ޤައުމުތަކާއެކު ޓެކްސް ދައްކާ ފަރާތްތަކުގެ ހައްގުތައް ނުގެއްލޭގޮތަށް، ޤާނޫނީ އިމުގެ ތެރެއިން މަޢުލޫމާތު ބަދަލުކުރެވޭނެ އެއްބަސްވުމެއްގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ސޮއިކޮށްފިއެވެ.
ދިވެހިރާއްޖެއިން "ކޮންވެންޝަން އޮން މިއުޗުއަލް އެޑްމިނިސްޓްރޭޓިވް އެސިސްޓަންސް އިން ޓެކްސް މެޓަރސް (އެމް.އޭ.އޭ.ސީ)" އާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 11 އޮގަސްޓު 2021 ގައެވެ. މި އެގްރިމަންޓްގައި ސޮއިކުރައްވާފައިވަނީ ކިންގްޑަމް އޮފް ބެލްޖިއަމަށް އަދި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޙަސަން ޞާބިރެވެ. ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޕެރިސްގައި ހުންނަ އޯ.އީ.ސީ.ޑީގެ ހެޑްކުއާޓަރުގައެވެ.
އެމް.އޭ.އޭ.ސީގައި އެއްބަސްވެފައިވާ ކަންތައްތައް ތަންފީޒުކުރާނެ ގޮތްތައް ކަނޑައަޅައި، މައުލޫމާތު ބަދަލުކުރުމަށާއި ސިއްރު ހިފެހެއްޓުމުގެ ގޮތުން ވަކި ހަމަތަކަކާއި އުސޫލުތަކަކަށް ޓެކުހާގުޅޭ އިދާރާތަކުގެ މެދުގައި އެއްބަސްވުމަށްޓަކައި އިތުރު ދެ މުއާހަދާއެއްގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، ފަތުހުﷲ ޖަމީލު ވަނީ ސޮއިކުރައްވާފައެވެ. މި މުއާހަދާތަކަކީ މަލްޓިލެޓަރަލް ކޮމްޕިޓަންޓް އޮތޯރިޓީ އެގްރީމަންޓް އޮން އޮޓޮމެޓިކް އެކްސްޗޭންޖް އޮފް ފައިނޭންޝަލް އެކައުންޓް އިންފޮމޭޝަން "އެމް.ސީ.އޭ.އޭ - ސީ.އާރ.އެސް" އަދި މަލްޓިލެޓަރަލް ކޮމްޕިޓަންޓް އޮތޯރިޓީ އެގްރީމަންޓް އޮން ދަ އެކްސްޗޭންޖް އޮފް ކަންޓްރީ-ބައި-ކަންޓަރީ ރިޕޯޓްސް "އެމް.ސީ.އޭ.އޭ - ސީ.ބީ.ސީ" އެވެ.
ދިވެހިރާއްޖޭގައި ބައިނަލްއަޤްވާމީ ޓެކްސް އިންފޮމޭޝަން ސްޓޭންޑަރޑްތައް ގާއިމުކުރުމަށްޓަކައި ގްލޯބަލް ފޯރަމް އޮން ޓްރާންސްޕޭރަންސީ އެންޑް އެކްސްޗޭންޖެ އޮފް އިންފޮމޭޝަން އޮން ޓެކްސް މެޓަރސް (ގްލޯބަލް ފޯރަމް) ގެ މެންބަރެއްގެ ގޮތުގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވަނީ ވަނީ ފެބުރުވަރީ 2016 ގައެވެ. 2016 ވަނަ އަހަރުން ފެށިގެން މި ސްޓޭންޑަރޑްތައް ޤާއިމުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ގްލޯބަލް ފޯރަމްގެ އެހީތެރިކަމާއެކީ މީރާއިން ދަނީ ކުރަމުންނެވެ. ގްލޯބަލް ފޯރަމްއަކީ އެ ފޯރަމްގެ ބައިވެރިންގެ މެދުގައި ދެފުށް ފެންނަ ނިޒާމެއްގެ ދަށުން މައުލޫމާތު ބަދަލުކޮށް، ޓެކްސް ނިޒާމުތައް އިތުރަށް ހަރުދަނާކޮށް، ޓެކްސް ދެއްކުމުން އެއްކިބާވުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް މަސައްކަތްކުރުމަށް އެކުލަވައިފައިވާ ފޯރަމްއެކެވެ. މި ފޯރަމްގައި 160 އަށްވުރެ ގިނަ ޤައުމާއި ފައިނޭންޝަލް ސެންޓަރުތަކުން ބައިވެރިވެފައިވެއެވެ.
މި މުއާހަދާގައި ސޮއިކުރުމުން، މި މުއާހަދާގައި ބައިވެރިވާ އެހެން ޤައުމުތަކާއެކު ޓެކްސް ދައްކާ ފަރާތްތަކުގެ ހައްގުތައް ނުގެއްލޭގޮތަށް، ޤާނޫނީ އިމުގެ ތެރެއިން މީރާއަށް މަޢުލޫމާތު ބަދަލުކުރެވޭނެއެވެ. މީގެ އިތުރުން، މުއާހަދާގައި ބައިވެރިވާ ޤައުމުތަކުގެ މެދުގައި ޓެކުހާ ގުޅޭކަންކަމުގައި އިދާރީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. މީގެތެރޭގައި އެކްޗޭންޖް އޮފް އިންފޮމޭޝަން އޮން ރިކުއެސްޓް (އީ.އޯ.އައި.އާރ)، އޮޓޮމެޓިކް އެކްސްޗޭންޖް އޮފް އިންފޮމޭޝަން (އޭ.އީ.އޯ.އައި) އަދި ސްޕޮންޓޭނިއަސް އެކްސްޖޭންޗް އޮފް އިންފޮމޭޝަން ހިމެނެއެވެ. މީގެ އިތުރުން، ސަރވިސް އޮފް ޑޮކިއުމަންޓްސްގައި އެހީތެރިވުމާއި ޓެކްސް އެގްޒަމިނޭޝަންތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ޓެކްސް ނުދައްކާ ފަރާތްތަކާއި ޓެކުހަށް މަކަރުހަދާ އަދި ޓެކްސް ދެއްކުމުން އެއްކިބާވާ ފަރާތްތައް ދެނެގަނެ ފިޔަވަޅުއެޅުމަށް އެހީތެރިކަން ލިބޭނެއެވެ.
އެމް.އޭ.އޭ.ސީއިން ބާރުދޭ އެއް ސްޓެންޑަރޑް ކަމުގައިވާ ކޮމަން ރިޕޯޓިންގ ސްޓޭންޑަރޑް (ސީ.އާރ.އެސް)ގެ ދަށުން، މުއާހަދާގައި ބައިވެރިވާ ގައުމުތަކުގައި ދިވެހިރާއްޖޭގެ ޓެކްސް ރެޒިޑަންޓެއް ހުޅުވާފައިވާ ބޭންކް އެކައުންޓްތައް އަދި އެހެނިހެން ފައިނޭންޝަލް އެކައުންޓްތަކުގެ ތަފްސީލް މީރާއަށް ލިބޭނެއެވެ. މީގެ ތެރޭގައި ފަރުދުންގެ އެންމެހައި އެކައުންޓްތަކުގެ ތަފްސީލާއި، ކުންފުނި އަދި އެފަދަ އެހެނިހެން އެންޓިޓީތަކުގެ އެކައުންޓްތަކުގެ ތެރެއިން 250,000 އެމެރިކާ ޑޮލަރުގެ ބެލެންސް ނުވަތަ އަގު ހުރި އެކައުންޓްތަކުގެ މައުލޫމާތު ހިމެނެއެވެ. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކުން ޓެކްސް ދައްކަން ޖެހޭނީ އެ ފަރާތަކަށް ދިވެހިރާއްޖެއިން ލިބޭ އާމްދަނީއާއި ދިވެހިރާއްޖެއިން ބޭރުން ލިބޭ އާމްދަނީ ވެސް ހިމަނައިގެން އެ ފަރާތަށް ލިބޭ ޖުމްލަ އާމްދަނީން ކަމުން، މިފަދަ މައުލޫމާތު 143 އެހެން ޤައުމަކުން ލިބުމަކީ ޓެކްސް ދެއްކުމުން އެއްކިބާވުމަށް މަސައްކަތްކުރުން ހުއްޓުވުމަށާއި، އާމްދަނީ ލިބޭ މިންވަރަށްވުރެ ދަށުން ރިޕޯޓްކުރާ ފަރާތްތައް ދެނެގަތުމަށް މީރާއިން ކުރަމުންދާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ.
މީގެ އިތުރުން، ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިންގގެ ދަށުން، ކޮންސޮލިޑޭޓެޑް ގްރޫޕު ރެވެނިއުގެ ގޮތުގައި 750 މިލިއަން ޔޫރޯއަށްވުރެ އިތުރަށް ލިބިފައިވާ މަލްޓިނެޝަނަލް އެންޓަޕްރައިޒް (އެމް.އެން.އީ) ގްރޫޕްތަކުގެ ތެރެއިން ދިވެހިރާއްޖޭގައި ކޮންސްޓިޓުއަންޓް އެންޓިޓީތައް ޤާއިމްކޮށްފައިވާ އެމް.އެން.އީ ގްރޫޕްތަކުގެ މާލީ މައުލޫމާތު ވެސް މީރާއަށް ލިބޭނެއެވެ.
ދިވެހިރާއްޖެއަށް ބޭރުގެ އިދާރާތަކުން މަޢުލޫމާތު ފޯރުކޮށްދޭ ފަދައިން ދިވެހިރާއްޖެއިން ވެސް މުއާހަދާގައި ބައިވެރިވެފައިވާ އެހެން ޤައުމުތަކަށް މި މައުލޫމާތުތައް ފޯރުކޮށްދޭނެއެވެ. ބޭރުގެ އިދާރާތަކާ ހިއްސާކުރާ ފައިނޭންޝަލް އެކައުންޓްގެ މައުލޫމާތުތައް މީރާއާ ހިއްސާކުރާނީ ކޮމަން ރިޕޯޓިންގ ސްޓޭންޑަރޑްގެ ދަށުން މީރާގައި ރަޖިސްޓަރީކޮށްފައިވާ މާލީ އިދާރާތަކުންނެވެ. އަދި ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިންގ ގަވާއިދުގެ ދަށުން މީރާއަށް ނޯޓިފިކޭޝަން ހުށަހަޅާފައިވާ އެންޓިޓީތަކުން ވެސް ސީ.ބީ.ސީ ރިޕޯޓިންއަށް ބޭނުންވާ މައުލޫމާތު ހުށަހަޅަން ޖެހޭނެއެވެ. ކޮމަން ރިޕޯޓިންގ ސްޓޭންޑަރޑްގެ ދަށުން ރަޖިސްޓަރީކޮށްފައިވާ މާލީ އިދާރާތައް ފުރަތަމަ ފަހަރަށް މަޢުލޫމާތު ހުށަހަޅަންޖެހޭ ސުންގަޑިއަކީ 31 ޖުލައި 2022 އެވެ. އަދި ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިންގ ގެ ދަށުން ނޯޓިފިކޭޝަން ހުށަހަޅާފައިވާ އެންޓިޓީތަކުން، 1 ޖަނަވަރީ 2021 ނުވަތަ އޭގެ ފަހުން ފެށޭ ރިޕޯޓުކުރާ ފިސްކަލް އަހަރުތަކަށް ނިސްބަސްވާ ރިޕޯޓް ހުށަހަޅަން ޖެހޭނީ ރިޕޯޓުކުރާ ފިސްކަލް އަހަރު ނިމިގެން 12 މަސްދުވަސް ހަމަވުމުގެ ކުރިންނެވެ.
އިންފޮމޭޝަން ސްޓޭންޑަރޑްތައް ޤާއިމުކުރުމަށްޓަކައި ޓެކުހާގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި މީރާއިން މިނިސްޓްރީ އޮފް ފިނޭންސްގެ ޓެކްސް ޕޮލިސީ ޔުނިޓާއެކު ގިނަ މަސައްކަތްކޮށްފައިވެއެވެ. ޤާނޫނަށް ގެނެވުނު ބަދަލުތަކުގެ ދަށުން ތައްޔާރުކުރަންޖެހޭ ގަވާއިދުތަކާއި ޕޮލިސީތައް މިހާރު ތައްޔާރުކުރެވިފައިވާއިރު، މި ސްޓެންޑަރޑްތައް ތަންފީޒުކުރުމަށް ބޭނުންވާ އިތުރު މައުލޫމާތާއި ގައިޑްތައް މީރާގެ ވެބްސައިޓް އަދި އެކި މީޑިއާތަކުގައި ޝާޢިއުކުރެވޭނެއެވެ. މީގެ އިތުރުން ވެސް، ސީ.އާރ.އެސް އަދި ސީ.ބީ.ސީ.އާރ ތަންފީޒުކުރުމަށް މީރާއާ އެކީ މަސައްކަތްކުރާ ސަރުކާރުގެ އެކި އިދާރާތަކަށާއި މި ސްޓްންޑަރޑްގެ ދަށުން މައުލޫމާތު ރިޕޯޓްކުރަންޖެހޭ މާލީ އިދާރާތަކަށް ގްލޯބަލް ފޯރަމްއާ ގުޅިގެން ބައްދަލުވުންތަކާއި ވޯރކްޝޮޕްތައް ބާއްވާފައިވެއެވެ. މި ވޯރކްޝޮޕްތަކުގައި މި ސްޓޭންޑަރޑް ތަންފީޒުކުރުމުގައި ބައިވެރިވާ އެންމެހާ އިދާރާތަކުގެ މައްސޫލިއްޔަތުތަކާއި ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މި ސްޓޭންޑަރޑްގެ ދަށުން މާލީ އިދާރާތަކުން މީރާއަށް މަޢުލޫމާތު ހުށަހަޅާ ސިސްޓަމާ ގުޅޭ އިތުރު ތަމްރީނުތައް ދިނުމަށް މީރާއިން އަންނަނީ ތައްޔާރުވަމުންނެވެ.
މި ސްޓޭންޑަރޑް ކާމިޔާބުކަމާއެކީ ތަންފީޒުކުރުމަށްޓަކައި، ސީ.އާރ.އެސްގެ ދަށުން ރަޖިސްޓަރީކޮށްފައިވާ މާލީ އިދާރާތަކާއި އެމް.އެން.އީ ގްރޫޕްތަކުގެ ކޮންސްޓިޓުއަންޓް އެންޓިޓީތަކުގެ އެއްބާރުލުން ބޭނުންވާނެއެވެ. މި މަޢުލޫމާތުތައް ހުށަހެޅުމަކީ ޤާނޫނުން ލާޒިމުކުރާ ކަމަށްވާތީ، މަޢުލޫމާތު ހުށަނާޅާ ފަރާތްތަކާ މެދު ޓެކުހާ ގުޅޭ އިދާރީ ޤާނޫނުގެ 65 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.
ބައިނަލްއަޤްވާމީ ޓެކުހުގެ މައިދާނުގައި ކުރިއަރާފައިވާ ގައުމުތަކާއި ދިވެހިރާއްޖެއިން ފައިހަމަކޮށް، ޓެކުހަށް މަކަރު ހަދައި ޓެކްސް ދެއްކުމުން އެއްކިބާވުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް ފެށި މި ދަތުރުގައި މިއަދަކީ މީރާއަށާއި ދިވެހިރާއްޖޭގެ ޓެކްސް ނިޒާމަށް ބޮޑު ކާމިޔާބީއެއް ލިބުނު ދުވަހެކެވެ. މީރާއިން އުންމީދުކުރަނީ މާލީ އިދާރާތަކާއި ކަމާބެހޭ ފަރާތްތަކާއެކު ކާމިޔާބުކަމާއެކީ މި ސްޓޭންޑަރޑްތައް ތަންފީޒުކުރުމަށެވެ.