Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުދުނިޔޭގެ ޑިމޮކްރަސީ ދުވަސް

މިއަދަކީ ދުނިޔޭގެ ޑިމޮކްރަސީ ދުވަހެވެ.

ޕެންޑަމިކުން އަރައިގަތުމަށް އެޅިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ފަރުދީ މިނިވަންކަމުގެ ބައެއް ބައިތައް ވަނީ ހިފެހެއްޓިފައި

| 15 ސެޕްޓެމްބަރު 2021 | ބުދަ 11:48
ދުނިޔޭގެ ޑިމޮކްރަސީ ދުވަސް

ދުނިޔޭގެ ޑިމޮކްރަސީ ދުވަސް

ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު 15 ވަނަ ދުވަހަކީ ދުނިޔޭގެ ޑިމޮކްރަސީ ދުވަހެވެ. އދ ގެ އާއްމު މަޖިލީހުގެ ގަރާރަކުން އެގޮތަށް ފާސްކޮށްގެން 2007 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެންމެހައި ކަންކޮޅުތަކުގައި މިދުވަސް އަންނަނީ ފާހަގަ ކުރަމުންނެވެ. މިއަދަކީ އެދުވަހެވެ. މިފަދަ ދުވަހެއް ފާހަގަ ކުރުމުގެ މަގްސަދަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ޑިމޮކްރަސީގެ ހާލަތު މުރާޖައާ ކުރުމެވެ. ޑިމޮކްރަސީއަކީ އަމާޒެކެވެ. ހަމައެފަދައިން ހިނގަހިނގައި ހުންނަ ހަރަކާތެކެވެ. ޑިމޮކްރަސީ ތާޒާވަމުން ހަރުދަނާވަމުން ފެތުރެމުންދާނީ އެންމެންގެ ބައިވެރިވުން އޮވެގެންނެވެ. އދ އިން މިކަހަލަ ދުވަހެއް ފާހަގަ ކުރުމުގެ އެއް ބޭނުމަކީ އެންމެންގެ ބައިވެރިވުން ކަށަވަރު ކުރުމެވެ.

ބައިނަލްއަގުވާމީ ޑިމޮކްރަސީގެ ދުވަހުގެ ތާރީޚު ގުޅިފައިވަނީ 15 ސެޕްޓެމްބަރު 1997 ގައި އިންޓަރ ޕާލަމަންޓަރީ ޔޫނިއަން، އައިޕީޔޫގެ ފަރާތުން ޔުނިވަރސަލް ޑިކްރަލޭޝަން އޮން ޑިމޮކްރަސީ ނުވަތަ ޑިމޮކްރަސީއާ ބެހޭ ދުނިޔޭގެ ގަރާރު ބަލައިގަތުމަށް ނިންމި ނިންމުމާއެވެ. އައިޕީޔޫއަކީ ގައުމުތަކުގެ ޕާލަމަންޓްތައް އެއްވެގެން އުފައްދާފައިވާ ޖަމާއަތެކެވެ. އެ ޖަމާއަތުން މިދެންނެވި ގަރާރު ބަލައިގަތުމާ ގުޅިގެން ބައިނަލްއަގުވާމީ ޑިމޮކްރަސީގެ ދުވަހެއް ދުނިޔޭގެ ކަންކޮޅުތަކުގައި ފާހަގަ ކުރުމުގެ މުހިއްމު ކަމުގެ ވާހަކައިން ވަކާލާތު ކުރަމުން އައީ ގަތަރުގެ ފަރާތުންނެވެ. އެކަން ހަގީގަތަކަށްވީ އދ ގެ އާއްމު މަޖިލީހުން 8 ނޮވެމްބަރު 2007 ގައި ފާސްކުރި ގަރާރަކުންނެވެ.

މިދެންނެވި ގަރާރު ފާސްކުރުމާއެކު 2008 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އައު ޝިއާރެއް ނުވަތަ ޝިއާރުތަކަކާއެކު މިދުވަސް އަންނަނީ ފާހަގަ ކުރަމުންނެވެ. މި ދުވަހު ޕްރޮމޯޓްކުރެވޭ މައިގަނޑު ތިން ކަމެއް އޮވެއެވެ. ފުރަތަމަ އެއްޗަކީ މިނިވަންކަމުގެ އަގާއި އޭގެ މުހިންމު ކަމެވެ. ދެވަނަ އެއްޗަކީ އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމެވެ. ތިންވަނަ ކަމަކީ ރައްޔިތުންގެ ކަންކަން ރައްޔިތުން އިންތިޚާބުކުރާ ބަޔަކާ ހަވާލުވުމުގެ ކަންކަން އިންސާފުވެރިކޮށް ގެންދިއުމެވެ. މިއަހަރުގެ މިދުވަހުގެ މައިގަނޑު ޝިއާރަކީ އަންނާން ހުރި ގޮންޖެހުންތަކާ ކުރިމަތިލުމަށް ޑިމޮކްރަސީގެ ނިވާފަތްގަނޑެވެ.

މިއަހަރު މިފަދަ ޝިއާރެއް ކުރިއަށް ނެރުމުގެ ސަބަބަކީ ދުނިޔެއަށް ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ކުރިމަތިވެފައިވާ މައްސަލަތަކެވެ. ފަހުގެ ތާރީޚުގައި ދުނިޔެއަށް ކުރިމަތިލާން ޖެހިފައިނުވާ ކަހަލަ އައު މައްސަލަތައް މިހާރު އެކި ގައުމުތަކަށް ވަނީ ކުރިމަތިވެފައެވެ. އިގްތިސާދީ މައްސަލަތަކާއި އިޖުތިމާއީ މައްސަލަތަކެވެ. ސިއްހީ މައްސަލަތަކާއި އެނޫންވެސް މައްސަލަތަކެވެ. އެހެންކަމުން މިމައްސަލަތަކުން އަރައިގަތުމަށް އެކި ގައުމުތަކުގައި އިމަޖެންސީ ހާލަތު އިއުލާންކޮށް އެކި ކަހަލަ ފިޔަވަޅުތައް ވަނީ އަޅައިފައެވެ. އޭގެތެރޭގައި ލޮކްޑައުން ކުރުމާއި ދަތުރުފަތުރު ހުއްޓައިލުމާއި އަދި މިނޫންވެސް ފަރުދީ މިނިވަންކަމާއި ގުޅުންހުރި ވަރަށް ގިނަ ހައްގުތަކާއި މިނިވަންކަމުގެ އިންތައް ވަނީ ހިފެހެއްޓިފައެވެ. ބައެއް ގައުމުތަކުގައި ވަކި ވައްތަރެއްގެ ވާހަކަ ދެއްކުންވެސް ހުއްދައެއް ނޫނެވެ. އެއީ ފޭކް ނިއުސްކަމަށް ބަލައިފައެވެ. ޚާއްސަކޮށް ވެކްސިނާއި ގުޅޭ ގޮތުންނެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި ގައުމުތަކުން އެޅި ކުދިބޮޑު ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންގެ ފަރުދީ މިނިވަންކަމުގެ ވަރަށް ބޮޑު ބައެއް ހިފެހެއްޓިފައިވާތީ ގާނޫނީ ގޮތުން އެކިކަހަލަ މައްސަލަތައްވެސް ވަނީ ފެންމަތިވެގެން އައިސްފައެވެ. އެހެންވީމާ ކުރިމަގުގައި މިޒާތުގެ ކަންކަމާއި ކުރިމަތިލުމުގައި މިފަހަރު ކަންކަން ކުރި އުސޫލަށްވުރެ ޑިމޮކްރަސީއާ ރައްޓެހި ގޮތަކަށް އަދި ޑިމޮކްރަޓިކް އުސޫލުތައް އެކަހެރި ނުކުރެވޭ ގޮތެއްގެ މަތިން ކަންކަން ކުރުމަށް އިސްކަން ދިނުމުގެ ވިސްނުން ޕްރޮމޯޓް ކުރުމަކީ މިއަހަރުގެ ޝިއާރުގެ އެއްބޭނުމެވެ. އެ ޝިއާރުން ދޭން ބޭނުންވާ މެސެޖަކީ ކޮންމެ ހާލަތެއްގައި ވިޔަސް ޑިމޮކްރަޓިކް އުސޫލުތަކުގައި ހިފެހެއްޓުމުގެ މުހިއްމުކަން ކިޔައިދިނުމެވެ. ޑިމޮކްރަސީއާ ދުރަށް ދާންޖެހޭ ހާލަތެއް ނާންނާނެކަން ބުނެދިނުމެވެ. ކަންކަމުގެ ހައްލު އޮތީ ޑިމޮކްރަސީގެ ތެރެއިންކަން ބުނެދިނުމެވެ.

މިކަމަށް އަލިއަޅުވާލައްވައި އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތަރެޒް ދެއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރުތަކުން ކޮންމެ ކަހަލަ ފިޔަވަޅެއް އެޅިޔަސް އެ ފިޔަވަޅެއް ވާންޖެހޭނީ ދެފަރާތް ފެންނަ ގޮތަށް، ޖަވާބުދާރީ ވެވޭގޮތަށް އަދި ނަތީޖާ ނެރެވޭ ގޮތަށް އެޅިގެންދާ ފިޔަވަޅުތަކަށް ކަމުގައެވެ. އެހެންވީމާ ފިޔަވަޅުތައް އަޅާނީ އަދި އެޅިފައިވަނީވެސް މި އުސޫލަށް ރިއާޔަތް ކުރެވިގެންކަން ކަށަވަރު ކުރުމަށް ދުނިޔޭގެ އެންމެހައި ގައުމުތަކުގެ ސަރުކާރުތަކަށް ސެކްރެޓަރީ ޖެނެރަލް ވަނީ އިލްތިމާސް ކުރައްވައިފައެވެ. ކޮންމެ ހާލަތެއްގައިވެސް ޚިޔާލު ފާޅުކުރުމާއި ކަންކަމާއި މެދު ގެންގުޅޭ ރައުޔު ފާޅުކުރުމުގެ ހައްގު ރައްޔިތުންނަށް އޮންނަން ވާނޭ ކަމަށާއި ބަލިމަޑުކަމެއްގެ ތެރޭގައިވިޔަސް އެ ހައްގު ހަނިކުރުމަށް ޖާގަ ދެވިގެން ނުވާނެ ކަމަށް ސެކްރެޓަރީ ޖެނެރަލް ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ ޑިމޮކްރަސީ ދުވަސް

އިތުރަށް ކިޔާލަން

15 ސެޕްޓެމްބަރު 2023

މީޑިއާގެ މިނިވަންކަމާއި މަޖިލީހުގެ މިނިވަންކަމަކީ ޑިމޮކްރަސީއަކަށް ކޮންމެހެން ބޭނުންތެރި ކަންތައްތައް: ރައީސް ނަޝީދު

15 ސެޕްޓެމްބަރު 2023
މީޑިއާގެ މިނިވަންކަމާއި މަޖިލީހުގެ މިނިވަންކަމަކީ ޑިމޮކްރަސީއަކަށް ކޮންމެހެން ބޭނުންތެރި ކަންތައްތައް: ރައީސް ނަޝީދު
15 ސެޕްޓެމްބަރު 2022

އެމްއެންޔޫއިން "ޑިމޮކްރަސީ ޑޭ ފެސްޓިވަލް" ފަށައިފި

15 ސެޕްޓެމްބަރު 2022
އެމްއެންޔޫއިން "ޑިމޮކްރަސީ ޑޭ ފެސްޓިވަލް" ފަށައިފި
15 ސެޕްޓެމްބަރު 2022

ޑިމޮކްރަސީ ދުވަހާ ގުޅިގެން އީސީން ހުރިހާ ސްކޫލްތަކަށް އަމާޒުކޮށްގެން ކުރެހުމުގެ މުބާރާތެއް ބާއްވަނީ

15 ސެޕްޓެމްބަރު 2022
ޑިމޮކްރަސީ ދުވަހާ ގުޅިގެން އީސީން ހުރިހާ ސްކޫލްތަކަށް އަމާޒުކޮށްގެން ކުރެހުމުގެ މުބާރާތެއް ބާއްވަނީ
24 ޖުލައި 2022

ޑިމޮކްރަސީ ދުވަހާ ގުޅުވައިގެން، ކުރެހުމާއި މަޒުމޫނު ލިޔުމުގެ މުބާރާތެއް މަޖިލީހުން ބާއްވަނީ

24 ޖުލައި 2022
ޑިމޮކްރަސީ ދުވަހާ ގުޅުވައިގެން، ކުރެހުމާއި މަޒުމޫނު ލިޔުމުގެ މުބާރާތެއް މަޖިލީހުން ބާއްވަނީ
15 ސެޕްޓެމްބަރު 2021

މިނިވަންކަންމަތީ ޑިމޮކްރަސީ ނެގެހެއްޓުމަށް މުއައްސަސާތަކުގެ ދައުރު ބޮޑު: ނާއިބުރައީސް

15 ސެޕްޓެމްބަރު 2021
މިނިވަންކަންމަތީ ޑިމޮކްރަސީ ނެގެހެއްޓުމަށް މުއައްސަސާތަކުގެ ދައުރު ބޮޑު: ނާއިބުރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު