ކ. މާލެ
|
31 މެއި 2021 | ހޯމަ 13:25
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ
ރާއްޖެއެމްވީ
އައްޑޫ ފްލައިން ސްކޫލް
ހައްލަކީ އައު ސްކޫލެއް، އެކަން ނުވެގެން މިއުޅެނީ - މިނިސްޓަރ ނަހުލާ
 
އައްޑޫ ފްލައިންގް ސްކޫލްގައި ފްލައިންގް ހާލަތުގައި އެއްވެސް މަތިންދާ ބޯޓެއް މިވަގުތު ނެތް
 
މިވަގުތު ފެންނަން އޮތް ހަމައެކަނި އޮޕްޝަން އަކީ ޓްރިޕްލް އޭގައި ދަރިވަރުން ތަމްރީންކުރުންކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވި
 
ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް 4 އޮޕްޝަންއަކަށް ވިސްނާފައިވޭ

ފްލައިން ސްކޫލް ދަރިވަރުންނަށް އޮތް ހައްލަކީ އައު ސްކޫލެއް ކަމަށާއި ހައްލެއް މެދުވެރިކޮށް ކިޔެވުން ކުރިއަށް ގެންދިއުން ކަމުގައިވިޔަސް، އެ ފަދަ އިންތިޒާމެއް ހަމަޖެހިފައިނުވާކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

އޭޝިޔަން އެކެޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އަށާއި އެ އެކެޑެމީގައި ކިޔަވަމުންދާ ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީއަށް ކަމާބެހޭ ދެ ވަޒީުންކަމުގައިވާ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ހަސަންއާއި، ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވަނީ ހާޒިރުކޮށްފައެވެ. ވަރޗުއަލްކޮށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީގައި ދެ ވުޒާރާއިން ވެސް ވަނީ މިހާތަނަށް އައިރު ކުރެވުނު މަސައްކަތްތަކުގެ ތަފްސީލު ހިއްސާކޮށްފައެވެ.

މި މައްސަލައިގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން ވަނީ ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް 4 އޮޕްޝަންއަކަށް ވިސްނާފައިވާނެކަމަށް ބުނެފައެވެ. އެގޮތުން ބޭރުގެ އެހެން ފްލައިން ސްކޫލަކުން ކުދިންގެ ކިޔެވުމުގެ ބާކީ ބައި ފުރިހަމަ ކުރުމަށް ވިސްނާފައިވާކަމަށެވެ. މިގޮތައް އަމަލުކުރުމަށް ހުޅުވާލި ފުރުސަތުގައި ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ޗެކްރިޕަބްލިކްގެ ފްލައިން ސްކޫލްއަކުން އެކަނިކަމަށް އެ މިނިސްޓްރީއިން ހާމަކުރިއެެވެ. އެހެންނަމަވެސް، މިކަމުގައި ދެ ފަރާތުން އެއްބަސްވުމަކަށް ނާދެވެނީސް ޗެކްރިޕަބްލިކްއިން މިކަމުގައި ޖަވާބުދާރީވުން ހުއްޓާލާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކޮމިޓީގައި ވަނީ ބުނެފައެވެ. ނުރަސްމީކޮށް އެނގިފައިވާގޮތުން ކޮވިޑްގެ ހާލަތު ގޯސްވާން ފެށުމުން ޗެކްރިޕަބްލިކްގެ ފްލައިން ސްކޫލަށް މިފަދަ އައު އިންވެސްޓްމަންޓެއް ކުރުމަށް ފަސްޖެހުނީ ކަމަށް ވަނީ އެނގިފައެވެ. މީގެ އިތުރުން ރާއްޖޭގައި ހުރި އެޕްރޫވްޑް އިންސްޓިޓިއުޓެއް މެދުވެރިކޮށް މި ޚިދުމަތް ހޯދުމަށް މަސައްކަތް ކުރަމުންދާއިރު، މި ދަނޑިވަޅުގައި މިކަމާ ގުޅޭގޮތުން ވިލާ ކޮލެޖް މެދުވެރިކޮށް ވިލާ އެއަރ އަދި މަންތާ އެއަރއާ މަޝްވަރާ ކުރެވުނު ނަމަވެސް، މިކަމުގައި މިހާތަނަށް އައިރު ދެ ފަރާތުން ކުރެ އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށް ލިޔެކިޔުން ހުށަހަޅާފައި ނުވާކަމަށެވެ. ފްލައިން ސްކޫލް ދަރިވަރުންނަށް އޮތް ހައްލަކީ އައު ސްކޫލެއް ކަމަށާއި ހައްލެއް މެދުވެރިކޮށް ކިޔެވުން ކުރިއަށް ގެންދިއުން ކަމުގައިވިޔަސް، އެ ފަދަ އިންތިޒާމެއް ހަމަޖެހިފައިނުވާކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވިއެވެ.

މިވަގުތު ފެންނަން އޮތް ހަމަ އެކަނި އޮޕްޝަން އަކީ ޓްރިޕްލް އޭގައި ދަރިވަރުން ތަމްރީންކުރުންކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ. އެހެންނަމަވެސް، އެ އިންސްޓިޓިއުޓްގައި މިވަގުތު ފްލައިންގް ހާލަތުގައި އެއްވެސް މަތިންދާ ބޯޓެއް ނެތް އިރު، މިއަހަރު ކުރީ ކޮޅު އޯޑަރު ކުރި ސްޕެއަރ ޕާޓްސްތަކުގެ 90 އިންސައްތަ މިހާރު ރާއްޖެ ގެނެސް އެސެމްބަލްކުރުމުގެ މަސައްކަތްކުރަމުންދާކަމަށެވެ. އެ އިންސްޓިޓިއުޓްގައި ސިމިއުލޭޓަރ ޓްރެއިނިން ފުރިހަމަ ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، އައްޑޫގެ ކޮވިޑްގެ ޙާލަތު ގޯސްވުމުން އެ އިންސްޓިޓިއުޓްގެ ކިޔެވުން މެދުކަނޑާލާފައިވާކަން ފާހަގަކުރެއްވިއެވެ. ފްލައިން ސްކޫލްގެ ދަރިވަރުން ކިޔަވަން ފަށާތާ 36 މަސްތެރޭގައި "ފްލައިން އަވާސް" ހަމަކުރަން ޖެހޭއިރު، މި މަހާއި އަންނަ މަހަށް މި މުއްދަތު ހަމަވާ ކުދިން ތިބިކަން ފާހަގަކުރައްވައި މި ފަދަ ކުދިންނަށް އަވަސް ހައްލެެއް ލިބެންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މި މައްސަލައަށް ހައްލު ހޯދުމަށް ބޭރުގެ އެކި ފްލައިން ސްކޫލްތަކާއެކު މަޝްވަރާކުރެވުނުކަމަށެވެ. އެހެންނަމަވެސް، އައްޑޫ ފްލައިން ސްކޫލަކީ އިއާސާ އެޕްރޫވްޑް ސްކޫލެއްކަމުގައި ނުވުމުން ޔޫރަޕްގެ އެއްވެސް ސްކޫލަކުން މިކަމަށް އެއްބަސްވެފައި ނުވާކަމަށެވެ. މީގެ އިތުރުން މި ދަރިވަރުން ރާއްޖެއިން ބޭރުގެ އެހެން ސްކޫލެއްގައި އަލުން ކިޔެވުން ފެށުމަށް ބަލާއިރު، މިކަމަށް ބޮޑު ޚަރަދެއް ކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ. އެގޮތުން ފްލައިން ސްކޫލްގައި ތިބި 211 ދަރިވަރުންނަށް 320 މިލިއަން ރުފިޔާ މިކަމަށް ޚަރަދުކުރަންޖެހޭކަން ފާހަގަކުރެވި މިކަން ފިނޭންސް މިނިސްޓްރީއާ އެކުވެސް މަޝްވަރާކުރެވިފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ. މި ކަމަށް ހައްލު ހޯދުމަށް އަދި ދަރިވަރުންނަށް ލުއި ހޯދައި ދިނުމަށް މި އަހަރު ހުޅުވާލި އައު ސްޓޫޑެންޓް ލޯނުގައި ރާއްޖޭގައި ޕައިލެޓްކަން ކިޔެވުމުގެ ފުރުސަތު އޮވެމެ، ބޭރު ޤައުމަކުން ކިޔެވުމުގެ ފުރުސަތު ހުޅުވާލީ ވެސް މި ބޭނުމުގައިކަމަށް ވިދާޅުވިއެވެ. އަދި ބީއެމްއެލްއިން ލޯން ނަގާފައިވާ ދަރިވަރުންގެ ހުރިހާ ލޯނެއް ދަރިވަރުންގެ ކޮންސެންޓާއެކު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ރާއްޖޭގައި ފްލައިން ސްކޫލް ހިންގުމަށް 3 ފަރާތަކުން މަސައްކަތް ކުރަމުންދާއިރު، ސަރުކާރުން މިހާތަނަށް ކުރި މަސައްކަތުން އެތަންތަނުގެ ޚިދުމަތް ފަށާއިރު، އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންނަށް އެ ތަންތަނުން ފުރުސަތު ދޭނެކަމުގެ ޔަޤީންކަން ދީފައިވާކަމަށް ވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސް ގައި ކިޔަވަމުންދާ ދަރިވަރުންގެ ކިބައިން ނިގުޅައިގެންފައިވާ ހައްގުތަކާމެދު ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީކުރުވައި އެފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެސް ވަނީ ނިންމަވާފައެވެ. އެކަން ހާމަ ކުރައްވައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި މައްސަލަތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ބައެއް ކަންކަން ނިންމަވާފައިވާ ކަމަށެވެ. އެގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޮޑިޓްގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން އެ ތަނުގެ ހެޑް އޮފް ޕައިލެޓް ޓްރެއިނިންގ އާއި އެކައުންޓެބަލް މެނޭޖަރުގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅު އެޅުމަށް ނިންމާފައިވާކަން މަބްރޫކު ފާހަގަކުރެއްވިއެވެ.

މަބްރޫކު ވިދާޅުވީ، ފްލައިންގ ސްކޫލްގެ މައްސަލަ ދިގުލައިގެން ދިއުމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވޭތޯ ބެލުމަށް މިނިވަން އޮޑިޓެއް ހަދައި، އިހުމާލުވެފައި ވާނަމަ، އިހުމާލުވެފައިވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އަދި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދަރިވަރުން ނަގާފައިވާ ލޯނުތަކަށް އިންޓްރެސްޓް އަރަމުންދާތީ، އެ ލޯނުތައް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ދަށަށް ބަދަލުކުރުމަށް ނިންމަވާފައިވާކަން ވެސް މަބްރޫކް ވަނީ ފާހަގަކުރައްވާފައެވެ.

އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ ހައްގުތަކަށް ތަކުރާރުކޮށް އަރައިގަންނަމުންދާތީ އެ ސްކޫލް 35،000 ރުފިޔާއިން ޖޫރިމަނާކޮށް އަނެއްކާވެސް ކަންކަން އިސްލާހު ކުރުމަށް މީގެކުރިން ވަނީ އިތުރު ފުރުސަތެއް ދީފައެވެ. 2001 ވަނަ އަހަރު އަމަލު ކުރަން ފެށި މަދަނީ ވައިގެ ދަތުރުފަތުރުގެ ގާނޫނު ބުނާ ގޮތުން އެގާނޫނާ ޚިލާފުވާ ފަރާތްތައް -/100،000 (އެއް ލައްކަ) ރުފިޔާ އަށްވުރެ ބޮޑުނުވާ އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ. އައްޑޫ ސިޓީގެ ގަމުގައި ހުންނަ ފްލައިން ސްކޫލު، އޭޝިއަން އެކެޑަމީ އޮފް އެރޮނިޓިކްސް (އޭއޭއޭ) ގެ ހެޑް އޮފް ޓްރެއިނިންގެ ގޮތުގައި ހުންނެވި ސުރަންޖަން ޑި ސިލްވާއަށް ދޫކޮށްފައިވާ ހުއްދަ އަތުލަން ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
100%
0%
0%
0%
0%
0%
ކޮމެންޓް
31 މެއި 2021 | ހޯމަ 15:01
މަރީ
އޭނަ މިހާރުވެސް އަބަދު ވެސް ކުރާ ކަމަކީ މުވައްޒަފުން ނާ ޖައްސައިލުން. އެކަން އޭން ރަނގަޅަށް ކުރޭ