"އަހަރެމެން ދިވެހީން" ނިކަން ކިޔައިދީބަލާށެވެ. އޭރަށް، "ޤައުމީ ލޯބި" ކެކި އުތުރޭނެއެވެ!

ދާދި މިދާކަށް ދުވަހު، މީޑިއާގެ އެކުވެރިއަކާއެކު، ކޮފީއަކަށް ދިޔައިމެވެ. އޭނާ ދައްކަމުންދިޔަ ވާހަކަ، މިނިވަންދުވަހާ މުނާސަބު ވަމުންގޮސް، ވާހަކައިގެ ރާގު ބަދަލުވެގެން ދިޔައީ، އިހަށް ދުވަހު، އޭނާ ތަޖުރިބާކުރި ކަމެއްގެ މައްޗަށެވެ.

"ދާދިފަހުން އޭނާއަށް ދިމާވި ޒުވާން ކުއްޖެއް ކުރެން،މިނިވަން ދުވަހާއި، އެ ދުވަސް ޚާއްސަވަނީ ކޮންފަރާތަކަށްކަން އެނގޭތޯ އަހައިލީމާ ނޭނގެއޭ! ބުނެ ޖަވާބު ދިން ވާހަކައެވެ. ދުވަސް ނިސްބަތްވަނީ ކޮންބޭފުޅަކަށްތޯ؟ އަހައިލުމުން ލިބުނީ ވެސް އެފަދަ ޖަވާބެއް ކަމަށް ވެއެވެ!". ރަޙުމަތްތެރިޔާ، ވަރަށް ދެރަވެލައިފައި ބުނެލިއެވެ.

ދިވެހިރާއްޖޭގެ މިއަދުގެ ޖީލަށް، ދިވެހިތާރީޚު، ނޭގޭނަމަ، އެކަމާ ލަދުގަންނަންވީ، އެކުދިންނެއް ނޫނެވެ. އެއަށްވުރެން ބޮޑަށް، އެކަމާ ހިތާމަކުރާންވީ، މިހާތަނަށް އައިއިރު، ދިވެހިތާރީޚު، ކިޔަވައިނުދެވި އޮތީތީ، އެވެ. ހަމަ އެހެންމެ ދިވެހިރާއްޖޭގެ ފަހުގެ ތާރީޚުވެސް، ފުރިހަމަ ގޮތެއްގައި ލިޔެވިފައި ނެތީތީއެވެ.

"މުޙައްމަދު އަމީންލިޔުއްވި ތާރީޚާބެހޭ ބޮޑު ފޮތް، އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (2) ރަސްކަމުގައި ހިނގި ކަންތައްތައް ނުހިމަނުއްވައި، ނިންމަވާ ލައްވައިފައިވެއެވެ. ނާސިރުގެ ދައުރުގައި މުޙައްމަދު އަމީންގެ  ދައުރު ހަގީގީ ތާރީޚުގެ ވާހަކަތަކެއް ނުދެކެވެއެވެ. މައުމޫންގެ ދައުރުގައި ނާސިރުގެ ވާހަކަތައްވެސް މިފަދައެވެ. މިއާއެކު، ދިވެހިރާއްޖޭގެ ތާރީޚަކީ ސާނަވީ މަދަރުސާތަކުގައި ކިޔަވައިދޭ އެއްޗެއް ނޫނެވެ." އަޅުގަނޑުގެ އަޚު، ޑރ. ޙަސަން ޙަމީދު، އޭނާގެ ބްލޮގުގައި، މިހެން ލިޔުއްވައިފައި ވެއެވެ.

ޑރ. ހަސަން ޙަމީދު، އެ ވިދާޅުވިފަދައިން، ރާއްޖޭގެ މިނިވަންކަމާ ބެހޭގޮތުންނާއި، ދިވެހި ތާރީޚުގެ ފަޚުރު ތަކާބެހޭ ގޮތުން، ދިވެހިދަރީން ހޭލައްވައިދީ، ހިތުގައި އެ ފަޚުރުތަކުގެ ބިންވަޅު ނަގައިދެވިފައި ނުވާނަމަ، އެކުދީންނަށް، ގައުމުގެ މާޒީއެއް ސާފެއް ނުވާނެއެވެ. އިހު ކާބަފައިންނާއިމެދު ފަޚުރުވެރި ވާކަށް ނޭނގޭނެއެވެ.

ގައުމީ ލޯތްބަކީ، އެ ލޯބި ޅަދަރީންގެ ހިތްތަކުގައި އުފެއްދީމައި އުފެދޭ އެއްޗެކެވެ. މިނިވަންކަމުގެ އަގު ވަޒަން ކުރެވޭނީ، އެވާހަކަތައް އެކުދީންނަށް ރަނގަޅަށް އޮޅުން ފިލުވައި ދެވިގެންނެވެ. އެ ޅަ ހިތްތަކުގައި، ޤައުމީ ލޯބި އުފައްދައި ދީގެންނެވެ. ދިވެހި ތާރީޚު މާއްދާ އެއްގެ ގޮތުގައި ކިޔަވައި ނުދޭނަމަ، މިނިވަން ދުވަސް ނިސްބަތްވަނީ، ކޮން ބޭފުޅަކަށްތޯ؟ ސުވާލު ކުރުމުން، ކޮންމެފަދަ ހީއަކަށްވެސް ޖަވާބު ދެވިދާނެއެވެ.

މިނިވަން ދުވަހަކީ ކޮބައިކަމާއި،  ކިތައް މުނާސަބަތާއި މުނާސަބުކޮށް މިނިވަން ދުވަސް، ފާހަގަ ކޮށްފިތޯ؟ ޒުވާނަކު ކުރެން އަހައިފިނަމަ، ފަހަރުގައި އޭގެ ފުރިހަމަ ދޭހައެއް ބުނެދޭން ނޭނގުމަކީ، އެކަށީގެންވާ ކަމެކެވެ. ސަބަބަކީ، ދިވެހިރާއްޖޭގެ މިނިވަން ދުވަސް، ތަފާތު އެކި މުނާސަބާތަކާ ގުޅުވައިގެން، އެކި ފަހަރު އެކި ގޮތަށް ފާހަގަ ކޮށްފައި ވުމާއި، އަދި އެކަންކަން ހިނގައިދިޔަ ގޮތް، ބުނެދެވިފައި ނެތުމެވެ. އަދި މިކަންކަން، މިއަދުގެ ހަރު މީހުންގެ ތެރެއިންވެސް މަދު ބަޔަކަށް ނޫނީ އޮޅުންފިލައިފައި ނެތުމެވެ.

މަރުޙޫމް ޢަބްދުލް ޙަކީމް ޙުސައިން މަނިކު، ލިޔުއްވި، "ބޮޑުހުޅުގެ ތާރީޚު" ކިޔާލައިފިނަމަ، ފެންނާން އޮތް އެއް ވާހަކައަކީ، 1887 ގައި، ރާއްޖޭގައި އިންނެވި ރަދުން، ސުލްޠާން މުޙައްމަދު މުޢީނުއްދީން (2)، އިނގިރޭސިން ގެނައި ސިޓީއެއްގައި ސޮއިކުރެއްވީ، އެކަމަށް 3 ފަހަރެއްގެ މަތިން އެދިގެންކަމެވެ. އެ ސިޓީގައި ރަދުން ސޮއި ނުކުރެއްވުމުން، މާލެއާއި ދިމާއަށް އިނގިރޭސި މަނަވަރެއް، ބަޑިތައް ދިއްކޮށްގެން، ބާރު ދުވެއްޔެއްގައި، އައިސް، ބިރު ދައްކައިހެދި ކަމެވެ.

ޑރ. ޙަސަން ޙަމީދުގެ ބްލޮގުގައި، މިދެންނެވި ސިޓީގެ ތަރުޖަމާއެއް ލިއުއްވާފައިވާތީ، މިތާނގައި، އެ ތަރުޖަމާ ނަކަލު ކޮށްލައެވެ.

"އިނގިރޭސީން، އަމިއްލައަށް ލިޔުނު ސިޓީގައި ރަދުންލައްވައި ސޮއި ކުރުއްވައިގެން ގެންދިއުމަށްފަހު، އިނގިރޭސީން އެ ސިޓީގެ ޖަވާބެއް ފޮނުވިއެވެ. އެއީ 23 ޑިސެމްބަރު 1887ގެ ތާރީޚްގައި ފޮނުވި ސިޓީއެކެވެ. އެ ސިޓީ މި އޮތީއެވެ. އެ ސިޓީގައި އޮތީ، ދިވެހިރާއްޖޭގެ ދާޚިލީ އެއްވެސް ކަމަކާ އިނގިރޭސީން ނުބެހޭނެކަމަށް، އެމީހުންގެ ރާނީ (ކްއީން ވިކްޓޯރިއާ) ގެ ނަމުގައި އަހުދުވެފައެވެ." – ޑރ. ޙަސަން ޙަމީދު، ލިޔުއްވާފައި ވެއެވެ. 

މިދެންނެވި ސިޓީއަކީ، މިޒަމާނުގައި މިކިޔާ " ޕްރޮޓެކްޓްރޭޓެޑް ސްޓޭޓް އެގްރިމަންޓެވެ. ކޮންމެއަކަސް 1887ގައި އިނގިރޭސި ދައުލަތާއި ދިވެހިރާއްޖޭގެ ރަދުން، ސުލްޠާން މުޙައްމަދު މުޢީނުއްދީން (2) އާއި ދެމެދު، ސޮއިކުރެވުނު ޙިމާޔަތުގެ ސިޓީ ނުވަތަ މުޢާހަދާއަށް، މުޙައްމަދު އަމީންގެ މަސައްކަތްޕުޅުން ގެނެވުނު އިސްލާޙެއްގެ ކަމުގައިވި،  1948ގެ އެޕްރީލު މަހުގެ 24 ވަނަ ދުވަހު، އިނގިރޭސި ދައުލަތާއި ދިވެހިރާއްޖޭގެ ރަދުންނާއި ދެމެދުގައި ސޮއިކުރި އައު މުޢާހަދާއަށްފަހު، މިނިވަން ދުވަހުގެ ގޮތުގައި ފުރަތަމަ ފަހަރަށް ދުވަހެއް، ފާހަގަ ކުރާން ފެށުނެވެ.

މި ދެންނެވި އިސްލާޙުގައި އޮތީ،  "ދިވެހިރާއްޖޭގެ ރަސްކަމަކީ އިންތިޚާބި ރަސްކަމެކެވެ. ދިވެހިރާއްޖޭގެ ދައުލަތަކީ، ފުރިހަމައަށް މިނިވަންކަން ލިބިގެންވާ ދައުލަތެކެވެ. ދިވެހި ދައުލަތަކީ އިނގިރޭސި ދައުލަތުގެ ޙިމާޔަތްތެރިކަން ލިބިގެންވާ ދައުލަތެއް މެއެވެ." މިހެންނެވެ.

މިހެން ބުނެ، ކުރީގެ "ސްޓޭޓް އެގްރިމަންޓު" ނުވަތަ "ސިޓީ" އަށް، އެ  ގެންނެވި އިސްލާޙަށްފަހު، ކޮންމެ އަހަރެއްގެ ޖުމާދިލް އާޚިރާ މަހުގެ 13 ވަނަ ދުވަސް، މިނިވަން ދުވަހުގެ ނަމުގައި ފާހަގަ ކުރަމުން އައެވެ. އެއަށްފަހު، ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި، އެހެން ދުވަހެއްވެސް ފާހަގަ ކުރާން ފެށިއެވެ. މިކަން އޭރު ނެރުނު ސަރުކާރުގެ އިޢުލާނަކުން ހާމަވެއެވެ. އެއީ، 1955 ގައި މުޙައްމަދު އަމީންގެ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަށްފަހު، " ޙަގީގީ މިނިވަންދުވަސް" މި ނަމުގައި، މައުލޫދަކާއި، ހެނދުނުގެ ސައިފޮދަކުން، ފާހަގަކުރި މިނިވަން ދުވަހެވެ.

މިނިވަންދުވަސް ދެން ފާހަގަ ކުރާންފެށީ، 26 ޖުލައި 1965 ގައި ދިވެހި ދައުލަތާއި އިނގިރޭސި ދައުލަތާއި ދެމެދުގައި ކުރެވުނު ޚާރިޖީ މިނިވަންކަން ލިބިގެންދިޔަ މުޢާހަދާ އަށްފަހު، ޖުލައި 26 އާއި މުނާސަބު ކޮށްގެންނެވެ. އެއަށް ފަހު، މިނިވަންދުވަސް ފާހަގަކުރާ ދުވަސް ބަދަލުވެގެން ދިޔައީ، 29 މާރޗަށެވެ. އެއީ 1976 މާރޗް 29 ގައި އިނގިރޭސިން، އައްޑޫ ގަމުން ފޭބި ދުވަހެވެ.

މި ދުވަހާ ގުޅުވައިގެން މިނިވަން ދުވަސް ފާހަގަ ކުރަމުން ގެންދަނިކޮށް، އަނެއްކާވެސް މިނިވަންދުވަސް ފާހަގަ ކުރުން،  ޖުލައި 26 ށް، ބަދަލުވިއެވެ. މި ފަހަރު މި ދުވަސް ބަދަލު ކުރެއްވީ، 1978ގައި ނާސިރުގެ ދައުރު ނިމި، ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމަށް، އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް އިންތިޚާބު ވުމަށް ފަހުގައެވެ. އައު ސަރުކާރުގެ ނިންމުމެއްގެ ގޮތުގައެވެ. އެހެން ކަމުން އިބްރާހީމް ނާސިރުވެސް އެވަނީ، މިނިވަން ދުވަހުގެ ގޮތުގައި، ދެ މުނާސަބާއަކާ ގުޅުވައިގެން، ދެ ދުވަހެއްގައި "މިނިވަން ދުވަސް" ފާހަގަ ކުރައްވައިފައެވެ.

ސުވާލަކީ، މިއަދު މި ފާހަގަ ކުރަނީ 56 އަހަރު ފުރޭ 57 ވަނަ މިނިވަން ދުވަހަށް ވެފައި އޮތްއިރު، ދިވެހިރާއްޖެއަކީ، ވޭތުވެދިޔަ ޒަމާން ތަކުގައި މިނިވަންކަމެއް ނެތް ގައުމަކީތޯ؟ ޒުވާން ބައެއް ހިތްތަކުގައި އުފެދޭ ސުވާލެވެ! ޔަޤީނުންވެސް ފެންނާން އޮތް އެއް ޙަގީގަތަކީ، 1965 ގެ ޖުލައި 26 ގައި، އިނގިރޭސި ސަރުކާރާއި، ދިވެހި ސަރުކާރާއެކު ވެވުނު މިނިވަން ކަމުގެ މުޢާހަދާ ނުވަތަ ޚާރިޖީ މިނިވަން ކަމުގެ މުޢާހަދާއާއި ބެހޭގޮތުން، އިނގިރޭސިވި ވިލާތުގެ ޕާލަމަންޓު ނުވަތަ ހައުސް އޮފް ލޯޑުގައި ކުރެވުނު ބަޙުސްގައި، ލޯޑު ޓޭލަރ ބުނެފައިވާ ވާހަކަ ޔައުމިއްޔާ ކުރެވިފައި އޮތް ކަމެވެ.

އެ ވާހަކަ މިތާނގައި އަޅުގަނޑު މި ނަކަލު ކޮށްލަނީ، ޑރ. ޙަސަން ޙަމީދު، އޭނާގެ ބްލޮގުގައި "މިނިވަން ދުވަހޭ ތޯއެވެ"، މި މައުޟޫގައި ލިޔުއްވައިފައި އޮތް ޢިބާރާތެވެ.

"މަގޭ ސާހިބުންނޭވެ. އިނގިރޭސި ވިލާތަކަށް މި ޖަޒީރާތައް އެއްވެސް އިރަކު މިލްކުވެގެން ނުވެއެވެ. އެ ރަށްތަކަކީ، ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރަށް މިލްކުވެގެންވާ، އެ ފަރާތްތަކުގެ ތަކެއްޗެވެ. އެ ރަށްތައް ވީ ޙިމާޔަތް ކުރެވިގެންވާ ދައުލަތެއްގެ ޙާލަތުގައެވެ." – ޑރ. ޙަސަން ޙަމީދުގެ ބްލޮގުގައި ލިޔުއްވައިފައި ވެއެވެ.

ދިވެހިރާއްޖެއަކީ، 1887 ގެ ފަހުންވެސް،ހިނގަމުން އައި ރަސްކަމަމުގެ ނިޒާމު އުވި، ޖުމްހޫރިއްޔަތެއް ފެށުމާއި ހަމައަށްވެސް، އަދި އޭގެ ފަހުން މިއަދާއި ހަމައަށްވެސް، އަމިއްލަ ވެރިކަމެއް ކުރަމުން އައި މިނިވަން ގައުމެކެވެ. ރާއްޖެ އޮތީ، އިނގިރޭސިން އަޅުވެތި ކޮށްގެން އޮތް ބައެއް ގައުމުތައް ފަދައިން، ދާޚިލީ ކަންކަންވެސް ހިންގާބަޔަކީ، އިނގިރޭސީން ކަމުގައި ވެގެންނެއް ނޫނެވެ.

ޢަދުލް އިންސާފު ގާއިމްކުރާ ދިވެހި ފަނޑިޔާރުގެ ހިންގީ އިނގިރޭސީންނެއް ނޫނެވެ. ވާރު ނަގަނީ އެމީހުންނެއް ނޫނެވެ. ގާނޫނު ހަދާ މަޖިލީހުގައި ތިބީ އެމީހުންނެއް ނޫނެވެ. ތަޚުތުގައި އިންނަވަނީ، އިނގިރޭސި ރާނީ އިސްކުރެއްވި ބޭފުޅެއް ނޫނެވެ. އެހެން ކަމުން، 1887 ގެ ކުރިއެކޭ އެއް ގޮތަށް، 1887ގެ ފަހުގައިވެސް، ދިވެހި ރާއްޖެއަކީ، އަޅުވެތި ގައުމެއް ނޫނެވެ. މިނިވަން ގައުމެކެވެ.

ޕޯޗުގީޒުންނާއި ހޮޅިން، ރާއްޖޭގެ މައްޗަށް ވެރިވެގެން އެތިބި، މަދު ދުވަސްކޮޅެއް ފިޔަވައި، ރާއްޖޭގެ އެވޭލާ ޒަމާނުއްސުރެން އަދާއި ހަމައަށްވެސް، ރާއްޖޭގެ ތަޚުތުގައި ތިއްބެވީ ދިވެހީންގެ ޢާއިލާ ތަކަށް ނިސްބަތްވި ރަހުންނާއި ރަނީންނެވެ. ހިނގަމުން އައީ ދިވެހި ރަސްކަމެވެ. އެހެން ކަމުން، ދިވެހިރާއްޖޭގެ މިނިވަން ދުވަސް ، ކުރިން އަޅުގަނޑު، ދެންނެވި ފަދައިން ތަފާތު ދުވަސްތަކާ މުނާސަބުކޮށް ފާހަކުރި ފަދައިން، މުޙައްމަދު ތަކުރުފާނު ބޭނުންފުޅުވި ނަމަ، ޕޯޗުގީޒުންގެ އަތުން ރާއްޖެ މިނިވަންވި ދުވަހުގެ މުނާސަބަތާ ގުޅުވުނީހެވެ.

ހަމަ އެހެންމެ، ހޮޅީންގެ އަތުން ރާއްޖެ މިނިވަންކުރި ދުވަހާއި މުނާސަބުކޮށް، ރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރަން، ދޮން ބަންޑާރައިން، ބޭނުންފުޅުވި ނަމަ، އެދުވަހާއިވެސް، މިނިވަން ދުވަސް، މުނާސަބު ކުރެވުނީހެވެ. މިއަދު މިނިވަންދުވަސް މި ފާހަގަ ކުރެވެނީވެސް، މުހިންމު މުނާސަބަތަކާއި މުނާސަބުކޮށްގެންނެވެ. އެ މުނާސަތަށް ބަލާނަމަ، ޝައްކެއްވެސް ނެތް ގޮތުގައި، މިއަދަކީ، 56 އަހަރު ފުރި 57 ވަނަ މިނިވަން ދުވަހެވެ. މި ދުވަސް ފަޚުރުވެރި ދުވަހެއްގެ ގޮތުގައި ފާހަގަ ކުރަމުންވެސް، ދަންނަވަން މި އުޅެނީ، ރާއްޖެއަކީ، ޒަމާނުއްސުރެންވެސް މިނިވަން ގައުމެކޭ އެވެ. މިނިވަން ކަމުގެ އުފަލުގައި ރައްޔިތުން މާޒީކޮށްފައި އޮތީ، އެއް ގަރުނެއް ދެގަރުނެއް، ތިންގަރުނެއް ނޫން ކަމެވެ. މުޅި މާޒީހެން ފެންނާން އޮތީ މިނިވަން ގައުމެއްގެ ގޮތުގައެވެ. ނަމަވެސް، މި ދެންނެވި ފަޚުރުތައް، އުގަންނައި ދިނުމަކީ، މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކުރާން ޖެހިފައިވާ މަސައްކަތެކެވެ.

ދިވެހި ދަރީންނަށް ދޭ ރަސްމީ ތަޢުލީމުގެ ތެރެއަށް، ދިވެހި ތާރީޚު މާއްދާ އެއްގެ ގޮތުގައި ހިމަނައިފިނަމަ، މި  ގައުމާއިމެދު، މިއަދުގެ ޖީލާއި އަންނާން އޮތް ޖީލުތައް، ފަޚުރުވެރިވާނެ، ކިތަންމެ ޙާދިސާ ތަކެއް، ކިޔައިދެވެން އެބަ އޮތެވެ. އެ ބަތަލުންގެ ގައުމީ ޚިދުމަތަށް އިންސްޕަޔަ (އިންކިޝާފު) ވާނެ، ކިތަންމެ ލީޑަރުންނެއް، ގައުމަށް ޚިދުމަތް ކުރައްވާފައި ވެއެވެ.

އަހަރެމެންގެ ދިވެހީން ގައުމަށްޓަކައި ކޮށްފައިވި، ކިތަންމެ ހަނގުރާމަ ތަކެއް އެބަ އޮތެވެ. ދިވެހި އަންހެނުން މިނިވަންކަމަށްޓަކައި ކުޅަ ޚިދުމަތް ތަކުގެ ދިގު ސަފުޙާ ތަކެއް، މާޒީގައި ވެއެވެ. މި ގައުމު އާރާސްތު ކުރަން، ދެ ޖިންސުން ހިތްވަރާއެކު ވެފައިވި ގުރުބާނީ ތަކަކީ، އާދައިގެ ވާހަކަ ތަކެއް ނޫނެވެ. ޕޯޗުގީޒުންނާއި ދިވެހީންގެ ފަތްފުއްތަކުން ފެންނަ، 400 އަހަރުވީ މާޒީގެ ވާހަކަ ތަކަކީވެސް، ދިވެހި ތާރީޚުގެ ބައެކެވެ. ޒަމާންވީ ދިވެހީންގެ ބޮލީގެ ވިޔަފާރިއަކީވެސް ފަޚުރުވެރި ތާރީޚެކެވެ. އުފެއްދުންތެރި ކަމާއި، ދަތުރުފަތުރާއި، ނިޔަމި ކަމުގެ ދިވެހި ޢިލްމަކީވެސް، ތާރީޚުގެ ބައެކެވެ. 800 އަހަރަށް ވުރެން ދިގު މާޒީއެއް އޮތް ރަސްކަމަކީވެސް، މި ތާރީޚުގެ ޚާއްސަ ބައެކެވެ. އަހަރެމެން ދިވެހީންނީ، މުއްސަނދި ސަޤާފަތަކާއި، އަގުރި ތަރިކަ ތަކަކާއި، ފަޚުރުވެރި ރަށްވެހި ކަމެއް، މާޒީކުރި ބަޔަކީމެވެ. މިއަދު މި ލިޔާ ތާނަ އަކުރަކީ އަދި ދިވެހި ބަހަކީ، އަމިއްލަ މިލްކެކެވެ. އެ އަކުރުތަކާއި އަދަބިއްޔާތު ޒަމާނާއެކު، ފައިހަމަ ކުރަމުން އައިސްފައި ވެއެވެ. މިއީ ދުނިޔެއަށް ބަލާއިރު ވަރަށް މަދު ގައުމަކަށް ނޫނީ ލިބިފައި ނެތް ފަޚުރެކެވެ.

އެހެންކަމުން، ދިވެހި ގައުމުގެ މިނިވަން ކަމަށް އިންތިހާއަށް ލޯބިވާނެ، ދަރީން، އެވޭލާއިންގެ ތެރޭގައި ތިބި ފަދައިން، މި ޖީލުގައިވެސް ބިނާ ކުރެވޭނެއެވެ. ކިތަންމެ ޝަހީދު ޙުސެން އާދަމެއް، މި ފަސްގަނޑުން އުފެއްދޭނެއެވެ. ދިވެހި މިނިވަންކަން އައު ޖީލަށް ފަޚުރާއެކު، ގެންގޮސްދޭނެ، އެހާމެ ވަރުގަދަ އަޒުމާއި ހިތްވަރާއި، ޖޯޝާއި، ލޯބިހުރި  ދަރީންތަކެއް، ބިނާ ކުރެވޭނީ، " ވީ ދަ މޯލްޑިވިއަންސް " ނުވަތަ " އަހަރެމެން ދިވެހީން" ނަކީ، ކޮން ބައެއްކަން، މި ޖީލަށް، ރަނގަޅަށް އުނގަންނައި ދެވިގެންނެވެ.

"އަހަރެމެން ދިވެހީން" ، އޭގެ ފަޚުރުތަކާއި، ގައުމީ "ވެލިއުސް ތަކާއިއެކު، ނިކަން ކިޔަވައިދީ ބަލާށެވެ. އޭރަށް، އިހުނެކޭ އެއްގޮތަށް މި ޖީލުގެ ލޭގައިވެސް ޤައުމީ ލޯބީގެ ކޯރުތައް ހިނގައި ގަންނާނެއެވެ. މިހެން ދަންނަވާއިރު، މިއަދުވެސް މި ގައުމުދެކެ ލޯބިވާ ދަރީން ތިބިކަމާއި، ގައުމަށްޓަކައި، އެ ދަރީން ކޮށްދޭ ޚިދުމަތްތަކާއި، އެކި ކުޅިވަރު ތަކުގައި، ގައުމަށް ރީތިނަމާއި ޝަރަފު ހޯދައިދޭން، ޒުވާނުންގެ ޖޯޝް އޮތް މިންވަރާއި، ގައުމު ބިނާކުރާން ޒުވާނުންކުރާ މަސައްކަތް ތަކަކީވެސް، ޝުކުރުވެރި ކަމާއެކު، ފާހަގަ ކުރާ ކަންކަމެވެ. އެއީ "ސެލިއުޓު" ޙައްޤު ޚިދުމަތް ތަކެކެވެ.

ބޭނުންވަނީ، ކޮންމެ ދިވެހި ހިތެއްގައި ގައުމީ ލޯބީގެ އާރޯކަން އުފެއްދުމެވެ. އެ ފަޚުރަކީ، ކޮންމެ ހިތެއްގެ އެންމެ މަތިވެރި ފަޚުރަށް ވެގެން ދިއުމެވެ. އެކަމަށްޓަކައި، ސްރީލަންކާފަދަ، އަވަށްޓެރި ގައުމު ތަކުގައި ތާރީޚު އުގަންނައިދޭ ބީދައިން، ދިވެހި ތާރީޚު، ދިވެހި ދަރީންނަށް އުގަންނައިދޭން ޖެހެއެވެ.

0%
33%
0%
0%
0%
67%