ފުވައްމުލަކު ހަސްފަތާލުގައި އޮޕަރޭޝަނެއް ކުރެވުނު އަންހެނެއްގެ ބަނޑު ތެރެއަށް ފޮތިރޯލެއް ލައިފައި ދޫކޮށްލި ޑޮކްޓަރެއްގެ ވާހަކަ ނޫސްތަކުގެ ފަލަ ސުރުޚީއަށް އަރާފައިވަނިކޮށް ދާދިފަހުން ފެނުނެވެ. އެ ހަސްފަތާލުގައި ހަމަ އެ ޑޮކްޓަރު ފަރުވާދިން އިތުރު ތިން އަންހެނަކަށްވެސް އެކިކަހަލަ މައްސަލަތައް ކުރިމަތިވެގެން އެހެން ތަންތަނުން ފަރުވާ ހޯދަން ޖެހުނު ވާހަކަވެސް ނޫސްތަކުން ފެނުނެވެ. މި ޑޮކްޓަރުގެ މައްސަލަ ބަލައި ފިޔަވަޅު އަޅައިދޭން ފުވައްމުލަކު ސިޓީ ކައުންސިލުން ހެލްތު މިނިސްޓްރީގައި އެދުނު ކަމަށްވެސް ނޫސްތަކުގައި ލިޔެފައިވެއެވެ. ކޮންމެއަކަސް ކަމަކަށްފަހު ކަމެއް ތަކުރާރުވަމުން އައިސް މީސްމީހުންގެ ބަނޑުތެރެއިން ފޮތިރޯލާއި ކަތުރާއި އަންގިއާއި މާސްކު ފަދަ ތަކެތި ނަގާ ހިސާބަށް ކަންތައް ހިނގައްޖެއެވެ. އެކަމަކު ޑޮކްޓަރު އަދިވެސް އެހެރީއެވެ.
ރާއްޖޭގައި މަސައްކަތް ކުރަން ގެނެވޭ ބިދޭސީ ޑޮކްޓަރުންގެ ތެރެއިން ބައެއް މީހުންގެ ފަރާތުން މިކަހަލަ ކަންކަން މީގެ ކުރިންވެސް ފެނިފައި އެބަހުއްޓެވެ. މައްސަލަ ބަލައި ފިޔަވަޅުއަޅައި ޖިނާއީ ތަހުގީގެއް ހިންގުމުގެ ބަދަލުގައި ބައެއް ފަހަރު ކުރާކަމަކީ އެ ޑޮކްޓަރު އެހެން ހަސްފަތާލަކަށް ބަދަލުކުރުމެވެ. މިއީ ފަހަކަށް އައިސް ވަރަށް ދޭތެރެ އަވަސްކޮށް ހިނގަމުން އަންނަ ކަމެކެވެ. މިގޮތަށް ރާއްޖެއަށް ގެނެވޭ ބިދޭސީ ބައެއް ޑޮކްޓަރުންނަކީ ހަގީގަތުގައިވެސް ޑޮކްޓަރުންތޯ އަދި އެމީހުންގެ އަތުގައި އޮންނަނީ ހަގީގީ ފާހެއްތޯ ސުވާލު އުފެދޭވަރަށް އެމީހުންގެ ފުށުން މައްސަލަތައް އުފެދި ތިލަވަމުން އާދެއެވެ. މިއީ ތަންކޮޅެއް ކުރިން މިރާއްޖެއިން ނުފެންނަ ކަމެކެވެ. ނީވޭ ވާހަކައެކެވެ. އެކަމަކު މިހާރު ބޮޑުވެފައިވާ މައްސަލައެކެވެ. ޚާއްސަކޮށް އަތޮޅުތެރޭގެ ހަސްފަތާލުތަކުގައެވެ.
ޑޮކްޓަރުންނަށް ނުވާ މީހުން ޑޮކްޓަރުންކަމުގައި ހެދިގެން އުޅުމާއި ވަގު ސަނަދު ގެންގުޅުމަކީ ދުނިޔެއަށް އައުކަމެއް ނޫނެވެ. އެފްރިކާއާއި އޭޝިއާގެ ގައުމުތަކުގައި ކޮންމެ އަހަރަކުވެސް މިފަދަ އެތައްކަމެއް ތިލަވެގެން އާދެއެވެ. ރާއްޖެއިން މިހާރު ފެންނަމުންދަނީ މިކަހަލަ ކަމެއް ބާވައެވެ. ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ ބައެއް ޑޮކްޓަރުންނަކީ ނަގުލީ ސަނަދު ހިފައިގެން އުޅޭ ނަގުލީ ޑޮކްޓަރުންބާވައެވެ. ވެދާނެއެވެ. ވަރަށް ކައިރި ކަމެކެވެ. ކިޔަވާންޖެހޭ ހުރިހައި ކިޔެވުންތަކާއި ގިރާކުރަންޖެހޭ އެންމެހައި މަރުހަލާތައް ގިރާކޮށްގެން ސަނަދު ހާސިލްކޮށްގެން އަދި ހޯދާންޖެހޭ ތަޖުރިބާތައް ހޯދައިގެން ހުންނަ ޑޮކްޓަރެއްގެ ފަރާތުން ފެނިގެން ނުވާނެ ކަންކަން ޑޮކްޓަރެކޭ ކިޔައިގެން ހުންނަ މީހެއްގެ ފަރާތުން ފެންނަކަމަށް ވަނީވިއްޔާ ޝައްކުތައް އުފެދޭނެއެވެ. އުފެދެންވެސްވާނެއެވެ. އެގޮތުން މިރާއްޖޭގައި މަސައްކަތް ކުރަން ގެނެސްފައި ތިބި ބައެއް ޑޮކްޓަރުންނަކީ ނަގުލީ ސަނަދު ހިފައިގެން މަކަރާއި ހީލަތުން ވަޒީފާ ހޯދައިގެން ތިބި ނަގުލީ ޑޮކްޓަރުން ކަމަށް ގަބޫލުކުރަން ފުރުސަތު އެބައޮތެވެ.
ވަގު ސަނަދާއި ސައްހަ ސަނަދު ވަކިކޮށް ދެނެގަތުމަކީ މިޒަމާނުގައި ވަރަށް ފަސޭހައިން ކުރެވޭނެ ކަމެކެވެ. ވަގު ސަނަދަކަސް އެއީ ކޮން ތަނަކުން ދޫކުރި ސަނަދެއްކަން ލިޔެފައި އޮންނާނެއެވެ. އެހެންވީމާ އެއީ ވުޖޫދުގައިވާ މުއައްސަސާއެއްތޯ ބަލައި ވުޖޫދުގައިވާ މުއައްސަސާއެއްނަމަ އެތަނަކަށް ލިޔެ ސަނަދުގެ ސައްހަކަން ކަށަވަރުކުރެވިދާނެއެވެ. އެވަރުނުކޮށް އަތޮޅުތެރޭގެ އެއް ހަސްފަތާލުން އަނެއް ހަސްފަތާލަށް މިޒާތުގެ ޝައްކު އުފެދޭ ޑޮކްޓަރުން ބަދަލުކޮށްލަކޮށްލާ މިތިބެވެނީ ކޮންކަހަލަ ނުފޫޒެއްގައި ޖެހެވިގެން ބާވައެވެ. ވަޒީފާ ދިނުމުގެ ކުރިން ބަލަންވީ ކަންކަން ނުބެލި އަދި ކަށަވަރު ކުރަންވީ ކަންކަން ކަށަވަރުނުކޮށް ވަޒީފާ ދެނީ ކީއްވެގެންބާވައެވެ. މި ސުވާލުތަކުގެ ޖަވާބު ދޭން ޖެހެނީ ދުނިޔޭގެ ބައެއް ތަންތަނުގައި ހިނގާފައިވާ އަދި ހިނގަމުން އަންނަ ކަންކަމަށް ރިއާޔަތްކޮށްފައެވެ. އެތަންތަނުގައި ވަގުންގެ ބޮޑެތި ނެޓްވާކުތައް އޮވެއެވެ. ނަގުލީ ސަނަދާއެކު ފައިސާގެ ބޮޑެތި މުއާމަލާތު ހިނގައެވެ. އެއްޖީބުން އަނެއް ޖީބަށް ފައިސާ ދައުރުވެއެވެ. ފައިސާދީފައި ވަޒީފާވެސް ގަންނަނީއެވެ.
ވަޒީފާއަކީ ކަޅުބާޒާރުގައި ފައިސާއަށް ވިކޭ އެއްޗެއްނަމަ ދެން ފެންނާނެ ހުރިހާ މަންޒަރެއް މިރާއްޖެއިންވެސް މިހާރު އެބަފެނެއެވެ. ކުރިން މިކަންކަން ނުފެންނަނީ އުސޫލުތަކާއި ހަމައިގެ ތެރެއިން ކަންކަން ކުރެވިފައި ހުންނާތީއެވެ. ޑޮކްޓަރުންގެ މައްސަލަ އެކަންޏެއް ނޫނެވެ. މިޒާތުގެ ނަގުލީ ޓީޗަރުންގެ ވާހަކަވެސް ދެކެވެއެވެ. އެހެންވީމާ މިކަމަކީ މަޖިލީހުގެ ތެރެއިން އިންކުއަރީއެއް ހިންގައިގެންވިޔަސް އަދި އެހެން ގޮތަކުންވިޔަސް އޭގެ ފުނަށް ވާސިލްވާންޖެހިފައިވާ ވަރަށް ސީރިއަސް މައްސަލައެކެވެ. ރައްޔިތުންގެ ދުޅަހެޔޮކަމާއި އިތުބާރާއިވެސް ގުޅިފައިވާ ކަމެކެވެ. އައިލެންޑް އެވިއޭޝަނުގެ ވަޒީފާޔަށް ނަގުލީ ޕައިލެޓަކު ނަގައިފާނެ ބާވައެވެ. ނުނަގާނެއެވެ. ލައިސަންސް ނެގި ތަނަކާއި ހޯދި ތަޖުރިބާޔަކާއި ސިއްހަތުގެ މޮޅުދެރަމިނަކާއި މިހެންގޮސް ލައްކަ ގިނަކަންކަން އެތައްގޮތަކުން ބަލައި ކަށަވަރުކޮށްފައި ނޫނީ ވަޒީފާްއެއް ނުދޭނެއެވެ. އެކަންކަން ނުބަލައި ވަޒީފާ ދީފިއްޔާ ދެންވާނެގޮތް އޮތީ ހީކޮށްލުމެވެ.
ރާއްޖެ އެތެރެވާ ބިދޭސީ ޑޮކްޓަރުންގެ ފެންވަރު ބެލެންޖެހެއެވެ. އެނގެންޖެހެއެވެ. ވަގުންނާއި ވަގު ސަނަދަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރާން ޖެހެއެވެ. ބިދޭސީ ޓީޗަރުންވެސް ހަމައެފަދައެވެ. މިހާރު މިކަން ކުރާން ތިބޭ މީހުންނަކީ ކޮންމެވެސް ނެޓްވާކެއްގެ ތެރޭގައި ތާށިވެ ނަޒާހަތްތެރިކަން ގެއްލިފައިވާ ބަޔަކަށްވާނަމަ އިތުރު ފަށަލައެއް އުފައްދައިގެންވެސް މިކަން ކުރަން އެބަޖެހެއެވެ. އެހެންނޫނީ ގެއްލިގެންދާނީ ކިތައް ދިވެހިންގެ ފުރާނަކަމެއް ނޭނގެއެވެ. ބުރިކޮށްލަން ޖެހޭނީ ކިތައް މީހުންގެ ގޮހޮރުކަމެއް ނޭނގެއެވެ. އަދި ބަރުބާދުވެގެންދާނީ ކިތައް ކުދިންގެ ކުރިމަގުކަމެއްވެސް ނޭނގެއެވެ. ފުވައްމުލަކު ހަސްފަތާލުގައި އެ ހިނގި ކަމަކީ ބޮޑު އައިސްބާގެއްގެ މަތިން ނެއްޓިގެންދިޔަ ކުޑަކުޑަ ގަނޑުފެންކޮޅަކަށް ވެދާނެއެވެ. މިއީ އަޅުގަޑުމެން އަދި ހީކޮށްގެން ތިބި މިންވަރަށްވުރެ އަޑިފުން އަދި ފުޅާކޮށް ހިނގާ ކަމަކަށްވެސް ވެދާނެއެވެ. ކެޔޮކޭވަރު އެނގޭނީ ބިތުފަންގި ނެގީމައެވެ. އެހެންވީމާ ރައްޔިތުން ގޮވަނީ މިހެންނެވެ. އަވަހަށް ބިތުފަންގި ނަގައިދޭށެވެ.