ކ. މާލެ
|
23 ޖެނުއަރީ 2022 | އާދީއްތަ 18:43
އިޔާޒާއި ޒައިދުގެ ބަސް ނުވިކި އަދާލަތުން ވަނީ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރުމަށް ނިންމާފައި
އިޔާޒާއި ޒައިދުގެ ބަސް ނުވިކި އަދާލަތުން ވަނީ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރުމަށް ނިންމާފައި
ރާއްޖެއެމްވީ
އަދާލަތުން އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރުން
އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
 
އަދާލަތުގެ މަޝްވަރާ މަޖިލީހުގެ 30 މެންބަރުން ނިންމީ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރަން
 
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރުކަމުން ޒައިދު ވަނީ އިސްތިއުފާ ދެއްވާފައި

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގައި ހިމެނޭ ޑރ. މުހައްމަދު އިޔާޒާއި އަލީ ޒައިދުގެ ބަސް އެޕާޓީގެ އިސް ސަފުގައި ބަލައި ނުގަނެ އެ ޕާޓީގެ ލީޑަރޝިޕުން އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރަން ނިންމިކަން ރާއްޖެއެމްވީއަށް ކަށަވަރުވެއްޖެއެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ބުނީ، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި، ވާދަކުރާ 3 ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރުމަށް ޕާޓީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގަންނަވާފައިވާކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގެންނެވުމުގެ މަތިން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ވަނީ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރަން ނިންމާފައި ކަމަށް އަދާލަތު ޕާޓީން ބުނެފައިވެއެވެ.

ކޮމަންޑޫ ބައި އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އަދާލަތު ޕާޓީން ތާއީދުކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބޭއްވި ބައްދަލުވުމުގައި އިޔާޒާއި ޒައިދު ވަނީ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ނުކުރަން ނިންމައި، އަދާލަތުގެ ނިންމުމާއި ދެކޮޅު ހަދާފައެވެ. ނަމަވެސް އެ ބައްދަލުވުމުގައި ބައިވެރިވި 45 މެންބަރުންގެ ތެރެއިން 30 މެންބަރުން ވަނީ ރައީސް ސޯލިހުގެ އެދިވަޑައިގަތުމުގެ މަތިން އެމްޑީޕީ ކެންޑިޑޭޓަށް ތާއީދުކުރުމަށް ނިންމާފައެވެ.

އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރަން އަދާލަތުން ނިންމުމާގުޅިގެން އެކަމުގެ ނުރުހުން ފާޅުކުރައްވައި ޒައިދު ވަނީ އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދެއްވަން ނިންމަވާފައެވެ. ޒައިދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، މިއަދުންފެށިގެން ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ކަމުން އިސްތިއުފާދެއްވާ ކަމަށެވެ. ޢިލްމުވެރިންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސާއި އެހެނިހެން ހުރިހާމެމްބަރުން އޭނާއާމެދު އަމަލުކޮށްދެއްވާފައިވާ ގާތްކަމާއި، އޯގާތެރިކަމަށްޓަކައި ޝުކުރުދަންނަވާ ކަމަށެވެ.

އަދާލަތު ޕާޓީން ބުނީ އެ ޕާޓީން އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރަން ނިންމީ މައިގަނޑު 4 ކަމެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި އެ ޕާޓީން ފާހަގަކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، އަމާން ސުލްހަވެރި މުޖްތަމައެއް ގާއިމުކޮށް، ސިޔާސީ ހަލަބޮލިކަން ކުޑަކޮށް، ކޮވިޑް-19ގެ އާލަމީ ވަބާއާއި އެއާއެކު މެދުވެރިވި އިގުތިސާދީ ދަތިތަކާއެކުވެސް، ރާއްޖޭގެ އިގުތިސާދު ހަރުދަނާކޮށް، އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ފަދައިން ގިނަ ޕާޓީއެކުލެވޭ ކޯލިޝަން ސަރުކާރެއް ކާމިޔާބުކަމާއެކު ހިންގަވާކަމެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތަށް ބޮޑު ގޮންޖެހުމެއް ދިމާވެދާނެކަމަށް ފާހަގަކުރެވި، ރައީސް ސޯލިހުގެ އަރިހުގައި އެޕާޓީން ކަންބޮޑުވުން ފާޅުކުރި ކޮންމެ ކަމެއްގައި އެކަށީގެންވާ ހައްލު ހޯދުމަށް މަސައްކަތްކުރައްވާފައިވާތީއެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މި ސަރުކާރުން ގައުމުގެ ސުލްހަ މަސަލަސްކަން ގާއިމުކޮށް އަމާން ވެއްޓެއް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކެވެ. މިގޮތުން މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް މީގެ ކުރިން އެއްވެސް ސަރުކާރަކުން ނުކުރާހާ މަސައްކަތް ކޮށްފައިވާ ކަމަށް އަދާލަތު ޕާޓީން ބުނެފައިވެއެވެ.

މީގެ އިތުރުން ހަތަރުވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް، މިނިވަން ދީމިގުރާތީ ވެއްޓެއް ގާއިމުކޮށް، ހަމަހަމަ އުސޫލެއްގެ ދަށުން އަސާސީ ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދީ، އުމްރާނީ ގޮތުން ރާއްޖެ ތަރައްގީކުރާކަން މިއަދު ފެންނަން އޮތުން ކަމަށް އަދާލަތު ޕާޓީން ބުނެފައިވެއެވެ.

އެހެންކަމުން އަދާލަތު ޕާޓީން މިނިންމުން ނިންމާފައިވަނީ ގައުމާ ރައްޔިތުންގެ އެންމެ އިސް މަސްލަހަތަށާއި، ރާއްޖޭގެ ސިޔާސީ މަސްރަހަށާއި އަދާލަތު ޕާޓީން ކުރިއަރުވާ ސިޔާސަތުތަކަށް ރިއާޔަތްކުރުމަށްފަހުގައި ކަމަށް އަދާލަތު ޕާޓީން ބުނެފައިވެއެވެ.

މީގެ އިތުރުން މިކަންކަން އެގޮތުގައި ދެމެހެއްޓުމަށްޓަކައި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެކުގައި ފަށާފައިވާ މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާއަށް އެހީތެރިވެ އެއްބާރުލުން ދިނުމަކީ ރައްޔިތުންގެ އެންމެ ބޮޑު މަސްލަހަތު މިވަގުތަށް އޮތް ކަން ކަމުގައި އަދާލަތު ޕާޓީން ދެކޭ ކަމަށްވެސް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
50%
17%
11%
11%
0%
11%
ކޮމެންޓް