ކ. މާލެ
|
23 ނޮވެންބަރ 2021 | އަންގާރަ 13:13
މ މުރައިދޫ ގޭގެ ސަރަޙައްދުގައި ރެޑް ޒޯނެއް ޤާއިމުކޮށްފައި
މ މުރައިދޫ ގޭގެ ސަރަޙައްދުގައި ރެޑް ޒޯނެއް ޤާއިމުކޮށްފައި
ރާއްޖެއެމްވީ
ރާއްޖޭގައި ޓެރަރިޒަމް މައްސަލަތައް
މުރައިދޫގެ ކައިރީގައި ދަމާލި ރަތް ރޮނގުން ފެންނަނީ ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރު
 
ހަރުކަށި ފިކުރުގެ މީހުން ކަމަށް ބުނާ ގިނަ ބަޔަކު ފުލުހުން ހައްުޔަރު ކޮށްފައިވޭ
 
ފާއިތުވި އަހަރުތަކުގައި އެކި މިންވަރަށް ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާ ދިޔައީ ފެންނަމުން
 
މުރައިދޫގެއަކީ ރައީސް ނަޝީދު ވަގުތީ ގޮތުން ހުންނެވުމަށް ތައްޔާރު ކުރެވުނު ގެކޮޅު

އެމްއެންޑީއެފްގެ އެދުމުގެ މަތިން މާލޭ ސިޓީ ކައުންސިލުން ވަނީ މ މުރައިދޫ ގޭގެ ސަރަޙައްދުގައި ރެޑް ޒޯނެއް ޤާއިމުކޮށްފައެވެ. މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވާ ގޮތުގައި މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމު ކުރެވުނު ރެޑް ޒޯނެވެ. މީގެ އިތުރުން މަޖިލިސް އިދާރާއާއި، ސަރުކާރުގެ ވުޒާރާތަކާއި، ރިޔާސީ ގަނޑުވަރާއި، އެމްބަސީތައް ހުންނަ ސަރަޙައްދުތައް ގްރީން ޒޯނުގެ ގޮތުގައި ހުންނަނީ ކަނޑައަޅާފައެވެ.

މ މުރައިދޫގެއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަގުތީ ގޮތުން ހުންނެވުމަށް ތައްޔާރު ކުރެވުނު ގެކޮޅެވެ. އެގޮތުން ތިން ބާރުގެ ވެރިންގެ ތެރެއިން މަޖިލީހުގެ ރައީސާއި އުއްތަމަފަނޑިޔާރަށް ރަސްމީ ގެކޮޅު ހަމަޖައްސާ ގޮތަށް ގާނޫނަށް ބަދަލު ގެނެސްފައި މިވަނީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ޓެރަރިސްޓް ހަމަލާއެއް ދިނުމާ ގުޅިގެންނެވެ.

މިހާތަނަށް މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވަމުން ގެންދެވީ އަމިއްލަފުޅު ގެކޮޅުގައެވެ. ނަމަވެސް ޤާނޫނަށް ބަދަލު ގެނެސް، ސެކިއުރިޓީ ވަރުގަދަކުރަން ޖެހިފައިމިވަނީ ރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލުގެ ސަބަބުންނެވެ. ރާއްޖޭގައި މި ބާވަތުގެ ނުރައްކާ މޫލާފައިވާ މިންވަރަށް ބަލާއިރު، ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރުގެ މީހުން، ރައީސް މުހައްމަދު ނަޝީދުގެ މޫވްމަންޓްތައް ބަލާކަމަށާއި އެމަނިކުފާނުގެ ސެކިއުރިޓީ އޮންނަގޮތް އެސެސްކުރާކަމުގެ ނުވަތަ ދެނެގަތުމުގެ މަސައްކަތްކުރާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފުން ހަދާފައިވާ ތްރެޓް އެސެސްމަންޓް ރިޕޯޓުން ވަނީ ދައްކާފައެވެ.

މި މައްސަލައާ ގުޅިގެން ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ޝަރީއަތްތައް މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ދެއެވެ.

ރައީސް ނަޝީދަށް ދިން ޙަމަލާއަކީ މި ފަހުގެ ތާރީޚެއްގައި ރާއްޖެ ދުށް މިފަދަ އެންމެ ނުރައްކާތެރި އަދި އެންމެ ބޮޑު ޙަމަލާއެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި އެކި މިންވަރަށް ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާ ދިޔައީ ފެންނަމުންނެވެ. ޤައުމުގެ އަމަން އަމާންކަމަށް ބުރޫއަރާފަދަ ކަމަކާ ކުރިމަތިވާނެކަމަށް ބެލެވިގެން، ނުވަތަ އެފަދަ މަޢުލޫމާތެއް ލިބުމުން، ގައުމީ ދިފާއީ ބާރުން އެމްއެންޑީއެފްގެ އެލަރޓް ސްޓޭޓަސް "ޔެލޯ 2" މުޅި ރާއްޖެއަށް ނެރުނު ދުވަސްކޮޅެއްވެސް ދިޔައެވެ.

ޓެރަރިސްޓު ޖަމާއަތްތަކަށް ބައިއަތު ހިފައި މީހުން މަރާލަން ފަސްނުޖެހޭ 1400 މީހަކު ރާއްޖޭގައި އެބައުޅޭ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުވެސް ވިދާޅުވެފައިވެއެވެ. ހަރުކަށި މީހުން ހޯދައި އެމީހުންނާ މެދު ފިޔަވަޅު އެޅުމަށް ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ދަނީ މިހާރުވެސް އޮޕަރޭޝަން ތަކެއް ހިންގަމުންނެވެ. 

ހިމަންދޫ ޙާދިސާއާއި، ސަލްޓަންޕާކް ބޮން ގޮއްވާލި ޙާދިސާއަށްވުރެ ތަންކޮޅެއް ފަހުގެ ބައެއް ޙާދިސާތަކަށް ބަލާއިރު، ރ މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރައި ދައުލަތުގެ އާންމު ނިޒާމާއި އިންތިޒާމުތަކުން ބޭރުން ވަކި ޖަމާޢަތް ހަދައިގެން އުޅޭ ބަޔަކު، އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތަކުން މަޙްރޫމުކުރަމުންދާ ކަމަށް ބުނެ، އެކަން ކުރުމުގައި އިސްވެ ޙަރަކާތްތެރިވާ ފަރާތްތައް ހޯދަން، ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަންތައް ފާހަގަ ކޮށްލެވެއެވެ. އޭގެ ތެރެއިން ހައްޔަރުކުރި ބައެއް ފަރާތްތައް މިހާރުވެސް ބަންދުގައި އެބަތިއްބެވެ.

ހުޅުމާލޭގައި ފަތުރުވެރިން ތަކަކަށް ދިން ޙަމަލާއާ ގުޅިގެން ހަރުކަށި ފިކުރުގެ މީހުން ކަމަށްބުނާ ބަޔަކު ފުލުހުން ހައްުޔަރުކޮށްފައިވާއިރު، މިޙަމަލާގެ ޒިންމާ ނެގުމަށްފަހު، ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ވީޑިއޯއެއްގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު، ތިމަންނާމެންމީ އިސްލާމިކް ސްޓޭޓްގެ ދިވެހިރާއްޖޭގެ ގޮފިކަމަށް ބުނެފައިވާ ވީޑިއޯއެއް ވަނީ އާންމުވެފައެވެ.  އަދި ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އިތުރު ހަމަލާތަކެއް ދޭނެ ކަމުގެ ވަރުގަދަ އިންޒާރެއް މި ވީޑިއޯގައި ދީފައިވެއެވެ.

އޭގެ އިތުރުން، އައިސިސް ޖަމާޢަތާ ގުޅިގެން ހަނގުރާމައަށް ދިއުމަށް ޝައުޤުވެރިކަން ފާޅުކޮށް، ރާއްޖޭގައި ޓެރަރިސްޓް ޙަމަލާއެއް ދިނުމަށް އިންޓަރނެޓުން ސާރޗް ކުރިކަމުގެ މަޢުލޫމާތު ބައިނަލްއަޤުވާމީ އިންޓެލިޖެންސް އިދާރާތަކުން ރާއްޖޭގެ ފުލުހުންނާ ހިއްސާ ކުރުމާއި ގުޅިގެން ފުލުހުން ވަނީ މިއަހަރުގެ ކުރީކޮޅުވެސް ބައެއް ފަރާތްތައް ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި ޚޮރާސަން ޕްރޮވިންސްގެ ފަރާތުން ދިވެހިންގެ ތެރެއިން އަމީރެއްގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތެއް ހިމެނޭ ކަމަށް ފުލުހުންވެސް މައުލޫމާތު ދެއެވެ.

2020 ވަނަ އަހަރު ތ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އޯލެވެލް އިމްތިޙާނު ހަދަމުންދިޔަ ވަގުތާ ދިމާކޮށް އެ ސުކޫލުގެ ލެބޯރެޓަރީ ގޮއްވާލަން ރޭވި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. އެ ދުވަސްވަރު ސުކޫލުގެ ކެމިކަލް ރައްކާކުރާ ގުދަން ވެސް ފަޅާލާފައިވާކަމަށް ފުލުހުން ފާހަގަ ކޮށްފައިވެއެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަންގައި ތިމަރަފުށީގެ ދޯންޏެއް ބަލައި ފާސްކުރިއިރު، އައިއީޑީއެއް ތައްޔާރުކުރުމަށް ބޭނުން ކުރެވިދާނެ އާލަތްތަކެއް ފެނިފައިވާ ކަމަށާއި، ދޯނި އަޅާފައި އޮތް ސަރަޙައްދުގެ މޫދުގެ 10 މީޓަރު އަޑިން ބަޑިބޭސް އެކުލެވޭ ކަމަށް ބެލެވޭ ކާޓްރިޖްތަކެއް ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އަދި މި އޮޕަރޭޝަންގައި ބަލައި ފާސްކުރި ބައެއް ގެތަކުން ވެސް އެފަދަ ތަކެތި ވަނީ ފެނިފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ޝަރީއަތްވެސް މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ދެއެވެ.

ޓެރަރިޒަމާއި ހަރުކަށި ފިކުރާއި ދެކޮޅަށް މި ސަރުކާރުން މަސައްކަތްތަކެއް ފަށާފައިވާއިރު، ކ. މާފުށީ ޖަލުގައި ތިބި ގައިދީންގެ ތެރެއިން ހަރުކަށި ފިކުުރުގެ ގައިދީން ދެނެގަތުމުގެ މަސައްކަތް ދާދި ފަހުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިންވެސް ވަނީ ފަށާފައެވެ. އަދި އެފަދަ ގައިދީން ހޯދައި، ގައިދީންނަށް އަމާޒުކޮށް ތަފާތު ޕްރޮގްރާމްތައް ހިންގާ، ރިހެބިލިޓޭޓް ކުރުމުގެ ޕްރޮގްރާމްތައް ވެސް ހިންގާނެ ޔުނިޓެއް ވަނީ ޤާއިމު ކޮށްފައެވެ. އޭގެ އިތުރުންވެސް ޓެރަރިޒަމްއާއި ހަރުކަށި ފިކުރުގެ ނުރައްކާތަކުން ދިވެހިރާއްޖެ ސަލާމަތްކުރުމަށްޓަކައި ކުރިއަށްދާ ގައުމީ މަސައްކަތުގައި އެންމެހާ ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަމަށް ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) އިންވެސް ވަނީ އެދިފައެވެ.

މި މައްސަލައަކީ މުޅި ރައްޔިތުންގެ އެއްބާރުލުމާއެކު މެނުވީ ޙައްލު ނުކުރެވޭނެ މައްސަލައެކެވެ. އެގޮތުން އިސްލާމީ ރިވެތި އުސޫލުތަކާއި ދީނުގެ އަސާސްތައް ދަރިންނަށް ރަނގަޅަށް ކިޔައިދިނުމުން ފެށިގެން ގޮސް، ސުކޫލުތަކާއި ތައުލީމު އުނގަންނައިދޭ ތަންތަނުގައިވެސް މިކަންކަމަށް ހޭލުންތެރި ކުރުމަށް ޚާއްސަ ޕްރޮގްރާމްތައް ހިންގަން ޖެހެއެވެ. ހަރުކަށި ފިކުރާއި ދާދި އެއްވެގެން އަންނަ ދީނަށް ފުރައްސާރަ ކުރުން ފަދަ މައްސަލަތައްވެސް އެއް ހަމައެއްގައި، އެއް ވަރަކަށް އަހަންމިއްޔަތުކަން ދީގެން ޙައްލު ކުރުމަށް ކަމާބެހޭ ފަރާތްތަކުންވެސް މަސައްކަތް ކުރަން ޖެހެއެވެ. މިއަދު މުރައިދޫގޭގެ ސަރަޙައްދުގައި ދަމާލާފައިވާ ރަތް ރޮނގުން ހަމަ ގައިމުވެސް ޓެރަރިޒަމްގެ ނުރައްކާ ނޫން އެއްޗެއް ދޭހައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
100%
ކޮމެންޓް