Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ލައިފް ޖެކެޓު އެޅުން

ހިތާމަވެރި ދެ ޙާދިސާ ދޭތެރޭގައި ޓްރާންސްޕޯޓު އޮތޯރިޓީގެ ލައިފް ޖެކެޓު ޤަވާއިދު ފިތިފައި...

ހަނިމާދޫއަށް ދަތުރުކުރި ކުޑަ ލޯންޗެއް ބަނޑުންޖަހާލި ހާދިސާގައި 5 މީހުން މަރުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2021 | ހޯމަ 06:02
މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވާތީ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައި

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވާތީ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައި

ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދޫއަށް ދަތުރުކުރި ކުޑަ ލޯންޗެއް ބަނޑުންޖަހާލި ހާދިސާގައި އެއް އާއިލާއަކަށް ނިސްބަތްވާ 4 މީހަކާއި އިތުރު މީހަކު ނިޔާވި ޚަބަރު ވެގެންދިޔައީ މުޅި ޤައުމު ރޮއްވާލި ޚަބަރަކަށެވެ. އުމުރުން އެންމެ 3 އަހަރުގެ ތުއްތު ކުއްޖަކު ހިމެނޭ ގޮތަށް މި ޙާދިސާގައި 5 މީހަކު ނިޔާވެފައިވާއިރު، ލޯންޗުން ދަތުރުކުރި އެއްވެސް މީހަކު ލައިފް ޖެކެޓް އަޅާފައިނުވާކަމަށް އޭރު ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވެއެވެ.

އެ ދުވަސްވަރަކީ ވެސް މޫސުން ނުހަނު ގޯސް، ކަނޑުވެސް ގަދަ ދުވަސްވަރެކެވެ. ކަނޑުމައްޗަށް ނުކުންނައިރު ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ރައްކާތެރިވުމުގެ ގޮތުން އަމަލުކުރަން ޖެހޭ މިންގަނޑުތަކަށް އަމަލުކޮށް، މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވެސް އިލްތިމާސް ކުރަމުންދިޔަ ދުވަސްވަރެކެވެ. ލޯންޗް ބަންޑުން ޖަހާލީ ވެސް ރާއްޖެއަށް ކުރަމުންދިޔަ ވިސާރައިގައި ކޮޅިގަނޑެއްގައި ޖެހިގެންނެވެ.

ނަމަވެސް އެ ހިތާމަވެރި ޙާދިސާ ހިނގުމާއެކު، އެކި ދިމަދިމާއިން އިހުމާލުގެ ވާހަކަތަކާއި، ފަރުވާކުޑަ ވުމުގެ ވާހަކަތައް ފެންމަތިވިއެވެ. އޭގެ ތެރެއިން ވެސް އެއް ކަމަކީ އުޅަނދުތަކުގެ ލައިފް ޖެކެޓު އެޅުމުގެ ޤަވާއިދުތައް ބެލެހެއްޓުމާއި، އެކަމާގުޅޭ ޤަވާއިދުތައް ތަންފީޒު ކުރުމުގެ ވާހަކައެވެ. އެ ވާހަކަތައް ބޮޑުނަގުލަށް ގޮސްވެ ނިމިފައިވާއިރު އަނެއްކާވެސް މިވަނީ ހަމަ އެފަދަ ނުރައްކާތެރި، ހިތާމަވެރި ޙާދިސާއެއް ހިނގާފައެވެ.

މިފަހަރުގެ ޙާދިސާ ވެސް ހިނގާފައިވަނީ މޫސުން އިންތިހާއަށް ގޯސްވެ، ދަތުރުފަތުރުގެ ސަމާލުތައް ނެރެފައި އޮއްވައި ކަނޑުމައްޗަށް ނުކުތް ލޯންޗެއްގައި ތިބި ބަޔަކު ކަނޑަށް ވެއްޓިގެންނެވެ. މި ޙާދިސާގައި 33 އަހަރުގެ އަންހެނަކު މަރުވެފައިވާއިރު، އޭނާގެ ތުއްތު ދަރިފުޅު އަދިވެސް ނުފެނެއެވެ. އެކުއްޖާ ހޯދުމުގެ މަސައްކަތް ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަން ޓީމުތަކުން ދަނީ ކެނޑިނޭޅި ކުރަމުންނެވެ. އެއީ އުމުރުން އެންމެ 4 އަހަރުގެ ކުއްޖެކެވެ.

މި ޙާދިސާއަށް ބަލާއިރު ވެސް ފެންނަން ހުރީ ދާދި އެއްކަހަލަ ކަންތައްތަކެކެވެ. އެގޮތުން ލޯންޗުން ދަތުރުކުރި ފަރާތްތަކުން ބުނެފައިވާ ގޮތުގައި އެ ލޯންޗުން ދަތުރުކުރި މީހުން ލައިފް ޖެކެޓު އަޅާފައެއް ނުވެއެވެ. އަދި ކަނޑު އުޅަނދުފަހަރުގައި ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ވެސް ފުރިހަމަނުވާކަމަށް މައުލޫމާތު ލިބެއެވެ. އަނެއްކާވެސް އެއްކަލަ ބޮޑުނަގުލަށްވެގެން ގޮސް ނިމުނު ލައިފް ޖެކެޓުގެ ވާހަކަ ފެންމަތިވީއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކުގައި ދަތުރުކުރާ ހުރިހާ އުޅަނދެއްގެ ފަސިންޖަރުންނާއި ފަޅުވެރިން ލައިފް ޖެކެޓް އަޅަން މަޖުބޫރުކޮށް، އެކަންކަން ނުކޮށްފިނަމަ އަންނާނެ އަދަބުތައް ހިމަނައިގެން ވަނީ ޤަވާއިދެއް ޑްރާފްޓްކޮށް، އެ ޤަވާއިދު ގެޒެޓު ކުރުމަށް ލަފާދީ ޓްރާންސްޕޯޓު އޮތޯރިޓީއަށް ފޮނުވާފައެވެ. އަދި 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ނޭޝަނަލް ސަރޗް އެންޑް ރެސްކިއު ކޮމިޓީން ވަނީ އެ ކޮމިޓީން އެކުލަވާލި ވާރކިންގ ގްރޫޕުގައި މަޝްވަރާކޮށް އެކުލަވާލެވުނު ޤަވާއިދަށް އަމަލު ކުރުމުގެ ކަންކަން ކުރިއަށް ގެންދެވުމުގައި އިއުތިރާޒެއް ނެތްކަމަށް ޓްރާންސްޕޯޓު އޮތޯރިޓީއަށް ވެސް އަންގާފައެވެ.

އެހިސާބުން ޤަވާއިދު ގެޒެޓު ކުރުމުގެ ކުރިން ދެން މި މަސައްކަތް ދާން ޖެހޭނީ ކަމާބެހޭ މަސްއޫލުވެރިންގެ (ސްޓެކްހޯލްޑަރުންގެ) ބަހެއް ހޯދުމުގެ މަރުޙަލާއަށެވެ. އެހެންނަމަވެސް، އެންމެ ފަހުން ހިނގި ޙާދިސާއާ ހަމައަށް ވެސް އެ މަސައްކަތް ކޮށްފައިނުވާކަން ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ. ނަމަވެސް މި ޙާދިސާއަށްފަހު، ޓްރާންސްޕޯޓު އޮތޯރިޓީން ވަނީ ކަމާބެހޭ ސްޓޭކްހޯލްޑަރުންގެ ކޮމެންޓެއް ހޯދުމަށްޓަކައި ޤަވާއިދުގެ ޑްރާފްޓް ފޮނުވާފައެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލު ކޮށްލުމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްޣަނީ ވިދާޅުވީ، ޤަވާއިދު ހެދުމުގެ ބާރު ދީފައި އޮންނަނީ ޓްރާންސްޕޯޓު އޮތޯރިޓީއަށް ކަމަށާއި، އެގޮތުގެ މަތިން އެ މަސައްކަތް ޙަވާލުވެފައި ވަނީ ޓްރާންސްޕޯޓު އޮތޯރިޓީއަށް ކަމަށެވެ. އަދި އެ އޮތޯރިޓީން ސްޓެކްހޯލްޑަރުންގެ ކޮމެންޓެއް ހޯދުމަށް ފޮނުވާފައިނުވާ ކަމަށާއި، އެކަން ކޮށްފައިވަނީ 17 އޮކްޓޯބަރު ވީ އާދިއްތަ ދުވަހުކަން އޭނާ ފާހަގަކުރެއްވިއެވެ.

ހަމަދު ވިދާޅުވީ، ސްޓެކްހޯލްޑަރުންގެ ކޮމެންޓު ލިބުމުން، ފައިނަލް ޑްރާފްޓް ބަންޑާރަނައިބުގެ އޮފީހަށް ފޮނުވައި، ލަފާ ހޯއްދެއްވުމަށްފަހު، ގެޒެޓު ކުރައްވާނެ ކަމަށެވެ. އެގޮތުން ސްޓެކްހޯލްޑަރުންނަށް ވެސް ހަފްތާއެއްގެ މުއްދަތު ދެއްވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މި ހިނގާ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން އެ މަސައްކަތް ނިންމައި، ޤަވާއިދު ގެޒެޓު ކުރެވޭނެކަމަށް ވިދާޅުވިއެވެ.

މި ޤަވާއިދުގެ ކަންކަމާ ގުޅޭ ސްޓެކްހޯލްޑަރުންގެ ތެރޭގައި ކޯސްޓްގާރޑާއި، މެރިން ޕޮލިސް، އެމްޕީއެލް އަދި ސެންޓަރ ފޯރ މެރިޓައިމް ކޯޑިނޭޝަން ހިމެނެއެވެ. އުސޫލެއްގެ ގޮތުން ނޭޝަނަލް ސަރޗް އެންޑް ރެސްކިއު ކޮމިޓީން ދިން ލަފަޔަށްފަހު، ސްޓެކްހޯލްޑަރުންގެ ލަފާ ހޯދުމަށް އެދި ހުށައަޅަން ޖެހެއެވެ. ނަމަވެސް އަހަރެއްވެގެން ދިޔަ އިރުވެސް ޓްރާންސްޕޯޓު އޮތޯރިޓީން އެކަން ކޮށްފައެއް ނުވެއެވެ. އެކަމަކު 2019 ވަނަ އަހަރުގެ ލޯންޗު ބަންޑުންވި ހިތާމަވެރި ޙާދިސާއަށްފަހު 29 އޯގަސްޓު 2019 ގައި އެ އޮތޯރިޓީން އިއުލާނެއް ކޮށްފައިވެއެވެ. އެއީ ވިއްސާރަ ދުވަސްވަރު ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންކަން ބަޔާންކޮށް ކޮށްފައިވާ އިއުލާނެކެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޤަވާއިދު ގެޒެޓު ކުރުމުގެ ކުރިން ހޯދަންޖެހޭ ލަފާ ހޯދުމަށްޓަކައި ކަމާ ގުޅުންހުރި އިދާރާތަކަށް ފޮނުވުމުގެ ކަންކަން ޓްރާންސްޕޯޓު އޮތޯރިޓީގެ ބޭފުޅަކާ އޮތީ ޙަވާލުކޮށްފައެވެ. ނަމަވެސް އޭނާ އެ މަސައްކަތް ކޮށްފައިނުވާކަން ހާމަވެފައިވަނީ އެންމެ ފަހުން މި ހިނގި ހިތާމަވެރި ޙާދިސާއާ ހިސާބުންނެވެ.

ސުވާލަކީ މިކަމުގައި ޒިންމާ ނަގާނީ ކާކުބާއެވެ؟ނޭޝަނަލް ސަރޗް އެންޑް ރެސްކިއު ކޮމިޓީންބާއެވެ؟ ނޫނީ ޤަވާއިދު ހެދުމުގެ ބާރު ދީފައި އޮންނަ ޓްރާންސްޕޯޓު އޮތޯރިޓީބާއެވެ؟ ނޫނީ އެ ޤަވާއިދަށް ސްޓެކްހޯލްޑަރުންގެ ލަފާ ހޯދަން ނުފޮނުވައި ބޭއްވި މުވައްޒަފުބާއެވެ؟ ނޫނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ބެލެނިވެރި މިނިސްޓްރީބާއެވެ؟

ދާދި އެއްކަހަލަ ދެ ޙާދިސާއެއް ހިނގައި، ބައެއްގެ ފުރާނަ ގޮސްފައިވާއިރު، ދެ ޙާދިސާގެ ދޭތެރެގައިވެސް މި އިވެނީ އެއް ވާހަކަތަކެކެވެ. ލައިފް ޖެކެޓު އެޅުމުގެ ޤަވާއިދެއްގެ ވާހަކައެވެ. އެ ޤަވާއިދު ގެޒެޓުކުރާ ވާހަކައެވެ. މިއަދާ ހަމައަށްވެސް އެކަން ކުރެވިފައިނުވާ ވާހަކައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

04 މެއި 2022
ދީނަށް ފުރައްސާރަ ކުރާ މީހުންނާ ދޭތެރޭގައި އެޅޭނެ ފިޔަވަޅެއް ހަމަ ނެތީ؟

ދީނަށް ފުރައްސާރަ ކުރާ މީހުންނާ ދޭތެރޭގައި އެޅޭނެ ފިޔަވަޅެއް ހަމަ ނެތީ؟

22 ޑިސެމްބަރު 2021
އަމީނާ އަވަހާރަވުމުން، ހިތާމަވެރި ބާބެއް ކަފުންވެ، ބޭ އިންސާފުގެ އަޑު، އަނެއްކާވެސް ހިލެންފަށަނީ!

އަމީނާ އަވަހާރަވުމުން، ހިތާމަވެރި ބާބެއް ކަފުންވެ، ބޭ އިންސާފުގެ އަޑު، އަނެއްކާވެސް ހިލެންފަށަނީ!

07 މެއި 2020
ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!

26 ޖެނުއަރީ 2019

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު