ޒަކާތް ދިނުމަކީ އިސްލާމީ ދައުލަތުގެ ބައިތުލްމާލަށް އިޤްތިޞާދީ ގޮތުން ލިބޭ ވަރުގަދަ ބާރެއް: ޚުތުބާ
22 އޮކްޓޯބަރު 2021 | ހުކުރު 07:59ޒަކާތުގެ ފައިދާ މުޖުތަމަޢަށް ކުރާނީ، އަދުލުވެރިކަމާ އެކު، އޭގެ ހައްގުވެރިންނަށް ޒަކާތް ބެހިގެން


އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން،
ޒަކާތް ދިނުމަކީ އިސްލާމީ ދައުލަތުގެ ބައިތުލްމާލަށް އިޤްތިޞާދީ ގޮތުން ލިބޭ ވަރުގަދަ ބާރެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
''ޒަކާތްދިނުން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ހޭދަކުރި ކޮންމެ އެއްޗަކަށް، އެކަލާނގެ އޭގެ ބަދަލު ދެއްވާ ކަމަށާއި، ޒަކާތުގެ ފައިދާ މުޖުތަމަޢަށް ކުރާނީ، އަދުލުވެރިކަމާ އެކު، އޭގެ ހައްގުވެރިންނަށް ޒަކާތް ބެހިގެން ކަމަށެވެ. އަދި މުދަލާ ގުޅޭ ކަންކަމަކީ، މީސްތަކުންގެ މެދުގައި ވަރަށް ފަސޭހައިން މައްސަލަޖެހޭ ކަންކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޒަކާތަކީ އޭގެ ސަބަބުން މުއްސަނދިންގެ މުދަލާ މެދު ފަގީރުންގެ ހިތްތައް ސާފުވެ، މުދަލުގެ އަހުލުވެރިންނަށް އެބައިމީހުންގެ ހެޔޮ ދުއާ ލިބިގެން ދިޔުމުގެ ސަބަބެއްގެ ގޮތުގައި ފާހަގަކޮށް ޚުތުބާގައި ބުނީ މުޖުތަމައުއިން ފަގީރުކަން ފިލައި، ނިކަމެތީންގެ މޫނުމަތިން، އުފާވެރިކަމާއި، ހިނިތުންވުމުގެ އަސަރުތައް، ފާޅުކޮށްދޭ ކަމެއް ކަމަށެވެ. ޚުތުބާގައި ބުނީ ޒަކާތުގެ ސަބަބުން އިސްލާމީ މުޖުތަމައުގައި، އޮންނަންޖެހޭ އެކުވެރިކަމާއި، ރަޙްމާއި، ހަމްދަރުދީގެ މަތިވެރި ސިފައާއެކު އިޖުތިމާއީ ގުޅުންތައް ބަދަހިވެގެންދާ ކަމަށެވެ. އަދި އެއީ އިސްލާމީ ދައުލަތުގެ ބައިތުލްމާލަށް އިޤްތިޞާދީގޮތުން ލިބޭ ވަރުގަދަ ބާރެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މުދަލު ޒަކާތް ނެރުން ވާޖިބުވަނީ، މައިގަނޑު ތިން ޝަރުތެއް ހަމަވުމުންކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެއީ މުދަލުގެ ނިޞާބު ހަމަވުމާއި، ނިޞާބު ހަމަވެ، އެއަށް ހިޖުރީ އަހަރުން، އެއްއަހަރު ފުރުމާއި، ތިމާގެ ފުރިހަމަ މިލްކުވެރިކަމުގައި އެ މުދާހުރުމުން ކަމަށެވެ. ޚުތުބާގައި ބުނީ މުދަލު ޒަކާތުގެ ނިޞާބަކީ ރަނުން ނަމަ 85 ގުރާމު ކަމަށާއި، ރިހިންނަމަ 595 ގުރާމު ކަމަށެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ ޒަކާތް ދިނުމުން މަނާވެގަތުމަކީ ބޮޑުވެގެންވާ ފާފައެއް ކަމަށާއި، ވޭންދެނިވި ޢަޛާބު ހުރި ކަމެއް ކަމަށެވެ.
ޤުރްއާނުގައި، ނަމާދު ގާއިމުކުރުމަށް ކުރައްވާފައިވާ އަމުރުފުޅާ ގުޅިގެން، ޒަކާތުގެ ވާހަކަ ބަޔާން ކުރައްވާފައި ވުމުން، އިސްލާމް ދީނުގައި ޒަކާތަށް ދެވިފައިވާ ގަދަރު ވަރަށް ރަނގަޅަށް ހާމަވެގެންދާކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.






