Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފުރަތަމަ ޖުމްހޫރިއްޔާ

"ވެރިކަމަކަށް ކިޔާނޭ ނަމަކާމެދު ބަހުސް ކުރާނީ މޮޔައިން" - ފުރަތަމަ ޖުމްހޫރިއްޔާ

މުޅި މަޤްޞަދަކީ ފަޚުރާއި އުހައުވެރިކަމުގެ ޚިޔާލީ ޖައްވެއްގެ ތެރޭގައި އުދުހުން ކަމުގައި ނަހަދަމާ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2021 | ބުރާސްފަތި 03:06
ރައީސް މުހައްމަދު އަމީނު (ވ) އާއި ނާއިބުރައީސް އިބްރާހިމް ދީދީ

ރައީސް މުހައްމަދު އަމީނު (ވ) އާއި ނާއިބުރައީސް އިބްރާހިމް ދީދީ

މި ދުވަސްވަރަކީ ހިސާބަކަށް ނަމަވެސް ވެރިކަމުގެ ނިޒާމެއްގެ ވާހަކަ ދެކެވޭ ދުވަސްވަރެކެވެ. އެކަމަކު ދައްކަން މިއުޅެނީ އެވާހަކައެއް ނޫނެވެ. ރާއްޖޭގެ ވެރިކަން ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ފުރަތަމަ ބަދަލުވި ގޮތާއި ފުރަތަމަ ޖުމްހޫރީ ވެރިކަމުގެ ދަށުން ރައީސުލް ޖުމްހޫރިއްޔާކަން ކުރެއްވި ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އެވެރިކަމާ ގުޅޭ ގޮތުން ވިދާޅުވި ބައެއް ވާހަކަތަކުގެ ވާހަކައެވެ. ޖުމްހޫރީ ދުވަހަކަށް މި ވާހަކަތައް މުނާސަބުވާނޭ ކަމަށް ދެކޭތީއެވެ.

މިއަދު މި ފާހަގަކުރާ ޖުމްހޫރީ ދުވަހަކީ 1968 ވަނަ އަހަރު އޭރުއޮތް ރަސްކަން ބަދަލުވެ ދެވަނަ ފަހަރަށް ރާއްޖޭގެ ވެރިކަން ޖުމްހޫރީ ވެރިކަމަކަށް ފިރާލެވުނު ދުވަހެވެ. ރާއްޖޭގެ ވެރިކަން ވިރާސީ ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވެގެން ދިޔައީ 1953 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުއެވެ.

މަޝްހޫރު ތާރީޚް ލިޔުއްވުންތެރިޔާ ނަސީމާ މުހައްމަދު ލިޔުއްވާފައިވާ ގޮތުގައި ޒަމާނުއްސުރެ ރާއްޖޭގައި އޮތް ރަސްކަން ބަދަލުވުގެން ދިޔައީ ރާއްޖޭގެ އޭރުގެ ޙާލަތު ނިޔާކުރިގޮތުން ރައްޔިތުން ރަސްކަމަށް އިސްކުރަން ބޭނުންވި ބޭފުޅަކަށް ތަޚުތަށް އިސްވެވަޑައިގެންނެވެން ނެތުމުންނެވެ. އޭގެ އަހަރުތަކެއް ކުރިން ރާއްޖޭގެ ރަސްކަމަށް އިސްކުރުމަށް އިންތިޚާބު ކުރެވިފައިވާ ސުމުއްވުލް އަމީރު ޢަބްދުލް މަޖީދު ރަންނަބަނޑޭރިކިލެގެފާނު 1952 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އަވަހާރަވުމުން، ރާއްޖޭގެ ވެރިކަން ހިނގަމުންއައިގޮތް ދިވެހީންނަށް ބަދަލުކުރަން މަޖްބޫރުވީއެވެ. ރައްޔިތުން ރަސްކަމަށް އިސްކުރަން ބޭނުންވީ މުހައްމަދު އަމީނެވެ. އެމަނިކުފާނަށް ރަސްކަމަށް އިސްވެވަޑައިގެންނެވޭކަށް ނެތެވެ. ނަމަވެސް ރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔަތަކަށް ބަދަލުކޮށްފި ނަމަ ޤައުމުގެ އެންމެ މަތީވެރިއަކަށް، އާދެ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހުރިއްޔާގެ ރައީސް ކަމުގައި އެމަނިކުފާނު ހުންނަވައިގެން ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތްޕުޅުތައް ކުރެއްވިދާނެއެވެ.

1952 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވީ ބުރާސްފަތި ދުވަހު ހަވީރު 4:30 ވީ އިރު ޢަބްދުލް މަޖީދު ރަންނަބަނޑޭރިކިލެގެފާނު ކޮޅުނބުގައި އަވަހާރަވި ޚަބަރު މާލެއަށް ލިބުނެވެ. އެއާއެކު ދިވެހި ތަޚުތަށް އިސްކުރަން އެކަށީގެންވާ ބޭފުޅަކާމެދު ވާހަކަ ދެކެވެން ފަށައިފިއެވެ. 16 ރަޖަބު 1371 ވީ ރޭ ނާދީގައި ރައްޔިތުންގެ މުތަޤައްދިމް ޕާޓީގެ ތަޤްރީރުތަކެއް އޮތެވެ. މި ތަޤްރީރުތަކުގައި ދިވެހި ތަޚުތަށް އިސްކުރާނޭ ބޭފުޅަކާމެދު އެކި ބޭފުޅުން ވާހަފުޅު ދެއްކެވިއެވެ. ދައުލަތުގެ އިސްބޭފުޅުން ބުރަވެވަޑައިގަތީ މުހައްމަދު އަމީން ރަސްކަމަށް އިސްކުރުމަށެވެ. ހުރިހާ ގޮތަކުން ވެސް މުހައްމަދު އަމީނަށްވުރެ އެކަށީގެންވާ ބޭފުޅެއް ނެތްކަމަށް އެބޭފުޅުން ވިދާޅުވަމުން ގެންދެވިއެވެ.

އެދުވަހުގެ ހެނދުނުން ފެށިގެން މުހައްމަދު އަމީން ހޭދަކުރެއްވީ މި މުހިއްމު މައްސަލައިގައެވެ. ނުރަސްމީ ގޮތެއްގައި އަތިރީގެއަށް އެކި ޖަމާއަތުގެ މީހުން ގެންދަވައިގެން ޚިޔާލު ހޯއްދަވަައި ހެއްދެވިއެވެ. އެމީހުންގެ ތެރޭގައި ވަޒީރުންގެ މަޖިލީހުގެ ކުރިއަށް ތިއްބެވި ގިނަ މެމްބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންނާއި ރާއްޖެތެރޭގެ ވަރަށްގިނަ ޢިއްޒަތްތެރިނާއި މާލޭގެ ކުލަބުތަކާއި ޖަމްއިއްޔާތަކާއި ހަތަރު އަވަށުގެ އިސްމީހުން ހިމެނުނެވެ.

ކުރެއްވި ހުރިހާ މަޝްވަރާއަކުން ވެސް ލިބުނު ޖަވާބަކީ "ރާއްޖޭގެ އެންމެ މަތީ ވެރިއެއްގެ ގޮތުގައި މުހައްމަދު އަމީން ނޫން އެހެން އެއްވެސް ބޭފުޅަކު ހުންނަވަން އެއިން އެއްވެސް ބޭފުޅަކަށް ފެނިވަޑައި ނުގަންނަވާ" ކަމެވެ.

ކަން މިހާހިސާބަށް ދިއުމުން ރާއްޖޭގެ ވެރިކަން ބާއްވާނޭ އުސޫލަކާމެދުގައި ވާހަކަ ދެކެވެން ފަށައިފިއެވެ. ގިނަ ބޭފުޅުންނަށް ފެނިވަޑައިގަތީ ވެރިކަން ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމަށެވެ. އެންމެ ގިނަ މީހުންގެ ޚިޔާލަކީ ކޮންމެ އުސޫލަކަށް ނަމަވެސް މުހައްމަދު އަމީން ވެރިކަމުގައި ހުންނެވުމެވެ.

މި މައްސަލައާމެދު ވިސްނަވައި، ފެނިވަޑައިގެންނެވިގޮތެއް ހުށަހެޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ކޮމެޓީއެއް 12 އޭޕްރީލް 1952 ގައި އެކުލަވާލެވުނެވެ. އެކޮމެޓީން ނިންމެވީ ވެރިކަން ހިންގުމުގެ އުސޫލަށް "ބަދަލެއް ގެނެސް މިތަން ޖުމްހޫރިއްޔަތަކަށް ހެދުމަށް ޟުރޫރަތްތެރިކަން މަޖްބޫރުކޮށްފި" ކަމަށެވެ. އަދި ކޮމެޓީއަށް ފެނިވަޑައިގަތީ މާލޭގެ ރައްޔިތުންނަށާއި އެހިނދު މާލޭގައިތިބި ރާއްޖެތެރޭގެ ރައްޔިތުންގެ ޢާއްމުވޯޓެއް ނެގުމަށްފަހުގައި ލިބޭ ނަތީޖާއަކުން އެކަން ކުރުމަށެވެ.

ރާއްޖޭގެ ވެރިކަން ހަމަޖައްސާނޭ އުސޫލަކާމެދު ވޯޓުލުން ބޭއްވެވީ 16 އޭޕްރީލް 1952 ގައެވެ. 99 އިންސައްތަ ތަނަވަސް އަޣްލަބިއްޔަތަކުން ރާއްޖޭގެ ވެރިކަން ހިންގާނޭ އުސޫލަކަށް ހޮވުނީ ޖުމްހޫރީ ވެރިކަމެވެ. ފުރަތަމަ ޖުމްހޫރިއްޔާ އިއުލާން ކުރީ 1 ޖަނަވަރީ 1953ގައެވެ.

ރައީސުލް ޖުމްހޫރިއްޔާ ކަމުގެ ހުވައި ކުރެއްވުމަށްފަހު މުހައްމަދު އަމީން ވިދާޅުވީ 1372 ވަނައަހަރުގެ ރޖަބު މަހގ ތެރޭގައި ދިވެހި ރައްޔިތުންގެ ޢާއްމު ރާޢީއާއި އެއްގޮތްވާ ގޮތުގެ މަތިން، ޤާނޫނީ ހަމަތަކުން، ޤަސްދުކޮށްފައިވަނީ، ފުރަތަމަ ރައީސަކު ކަމުގައި އަޅުގަނޑު މުހައްމަދު އަމީން އަހްމަދުލް ހުރަވީ ހުރެގެން ދިވެހި ރަސްކަން ޖުމްހޫރިއްޔަތަކަށް އަނބުރާލުމެވެ.

ދެންފަހެ، ދިވެހި ރަސްކަން، ޖުމްހޫރިއްޔަތަކަށް އަނބުރާލާނޭ ދުވަހަކީ މިއަދު ކަމުގައި އަޅުގަނޑު ކަނޑައަޅައިފީމެވެ. އަޅުގަނޑު މި އަމުރުކުރަނީ މިއަދުން ފެށިގެން ދިވެހި ރަސްކަމަކީ ޖުމްހޫރިއްޔަތެކެވެ.

މިހާހިސާބުން ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު އަމީން ދެއްވި ފުރަތަމަ ޚިތާބު ނަކަލް ކޮށްލާނަމެވެ.

"ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައްޔިތުންނޭވެ. އަޅުގަނޑުގެ ލޯބިވާ އުޚުތުންނާއި އަޚުންނޭވެ. މިއަދަކީ ދިވެހި ތާރީޚްގެ ވަރަށް ޚާއްޞަ ދައުރެއް، އެއަށްވުރެން ވެސް ޚާއްޞަ ދައުރަކަށް ބަދަލުވެގެންދާ ދުވަހެވެ. ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ހިނގަމުންއައި ރަސްކަން ޖުމްހޫރީ ވެރިކަމަކަށް ބަދަލުވެގެންދާ ވަގުތެވެ. މި ތާރީޚީ ދުވަސް އަޅުގަނޑުމެންނަށް މިގެނެވެނީ ދިވެހި ތާރީޚް ދުވަހަކު ވެސް ނުދެކޭފަދަ މަތިވެރި ގޮތެއްގައެވެ. ޝައްކަކަށް ވަސްވާހަކަށް ތަނެއް ނެތެވެ. ދުވަހަކީ އެދުވަހަށްޓަކައި އަޅުގަނޑުމެން އުފާކުރަންވީ ދުވަހެކެވެ. ފަޚުރުވެރިވާންވީ ދުވަހެއް މެއެވެ. އެކަމަކު، މިއަދު، އަޅުގަނޑުމެންގެ މުޅި މަޤްޞަދަކީ ފަޚުރާއި އުހައުވެރިކަމުގެ ޚިޔާލީ ޖައްވެއްގެ ތެރޭގައި އުދުހުން ކަމުގައި ނަހަދަމާ ހިންގަވާށެވެ.

ވިސްނުންތެރިންގެ ބަހުގައި "ވެރިކަމަށް ކިޔާނޭ ނަމަކާމެދު ބަހުސް ކުރާނީ މޮޔައިންނެވެ. ރަނގަޅު ވެރިކަމަކީ، ހެޔޮގޮތުގެ މަތީން ހިންގަމުންދާ ވެރިކަމެކެވެ.

ޙަޤީގަތަކީ މިއީ ކަމުގައިވާއިރު އަޅުގަނޑުމެން ދިވެހިންގެ މައްޗަށް ވާޖިބުވެގެންވަނީ ވިސްނުމުގެ ބޭނުން ކުޅައުމެވެ. އަޅުގަނޑު ޝައްކު ކުރާހިތެއް ނެތެވެ. ދިވެހިންގެ ރަސްކަން ޖުމްހޫރިއްޔަތަކަށް އަނބުރާލުމަށްޓަކައި ދިވެހި ދަރިންނަށް ގޮވައިލެވުނީ އަންނާނޭ ބަދަލުގެ ނަތީޖާއެއްގެ ގޮތުން ދިވެހި ރައްޔިތަށް ފައިދާއެއް ލިބޭނޭ ކަމަށެވެ. ނަމަވެސް..... އަޅުގަނޑު ކެރިހުރެގެން ނަންގަންނަމެވެ. އައުން އެކަށީގެންވާ ފައިދާއަކާއި ލާބައެއް ބިނައުވެފައި އޮންނާނީ ޤައުމުގެ ނަމަށް އަންނަ ބަދަލެއްގެ މައްޗަކަށް ނޫނެވެ. އަންނަ ބަދަލާއި ވިދިގެން ދިވެހި ދަރީންނަށް ކުރެވެމުންދާ އިތުރު މަސައްކަތެއްގެ މައްޗަށެވެ.

ދުވަހުގެ މުނާސަބަތުގައި ހިތުގެ ހުރިހައި ފުންމިނަކުން އަޅުގަނޑުގެ ލޯބިވާ އުޚުތުންނާއި އަޚުންނަށް މިގޮވައިލަނީ ޤައުމު ކުރިއަށް ގެންދިއުމަށްޓަކައި އައުޖޯޝަކާއި ފޯރިއަކާއި އެކުގައި މަސައްކަތް ކުރައްވަން ފައްޓަވައިގަތުމަށެވެ. ޤައުމަށްޓަކައެވެ. ރައްޔިތުންގެ ޙައްޤުގައެވެ.

މިލިބުނު ނަމަކީ ހުސް ނަމެއްކަމުގައި ވިޔަނުދެމާ ހިންގަވާށެވެ. ތެދުވެރިކަމާއި ވަފާތެރިކަމާއެކު ހިއްމަތުގެ އަތުކުރި އޮޅާލަމާ ހިންގަވާށެވެ. ޤައުމަށްޓަކައި ޚިދުމަތް ކުޅައުމަކީ އެންމެ މަތިވެރި އުހައުކަމުގައި ހަދަމާ ހިންގަވާށެވެ. އިންސާނިއްޔަތު ކަމުގެ އެންމެ އަގުމާތް ސިފައަކީ އެކަކު އަނެކަކާއި އެހީވުންކަން ހަނދުމަކުރަމާ ހިންގަވާށެވެ.

މި ޚިތޯބު އަޅުގަނޑު ނިންމާލާހިތް އޮތީ ދިވެހި ރަސްކަން ޖުމްހޫރިއްޔާއަކަށް އަނބުރާލުމަށް ޤަސްދުކުރެވުނު ދުވަހު އަޅުގަނޑު ބޭނުންކުޅަ ޢިބާރާތެއް ތަކުރާރު ކޮށްލަމުންނެވެ. "އިއްޔެ އަޅުގަނޑަކީ ދިވެހި ރަސްކަން އައުކޮށް އާލާ ކުރެވޭތޯ މަސައްކަތް ކުރުމުގައި ޤުރުބާންވުމަށް ތައްޔާރަށްހުރި ދިވެހި ދަރިއެކެވެ. މިއަދަށްފަހު އަޅުގަނޑަކީ މިއުއްމަތުގައި ޖުމްހޫރިއްޔާއެއްގެ ހަރުދަނާ ބިންގާ އެޅޭތޯ ފުރާނަ ދޫކޮށްލުމަށް ތައްޔާރަށްހުރި ނުގުޑާނޭފަދަ ދިވެހި ދަރިއެކެވެ.

މި ޚިތޯބު އަޅުގަނޑު ނިންމާލާހިތް އޮތީ އަޅުގަނޑާއި އަޅުގަނޑުގެ ނާއިބުގެ މައްޗަށް ބަހާއި ޢަމަލުން ފައުޅުވަމުންދާ އޯގާތެރިކަމަށްޓަކައި ދިވެހި އަޚުންނާއި އުޚުތުންނަށް ނިހާޔަތުގެ ދަރަޖައަށް ޝުކުރު ވެރިވަމުންނެވެ. އެފަރާތްފަރާތަށް އަޅުގަނޑުމެންގެ ހިތުގައި އުފެދިފައިވާ ޤަދަރާއި ލޯބި ބަޔާން ކުރަމުންނެވެ.

ދިވެހިންގެ އައު ޖުމްހޫރިއްޔާއަށް ފަހިކަމާއި ފާގަތިކަމެވެ. އަޅުގަނޑުމެންގެ މާތް ދީނަށާއި މިނިވަންކަމަށް އިތުރު ނަސްރާއި ކާމިޔާބީއެވެ. . އާމީން. ކިޔަމަންތެރި ޚާދިމް މުހައްމަދު އަމީން، ދިވެހި ޤައުމުގެ ވަލިއްޔުލް އަމްރު.

ވެރިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޞާލިޙް ވަރެއްނެތް

ރައީސް ޞާލިޙް ވަރެއްނެތް

10 ނޮވެމްބަރު 2021
ހުސްބުޅީގައި ވެރިކަން ބޭނުން!

ހުސްބުޅީގައި ވެރިކަން ބޭނުން!

03 ޖުލައި 2021
ސްޓިކާ ޖެހުން: ބޮޑު ބަހުސްއަކަށް!

ސްޓިކާ ޖެހުން: ބޮޑު ބަހުސްއަކަށް!

17 ޖުލައި 2019
ރާއްޖޭގެ ދެޔުނިވާސިޓީ އެއްކުރުމާމެދު ބަހުސްއަކަށް!

ރާއްޖޭގެ ދެޔުނިވާސިޓީ އެއްކުރުމާމެދު ބަހުސްއަކަށް!

26 ޖޫން 2019
ވައްކަން ނުކުރާނީ ކޮންކަމަކުން؟

ވައްކަން ނުކުރާނީ ކޮންކަމަކުން؟

05 މާރިޗު 2019

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު