ކ. މާލެ
|
26 ނޮވެންބަރ 2021 | ހުކުރު 13:51
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅަމުންދާ ފްލެޓްތައް
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅަމުންދާ ފްލެޓްތައް
ރާއްޖެއެމްވީ
ބޯހިޔާވަހިކމަުގެ މަޝްރޫއު
ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނުދިނުމަށް ހުށަހަޅައިފި
 
ހައުސިންގ މަޝްރޫއުތައް ހިންގުމަށް 15 ފަރާތަކަށް ބިންދޫކޮށްފައިވާއިރު، އޭގެ ތެރެއިން މަސައްކަތް ކުރިއަށްދަނީ އެންމެ 6 ޕްރޮޖެކްޓްގައި
 
ކުންފުނިތަކުގެ ދާއިމީ މުވައްޒަފުންނަށް ފްލެޓް ދިނުމަށް ނިންމާފައިވޭ
 
ޖުމްލަ 10 ހުށަހެޅުމެއް ކޮމިޓީން ވަނީ ފާސްކޮށްފައި

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނުދޭން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީން ހުށަހަޅައި ފާސްކޮށްފިއެވެ.

ކޮމިޓީން މިގޮތަށް ނިންމީ، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް އެ ކުންފުނިތަކުން ކުރިއަށްގެންދަވާ ބޯހިޔާވެހިކަމުގެ މަޝްރޫޢާ ގުޅޭ މައްސަލަ ގުޅޭގޮތުން މަޝްވަރާކުރުމަށްފަހުގައެވެ. މި ނިންމުން ފާސްވީ، ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

ޖުމްލަ 10 ހުށަހެޅުމެއް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ދިނުމުން، ކުންފުނި އުފައްދާފައި އޮތް މަގްސަދާ އެއްގޮތަށް މަސައްކަތްތައް ކުރުމުގެ ބަދަލުގައި މުޅިން އެހެން ކަމަކަށް ކުންފުނީގެ ހުރިހާ ވަސީލަތްތަކާއި ފައިސާ ޚަރަދު ކުރުމުން ކޭޝްފްލޯ ތާށިވެ، ކުންފުނީގެ މެންޑޭޓުގައި ހިމެނޭ ގިނަ މަސައްކަތްތައް ނުކުރެވޭކަން ފާހަގަކޮށްފައިވެއެވެ. ރައްޔިތުންނަށް އޭގެ މަންފާއާއި ލާބަ އެންމެ އެދެވޭ ގޮތެއްގައި ލިބޭނީ، ބޯހިޔާވެހިކަމުގެ މަޝްރޫޢުތައް ހިންގުމަށް ކަނޑައަޅާފައިވާ ކުންފުނިތަކުން އެ މަސައްކަތްކުރިޔަށް ގެންދިއުމުންކަމަށެވެ.

ހައުސިންގ ޕްރޮޖެކްޓްތަކުގެ ކޮންސްޓްރަކްޝަން މަސައްކަތް ނިމުމަށްފަހު، އެ ހައުސިންގ ޕްރޮޖެކްޓްތައް މެނޭޖްކުރުމުގެ މަސްއޫލިއްޔަތު ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

ކުންފުނިތަކުގެ ޕްރައިމަރީ ފަންކްޝަންގައި ނުހިމެނޭ ދާއިރާތަކަށް ލޯނު ނަގަންޖެހުމަކީ، ކުންފުނިތަކުގެ މާލީ ޙާލަތަށް އަސަރު ފޯރާނެ ކަމެއް ކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ފްލެޓްތަކުގެ ހަގީގީ މަންފާއެއް މުވައްޒަފުންނަށް ހޯދައިދިނުމަށާއި ކުންފުނިތަކުގެ މުވައްޒަފުންނަށް އެ ފްލެޓްތައް ލިބިދިނުމަށްޓަކައި، އެ ފަރާތްތަކުން ފްލެޓަށް ދައްކަންޖެހޭ ފައިސާ ދެއްކޭނެ ނުވަތަ ފައިނޭންސްކުރާނޭ ވިހާވެސް ލުއި ގޮތްތަކެއް ހޯއްދަވައިދެއްވުމަށް ކުންފުނިތަކަށް ދެންނެވުމާއި، އިމާރާތްކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން މިހާރު މަސައްކަތް ނުނިމޭ ހައުސިންގ ޕްރޮޖެކްޓްތަކުގައި ހުރި މައްސަލަތައް ދެނެގަނެ، އެ ކަންތައްތައް ޙައްލުކުރެއްވުމަށް ދެންނެވުމަށްވެސް ކޮމިޓީން ނިންމާފައިވެއެވެ.

ނިމޭއިރު ލިބެންޖެހޭ ހުރިހާ ޚިދުމަތްތައް ލިބެން ޖެހޭނެ ކަމަށާއި، އުސޫލުތައް ހުރީ އެންމެ ހަރުދަނާކޮށް ނޫންކަން ފާހަގަކޮށް އުސޫލުތައް ބައްޓަންކުރުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަނޑައަޅާފައިވާ، ޤައުމީ ބޯހިޔާވެހިކަމުގެ ސިޔާސަތާ އެއްގޮތަށް ފްލެޓްތައް ދޫކުރުމުގެ އުސޫލު ބައްޓަންކުރުމަށް ވަނީ ލަފާދީފައެވެ. އަދި ފްލެޓްތައް ދިނުމުގައި ކުންފުނިތަކުގައި ދިގު މުއްދަތަކަށް މަސައްކަތްކޮށްފައިވާ ދާއިމީ މުވައްޒަފުންނަށް އިސްކަންދިނުން ހިމެނެއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް ހިމެނޭގޮތަށް ބޯހިޔާވެހިކަމުގެ މަޝްރޫއުގެ ދަށުން އިމާރާތްތައް އެޅުމަށް 15 ފަރާތަކަށް ބިންދޫކޮށްފައިވާއިރު، އޭގެ ތެރެއިން މަސައްކަތް ކުރިއަށްދަނީ އެންމެ 6 ޕްރޮޖެކްޓްގައި ކަމަށެވެ. އެހެންކަމުން މަސައްކަތް ކުރިއަށް ނުދާ މަޝްރޫޢުތަކަށް ދޫކޮށްފައިވާ ބިންތައް އަނބުރާ ނެގުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ދެންނެވުމަށްވެސް ކޮމިޓީން ނިންމާފައިވެއެވެ.

ކުންފުނީގެ މުވައްޒަފުންނަށް ދޫކުރުމަށްފަހު ބާކީވާ ފްލެޓްތައް ސަރުކާރުގެ ބޯހިޔާވެހިކަމުގެ މިންގަނޑަށް ފެތޭ ފްލެޓްތައް ސަރުކާރަށް ނެގުމަށްފަހު، ބާކީވާ ފްލެޓްތައް މާކެޓުގައި ވިއްކުމަށް ދެންނެވުމަށްވެސް ނިންމާފައިވެއެވެ.

ކޮމިޓީން މި މައްސަލަ ދިރާސާ ކުރުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތައް ހާޒިކޮށް މައުލޫމާތު ސާފުކޮށްފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
20%
0%
0%
60%
20%
0%
ކޮމެންޓް