ކ. މާލެ
|
28 ނޮވެންބަރ 2021 | އާދީއްތަ 13:49
ޓެރަރިޒަމަށް ހިތްވަރު ދިން މައްސަލައިގައި ހިމެނޭ ހދ ނޭކުރެންދޫ/ޝާޒިން މުޙައްމަދު މުނާޒު
ޓެރަރިޒަމަށް ހިތްވަރު ދިން މައްސަލައިގައި ހިމެނޭ ހދ ނޭކުރެންދޫ/ޝާޒިން މުޙައްމަދު މުނާޒު
ރާއްޖެއެމްވީ
ޓެރަރިޒަމް މައްސަލަ
އައިސިސްއަށް ތާއީދުކުރާ މީހުންގެ އަތުން މުނާޒު ފައިސާ ހޯދިކަމުގެ ހެކި އެބަހުރި: ދައުލަތް
 
އައިސިސްއަށް ތާއީދުކުރާކަމަށް ބެލެވޭ މީހެއްގެ އަތުން އޭނާ ފައިސާ ހޯދާފައިވާކަން އެނގޭ
 
2 ދައުވާއާ ގުޅިގެން ހުށައަޅާފައިވާ ހެކިތަކާމެދު ވާހަކަ ދައްކާފައިވޭ
 
ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމާއި، ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށުގެ ދައުވާ ހިމެނޭ

ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަމަށް ބުނެ، ޓެރަރިޒަމަށް ހިތްވަރު ދިން މައްސަލައިގައި ހދ ނޭކުރެންދޫ/ޝާޒިން މުޙައްމަދު މުނާޒުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް އާދިއްތަ ބާއްވައިފިއެވެ.

އޭނާގެ މައްޗަށް 2 ދައުވާއެއް އުފުލާފައިވެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމާއި، ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި އާދިއްތަ ދުވަހު އޮތީ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމެވެ. އެގޮތުން ދައުލަތުން ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ 2 ދައުވާއާ ގުޅިގެން ހުށައަޅާފައިވާ ހެކިތަކާއި ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. އެގޮތުން "އަބޫ ޔޫސުފު" ގެ ނަމުގައި އޭނާ ގެންގުޅޭ ފޭސްބުކް އެކައުންޓުގައި ޓެރަރިޒަމަށް ބާރުދޭ ވާހަކަތައް ލިޔެ، ޕޯސްޓުކުރާކަން ދައުލަތުން ފާހަގަކުރިއެވެ. ރާއްޖޭގެ ސަރުކާރަކީ ކުފުރުގެ ސަރުކާރެއް ކަމަށް ބުނެ ކޮށްފައިވާ ޕޯސްޓުތަކާއި، މަޖިލީހުގެ މެމްބަރުން ހޮވަންދޭ ވޯޓަކީވެސް ކުފުރުގެ އަމަލެއްގެ ގޮތުގައި ބުނުމާއި، ޖިހާދަށް ހިތްވަރުދީ ކޮށްފައިވާ ޕޯސްޓުތައް ދައުލަތުން ފާހަގަކުރިއެވެ.

އޭގެ އިތުރުން، ބޮން ނެތް ޙާލަތެއްގައި ވަޅި ބޭނުން ކުރުމަށް ގޮވާލައި "އަބޫ މިޝްކާ" އެކައުންޓުން އޭނާ ކޮށްފައިވާ ޕޯސްޓެއްވެސް ދައުލަތުން ވަނީ ހުށައަޅާފައެވެ. މިކަންކަމުން ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދިނުމަށް ގޮވާލާފައިވާކަން އެނގެން އޮންނަކަން ދައުލަތުގެ ވަކީލާ ފާހަގަ ކުރެއްވިއެވެ.

އަބޫ ޔޫސުފުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުގެ ކަވަރ ފޮޓޯގައި އައިސިސް ރަމްޒުކޮށްދޭ ދިދައިގެ ފޮޓޯވެސް ލާފައިވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އޭގެ އިތުރުން، "އަބޫ މިޝްކާ" ނަމަކަށް ކިޔާ އެކައުންޓު ބޭނުންކޮށްގެން ޕާކިސްތާނުގައި އުޅޭ އިމްރާން ނަމަކަށް ކިޔާ އައިސިސްއަށް ތާއީދުކުރާކަމަށް ބެލެވޭ މީހެއްގެ އަތުން އޭނާ ފައިސާ ހޯދާފައިވާކަން އެނގެން އޮތްކަން ވަކީލު ފާހަގަ ކުރެއްވިއެވެ. އޭގެ އިތުރުންވެސް ބައެއް ހެކިތައް އެކަމާ ގުޅިގެން ދައުލަތުން ވަނީ ހުށައަޅާފައެވެ. އެގޮތުން އެމެރިކާގެ ވާރޖީނިއާގެ ލަޔަނަލް ވިލިއަމްސް ކިޔާ މީހެއްގެ އަތުން ފައިސާ ހޯދާފައިވާއިރު، އޭނާއަކީ އެފަދަ މައްސަލައެއްގެ ރެކޯޑު އޮންނަ މީހެއްކަން އެފްބީއައިން ބަޔާންކޮށްފައިވާކަމަށް ދައުލަތުން ބުނެއެވެ. އޭނާއަކީ އައިސިސްއަށް ފަންޑު ކުރާ ކަމުގެ ތުހުމަތު އެމެރިކާއިން ކުރާ މީހެކެވެ.

އަދި އޭނާގެ ގެއިން ފެނުނު ލިއެކިއުންތަކުގެ ތެރޭގައި ވެސްޓަރން ޔޫނިއަންގެ މަނީ ޓްރާންސްފަރ ލިއެކިއުންތަކެއްވެސް ވަނީ ފެނިފަައެވެ. އެ ލިއެކިއުންތަކާއި، ފުލުހުންގެ ސިއްރު ރިޕޯޓުންވެސް ލަޔަނަލް ވިލިއަމްސްއާއި، އިމްރާންގެ އަތުން ފައިސާ ހޯދާފައިވާކަން އެނގޭކަން ދައުލަތުން ފާހަގަ ކުރެއެވެ.

އޭގެ އިތުރުންވެސް، ބޭރުގެ ބައެއް އެހެން ފަރާތްތަކުގެ ކިބައިން ފައިސާ ހޯދުމަށް މަސައްކަތް ކޮށްފައިވާކަން އެނގެން އޮންނަކަންވެސް ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވިއެވެ. އެގޮތުން ބެލްޖިއަމްގެ ބްރަސަލްސްއަށް ނިސްބަތްވާ އެފަދަ މީހެއްގެ އަތުން ފައިސާ ހޯދުމަށް އެދިފައިވާކަމަށްވެސް ވިދާޅުވިއެވެ.

އަދި ކޮންމެވެސް "ބޮޑު ކަމެއް" ރާއްޖޭގައި ވަރަށް އަވަހަށް ހިނގާނެ ކަމަށް ބުނެ ދެކެވިފައިވާ ވާހަކަތަކެއްވެސް ދައުލަތުން ފާހަގަކުރިއެވެ. ދައުލަތުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިފައެވެ.

ހެއްކާ ގުޅޭގޮތުން ދެއްކެވި ވާހަކައިގައި ދިފާއީ ވަކީލު ވިދާޅުވީ، އޭނާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ޝަފަހީ ހެއްކަކަށް ހުށައަޅާފައިވަނީ އޭނާގެ ގެ ބަލައި ފާސްކުރި އޮފިސަރު ކަމަށާއި، ގިނަ ކިތާބީ ހެކިތަކެއް ހުށައަޅާފައިވާ ކަމަށެވެ. އެގޮތުން ދީނީ ހަރުކަށި ފިކުރު ފަތުރާ ޕޭޖެއްގެ އެޑްމިންގެ ޙައިސިއްޔަތުން އެ ޕޭޖަށް ޖޮއިން ކުރުމަށް މީހުންނަށް ދައުވަތު ދީފައިވާއިރު، އެއީ ދީނީ ހަރުކަށި ފިކުރުގެ ޕޭޖެއްކަން އެނގެނީ ކިހިނެއްތޯއާއި، އެގޮތަށް ކަނޑައެޅީ ކޮން ފަރާތަކުންތޯ ދިފާއުން ވަނީ ސުވާލު ކޮށްފައެވެ. އަދި އައިސިސްއަކީ ޓެރަރިސްޓު ޖަމާއަތެއްކަން ދިވެހި ދައުލަތުން ކަނޑައަޅާފައިވާކަން ދިވެހި ރައްޔިތުންނަށް އެނގޭތޯ ވަކީލު ސުވާލު ކުރެއްވިއެވެ.

އޭގެ އިތުރުން، އޭނާ ފައިސާ ހޯދީ ޓެރަރިޒަމަށް ފައިނޭންސް ކުރުމަށްތޯ ނުވަތަ އެނޫން ބޭނުމެއްގައިތޯ ކަށަވަރު ކުރަނީ ކިހިނެއްތޯވެސް ދިފާއީ ވަކީލު ސުވާލު ކުރެއްވިއެވެ. މި މުއާމަލާތްތަކަށް ބަލާއިރު، އޭގައި 50 ޑޮލަރާއި 100 ޑޮލަރު ފަދަ އަދަދުތައް ހޯދަން އެދިފައިވާ ކަމަށާއި، އެ ފައިސާ ހޯދާފައިވަނީ ދަރިފުޅަށް ނެޕީއާއި، ކިރުދަޅު ފަދަ ތަކެތި ހޯދައިދިނުމަށް ކަމަށް ބަޔާންކޮށް އެނގެން އޮތްކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ބައެއް މީހުންގެ ކިބައިންވެސް ފައިސާ ހޯދަން އެދިފައިވާކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ. މިއީ ޓެރަރިޒަމަށް ފައިނޭންސް ކުރުންކަމަށް ބެލެވޭނެ ޖާގައެއް ނެތްކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

ވެސްޓަރން ޔޫނިއަންގެ މަނީ ޓްރާންސްފަރ ތަކާއި ގުޅޭގޮތުން ދިފާއީ ވަކީލު ވިދާޅުވީ، އެއީ ޤާނޫނާ އެއްގޮތަށް ހޯދާފައިވާ ހެކިކަމަށް އިއުތިރާޒު ކުރާ ކަމަށެވެ. އެގޮތުން ބޭންކިންގ ޤާނޫނުގެ ދަށުން ބަލާއިރު އޭނާ ކޮށްފައިވާ މުއާމަލާތްތަކުގެ ތަފްސީލީ މައުލޫމާތުތައް ހޯދުމުގައި އަމުރެއް ހޯދަންޖެހޭނެކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ވަކި ހިސާބަކުން އޭނަގެ އެކައުންޓުތަކުގެ އެކްސެސް އެހެން ބަޔަކަށް ލިބިގެން ދިޔަ ކަމަށްވެސް ދިފާއީ ވަކީލު ވިދާޅުވިއެވެ.

އަދި ޤުރުއާނުގެ ބައެއް އާޔަތްތައްވެސް އޭނާ ޕޯސްޓު ކޮށްފައިވާއިރު، އެއީ ދީނީ ހަރުކަށި ފިކުރަށް ބާރުދޭ ޕޯސްޓުތަކެއް ކަމުގައި ދައުލަތުން ކަނޑައެޅީ ކިހިނެއްތޯވެސް ވަކީލު ސުވާލު ކުރެއްވިއެވެ. ވަކީލު ވަނީ މި މައްސަލަ ސާބިތުނުވާކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އެދިފައެވެ. މިއީ ޓެރަރިޒަމްގެ ޤާނޫނަށް އިސްލާޙު ގެނެސް، ޓެރަރިސްޓު ޖަމާއަތްތަކަކީ ކޮބައިކަން ކަނޑައެޅުމުގެ ކުރިން ހިނގާފައިވާ ކަންކަން ކަމަށް ވަކީލު ވިދާޅުވިއެވެ.

ދެން އޮންނާނީ މި މައްސަލައިގެ ޚުލާސާ ބަޔާން އިއްވުމެވެ. އެ އަޑުއެހުން އޮންނާނީ 9 ޑިސެމްބަރު ވާ ބުރާސްފަތި ދުވަހުގެ 11:00 އަށެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
100%
ކޮމެންޓް
28 ނޮވެންބަރ 2021 | އާދީއްތަ 13:57
އަލީ
ޑްރަގްގެ ވަބާއެކޭ ގޮތަށް މިމީސްމީހުން މިކަމުގެ ތެރެއަށް ވައްދާ ބަޔަކު ހޯދަންޖެހޭ. ގައިމު ހަމަ ބުއްދި ފިލާ ދިޔައިމަ ނޫންތޯ ސުކޫލުތައް ގޮށްވާލާ ތުއްތުކުދިންނާ އަންހެނުން މަރާ ހިސާބައް ދާނީ.. ހަމަ ހޭގައި ތިބެ އެކަންކަމެއް ނުކުރާނެ. އަދި ކިއެއްތަ އިސްލާމްދީނަށް ލޯބި ކުރާ މީހަކު އެފަދަ ކަމެއް ނުކުރާނެ. މިމީސްމީހުންނަށް އިސްލާމްދީނުގެ ނަމުގައި މަގު އޮޅުވާލާ ފަރާތްތައް ހޯދަންޖެހޭ..
ގުޅުންހުރި