2013 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި މާސްކު އަޅައިގެން ތިބި ފަސް މީހުން ރާއްޖެޓީވީ ހުރި އިމާރާތަށް ވަދެ ސްޓޫޑިއޯ ރޯކޮށް އަނދާ އަޅިއަށް ހެދިތާ މިވަނީ 8 އަހަރު ފުރިފައެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ރާއްޖެޓީވީން އިންސާފު ހޯދުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެކި އިދާރާތަކުގެ ދޮރުގައި ޓަކި ޖަހަމުންގޮސް، 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު މި ނިރުބަވެރި ޙަމަލާއަށް 8 އަހަރު ފުރިގެން ދިޔައިރުވެސް އަދިވެސް މި މައްސަލައަށް އިންސާފު ލިބިފައެއް ނުވެއެވެ. ނުވިތާކަށް މިކަމުގައި ޝާމިލުވި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނެސް، ޙައްޤު އަދަބު ދެވިފައެއްވެސް ނުވެއެވެ.
ރާއްޖެޓީވީ ރޯކޮށްލި މައްސަލައިގައި ދައުވާ އުފުލައި ޝަރީއަތް ހިންގަމުންދަނީ ހ. ގަސްވާ މުޙައްމަދު މީޢާދުގެ މައްޗަށެވެ. އެ މައްސަލަ ވެސް މިއަދާހަމައަށް އައިރުވެސް އޮތީ ކޯޓު މަރުޙަލާގައެވެ. މި ޖަރީމާއަށް 8 އަހަރު ފާއިތުވެގެންދާއިރު، މި މައްސަލައިގެ ތަހުޤީޤު ނިންމައި ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުއެވެ. މާނައަކީ ދައުވާކުރަން ފޮނުވިތާ ވެސް މިއަދަށް 6 އަހަރުވީއެވެ.
މީއާދުގެ މައްސަލަ އޮތީ ކިހާ ހިސާބަކު؟
މި މައްސަލައިގައި ދައުވާ އުފުލާފައިވާ މީއާދުގެ ޝަރީއަތް އެކި ދުވަސްމަތިން ކެންސަލްވެ، އެތައް ދުވަހެއް ދިގުދެމިގެންގޮސް، އެންމެ ފަހުން މިވަނީ މި މައްސަލައިގެ ޙުކުމަކާ ގާތްވެފައެވެ. މީއާދުގެ މައްޗަށް ދައުވާކުރާ މައްސަލައިގައި މިހާރު ވަނީ ހެކިބަސް ނަގައި ޚުލާސާ ބަޔާން އިއްވާފައެވެ. މައްސަލަ ސާބިތުކުރުމަށް ޕީޖީ އޮފީހުން ވަނީ ޝަފަހީ ހެކިންނާއި ކިތާބީ ހެކިންގެ ހެކިބަސް ނަގާފައެވެ. މައްސަލައިގެ އެންމެ ފަހު ވާހަކަތައް ދައްކައި، ދެފަރާތުން ޚުލާސާ ގޮތެއްގައި ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ ޙުކުމަކަށްދާއިރު، ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. ގާޒީ އޭރު ވިދާޅުވީ ދެން މި މައްސަލައިގައި އޮންނާނީ ޙުކުމް ކުރެއްވުމަށް ބާއްވަވާ އަޑުއެހުމެއް ކަމަށެވެ. އެއީ 29 އޯގަސްޓު 2021 ގައެވެ.
އެހެންނަމަވެސް، އޭގެ ފަހުން ބޭއްވި އަޑުއެހުން ވެސް ވަނީ ކެންސަލްވެފައެވެ. 29 ސެޕްޓެމްބަރު 2021 ގައި މި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކުރިނަމަވެސް، ދިފާއީ ވަކީލުންނާއި މައްސަލަ ބައްލަވާ ގާޒީ އެހެން އަޑުއެހުމެއްގައި އިންނެވުމުގެ ސަބަބުން އެ ދުވަހުގެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.
އިންސާފު ހޯދުމަށް ކުރަމުންދަނީ ދިގު ދަތުރެއް:
ރާއްޖެޓީވީން މި މައްސަލައިގައި އިންސާފު ހޯދުމަށް ނިމިދިޔަ ސަރުކާރުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް އޭރު ކުރި ހުރިހާ މަސައްކަތްތަކެއް ދިޔައީ ފަނުފުލުންނެވެ. ރާއްޖެޓީވީއަކީ ވެސް ދައުލަތަށް ޓެކްސް ދައްކައިގެން، ސައްތައިން ސައްތަ ދިވެހި މުވައްޒަފުން ވަޒީފާ އަދާކުރާ ސްޓޭޝަނަކަށް ވެފައި އިންޝުއަރެންސްގެ ޚިދުމަތް މެދު ކެނޑިފައި އޮތް ދަނޑިވަޅެއްގައި 11 މިލިއަން ރުފިޔާއަށްވުރެ ބޮޑު ގެއްލުމެއް ސްޓޭޝަނަށް ދިނުމުން އެކަމުން އަރައިގަތުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދި ރައީސް އޮފީހަށް ފޮނުވި ސިޓީތަކަށް ވެސް ޖަވާބެއް ނުލިބި އެތައް އިންތިޒާރެއް ކުރިއެވެ.
މި މައްސަލައިގައި ބަދަލު ނަގައި ދިނުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ، އެ ކޯޓުން ބޭރުކޮށްލީއެވެ. ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅި މައްސަލަ ވެސް އެތައް އަހަރެއް ވެގެން ދިޔައިރު ވެސް ވީނުވީއެއް ނޭނގުނެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ރާއްޖެޓީވީގެ ފަރާތުން ވަނީ ރާއްޖެ ޓީވީ ރޯކޮށްލި މައްސަލަ އަލުން ރިވިއު ކޮށްދެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އަރިހުން ވެސް އެދިފައެވެ. އައު ޕީޖީއަކު އައްުޔަނު ކުރެއްވި ހިސާބުން ވެސް މި މައްސަލައިގައި އިންސާފު ހޯދުމަށް އެދި މަސައްކަތް ކުރެވިފައިވެއެވެ. އެންމެ ފަހުން މިހާރު މި މައްސަލަ ވަނީ ދާދި ފަހުން އުފެއްދި އޮމްބަޑްސް ޕަރސަން އޮފީހަށް ވެސް ހުށައަޅާފައެވެ. އިންސާފު ހޯދުމަށްޓަކައި ރާއްޖެޓީވީން ވަނީ މި ވޭތުވެގެން ދިޔަ 8 އަހަރުގެ ތެރޭގައި އެކި ގޮތްގޮތަށް މަސައްކަތް ކޮށްފައެވެ.
ރާއްޖެޓީވީ ރޯކޮށްލި ދުވަހު އަދީބު ރައީސް ޔާމީނަށް ކުރެއްވި މެސެޖް: "މިޝަން އެކޮމްޕްލިޝްޑް"
ރާއްޖެ ޓީވީ ރޯކޮށް އަޅިއަށް ހެދުމަކީ ދިވެހި ތާރީހުގައި މީޑިއާ އަކަށް ދިން އެންމެ ނުރައްކާތެރި އަދި އެންމެ ގެއްލުން ބޮޑު ހަމަލާ ނަމަވެސް، އޭރު ތުހުމަތުގެ އިނގިލި ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް ވެސް ކުރެވުނެވެ. އެގޮތުން އެ ސްޓޭޝަން ރޯކޮށްލި ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް "މިޝަން އެކޮމްޕްލިޝްޑް" ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެސެޖް ކުރެއްވިކަން ހާމަވެގެން ދިއުމާއެކުވެސް އެ ތުހުމަތުތަކުގެ އަޑު ގަދަވެގެން ދިޔައެވެ. ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަ ތަހުޤީޤު ކުރުމަށްފަހު މަރު ކޮމިޝަނުން އެކުލަވާލި ރިޕޯރޓުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމުގެ ބަޔާނާ ހަވާލާދީ ބުނެފައިވަނީ ރާއްޖެޓީވީ ރޯކޮށްލި ދުވަހު ނާޒިމް އިންނެވީ ރައީސް ޔާމީނު އަރިހުގައި ތާސް ކުޅުއްވަން ކަމަށާއި، އަދީބުގެ މެސެޖް އައުމުން މެސެޖް ވިދާޅުވީ ވެސް އޭނާ ކަމަށެވެ.
އެގޮތުން އައިނު ނާޅުއްވައި ރައީސް ޔާމީނަށް މެސެޖް ވިދާޅުނުވެވޭނެތީ އެ މެސެޖް ކިޔާލުމަށް ރައީސް ޔާމީނު އެދިވަޑައިގަތް ކަމަށާއި، ނަމަވެސް އޭރު އެއީ ކޮންކަމަކާގުޅޭ މެސެޖެއްކަަން އެނގިނުލައްވާކަމަށް ވެސް ނާޒިމުގެ ބަޔާނުގައި ބުނެފައިވެއެވެ.
ކޮންމެއަކަސް، ރާއްޖޭގެ ތާރީޚުގައި މީޑިއާއަކަށް އަމާޒުކޮށް ދިން އެންމެ ނުރައްކާތެރި އެންމެ ވަރުގަދަ އެއް ޙަމަލާ ދިންތާ 8 އަހަރުވެފައިވާއިރު، މި މައްސަލައަށް އަދިވެސް އެއްވެސް ދިމާއަކުން އިންސާފު ލިބިފައި ނެތުމަކީ ނުހަނު ބޮޑު ބޭއިންސާފެކެވެ. އެންމެ ކުޑަމިނުން ޝަރީއަތުގެ މަރުޙަލާގައި މިކަން ކުރި ބަޔަކު ހޯދައި، އެ ބައެއްގެ މައްޗަށް ކުށް ސާބިތުވާކަން ނުވަތަ ނޫންކަންވެސް ކަނޑައެޅިފައި ނުވުމަކީ މައްސަލަތަކުގެ އިންސާފު ލިބުމާމެދު ކުރާ އުއްމީދަށް ނުހަނު ބޮޑު ފަނޑުކަމެއް ގެނުވާނެ ކަމެއްކަން ޔަޤީނެވެ. މިފަދަ ބޮޑެތި އެތައް މައްސަލައެއް ދައުލަތުގެ އެކި މުއައްސަސާތަކުގެ ތެރޭގައި "ތާށިވެފައިވާއިރު"، ނިކަމެތި ރައްޔިތު މީހާ އިންސާފު ހޯދުމަށް އަދި އުޅޭނެ ޙާލަކީ ކޮބައިބާއެވެ؟