ސަހަރާ އަށް އައި އެންމެން ސަހަރާއިން މަޑުމަޑުން ނިކުމެގެން ދާން ފާށައިފިއެވެ. ބައެއް މީހުން ބޭރަށް ނިކުމެވުމާއެކު އަތުން ވެލި ފޮޅާލައެވެ. އަނެއް ބަޔަކު ދެލޯ ފޮހެލައެވެ. ކޮންމެ މީހެއްގެ މޫނު މަތިންވެސް ފެންނަނީ ހިތްދަތިކަމެވެ. ހިތާމައެވެ. ވަރަށް ބޮޑަށް ރޮއިފަ ހުރިކަން އެންމެންގެ ލޮލުންވެސް ފެނެއެވެ. އެއީ އާންމު ކަމެކެވެ. ސަހަރާއިން މީހުން ނިކުންނަނީ ކޮންމެވެސް މީހަކު ވަޅުލާފައެވެ. އެހެންޏާ ކޮންމެވެސް ގާތް މީހެކެވެ. ނުވަތަ ތިމާ ލޯބިވާ މީހެކެވެ.
މުޅި މާހައުލު ވަނީ ހަމަހިމޭން ވެފައެވެ. ބޭރަށް ނިކުތް ބައެއް މީހުން މަގުގެ އެއްފަރާތުގައި މަޑުކޮށްގެންތިބެ ސިއްރު ސިއްރުން ކޮންމެވެސް ވާހަކަތަކެއް ދައްކާތީ ފެނެއެވެ. ކޮންމެވެސް މީހެއްގެ ގޯސް ވަހަކައެވެ. އެހެން ހަދާކައް ނުވާނެ ނޫންހެއްޔެވެ. ކިހާ ވިޔާނުދާ ހެއްޔެވެ. މިއީ ބައެއް މީހުން ދައްކާ ވާހަކައެވެ.
މިހުންތައް ނިކުންނަމުން ގޮސް ގާތްގަނޑަކަށް އެންމެންހެން ހުސްވެއްޖެއެވެ. މިހާރު ސަހަރާ ކުރިމަތީގައި ފެންނަން ތިބީ މަދު ބަޔެކެވެ. އެއީ އެކި ދިމަދިމާލުގައި މަޑުކޮށްލައިގެން ތިބި މަދު ބައެކެވެ. އިރުކޮޅަކުން ސަހަރާގެ ދޮރުން އާތިފް ނިކުމެއްޖެއެވެ. އޭނާ ހުރީ އަދި މާ ދެރަވެފައެވެ. ހިނގާލަފައި ނިކުތްއިރު މީހާގެ ގައިގާ މާކަބޮޑު ހަރަކާތެއް ނެތެވެ. އޭނާވެސް ހީވަނީ މައްޔިތެއްހެންނެވެ. މަޑުމަޑުން ހިނގާފައިގޮސް މަގުގެ މީހުން ތިބި ފަރާތް ނޫން އަނެއް ފަރާތުގައި އޭނާ މަޑުކޮށްލިއެވެ. އޭރު އޭނާގެ ލޮލައް ޖަމާވަމުންދިޔަ ކަރުނަތައް ހިވަނީ ދެންމެ ދެންމެ ފައިބައިގެންފާނެ ހެންނެވެ. އާތިފް ނިކުތުމާއެކު ބޭރުގައި ތިބި މީހުން އޭނާ އަށް ބަލަން ފެށިއެވެ. އެމީހުންގެ ބެލުމުގާ ވަނީ ހިތްހަމަ ނުޖެހުމެވެ. ހީވަނީ ކުރިން އެމީހުން ސިއްރު ސިއްރުން ދެއްކީ އާތިފްގެ ވާހަކަ ހެންނެވެ. އާތިފް މަޑުމަޑުން އިސްޖަހާލިއެވެ. އެޔާއެކު އޭނާގެ ލޮލުން ކަރުނަތައް ފައިބައިގެންފިއެވެ. ކުޑަ އިރުކޮޅަކުން ސަހަރާއިން ނިކުތް ދުވަސްވީ މީހަކު ހިނގާފައި އައިސް އާތިފްގެ ކާރިއަށް ހުއްޓި އޭނާގެ ކޮނޑުގައި ފިރުމާލުމަށްފަހު ހިތްވަރު ކުރަންވާނޭ ބުނެފައި ހިނގައިގަނެފިއެވެ.
އިރުއޮއްސެން ކާރިވެއްޖެއެވެ. އުދަރެހުގެ ކައިރިން ފެންނަން ހުރި ވިލާތަކުގެ ކުލަ މަޑުމަޑުން ބަދަލުވަމުންގޮސް ރަތްވިލާ އަށް ބަދަލުވެއްޖެއެވެ. އިރު އޭގެ އެންމެ ފަހުގެ ދޯދިތައް ދުނިޔެއަށް ދޫކޮށްލުމަށްފަހު މަޑުމަޑުން ތިރިވަމުން ގޮސް އުދަރެހުގެ ކައިރިއަށް އޮއްސި ގެއްލިއްޖެއެވެ. މިހާރު ފެންނަން ހުރީ އިރުން އެންމެ ފަހުން ދުނިޔެއަށް ދޫކުރި ދޯދިތަކުގެ އަލިކަން އެކަންޏެވެ. އެއީ އިރުއޮއްސުނީ ދާދި ދެންމެއަކުކަން ރަމްޒުކޮށްދޭ ނިޝާން ތަކެކެވެ. އެއީ އިރުން ދިން އަލިކަމުގެ ހަނދާންތަކެކެވެ. އެކަމަކު އިސާހިތަކު އެނިޝާންތަކާ ހަނދާންތައް ރޭގަނޑުގެ އަނދިރިކަމުގެ ތެރެއަށް ވަދެ ގެއްލިދާނެއެވެ. އިރުދިން ހޫނުކަން ކެނޑި ރޭގަނޑުގެ ފިނިކަމުގެ ތެރެއަށް މުޅި ދުނިޔެ ގެނބިގެން ހިނގައިދާނެއެވެ. ބާކީ ހުންނާނީ ހިތުގައި ހުރި އެއްޗެއް އެކަންޏެއެވެ. ލޮލަށް ފެނުނު މަންޒަރުން ސިކުނޑިއަށް ނެގިފާހުރި ފޮޓޯތައް އެކަންޏެވެ. އެއީ ދާދި ދެންމެއަކު ތިމާ ދޫކޮށްފައި ދިޔަ މާޒީގެ ހަނދާންތަކެވެ.
ތޮށިގަނޑު މަތީގައި އިށީނދެލައިގެން އިން އާތިފް އަށްވެސް އިރު އޮއްސިއްޖެކަމުގެ އިހްސާސް ވެއްޖެކަހަލައެވެ. ހަޔާތުގެ އަލިކަން ފަދައިން ދާދި ދެންމެއަކު ދުނިޔެމަތިން ފެންނަން ހުރި ދުވާލުގެ އަލިކަން އަނދިރިކަމަށް ބަދަލުވެއްޖެކަމުގެ އިހްސާސް އޭނާ އަށް ކުރެވިއްޖެ ކަހަލައެވެ. ލޯބިވާ މީހަކު މަރުވުމުން ވަޅުލާފައި އައިސް އިންނަ މީހެއްގެ މޫނުމަތިން ފެންނަމުންދާނެ ހިތާމަވެރި އަސަރުތަކަށްވުރެއް އޭނާގެ މޫނުމަތިން ފެންނަމުންދާ އަސަރުތައް މާ ފުންވެފައި ރިހުން ގަދައެވެ. ހީވަނީ ކުރެވުނު ކޮންމެވެސް ބޮޑު ކުށެއްގެ ހަނދާންތަކަކާ ދުރައް ނުދެވިގެން އުޅޭ ހެންނެވެ. އެކުށުގެ ސަބަބުން އަމިއްލަ ހިތާ ސިކުނޑިއަށް ލިބުނު ޒަހަމްތަކުން އޮހޮރެމުންދާ ލޭ މަނާ ނުވެގެން އުޅޭ ހެންނެވެ. އެ ޒަހަމްތަކުން ނަގާ ދިލައިން ތިމަގެ ހަޔާތައް ހަމަޖެހުމެއް ނުލިބިގެން ތެޅި ފޮޅޭހެންނެވެ. އޭނާ އިސްޖަހާލިއެވެ.
(ނުނިމޭ)