް 3 ޑޮލަރެވެ.

އެހެންނަމަވެސް ޓޫރިޒަމް ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި ގްރީން ޓެކްސް ނަގަން ފަށާ ތާރީޚުގެ ގޮތުގައި 1 ޖެނުއަރީ 2023 އޮތުމާއެކު، އެ މައްސަލައިގައި ފުށުއެރުންތަކެއް ހުރެގެން އެކަން އެޓާރނީ ޖެނެރަލްގެ އޮފީހުގެ ސަމާލުކަމަށް ގެނެސްފައިވެއެވެ. އަދި މަޖިލިސް ހުޅުވެންވާއިރަށް، އެކަމާގުޅިގެން ހުށަހަޅަންޖެހޭ ބިލު ތައްޔާރުކުރަމުންދާ ކަމަށާއި މަޖިލިސް ހުޅުވުމާއެކު ބިލު މަޖިލީހަށް ފޮނުވާނެކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

ގްރީން ޓެކްސް ނެގުން މަޑުޖައްސާލަން ޖެހިފައިވަނީ އެ ގާނޫނުގެ 35 ވަނަ މާއްދާގެ (ކ)އަށް ގެނައި އިސްލާހާ ގުޅިގެންނެވެ.

މި އިސްލާހު ގެނައުމުގެ މައިގަނޑު މަގުސަދަކީ، ރަށްރަށުގައި ހިންގާ ޓުއަރިސްޓް ހޮޓާތަކާއި ގެސްޓް ހައުސްތަކުގެ ތެރެއިން 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ހިމެނޭ ގެސްޓް ހައުސްތަކުން ނަގާ ގްރީން ޓެކްސް 3 ޑޮލަރުން 6 ޑޮލަރަށް ބަދަލުކުރުމަށް ހުށަހެޅި އިސްލާހެކެވެ.

އިސްލާހުގެ 35 ވަނަ މާއްދާގެ (ކ)ގައި ބުނެފައިވަނީ 1 ޖަނަވަރީ 2023ން ފެށިގެން ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ރިސޯޓްތަކާއި، ރިސޯޓް ހޮޓާތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، މީހުން ދިރިރުޅޭ ރަށްތަކުގައި ހިންގާ 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން އެއިން ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް މީހަކަށް 6 އެމެރިކާ ޑޮލަރުގެ ރޭޓުން، ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ޓެކްސް ނެގޭނެކަމަށެވެ.

އަދި މި މާއްދާގެ (އ)ވެސް ވަނީ އިސްހާލުކޮށްފައެވެ. 35 ވަނަ މާއްދާގެ (އ)ގައި ބުނެފައިވަނީ މި މާއްދާގެ (ކ)ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، 1 ޖަނަވަރީ 2023ން ފެށިގެން، މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދުން ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނަށް އަންނަ ޓޫރިސްޓުންގެ އަތުން އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް މީހަކަށް 3 އެމެރިކާ ޑޮލަރުގެ ރޭޓުން، ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ޓެކްސް ނެގޭނެކަމަށެވެ.

މިކަމާގުޅޭގޮތުން ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެފައިވަނީ، ގްރީން ޓެކްސް ނެގުން ހުއްޓާލަން ނިންމާފައިނުވާކަމަށާއި، ނަމަވެސް ގާނޫނަށް ގެނައި އިސްލާހުގައި އެ މާއްދާގައި އޮތްގޮތުން ގްރީން ޓެކްސް ނަގަން ފަށާނެކަމަށް ބުނެފައިވަނީ 1 ޖެނުއަރީ 2023ން ފެށިގެން ކަމަށްވުމާއެކު، އެ ކަމުގައި ދެބަސްވުންތަކެއް އެބަހުރި ކަމަށެވެ. އަދި ގާނޫނު އިސްލާހުކޮށް ތަސްދީގުކޮށްފައިވާއިރު، އެ މައްސަލަ ހައްލުކުރަންޖެހޭކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް