ކ. މާލެ
|
10 މެއި 2022 | އަންގާރަ 13:03
ޖޮނީ ޑެޕް އާއި އެމްބާ ހާޑް ފިލްމް ޕްރިމިއާއެއްގައި ފޮޓޯއަކަށް ހުއްޓިލައިގެން
ޖޮނީ ޑެޕް އާއި އެމްބާ ހާޑް ފިލްމް ޕްރިމިއާއެއްގައި ފޮޓޯއަކަށް ހުއްޓިލައިގެން
ރޮއިޓާސް
ޖޮނީ ޑެޕް އާއި އެމްބާ ހާޑް
ޑެޕްއާއި ހާޑްގެ ވާހަކަ: ކުށްވެރިއަކީ ކާކު؟
 
ޖިސްމާނީ އަދި ނަފްސާނީ ގޮތުން ޑެޕްގެ ފަރާތުންވެސް އަނިޔާއާއި ފުރައްސާރަ ކުރިމަތިވި ކަމަށް ހާޑް ބުނޭ
 
ހާޑްއާ ދެކޮޅަށް ކޯޓުގައި ޑެޕް ދައުވާ ކުރަމުން ދާއިރު، ހާޑްވެސް ވަނީ ޑެޕްއާ ދެކޮޅަށް 2020 ވަނަ އަހަރު ކޯޓަށް މައްސަލަ ވައްދާފައި

ފިލްމީ ތަރިންނަކީ ސްކްރީނާއި ސްކްރީނުން ބޭރުގައިވެސް "ޑްރާމާ ބޮޑު" ބައެއް ކަމަށް ވާހަކަ ދެކެވެނީ ސަބަބެއް ނެތިއެއް ނޫނެވެ. ވަކިން ހާއްސަކޮށް، ހޮލީވުޑްގެ ނަން މަޝްހޫރު ތަރިންގެ ޒާތީ ދިރިއުޅުމުގެ ފަތިފުށް ނިއުޅެމުންދާ ވަރަކަށް މި ވާހަކަތަކުގެ އަޑުވެސް ގަދަވެއެވެ. އެގޮތުން، މި ދުވަސްވަރު އެންމެ އަޑު ހަރުކޮށް ދެކެވެމުންދާ އެއް ވާހަކައަކީ، އަދި އެކަމަކާ ބެހޭ ގޮތުން އެކި ޕްލެޓްފޯމްތަކާއި ސައި މޭޒުތަކުގައިވެސް އެންމެ ހޫނުކޮށް ބަހުސް ކުރަމުންދާ އެއް މައުލޫއަކީ، ދިވެހިންގެ މެދުގައިވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ޖޮނީ ޑެޕްއާއި އޭނާގެ ކުރީގެ އަންހެނުން އެމްބާ ހާޑްއާ ދެމެދު ކުރިއަށްދާ ޝަރީއަތުގެ ކޯޅުންތަކުގެ ވާހަކައެވެ.

ގިނަ ބައެއްގެ ހިތްތައް ފަތަހަ ކުރި ހޮލީވުޑްގެ މަޝްހޫރު ބަތޮލް، ޖޮނީ ޑެޕްއާއި އެމްބާ ހާޑްގެ ވާހަކަ ފެށިގެން އަންނަނީ "ދަ ރަމް ޑައެރީ" ގެ ސެޓުންނެވެ. ޑެޕްއާއި ހާޑް އެންމެ ފުރަތަމަ ބައްދަލުވީ އެ ފިލްމުގެ ސެޓުން 2009 ވަނަ އަހަރުގައި ކަމަށް ވާއިރު، ލޯބީގެ އެ ގުޅުމުގައި ކައިވެނީގެ ރަސްމީ ސިއްކަ ޖެހީ 2015 ވަނަ އަހަރުއެވެ. ޕްރައިވެޓް ހަފުލާއެއްގައި ކުރިއަށް ދިޔަ އެ ކައިވެންޏަށް މާ ގިނަ ދުވަހެއް ނުވިއެވެ. 2016 ވަނަ އަހަރުގެ މެއި މަހު، ޑެޕްގެ ގާތުން ވަރިވުމަށް ހާޑް ހުށަހެޅިއެވެ. ސަބަބެއް ކަމަށް ބުނީ، ޖިސްމާނީ އަނިޔާގެ ވާހަކައެވެ. އެފަހަރުވެސް ކޯޓުގައި ގިނަ ބަހުސްތަކެއް ކުރިއަށް ގެންގޮސް، ވަރި ސާބިތު ކުރީ 2017 ވަނަ އަހަރުއެވެ.

ޖޮނީ ޑެޕް އާއި އެމްބާ ހާޑް - ރޮއިޓާސް

އެހާ ހިސާބުންވެސް ޑެޕްއާއި ހާޑްގެ ވާހަކައަކަށް ނިމުމެއް ނައެވެ. 2018 ވަނަ އަހަރު، އެމެރިކާގެ ދުވަހު ނޫހެއް ކަމަށް ވާ ވޮޝިންގްޓަން ޕޯސްޓަށް، އަންހެނުންނަށް ލިބޭ އަނިޔާތަކާ ބެހޭ ގޮތުން، ހާޑް އޮޕް-އެޑްއެއް ލިޔުނެވެ. ޑެޕްގެ ނަން ސާފު އިބާރާތުން ބަޔާން ނުކުރި ކަމުގައި ވީ ނަމަވެސް، ކަން އެނގޭ މީހެއްގެ ލޭ ކައްކުވާލާފަދަ އެތައް ވާހަކައެއް އެ ލިޔުމުގައި ހުއްޓެވެ. އެ ޖަޒުބާތުގައި އެންމެ ގަދައަށް ޖެހުނީ ޚުދު ޑެޕްއެވެ. ނަތީޖާއެއްގެ ގޮތުން 2019 ވަނަ އަހަރު، ހާޑްއާ ދެކޮޅަށް 50 މިލިއަން ޑޮލަރުގެ އަގު ހުރި، އަބުރުގެ ދައުވާއެއް ޑެޕް ހުށަހެޅިއެވެ. ނަމަވެސް ކޯޓު މަރުހަލާއިންވެސް ޑެޕްގެ އަތުގައި ނަސީބު ހިފާ ގޮތެއް ނުވިއެވެ.

އެމެރިކާގެ ވާޖިނިއާގައި މިހާރުވެސް ކުރިއަށް ދަނީ އެ މައްސަލައެވެ. ހާޑްއާ ދެކޮޅަށް ކޯޓުގައި ޑެޕް ދައުވާ ކުރަމުން ދާއިރު، ހާޑްވެސް ވަނީ ޑެޕްއާ ދެކޮޅަށް 2020 ވަނަ އަހަރު ކޯޓަށް މައްސަލަ ވައްދާފައެވެ. ހޮލީވުޑް ތަރިންގެ ކޯޅުމާއި އަރާއިރުން އަދި ހައްގުތަކާއި ލާއިންސާނީ އަނިޔާގެ ވާހަކަތަކުގެ މަންޒަރުތައް މިހާރު ނިއުޅެމުންދަނީ ކޯޓުގައެވެ. ޒާތީ ދިރިއުޅުމުގެ ގިނަ ބާބުތަކެއް ފަނޑިޔާރާއި ޖޫރީންގެ ކުރިމަތީގައި ހާމަވަމުން ދާއިރު، ޑެޕް ދަނީ ހާޑްގެ ދައުވާތަކަށް އިންކާރު ކުރަމުންނެވެ. އަދި އެ ގުޅުމުގައި އަނިޔާވެރިވި މީހަކީ ހާޑް ކަމަށްވެސް ޑެޕް ދަނީ ބުނަމުންނެވެ. މޫނުމައްޗަށް އަމާޒުވާ އަތްތިލައިގެ ހޫނު "ފިރުމާލުންތަކުން" ފެށިގެން ރިމޯޓް ފަދަ އެއްޗިހިންވެސް ހަމަލާ އަމާޒުވެ، ޖިސްމަނީ ކޯޅުމަކަށް ބަދަލުވަނީ ކަމަށް ޑެޕް ވަކާލާތު ކުރެއެވެ.

ޖިސްމާނީ އަދި ނަފްސާނީ ގޮތުން ޑެޕްގެ ފަރާތުންވެސް އަނިޔާއާއި ފުރައްސާރަ ކުރިމަތިވި ކަމަށް ހާޑް ބުނަމުންދާ ދިއުމަށް ބީރު ކަންފަތެއް ދެވޭކަށްވެސް ނެތެވެ. ކޮޓަރިއާ ހިސާބުން ފެށިގެން އެއްގަމާއި ވައިގެ ތެރޭގައިވެސް ޑެޕްގެ ފަރާތުން އެކި ކަހަލަ އަނިޔާ ލިބިފައިވާ ކަމަށް ހާޑް ދަނީ ވަކާލަތު ކުރަމުންނެވެ. އާންމު ވެއްޓެއްގައި ބަޔާންކޮށްދޭން ދަތި ކިތަންމެ ތަފްސީލުތަކެއް، ޑެޕްއާއި ހާޑްގެ ޝަރީއަތުގެ އަޑުއެހުންތަކުގައި ތިލަވަމުން ދާއިރު، އެއީ ޝައުޤު ހުރި ފަރުދަކު އަމިއްލަ ނަފުސަށް ކިއާލަން ދޫކޮށްލާ ވާހަކައަކަށް ހެދުން ބުއްދުވެރިއެވެ.

ޖޮނީ ޑެޕް - ރޮއިޓާސް

ޑެޕްއާއި ހާޑް، އެކަކު އަނެކަކަށް ކުރާ ދައުވާގެ އަގު 100 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާ އިރު، ދެ ފަރާތުންވެސް ދަނީ، އަމާޒުވާ އިލްޒާމްތަކާއި ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ. ލޯބީގެ ހަސަދައާއި މަސްތުވާތަކެއްޗާއި ރަލުގެ ވަބާއިން ބަނަވެ، ނާމާންވި ދިރިއުޅުމެއްގެ އެތައް ވާހަކައެއް ޑެޕްއާއި ހާޑްގެ ޝަރީއަތުގެ އަޑުއެހުންތަކުން ތިލަވަމުން ދާއިރު، ގެވެށި އަނިޔާއާއި ޖިންސީ ގޯނާއާއި ޖިސްމާނީ ތުރާތަކަކީ ހަމައެކަނި އެއް ޖިންސަކަށް ހާއްސަ ކަމެއް ނޫންކަން ކިތަންމެ ރަނގަޅަކަށްވެސް ހާމަވެއެވެ.

ޖޮނީ ޑެޕް - ރޮއިޓާސް

ހައިރާން ކުރަނިވި އެތައް ވާހަކަތަކެއް ތިލަވަމުންދާ ޑެޕްއާއި ހާޑްގެ ޝަރިއަތް ހަފުތާއެއްހާ ދުވަހަށް މެދުކަނޑާލާފައި ވާއިރު، ދެން އެންމެ އަވަހަށްވެސް ކޯޓު އަޑުއެހުމެއް އޮންނާނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އެ ދުވަހުގެ އަޑުއެހުމުގައިވެސް ހާޑްއާ ގިނަ ސުވާލުތަކެއް ކުރިމަތި ކުރާނެ ކަމަށް ބެލެވޭއިރު، މިހާތަނަށް ކަން ހިނގާފައިވާ ގޮތުން ކޯޓު މަރުހަލާ ނިމޭ އިރު ކާމިޔާބު ލިބޭނީ ޑެޕްއަށް ކަމަށް މީޑިއާގައި ވަކާލާތު ކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
9%
27%
0%
9%
9%
45%
ކޮމެންޓް