ބާއްޖަވެރިކަމުގެ އަސާސްތައް ދޫކޮށްފައި، ބާއްޖަވެރިކަން ހޯދަން އުޅުމަކީ މޮޔަކަމެއް: ޚުތުބާ
23 ޖުލައި 2021 | ހުކުރު 08:10ކިތަންމެ ބޮޑު ބާރެއް ލިބުނަސް އީމާން ނުވާނަމަ އެއީ ހަގީގީ ބާއްޖަވެރިކަމެއް ނޫން

އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކުރަނީ
ބާއްޖަވެރިކަމުގެ އަސާސްތައް ދޫކޮށްފައި، ބާއްޖަވެރިކަން ހޯދަން އުޅުމަކީ، ކުރެވޭ މޮޔަ ކަމެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
ހަގީގީ ބާއްޖަވެރިކަން މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ މި ދުނިޔޭގައި ކޮންމެ މީހަކު ވެސް އެންމެ ބޮޑަށް މަސައްކަތްކުރަނީ ބާއްޖަވެރި ދިރިއުޅުމެއް ހޯދުމަށް ކަމަށާއި، ބާއްޖަވެރިކަން މާނަކުރުމުގައި މީހުންގެ ވިސްނުން ތަފާތުވާނެ ކަމަށެވެ. އެއްބަޔަކު ދެކޭ ގޮތުގައި ބާއްޖަވެރިކަމަކީ މުއްސަނދިކަން ކަމަށާއި، އެންމެ ބޮޑަށް ބޭނުންވާ އެއްޗެއް ހާސިލުވުމުގެ އިތުރުން މަތީ މަގާމަކާ ހަމަޔަށް ވާސިލުވުން ކަމަށެވެ. ނުވަތަ އެކި ރޮނގުރޮގުން ކާމިޔާބީތައް ހާސިލުވުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ބުނީ ދުނިޔެ މަތީގައި ކިތަންމެ ބޮޑު ބާރެއް މަތިވެރި ޖާހެއް ލިބުނަސް ﷲ އަށް އީމާން ނުވާނަމަ އެއީ ހަގީގީ ބާއްޖަވެރިކަމެއް ނޫން ކަމަށެވެ.
ޚުތުބާގައި ބުނީ ހަގީގީ ބާއްޖަވެރިކަމަކީ، އަޅާ، ﷲ އަށް އީމާންވެ، އެ ކަލާނގެ އެންގެވި ގޮތް އިޚްތިޔާރުކޮށް، އެކަލާނގެ ނަހީކުރެއްވި ކަންކަމާ ދުރުހެލިވުމުން، މާތް ﷲ އޭނާގެ ހިތުގައި ލައްވާ ހަމަޖެހުމާއި، އުފާވެރިކަމުގެ ޝުއޫރެއް ކަމަށެވެ. ބާއްޖަވެރިކަމުގެ އަސާސަކީ އީމާންކަން ހަރުދަނާވުން ކަމަށްވާއިރު، އެއްގޮތަކަށް ވެސް މާއްދީ ގޮތުން ހާސިލް ކުރެވޭނެ އެއްޗެއް ނޫން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މިއަދު ކޮންމެ މީހަކު ވެސް ގަދައަޅައި، ބުރަ މަސައްކަތް ކުރަނީ އުފާވެރި، ހިތްހަމަޖެހޭ ދިރިއުޅުމެއް ހޯދަންކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެކިއެކި ކަންކަމުގައި އަވަދިނެތިވެ އުޅުމުގެ ސަބަބުން ބާއްޖަވެރިކަން ދެއްވުމަށް ވައުދުވެވޮޑިގެންނެވި ގަދަ ކީރިވަންތަ މާތް ﷲގެ މަތިން ހަނދުމަކުރަން ވެސް ހަނދާން ނުހުންނަ ކަމަށެވެ. މާތް ﷲ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ އަޅުކަމަކީ ނަމާދު ކަމަށާއި، ނަމާދަށް ރައްކާތެރިނުވެ، ކިތަންމެ ބުރަ މަސައްކަތެއް ކުރިކަމުގައި ވިޔަސް ބާއްޖަވެރިކަން ނުލިބޭނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ވަޒީފާއަށް ދިއުމަށް ހެދުނު ހެނދުނާ ތެދުވާއިރު، ފަތިސް ނަމާދު ވަގުތުގައި އަދާކުރަނީ ކިތައް މީހުންކަމާ މެދު ޚުތުބާގައި ސުވާލު އުފައްދާފައިވެއެވެ. އަދި މި ސުވާލުތަކާ މެދު ފުންކޮށް ވިސްނައި، އަމިއްލަ ނަފްސަށް ޖަވާބު ދޭން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ބުނީ ބާއްޖަވެރިކަމުގެ އަސާސްތައް ދޫކޮށްފައި، ބާއްޖަވެރިކަން ހޯދަން އުޅުމަކީ، ކުރެވޭ މޮޔަ ކަމެއް ކަމަށެވެ. އަދި ހަގީގީ ބާއްޖަވެރިކަން އޭގެ މައްޗަށް ބިނާވެގެންވާ ދެ އަސާސްގައިވާ އީމާންކަމާއި، ކިޔަމަންތެރިކަމުގައި ހިފައިގެން ކުރިޔަށް ދިއުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.








