ކ. މާލެ
|
9 ޖުލައި 2021 | ހުކުރު 18:14
އިންގްލެންޑުގެ ފޯވާޑް އަދި ކެޕްޓަން ހެރީ ކޭން އޭނާގެ އަންހެނުންނާއި ތިން ކުދިންނާއެކު
އިންގްލެންޑުގެ ފޯވާޑް އަދި ކެޕްޓަން ހެރީ ކޭން އޭނާގެ އަންހެނުންނާއި ތިން ކުދިންނާއެކު
ގެޓީއިމޭޖަސް
ހެރީ ކޭންގެ ދިރިއުޅުން
ތަށިން ފަގީރަކަސް ފައިސާއިން ބޮޑު މަހުޖަނެއް
 
ހެރީ ކޭން ދިރިއުޅެނީ ހަފުތާއަކަށް 16 ހާސް ޑޮލަރުގެ ގަނޑުވަރެއްގައި
 
ފައިސާގެ ލިސްޓުން ހެރީ ކޭނަކީ ދުނިޔޭގެ 26 ވަނަ ކުޅުންތެރިޔާ

އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭންގެ އުމުރަކީ 27 އަހަރެވެ. އޭނާގެ ކުލަބަކީ އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާއެވެ. ހެރީ ކޭންގެ ކެރިއަރުގައި އަދި ލީގު ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ޔޫރަޕިއަން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައެއްވެސް ނުވެއެވެ. ޗެމްޕިއަންސް ލީގުގެ ޓްރޮފީއާ އެންމެ ކައިރިއަށް ދެވުނީވެސް މީގެ ދެއަހަރު ކުރިންނެވެ. އެފަހަރު ލިވަޕޫލާ ކުޅެގެން ހެރީ ކޭންގެ ޓޮޓެންހަމް ބަލިވީއެވެ.

މެޑަލްތަކާއި ތަށިތަކެއް ލިބިފައި ނެތަސް އޭނާއަށް ބައިވަރު ފައިސާ ލިބެއެވެ. ދުނިޔޭގެ އެންމެ މުއްސަނދި ކުޅުންތެރިންގެ ލިސްޓުން ހެރީ ކޭނަށް މިވަގުތު ލިބެނީ ސައްބީސް ވަނައެވެ. މިއީ އޭގެ ކުރީ އަހަރަށް ނިސްބަތްކުރާއިރު ފަސް ދަރަޖައިގެ ކުރިއެެރުމެކެވެ. ކުލަބުން ހަމައެކަނި މުސާރައިގެ ގޮތުގައިވެސް ހަފުތާއަކު ދެލައްކަ ފަންސާސްހާސް ޑޮލަރު ލިބެއެވެ.

ކުޅިވަރުގެ ސާމާނު އުފައްދާ އެކި ކުންފުނިތަކާއި ސެންޓާއި އަންނައުނު އުފައްދާ އެކި ކުންފުނިތަކުގެ ބްރޭންޑް އެމްބެސެޑަރުގެ ގޮތުގައި އިތުރު ފައިސާވެސް ބަރާބަރަށް އޭނާގެ ބޭންކް އެކައުންޓުތަކަށް ޖަމާވަމުންދެއެވެ. އެހެންވީމާ ބަލަބަލައި ތިއްބާ އެހެރަގެން ދަނީ މުއްސަނދިކަން އިތުރުވަމުން ފުޅާވަމުންނެވެ.

ހެރީ ކޭން އުފަންވީ ލަންޑަނުގައެވެ. ދިރިއުޅެނީވެސް ލަންޑަނުގައެވެ. ކުޅެނީވެސް ލަންޑަނުގެ ކުލަބަކަށެވެ. އެކަމަކު އޭނާ އާއި އަންހެނުން ކޭޓް އަދި ތިން ދަރިން ދިރިއުޅެނީ އަމިއްލަ ގެޔަކު ނޫނެވެ. އެ އާއިލާ ދިރިއުޅެނީ ލަންޑަނުން ކުއްޔަށް ހިފާފައިވާ ގަނޑުވަރެެއް ކަހަލަ ގެޔެެއްގައެވެ. ހަތް ކޮޓަރިޔާއި ޖިމަކާއި ފަތާ ފެންގަޑަކާއި މިހެންގޮސް އެފަދަ ގަނޑުވަރެއްގައި ހުންނާންޖެހޭ ހުރިހާ ސިފަތަކެއް ފުރިހަމަ ވެފައިވާ މިގޭގެ އަގަކީ ގާތްގަޑަކަށް ވިހި މިލިޔަން ޑޮލަރެވެ. މި ގޭގެ ކުއްޔަކީ ހަފުތާއަކަށް 16 ހާސް ޑޮލަރެވެ. މިއީ ހެރީ ކޭންގެ އާމްދަނީއަށް ނިސްބަތްކުރާއިރު ފޯކާއި ބިލެތެވެ.

Advertisement

މިވަރުގެ ގަނޑުވަރެއްގައި އާއިލާ ގޮވައިގެން ހެރީ ކޭން ދިރިއުޅެނީ އަންހެނުންނަށްޓަކައެވެ. އޭނާގެ ހަޔާތުގެ އުފަލަކީ އަދި ރާނީއަކީ އެއީއެވެ. ހެރީ ކޭން އާއި އޭނާގެ އަންހެނުންގެ ކައިވެނި ކުރެވުނީ 2019 ވަނަ އަހަރުއެވެ. ކެރީބިއަންގެ ގައުމެއް ކަމަށްވާ ބަހާމާސްގައި ޗުއްޓީ ހޭދަކުރަން އުޅެފައި ކައިވެންޏަށް އެދުނީއެވެ. ކޭޓަކީ ސްކޫލް ދައުރުން ފެށިގެންވެސް ހެރީ ކޭންގެ ލޯބިވެރިޔާއެވެ. މި ދެމީހުންނަށް ލިބިފައިވާ ދަރީންގެ ތެރެއިން އައިވީ އާއި ވިވިއާނާ ވިހެއީ ކައިވެނީގެ ކުރިންނެވެ. ކައިވެނީގެ ފަހުން ލިބުނީ ލުއިސް އެކަންޏެވެ. ލުއިސްގެ އުމުރަކީ އެންމެ ހަމަހެވެ.

ހެރީ ކޭން ވަނީ އިނގިރޭސި ޕްރިމިއަރ ލީގުގައި މިހާތަނަށް 166 ގޯލް ޖަހާފައެވެ. ޓޮޓެންހަމްގެ ތާރީޚުގައިވެސް އޭނާއަކީ އެކުލަބަށް ދެވަނަޔަށް އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިޔާއެވެ. އިންގްލެންޑުގެ ގައުމީ ޖާޒީގައި އޭނާ މިހާތަނަށް ޖަހާފައިވާ ގޯލްތަކަށް ބަލާއިރު އެއީ އިންގްލެންޑުގެ ތާރީޚުގައި ހަ ވަނައަށް އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔާއެވެ. އާދީއްތަ ދުވަހުގެ ރޭ ޔޫރޯ ފައިނަލުގައި އިޓަލީއާ ދެކޮޅަށް ކުޅެގެން ކޮންމެ ނަތީޖާއެއް ނުކުތަސް ހެރީ ކޭން ހިމެނޭނީ ފަހުގެ ތާރީޚުގައި އިންގްލެންޑުގެ އެންމެ ކާމިޔާބު ކެޕްޓަން ކަމުގައެވެ.

އިންގްލެންޑު ބޮޑު މުބާރާތެއްގެ ފައިނަލުގައި މިކުޅެނީ 55 އަހަރުގެ މެދުކެޑުމަކަށް ފަހުގައެވެ. ފައިނަލުން ޖާގަ ލިބުނު ލަނޑު ޖަހައިދިނީ ހެރީ ކޭނެވެ. މިފަހަރުގެ މުބާރާތުގައި މިހާތަނަށް އޭނާ ހަތަރު ގޯލް ޖަހައިފިއެވެ. ފައިނަލްގައި އިތުރު ގޯލެއް ނުވަތަ ގޯލްތަކެއް ޖަހައިފިނަމަ މުޅި މުބާރާތުގައިވެސް އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަގާމު ލިބޭނެއެވެ. އެހެންވީމާ މިވަގުތު އިންގްލެންޑަށް އެވަރުގެ އެހެން މީހަކު ނެތެވެ. ތަށި ލިބިއްޖެނަމަ ހެރީ ކޭންގެ ވިދުން ބޮބީ މުއާރ އަށް ވުރެ ގަދަވާނެއެވެ. ބޮބީ މުއާރ އަކީ 1966 ވަނަ އަހަރުގެ ވޯލްޑް ކަޕް އިންގްލެންޑަށް ކާމިޔާބުކޮށްދިން ކެޕްޓަނެވެ.

މިފަހަރު އިންގްލެންޑަށް ތަށި ލިބުނަސް އަދި ނުލިބުނަސް ހެރީ ކޭންގެ ކުރިމަގު އައު ގޮތަކަށް ބަދަލުވެގެންދާނެ ކަމަށް ވަނީ ގަބޫލު ކުރެވިފައެވެ. ޓޮޓެންހަމްގައި މަޑުކޮށްގެން އޭނާއަށް ކުލަބް ފެންވަރުގައި ހޯދޭނެ ތައްޓެއް އަދި މެޑެއްޔެއް ނެތް ކަމަށް ގަބޫލު ކުރެވިގެން އައު ކުލަބަކަށް ސޮއިކޮށްފާނެ ކަމުގެ އިޝާރާތެއް ދާދި ފަހުން ވަނީ ކޮށްފައެވެ. ހެރީ ކޭން ބުނެފައިވަނީ އޭނާއަކީ ކުލަބު ލޯބީގައި ތާއަބަދު ހުންނާނޭ މީހެއް ނޫންކަމުގައެވެ. މި އިޝާރާތް އޭނާގެ ފަރާތުން ލިބިފައިވާތީ އިންގްލެންޑުގެ ކުލަބުތަކުގެ ތެރެއިން މެންޗެސްޓަރ ސިޓީ އާއި މެންޗެސްޓަރ ޔުނައިޓެޑް އަދި ލިވަޕޫލާއި ޗެލްސީން ހެރީ ކޭންގެ ސޮއި އަތުލުމުގެ ޝައުގުވެރިކަން ވަނީ ފާޅުކޮށްފައެވެ. މީގެ ތެރެއިން އޭނާ ގުޅޭނީ ކޮން ކުލަބަކާކަން ނުވަތަ ޓޮޓެންހަމްގައި މަޑުކުރާނެކަންވެސް ނޫންކަންވެސް އެނގޭނީ ޔޫރޯ މުބާރާތް ނިމުމުންނެވެ. ފަރުދާގެ ފުރަގަހުގައި ހިނގަމުންދާ ކަންކަން މީޑިޔާއަށް ތިލަވެގެން ހާމަވެގެން އަންނާނީ އެހިސާބުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
17%
41%
0%
28%
7%
7%
ކޮމެންޓް