(ކުރީ ދުވަހުގެ ބަޔާ ގުޅޭ)
އެއީ ކޮންމެވެސް ކަހަލަ ދިރޭ އެއްޗެއްކަން ކަށަވަރެވެ. އެ ވަގުތު އޭނާގެ މުޅި ގަޔަށް ފާޑެއްގެ ހީލިގަނޑެއް އަރައިގަތެވެ. މުޅި ހަށިގަނޑު ހީބިހިން ފުރުނެވެ.
މި ފަދަ ހާލެއްގައި ނޭވާ ހިފަހައްޓާލައިގެން ނާއިލް ހުއްޓެވެ. ދެ ލޯ މަރައި ތަގުޅިކޮށްގެންނެވެ. އޭރު ވެސް ފައިސަލް އެ ތަނުގައި ހުރެ، އެކި ދިމަދިމާއަށް އަލިކުރަމުން ގެންދެއެވެ. އެހެންނަމަވެސް ނާއިލް ހުރި ދިމާއަކަށް އައްޔެއް ނުކުރެވެއެވެ. އިރުކޮޅަކުން ފެނުނީ އެނބުރި އައި ކޮޅަށް ހިނގައިގަތްތަނެވެ. ނާއިލް ލޯ ހުޅުވައިލިއެވެ. ފައިސަލް އެނބުރި ގޮސް ގެއާ އަރައި ހަމަވާންދެން އޭނާ ގުޑުމެއް ވެސް އަރުވައިނުލައި ހުއްޓެވެ. ފައިސަލް ގެއަށް ވަދެ، ދޮރު ލެއްޕުމުން އޭނާއަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. އޭރު އޭނާގެ ގަޔަށް އެރި އެތި ވެސް، ބުރަކަށީގެ މެދަކާ ހަމައަށް ފައިބައިފައި، އެނބުރި އެ ގަހަށް އަރައިގެން ހިނގައްޖެއެވެ. އެއީ ކޮން އެއްޗެއްކަން ނާއިލަށް އެނގެއެވެ.
ފައިސަލް ގެއަށް ވަދެ އިރުކޮޅެއްވުމުން، ނާއިލް އަވަސްއަވަހަށް ކުރިއަށް ހިނގައިގަތެވެ. އީޝާއަށް ގުޅާކަށް ވެސް އޭނާ ނުހެދިއެވެ. މޫނުމަތީން ދާ ތިކިތައް ފޮހެމުން، އެ ގޭ ގޯތިތެރެއިން މަގަށް ނުކުމެއްޖެއެވެ. މަގަށް ނުކުމެވުމާ އެކު އޭނށާއަށް ހީވީ، ޖަލަކުން ނިކުމެވުނުހެންނެވެ. ބޮޑު އަޅުވެތިކަމެއްގައި ހުރެފައި، މިނިވަންކަން ލިބުމުނުހެންނެވެ. އެ ފަދަ ފޮނި އިހުސާސެއް ކުރެވުނެވެ.
ފިޔަވަޅަކަށް ވެސް މަޑުޖެހިލުމެއް ނެތި، ނާއިލް އައި ގޮތަށް އައީ ގެއަށެވެ. ކޮޓަރިއަށް ވަދެ، ފަންކާ ޖައްސައިލުމަށް ފަހު، އެނދުގައި އިށީނދެ، ފަހަތުގައި ދެ އަތް ވިދެލައި، ލޯ މަރައިލަމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. މި ދިމާވި ބިރުވެރި ކަންތައްގަނޑާ މެދު ޚިޔާލުކޮށްލަން އިރުކޮޅަކު އިނދެފައި، އޭނާ ޖީބުން ފޯނު ނެގިއެވެ. ދެ ފިކުރެއްގައި އިނދެ އީޝާއަށް ގުޅައިލިއެވެ. ފޯނު އޮތީ ނިވާލައިފައެވެ. ދެ ފަހަރު، ތިން ފަހަރު ހަތަރު ފަހަރު ގުޅުމުން ވެސް ބުނީ، ނިވާލައިފައި އޮތް ކަމަށެވެ.
އެރި އިރާ އެކު ރަށުތެރެ ގުގުމައިލީ، ރަށު ކައުންސިލުން ކުރި ކުއްލި އިއުލާނެއްގެ އަޑުންނެވެ. ވީ އެންމެ އަވަހަކަށް ރަށުގެ ހުރިހައި މީހުން ކައުންސިލް އިދާރާ ކައިރިއަށް ހާޟިރުވުމަށް ކުރި އިޢުލާނެކެވެ. އެ އިއުލާނުގެ އަޑި ކަންފަތުގައި ޖެހުމާ އެކު އެ މީހަކު ކުރާން ހުރި މަސައްކަތެއް ހުއްޓާލައިފައި އެންމެން އަވަސްވެގަތީ ކައުންސިލާ ދިމާއަށް ދިޔުމަށެވެ. ވިއްސަކަށް މިނެޓުގެ ތެރޭގައި ރައްޔިތުން ޖަމާވެއްޖެއެވެ. އޭރު ކައުންސިލްގެ ރައީސް އެ ތަނުގައި ހުންނެވިއެވެ. އޭނާގެ މޫނުމަތީން ފެންނާން ހުރީ ނުތަނަވަސްކަމެވެ.
"މިއަދު ކުއްލި ގޮތަކަށް ރައްޔިތުންނަށް މި ގޮވައިލެވުނީ، ރޭގެ ވަގުތެއްގައި، ވީ ނުވީއެއް ނޭނގި މި ރަށު ޗަނބޭލީގޭ ނީރާ ގެއްލިގެން އޭނާގެ ޢާއިލާއިން އޮފީހަށް އަންގާފައިވާތީ. އެހެންވީމާ ލަސްނުކޮށް އޭނާ ފެނޭތޯ މަސައްކަތް ފަށައިދީ! ފުލުހުން ވެސް މިހާރު އެބަ މި ރަށަށް ދުރުވޭ."
ކައުމްސިލްގެ ރައީސްގެ ވާހަކަކޮޅު ނިންމާލުމާ އެކު ރައްޔިތުން ކޮޅުކޮޅަށް ހަރަކާތްތެރިވާންފެށިއެވެ. ނީރާ ހޯދުމުގެ މަސައްކަތް ފަށައިގެންފިއެވެ. ގިނަ މީހުންގެ ހިތުގައި ވަނީ ކަންބޮޑުވުމެވެ. ބިރުވެރިކަމުގެ ވަސްވާސްތަކެވެ. އެންމެންގެ ހަނދާނަށް ވެސް އައީ، މަޖީދުގެ ބިރުވެރި އަނިޔާވެރި މަރެވެ. އެ ފަދަ ދެވަނަ މަރެއް ރަށުގައި ތަކުރާރުވާކަށް އެކަކު ވެސް ނޭދެއެވެ.
ރައްޔިތުން ގުރޫޕުތަކަށް ބެހިލައިގެން މަސައްކަތްފެށިއެވެ. އެއް ބަޔަކު ރަށު ތެރޭގައި ހަރަކާތްތެރިވާން ފެށިއެވެ. އަނެއް ބަޔަކު ފޭބީ ގޮނޑުދޮށަށެވެ. އަނެއް ބަޔަކު ވަލަށެވެ. މި ގޮތުން ވަލަށް ވަން ގުރޫޕުތަކުގެ ތެރެއިން ގުރޫޕެއްގެ މީހަކަށް، ލޭގެ ނިޝާން ފެނިއްޖެއެވެ. ބިންމަތީންނާއި ވެރިފައި ހުރި ފަތްފަތުންނެވެ.
"އޭތް! މިހިރީ ކޯއްޗެއް؟" އެ މީހަކު ގުދުވެ އެ ދިމާއަށް ރަނގަޅަށް ބަލައިލިއެވެ. އޭނާގެ އަޑަށް އެ ގުރޫޕުގެ އެހެން މީހުން ވެސް، އެ ދިމާއަށް އަތުވެއްޖެއެވެ.
"ތީ ލޭ!" އެހެން މީހަކު ޔަގީންކޮށްދިނެވެ. "ހަމަ ޔަގީން ތީ އިންސާނެއްގެ ލޭކަން."
އެންމެން ގުދުވެ އެ ދިމާއަށް ރަނޅގަޅަށް ބަލައިލިއެވެ. ލޭ ތިކިތައް ހުރީ ކުރިއަށް ގޮސްފައެވެ. އެ މީހުން ލޭ ތިކިތައް ގޮސްފައި ހުރި މަގުން ކުރިއަށް ހިނގައިގަތެވެ. އޭރުން އެ އެންމެންގެ ހިތުގައި ވަނީ ބިރުވެރިކަމެއް އުފެދިއެވެ.
"އަނެއްކާ މަޖީދަށް ހެދި ގޮތް އެ މަންޖެއަށް ވެސް ހަދައިލީބާ؟" ތަންކޮޅަކަށް ގޮސްފައި އެ ތަނުން އެކަކު މަޑުމަޑުން ބުނެލިއެވެ. އޭނާގެ އެ ވާހަކައަށް އެކަކު އެކައްޗެއް ވެސް ނުބުނެއެވެ.
މަގުން ކުރިއަށް ދިޔަ ވަރަކަށް، ލޭތިކިތައް ގިނަވަމުން، ބޮޑެތިވަމުން އަންނަކަން ފާހަގަ ކުރެވުނެވެ. ވަކި ހިސާބަކުން އެ ތިކިތައް ވަނީ އެ ދިމާގައި ހުރި މަގޫ ގަސްތަކެއްގެ ތެރެއަށް ވަދެފައެވެ. އެ މީހުން އަވަސްއަވަހަށް އެ ގަސްތަކުގެ ތެރެއަށް ވަދެގަތެވެ. އޭރު އެއިން ކޮންމެ މީހެއްގެ މޫނުމަތީން ވެސް ފެންނާން ހުރީ ކަންބޮޑުވުމާއި ހާސްކަމެވެ.
ގަސްތަކުގެ ތެރެއަށް ވަން މީހުންގެ މޫނުމަތީގެ ކުލަވަރު ކުއްލިއަކަށް ބަދަލުވެއްޖެއެވެ. ދެ ލޯ ބޮޑުވެ މޫނުމަތީން ސިހުމާއި ބިރުވެރިކަމުގެ އަލާމާތްތައް ފެނިއްޖެއެވެ. ކުރިއަށް އެޅި ފިވަޅަށް މަޑުޖެހި، ދެ ފިޔަވަޅެއްވަރު ފަހަތަށް އެޅުނެވެ. ނަޒަރު ހުއްޓިފައި ހުރީ އެއް ދިމާއަކަށެވެ.
ގަޑިން ދިހައެއް ޖަހަނީއެވެ. ނާއިލް އޮތީ ނިދާފައެވެ. ފަތިސްނަމާދުކޮށްގެން އައިސް އޭނާ އޮށޯތީ، ފަސްގަޑި ބައި ވެސްވި ފަހުންނެވެ. ގަދަ ނިދީގައި އޭނާ އޮއްވާ، އެނދުމަތީގައި އޮތް އޭނާގެ ފޯނު ރިންގުވާން ފަށައިފިއެވެ. ނާއިލަށް ހޭވެރިކަންވީ، ދެތިން ހަތަރު ރިންގެއްވި ފަހުންނެވެ. އޭނާ ނިދީގައި އޮވެ ފޯނާ ދިމާއަށް އަތް ދިއްކޮށްލިއެވެ. ކަންނެތް ފާޑަކަށް ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ.
"ހަލޯ!"
"ނާއިލް!" އިވުނީ އީޝާގެ އަޑެވެ. އެ އަޑު ޖެހުމާ އެކު، ނާއިލްގެ ނިދި ފިލައިފިއެވެ. އޭނާއަށް އަވަސްއަވަހަށް ފޯނަށް ބަލައިލެވުނެވެ.
"ޢީޝާ!"
"ނާއިލް! އަދިވެސް ނިދަނީތަ؟ ސޮރީ އިނގޭ ރޭ ކަންތައް ދިމާވި ގޮތުން."
"ކިހިނެއްތަ ވީ ރޭ؟ ހާދަ ވަރަކަށް ގުޅީމޭ! ކީއްވެ ފޯނު ނިވާލީ؟"
"ވީ ގޮތަކީ....."
"ނިދުނީ ދޯ!"
"ނޫނެކޭ! ރޭ އަހަރެމެން ވާހަކަދެއްކި އަޑު ބައްޕައަށް އިވުނީއޭ."
"އެހެންވެތަ ބައްޕަ އޭރު ބޭރަށް އެ ނިކުތީ؟"
"އާނ! ފޯނު ވެސް ނިވާލަން މަޖުބޫރުވީ. އެނގޭ ވަރަށް ގިނަ ފަހަރު ގުޅާފައި އޮތްކަން ވެސް. އެކަމަކު ކީއްކުރާނީ!" އީޝާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
"އެ ގަޑީގައި ބައްޕަ ނިކުތީމަ މަށަށް ތި ކަހަލަ ގޮތަކަށް ހީ ވެސްވި. މަ ހާދަ ބިރެއް ވެސް ގަތޭ."
"މަ ވެސް އޮތީ ވަރަށް ކަންބޮޑުވެފަ."
"އަދި އެނގޭތަ؟ ބައްޕަ ނިކުތީމަ މަ ފިލައި ހުއްޓާ ގަޔަށް ނަންނުގައްޗެއް ވެސް އެރިއޭ."
"އަޅޭ!" އީޝާގެ މޫނުމަތީން ކަންބޮޑުވުން ފާޅުވިއެވެ. "ދެން ކިހިނެއް ހެދީ؟"
"މަ ހުރީ ގުޑުމެއް ވެސް އަރުވައިލަން ނުކެރިފަ. އެހެން ހުއްޓާ ނަސީބަކުން އެ އެތި އަމިއްލައަށް އަރައިގެން ހިނގައްޖެ."
"ނަޞީބެއްނު ކަމެއް ނުވިކަން."
"މިހެން އުޅެންވީމަ އެ ކަހަލަ ކަންކަމާ ވެސް ދިމާވާނެ." ނާއިލް މަޑުމަޑުން ހީނލިއެވެ.
"އާނ! ދޯ!"
"ދެން ބައްޕަ އެއްވެސް އެއްޗެކޭ ބުނިތަ؟ ވަރަށް އެއްޗެހި ގޮވި ދޯ!"
"ނުބުނޭ ނަސީބަކުން އެއްވެސް އެއްޗެކޭ. މަ ހީކުރީ ވަރަށް އެއްޗެހި ކިޔާނެކަމަށް."
"މިހާރު ކޮބާ ބައްޕަ؟"
"އޭ، ނޭނގޭތަ؟ އަނެއްކާ ވެސް ރޭ މީހަކު މަރާލާފަ އޮއްވާ ފެނިގެން އެބަ އުޅެއެއްނު." ކުއްލިއަކަށް ކަމެއް ހަނދާންވެގެން ބުނާހެން އީޝާ ބުންޏެވެ.
"ކީކޭ؟ ކާކު މަރާލީ؟" ނާއިލަށް ފުންމައިގެން ތެދުވެވުނެވެ.
"ޝަކިއްތަގެ ނީރާ. ވަރަށް އަނިޔާ ކޮށްލާފައޯ އޮތީ. މަންމަ ބުނި ގައިން މަސް ވެސް ކަފާފަޔޭ ހުރީ."
"ސުބުހާނަﷲ!" ނުވެސް ދެނަހުރިން. މިހާރު ކޮބާ؟"
"ސިއްޙީ މަރުކަޒަށް ގެންގޮއްސިޔޯ! ފުލުހުން ވެސް އައިސް އެބަ އުޅޭ. މި ވަރުގެ ކަމެއް ހިނގައިގެން އުޅޭ އިރު ވެސް ނާއިލް ތި އޮންނަނީ ނިދަންވިއްޔަ!"
"މަ ވެސް ރޭ ދަންވަރު އުޅުނީ ބޭރުގަ. މަސީބެއްނު ސަލާމަތްވިކަން." ނާއިލްގެ މޭ ތެޅެންފެށިއެވެ. "ދެން ޝަކިއްތަގެ ހާލަކީ ކޮބައިބާ؟"
ނީރާއަށް ވީ ގޮތެއް ނޭނގި ގެއްލުނު ވަގުތުން ފެށިގެން ގޝަކީލާގެ ކަމަކީ ރުއިމެވެ. ނީރާ ސަލާމަތުން ފެނޭތީޯ އޭނާ ގެންދިޔައީ ދުޢާކުރަމުންނެވެ. ކަރުނައިގެ ކަނޑެއްގައި އޭނާ ފަތަފަތާ އޮއްވާ ނީރާ މަރާލައިފައި އޮއްވާ ފެނުނު ޚަބަރާ އެކު އޭނާ ހިތް ފުނޑުފުނޑުވެ ކުދިކުދިވިއެވެ. އަޑުން އަޑުނަގައި ރޮއިގަނެވުނެވެ. އެ ހާލުގައި އޭނާ ރޯން އޮއްވާ އެ ގެއަށް އައިސް ވަނީ، ދުވަސްކޮޅެއް ކުރިން ހަމަ އެ ހިތި ހިތާމަ އުފުލާން ޖެހުނު ޒާހިރާއެވެ. އޭނާ އައިސް ޝަކީލާ އޮތް ފަތްޖެހި އެނދުގެ މަގަތުގައި އިށީނދެ ހިތްވަރުލައިދޭން ފެށިއެވެ.
"ޝަކީލާ! ދެން ނުރޮއި! ދނިޔޭގައި އުޅޭ އިރު ކަންކަން ދިމާވާނެ! ހިތްވަރު ކުރަންވާނެ. ކެތްތެރިވޭ!" ޒާހިރާ ވާހަކަދައްކަންފެށުމުން ޝަކީލާގެ ރުއިންވީ އިތުރެވެ.
ނުނިމޭ