ކ. މާލެ
|
26 ޖޫން 2021 | ހޮނިހިރު 15:29
އޮސްޓްރިއާ މެޗުގެ ކުރިން އިޓަލީން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން
އޮސްޓްރިއާ މެޗުގެ ކުރިން އިޓަލީން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން
ގެޓީ އިމޭޖަސް
ޔޫރޯ 2020
ގަދަ 16 - އިޓަލީ އާއި އޮސްޓްރިއާގެ ކުރިމަތިލުން
 
އިޓަލީ ދެވަނަ ބުރަށް ދަތުރުކުރީ ސައްތައިން ސައްތަ ރިކޯޑަކާއެކު
 
އޮސްޓްރިއާ ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ސީ ގެ ދެވަނަ ޓީމުގެ ގޮތުގައި

ޔޫރޯ 2020 ގެ ގްރޫޕް ސްޓޭޖް ބުރު އެންމެ ކާމިޔާބުކަމާއެކު ނިންމާލި އެއް ޓީމަކީ އިޓަލީއެވެ. އިޓަލީން ދެވަނަ ބުރުގައި ބައްދަލުކުރަން ޖެހޭނީ ގްރޫޕް ސީ ގެ ދެވަނަ ޓީމު ކަމަށްވާ އޮސްޓްރިއާއާއެވެ.

ގްރޫޕް އޭ ގައި ސައްތައިން ސައްތަ ރިކޯޑަކާއެކު އިޓަލީ ދެވަނަ ބުރަށް ދަތުރުކުރިއިރު، ފުރަތަމަ މެޗުގައި ވަނީ ތުރުކީ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. ދެވަނަ މެޗުގައި ސްވިޓްޒަލެންޑް އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވިއިރު، ފަހު މެޗުގައި ވޭލްސް އަތުން އިޓަލީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މީގެ އިތުރުން ގްރޫޕް ސީ ގެ ދެވަނަ ޓީމެއްގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދި އޮސްޓްރިއާއަށް ކުޅުނު ތިން މެޗުން ލިބުނީ ހަ ޕޮއިންޓެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުން އޮސްޓްރިއާ ބަލިވެފައިވަނީ ނެދަލެންޑްސް އަތުން އެކަންޏެވެ. އެގޮތުން ކުޅުނު ފުރަތަމަ މެޗުގައި ނޯތު މެސެޑޯނިއާ އަތުން 3-1 ގެ ނަތީޖާއަކުން އޮސްޓްރިއާ މޮޅުވިއިރު، ފަހު މެޗުގައި ވަނީ ޔޫކްރޭން އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ދެވަނަ ބުރުގެ މމެޗަށް ނުކުންނައިރު އިޓަލީއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ ޓީމުގެ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީ އަނިޔާއިން ސަލާމަތްވުމެވެ. ފައިގެ މަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އިޓަލީން ގްރޫޕް ސްޓޭޖުގައި ސްވިޓްޒަލެންޑާއި ދެކޮޅަށް ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު ކިއެލީނީ ވަނީ ބަދަލުކޮށްފައެވެ.

އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީގެ ބަސް:

އޮސްޓްރިއާ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އިޓަލީގެ ކޯޗު ރޮބާޜޯ މަންޗިނީ ވަނީ ކިއެލިނީ އަނިޔާއިން ސަލާމަތްވެ މި މެޗުގައި ފެންނާނެ ކަމަށް ބުނެފައެވެ.

އޮސްޓްރިއާ ބެހޭ ގޮތުން މަންޗިނީ ބުނީ އެ ޓީމަކީ ފިޒިކަލް ގޭމެއް ކުޅޭ ޓީމެއް ކަމަށާއި، އެކަމަކު އޮސްޓްރިއާއިން އެ ޓީމުގެ ގޭމް ކުޅެން އިޓަލީން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި މި މެޗުގައިވެސް އިޓަލީން ނުކުންނާނީ އެޓޭކިން ގޭމެއް ކުޅެ، މެޗުން މޮޅުވެ ކުއާޓާފައިނަލަށް ދިޔުމުގެ އަޒުމުގައި ކަމަށް މަންޗިނީ ބުންޏެވެ. އަދި ބުނީ ބައިކޮޅަށް ލަނޑެއް ނުވަދެ ގްރޫޕް ސްޓޭޖް ނިންމާލުން އެއީ ލިބިފައިވާ ހިތްހަމަޖެހުމެއް ކަމަށާއި، އެކަމަކު އޭގެ ފައިދާ މި މެޗުގައި ނުކުރާނެ ކަމަށެވެ.

އޮސްޓްރިއާގެ ކޯޗު ފްރެންކޯ ފޯޑާގެ ބަސް:

އޮސްޓްރިއާގެ ކޯޗު ފްރެންކޯ ފޯޑާ ބުނީ މި މުބާރާތުގެ ދެވަނަ ބުރުން ޖާގަ ލިބުމަކީވެސް އޮސްޓްރިއާއަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. އަދި ކުރިއަށް އޮތް މެޗު ކާމިޔާބުކޮށް ކުއާޓާއަށް ދިޔުން އެއީ މިހާރު ޓީމުގެ އަމާޒު ކަމަށާއި، އެކަމަކު އެއީ ފަސޭހަކަމެއް ނޫން ކަމަށްވެސް ބުންޏެވެ. ހާއްސަކޮށް އިޓަލީ ކަހަލަ ވަރުގަދަ ސްކޮޑެއް އޮތް ޓީމެއް ބަލިކުރަން އުނދަގޫވާނެ ކަމަށާއި، އެކަމަކު އެއީ ނުވާނެ ކަމެއް ނޫން ކަމަށް ފޯޑާ ވަނީ ބުނެފައެވެ.

މި މެޗު ބަލާނީ ކިހިނެއް:

ޔޫރޯ 2020 ގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާ ހަމައަށް ރާއްޖެޓީވީން ވަގުތުން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ހެޑް އޮފް ސްޕޯޓްސް ހުސެއިން ފަރިޔާޒެވެ. ފަރިޔާޒާއެކު އެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނީ އިސްމާޢީލް ޒަރިޔަންދު އާއި އިހުސާން އަބްދުލް ޣަނީ (ސާންތި) އެވެ.

އިޓަލީ އާއި އޮސްޓްރިއާ ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެރޭ ރާއްޖެ ގަޑިން ދަންވަރު 00:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް