Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާބިދް އަށް ކުރާ ދައުވާ

އާބިދް އަށް ކުރާ ދައުވާ: ޝަމީމް މަރުވީ ތޫނު އެއްޗަކުން މެޔަށް ދިން ޙަމަލާގެ ސަބަބުން މޭ ފިތި، މެޔަށް ލޭ އެޅިގެން

ބަންގްލަދޭޝްގެ ހެކިވެރިޔާގެ ހެކިބަހުގައި ދިން ޖަވާބު އެކި ފަހަރު އެކި ގޮތަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 އޯގަސްޓު 2022 | ހޯމަ 11:40
ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދު

ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދު

ހުޅުމާލޭގެ ޚާންޖީ ރެސްޓޯރަންޓްގައި ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމުގެ މަރުޙަލާއެވެ. މި އަޑުއެހުމުގައި އެންމެ ފުރަތަމަ ހެއްކެއްގެ ގޮތުގައި ހާޒިރުކޮށްފައިވަނީ ޝަމީމްގެ ހަށިގަނޑު ބެލި ޑޮކްޓަރެވެ.

Advertisement - newsAdvertisement

ހެކިބަސް ދެމުން ޑޮކްޓަރު ބުނީ، ޝަމީމްގެ މޫނުމަތީގައާއި މޭމަތީގައި ޒަޚަމެއް ހުރިނަމަވެސް، އޭނާގެ ފުރާނައަށް ނުރައްކާވާ ގޮތަށް ލިބިފައިވާ ޒަޚަމް އަކީ މޭމަތީގައި ހުރި ޒަޚަމް ކަމަށެވެ. އެގޮތުން މޭ ހުރަސްކޮށް، މޭކަށިގަނޑުން 5 ސެންޓިމީޓަރު ތިރިއަށް ލިބިފައިވާ އަނިޔާއަކީ ތޫނު އެއްޗަކުން ދީފައިވާ އަނިޔާއެއް ކަމަށާއި، އެ އަނިޔާގެ ސަބަބުން "ހިމޮރެޖިކް ޝޮކް" ނުވަތަ ހަށިގަނޑުން ލޭ ބޭރުވެ ސިކުނޑިއަށް ޝޮކެއް ޖެހުމާއި "ޕަލްމޮނަރީ ކޮލާޕްސް" ނުވަތަ މެޔަށް ލިބުނު އަނިޔާގެ ސަބަބުން މޭ ފިތުމަށް މެދުވެރިވިކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ.

ޝަމީމަށް ލިބިފައިވާ ދެ ޒަޚަމަކީވެސް އެއް ޙަމަލާއަކުން ލިބިފައިވާ ޒަޚަމެއްކަމަށް ބެލެވޭ ކަމަށް ހެކިވެރިޔާ ބުނެއެވެ.

ހެކިވެރިޔާ ބުނި ގޮތުގައި ޝަމީމް މަރުވި ސަބަބަކީ ތޫނު އެއްޗަކުން އޭނާގެ މެޔަށް ދިން އަނިޔާގެ ސަބަބުން ފުއްޕާމޭ ފިތި، ފުއްޕާމެއަށް ލޭ އެޅިގެންނެވެ.

ބަންގްލަދޭޝްގެ ހެކިވެރިޔާގެ ހެކިބަހުގައި ދިން ޖަވާބު އެކި ފަހަރު އެކި ގޮތަށް:

ދެން ހާޒިރުކުރީ ބަންގްލަދޭޝްގެ ހެކިވެރިއެއް ކަމަށްވާ މުހައްމަދު ރަސިލްއެވެ. އޭނާއަކީ ޚާންޖީ ރެސްޓޯރަންޓު ފޮޅައި ސާފުކުރާ މީހެކެވެ.

އޭނާ ފުރަތަމަ ބުނެފައިވަނީ އޭނާ ޚާންޖީ ރެސްޓޯރަންޓުގައި ވަޒީފާ އަދާކުރީ ކޮން މަހެއްގައިކަން ހަނދާނުގައި ނެތް ކަމަށެވެ.

ޙާދިސާ ހިނގި ދުވަހު ޝަމީމްއާއި މި މައްސަލައިގެ ދައުވާލިބޭ އާބިދުއާމެދު މާރާމާރީއެއް ހިނގިތޯ ދައުލަތުން ސުވާލު ކުރުމުން ހެކިވެރިޔާ ފުރަތަމަ ބުނީ، އޭނާ އެއަށް ޖަވާބުދޭން ބޭނުން ނޫން ކަމަށެވެ.

ފަހުން އޭނާ ބުނީ، މާރާމާރީއެއް ހިނގި ތަނެއް ނުދެކޭ ކަމަށާއި، މީހަކަށް ޒަޚަމެއް ނުވަތަ އަނިޔާއެއް ވީކަމެއްވެސް ނޭނގޭ ކަމަށެވެ.

އެހިސާބުން ދައުލަތުން ވަނީ އެ ދުވަހުގެ ޙާދިސާއާއި މި މައްސަލައިގެ ދައުވާ އަލުން ކިޔާދީފައެވެ. އަދި އިތުރު ސުވާލުތައް އަނެއްކާވެސް އަމާޒުކުރިއެވެ.

ފަހުން ހެކިވެރިޔާ ކިޔާދިން ގޮތުގައި އެ ދުވަހު އޭނަ އުޅުނީ ޑިއުޓީގައެވެ. އޭނާ މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ އަޑު އެހި ކަމަށާއި، މާރާމާރީ ހިނގި ތަނެއް ނުދެކޭ ކަމަށް ބުންޏެވެ. އެހެންނަމަވެސް، ޝަމީމް އަނިޔާތަކާއެކު އިށީންދެގެން އިންތަން ފެނުނުކަމަށް އޭނާ އެވަގުތު ބުންޏެވެ.

އެހިސާބުން އޭނާ ޓެކްސީއަކާ ހިސާބަށް ގެންދިއުމަށް އޭނާއާއި އިތުރު 4 މީހެއް ވެގެން މަސަައްކަތް ކުރިކަމަށް އެނާ ބުނެފައިވެއެވެ. އޭރުވެސް ކޯތާފަތް މަތީގައި ހުރި ޒަޚަމް ފިޔަވައި އިތުރު ޒަޚަމެއް ނެތް ކަމަށާއި، އެހެންނަމަވެސް ޝަމީމްގެ މުޅި ގައިގައި ލޭ ހުރިކަމަށް އޭނަ ބުންޏެވެ.

ދެން ހެކިވެރިޔާ ބުނީ ޙާދިސާ ހިނގި ފަހުން ބަދިގެއަށް ވަދެފައި ނުވާނެ ކަމަށާއި، މާރާމާރީގެ ފަހުން ޝަމީމް ނުވެސް ފެންނަ ކަމަށެވެ.

އެހިސާބުން އަނެއްކާވެސް ދައުލަތުން ވަނީ، އޭނާ ދެފަހަރު ދެގޮތަށް ބުނާތީ އެކަން އިތުރަށް ސާފުކޮށްދޭން އެދިފައެވެ.

އޭނާ ބުނީ، ޝަމީމް ލޭތަކާއެކު އިންތަން ދުށް ކަމަށެވެ. އަދި އާބިދު ބަދިގޭގައި ހުރިކަމަށްވެސް އޭނާ ބުންޏެވެ. އޭނާ ބުނާ ގޮތުގައި މާރާމާރީ ހިނގިއިރުވެސް އަދި އޭގެ ކުރިންވެސް އާބިދު އެތަނުގައި ހުއްޓެވެ.

ފުލުހުން ދިޔައިރު ތަން މޮޕްލައި ސާފުކޮށްފައި:

ތިންވަނައަށް ހެކިބަސް ނަގާފައިވަނީ ހުޅުމާލޭ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ އޮފިސަރެއްގެއެވެ. އޭނާ ބުނެފައިވާ ގޮތުގައި ޙާދިސާގެ މައުލޫމާތު ލިބުމުން ޚާންޖީ ރެސްޓޯރަންޓަށް ދިޔައިރު އެތަން އޮތީ ސާފުކޮށް މޮޕް އަޅާފައެވެ.

އެހެންނަމަވެސް އެވަރުންވެސް ސިންކު މަތީގައި ލޭގެ ނިޝާން ހުރިކަން އޭނާ ފާހަގަކުރިއެވެ.

އަންނަ ހަފްތާގައިވެސް މި މައްސަލައިގެ ހެކިބަސް ނެގުން ކުރިއަށްދާނެއެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު