ކ. މާލެ
|
6 އޮކްޓޯބަރ 2021 | ބުދަ 20:42
ކުރީގެ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ.މުޙައްމަދު މުޢިއްޒު
ކުރީގެ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ.މުޙައްމަދު މުޢިއްޒު
މިހާރު
މުޢިއްޒަށް ދައުވާ ކުރަން ފޮނުވުން
ބްރިޖްވިއުއިންގ ޕްލެޓްފޯމް ޕްރޮޖެކްޓް މައްސަލައިގައި މުޢިއްޒުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވައިފި
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާއެކު 3 އަހަރު ދުވަހުގެ އެއްބަސްވުމެއް 22 ސެޕްޓެމްބަރު 2016ގައި ވެފައިވޭ
މުޢިއްޒުގެ މައްޗަށް 2 ދައުވާއެއް އަދި ޙަބީބުގެ މައްޗަށް 1 ދައުވާ އުފުލުމަށް ވަނީ ފޮނުވާފައި
މިމައްސަލާގައި، ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ކުރީގެ ހައުސިންގ މިނިސްޓަރ މުޢިއްޒުއާއި، އެ މިނިސްޓްރީގެ އޭރުގެ ސްޓޭޓް މިނިސްޓަރ ޙަބީބުގެ މައްޗަށް

ލޮނުޒިޔާރަތްކޮޅު ސަރަޙައްދުގައި ބްރިޖް ވިއުއިންގ ޕްލެޓްފޯމަކާއި، ފުޑް އައުޓްލެޓް އޭރިއާގެ މައްސަލާގައި ކުރީގެ ހައުސިންގެ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސެކިޔުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

އެކަމާއި ގުޅިގެން އޭސީސީން ބުނީ މިމައްސަލާގައި، ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ކުރީގެ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒުއާއި އެ މިނިސްޓްރީގެ އޭރުގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޙަބީބުގެ މައްޗަށެވެ. މިއީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމުގައިވާ މުއްދަތު ފަސް އަހަރަށް އިތުރުކޮށްދީފައިވާ ކަމަށާއި، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ޕާކިންގ އޭރިއާގައި އިމާރާތްކޮށްފައިވާ "ޗާޓައިމް" އެތަނުން ނެގުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ބަދަލުދޭން ނިންމައި، އެފައިސާ ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނާ މައްސަލައެވެ.

އޭސީސީން ބުނީ މިމައްސަލާގައި ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް ދަޢުވާކުރުމަށް އެދި ފޮނުވާފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 13ވަނަ މާއްދާގެ (ހ)ގެ ދަށުން، ރައްޔިތުންނަށް ނުވަތަ ދަޢުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގެ ފައިދާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ނުލިބޭގޮތަށް ނުވަތަ ލިބެން އޮތް ފައިދާއަށް އުނިކަން ލިބޭގޮތަށް ޢަމަލުކުރުމުގެ ދަޢުވާއާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513ވަނަ މާއްދާގެ (ށ)ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ. އަދި އަޙްމަދު ޙަބީބުގެ މައްޗަށް ދަޢުވާކުރުމަށް އެދި ފޮނުވާފައިވަނީ ވެސް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513ވަނަ މާއްދާގެ (ށ)ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލައިގެ ތަޙުޤީޤުން ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ބްރިޖް ވިއުއިންގ ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓް އޭރިޔާ އަދި ޕާކިންގ އޭރިޔާއެއް ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާއެކު 3 އަހަރު ދުވަހުގެ އެއްބަސްވުމެއް 22 ސެޕްޓެންބަރު 2016 ގައި ވެފައިވެއެވެ. އެ އެއްބަސްވުމުގައިވާ "ޕާކިންގ އޭރިއާ"ގައި ފިނިބުއިން ވިއްކާ ތަނެއް އެޅުމުގެ ހުއްދަ އަށް އެދި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑް އިން ހުށަހެޅުމުން، އެއްބަސްވުމުގައިވާ "ޕާކިންގ އޭރިއާ" ހުޅަނގަށް ޖައްސާލުމަށްފަހު އެތަނުގައި ފިނިބުއިން ވިއްކާ ތަނެއް އެޅުމުގެ ހުއްދަ އެ މިނިސްޓްރީން ދީފައިވެއެވެ. އަދި އެކަމުގެ ސަބަބުން، އެއްބަސްވުމުގައިވާ ސަރަޙައްދުގެ އިތުރުން، 2464 އަކަފޫޓުގެ ބިމުގެ ސަރަޙައްދެއް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް އިތުރަށްލިބި، އިތުރު ފައިދާ އެ ކުންފުންޏަށް ލިބިފައިވެއެވެ. އެހެންނަމަވެސް، އެހުއްދައަކީ އޭރު ޢަމަލުކުރަމުންދިޔަ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ބާބު 15ގައި ބަޔާންކޮށްފައިވާ ހުޅުވާލެވިފައިވާ ބީލަން އުސޫލާ ޚިލާފުކަމެއްކަމާއި، އަދި މިކަމުގައި އެ މިނިސްޓްރީން ޤާނޫނީ ލަފާ ހޯދާފައިނުވާކަން އެނގެއެވެ.

ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން އެ ބިމަށް ބައެއް ބަދަލުތައްގެނެސް، އެ ބިމުގައި އިތުރު ވިޔަފާރި ކުރުމަށާއި، ބިން ކުއްޔަށްދޫކޮށްފައިވާ 03 އަހަރުގެ މުއްދަތު އިތުރު 05 އަހަރަށް އިތުރުކުރުމަށާއި، މުއްދަތު އިތުރުކޮށްދިނުމުގެ ބަދަލެއްގެ ގޮތުގައި ސަރުކާރަށް ސީ.އެސް.އާރުގެ ގޮތުގައި 2,000,000.00 (ދެމިލިއަން ރުފިޔާ) ދިނުމަށާއި، ޒަމާނީ ފުޓްސަލް ދަނޑެއް ތަރައްޤީކޮށް ސަރުކާރާ ޙަވާލުކޮށްދޭން ހުށަހަޅާފައިވާކަން ތަޙުޤީޤަށް ފާހަގަކުރެވެއެވެ. މި ހުށަހެޅުމާގުޅިގެން، އެ ކުންފުނިން އެދިފައިވާގޮތަށް 13 އޭޕްރީލް 2017ގައިއެއްބަސްވުމަށް ފުރަތަމަ އިޞްލާޙު ގެނެސްފައިވާއިރު، މި ބަދަލު ގެނެސްފައިވަނީ މިފަދަ އެއްބަސްވުންތަކާ ގުޅިގެން ޢަމަލުކުރާ އާންމު އުސޫލާ އެއްގޮތަށް ޤާނޫނީ ލަފާ ނުހޯދައިކަން އެނގެއެވެ. މި ޕްރޮޖެކްޓަކީ ކުރު މުއްދަތަކަށް ކަނޑައެޅިފައިވާ ޕްރޮޖެކްޓެއްކަން ޕްރޮޖެކްޓް ޙަވާލުކުރާނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިޢުލާނުން އެނގޭއިރު، އިތުރު 5 އަހަރަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަކީ އެ މަޤްޞަދާ ޚިލާފަށް ކޮށްފައިވާ ކަމެކެވެ. އަދި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ސީ.އެސް.އާރްގެ ގޮތުގައި ސަރުކާރަށް ދައްކަން ކަނޑައެޅި ފައިސާ ދައްކާފައިނުވެއެވެ.

އެއްބަސްވުމާ އެއްގޮތަށް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ދަޢުލަތަށް ދައްކަންޖެހޭ ކުލީގެ ފައިސާ ދައްކާފައި ނުވާކަމާއި، އެގޮތުން، 1 ނޮވެންބަރު 2017އިން ފެށިގެން 2018ވަނަ އަހަރުގެ ޖުލައިމަހުގެ ނިޔަލަށް ދައުލަތަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ 1,976,548.00 (އެއްމިލިއަން ނުވަލައްކަ ހަތްދިހަ ހަހާސް ފައްސަތޭކަ ސާޅީސްއަށެއް) ރުފިޔާ ދައްކާފައިނުވާއިރު، އަދި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް އެ އެއްބަސްވުން ބާޠިލްކުރުމުގެ އިޚްތިޔާރު ލިބިދީފައިއޮވެމެ، އެ އިޚްތިޔާރުގެ ބޭނުން ނުކޮށް، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް މަންފާވާގޮތަށް އެއްބަސްވުމަށް އެކި ފަހަރު މަތިން ބަދަލުގެނެސް އިޞްލާހުތައް ގެނެސްފައިވާތީ އެކަމުގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުގެ މަޞްލަޙަތު އިސްކޮށްފައިވާކަން އެނގެއެވެ.

ހައުސިންގ މިނިސްޓްރީގެ ބޭނުމަށް ޗާޓައިމް ނެގުމަށް ނިންމާ އެކަން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް އެންގުމުން، އެކުންފުނިން އެކަމަށް އިޢުތިރާޒުކޮށްފައި ނުވާކަމާއި، ޗާޓައިމް ނަގާފައިވަނީ އެ ކުންފުނީގެ ރުހުމާއި އެއްބާރުލުމުގައިކަން ލިޔުންތަކުން އެނގެއެވެ. އަދި ޗާޓައިމް ނެގުމުގެ ބަދަލެއްގެ ގޮތުގައި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ކަންކަން ހިމަނައި އެއްބަސްވުމަށް 2 ވަނަ އިޞްލާޙު ގެނައުމުން ޗާޓައިމްގެ ބަދަލުދިނުމުގެ މުޢާމަލާތަކީ ނިމިފައިވާ މުޢާމަލާތެއްކަން ފާހަގަކުރެވެއެވެ.  

ޗާޓައިމް ނެގުމުގެ ބަދަލެއްގެ ގޮތުގައި، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން އެދިފައިވާގޮތަށް، އެއްބަސްވުމުގެ މުއްދަތު 25 އަހަރަށް އިތުރުކުރުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ރައީސުލްޖުމްހޫއްރިއްޔާގެ އޮފީހުގެ ލަފައަކަށް އެދި ފޮނުވާފައިވާ އެ މިނިސްޓްރީގެ ސިޓީއާއި، އަދި އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ ބަދަލުގައި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ޢަދުލުވެރި ބަދަލެއް ހޯދުމަށް އަލުން ފޮނުވާފައިވާ އެ މިނިސްޓްރީގެ ސިޓީގައި އޭރުގެ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. މުޙައްމަދު މުޢިއްޒު ސޮއިކޮށް ފޮނުވާފައިވަނީ، އެ ޕްރޮޖެކްޓުގައި ކަން ހިނގާފައިވާގޮތާއި، އެ ކުންފުނިން ދައްކަންޖެހޭ ކުލި އެއްބަސްވުމާ އެއްގޮތަށް ދައްކާފައި ނުވާކަމުގެ މަޢުލޫމާތު އެ މިނިސްޓްރީއަށް ލިބިފައިވަނިކޮށް، އެކަމުގައި އެ މިނިސްޓްރީގެ ލީގަލް ސެކްޝަން އަދި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޤާނޫނީ ލަފައެއް ހޯދުމަކާ ނުލައިކަން އެނގެއެވެ.

ޑރ. މުޙައްމަދު މުޢިއްޒު ސޮއިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ ސިޓީގައި ޗާޓައިމް ވަކިކޮށް އެއްބަސްވުން އިޞްލާހުކޮށްފައިވާނެކަމަށް ބަޔާންކޮށްފައިވީނަމަވެސް، ޗާޓައިމް އަކީ އިނީޝިއަލް އެއްބަސްވުމުގައި ހިމެނޭ ކަމެއް ނޫންކަމާއި، ޗާޓައިމް ނެގުމުގެ ބަދަލެއްގެ ގޮތުގައި 18 އޭޕްރިލް 2018ގައި އެއްބަސްވުމަށް ގެނެސްފައިވާ ދެވަނަ އިސްލާޙުގެ ޒަރީޢާއިން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން އެދުނު އިތުރު ކަންކަމަށް ހުއްދަދީ ބަދަލުދީފައިވެއެވެ. އަދި އޭގެފަހުން، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން 26 ސެޕްޓެމްބަރު 2018 ގައި އެދުނު ގޮތަށް އަލުން ބަދަލެއްގެ ގޮތުގައި އެކުންފުންޏަށް 32,165,139.00 (ތިރީސް ދެމިލިއަން އެއްލައްކަ ފަސްދޮޅަސް ފަސްހާސް އެއްސަތޭކަ ތިރީސް ނުވައެއް) ރުފިޔާ ހޯދަން ހަމަ އެދުވަހު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށް، ފައިސާގެ ބަދަލަކީ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ފައިސާއެއްކަމަށް ދޭހަވާގޮތަށް އަދި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ކުރިން ބަދަލު ލިބިފައިވާ ކަމުގެ ސައްޙަ މަޢުލޫމާތު ހާމަނުކޮށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުވާފައިވާކަން އެނގެއެވެ.  

މާލިއްޔަތު ގަވާއިދާ ޚިލާފަށް އެއްބަސްވުމުގެ މުއްދަތު އިތުރު 5 އަހަރަށް އިތުރުކޮށް އެއްބަސްވުމުގެ ފުރަތަމަ އިޞްލާޙުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އޭރުގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޙަބީބު ކަން އެނގެއެވެ.

ޗާޓައިމްގެ ބަދަލެއްގެ ގޮތުގައި 14,493,427.00 (ސާދަމިލިއަން ހަތަރުސަތޭކަ ނުވަދިހަ ތިންހާސް ހަތަރުސަތޭކަ ހަތާވީސް) ރުފިޔާގެ ބަދަލެއް ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލަފައަކަށް އެދި ހައުސިންގ މިނިސްޓްރީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވީނަމަވެސް، 14 އޮކްޓޫބަރު 2018 ގައި އޭސީސީން މި ބަދަލު ދިނުން ހުއްޓުވައި، އޭގެ ސަބަބުން ދަޢުލަތަށް ވާންއޮތް 14 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ހުއްޓުވާފައިވެއެވެ.

ވުމާއެކު، މި މައްސަލައިގައި އޭރު މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގެ ފައިދާ, ރައްޔިތުންނަށް ނުވަތަ ދައުލަތަށް ނުލިބޭގޮތަށް ނުވަތަ ލިބެން އޮތް ފައިދާއަށް އުނިކަން ލިބޭގޮތަށް ޢަމަލުކޮށްފައިވާކަމާއި، އޭރު މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒުއާއި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އޭރުގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޙަބީބު އެފަރާތުގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން މި މައްސަލައިގެ ތަޙުޤީޤަށް ލިބިފައިވާ ހެއްކާއި ޤަރީނާތަކުން އެނގޭކަމަށް އޭސީސީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
ކޮމެންޓް