ވާހަކަ
ސިލްސިލާ ވާހަކަ
25 ޖުލައި 2024 | ބުރާސްފަތި 10:28
2 ވަނަ ބައި

(ކުރީ ދުވަހުގެ ބަޔާ ގުޅޭ)

ނާއިލާއި އީޝާ އައިސް މަޑުކޮށްލީ، ރާޅުތަކުގެ އޯގާވެރި ހަރަކާތްތަކާއި ފިރުމުންތައް ފެންނަ ހިސާބުގައެވެ. ދެ ކުދިންގެ މޫނުމަތީން ވެސް ފެންނާން ހުރީ އިންތިހާ އުފާވެރިކަމެވެ. ބައްދަލުނުވާތާ ހަފުތާއެއްހައި ދުވަސް ފަހުން ބައްދަލުވުމުން ވެވޭ އުފަލެވެ. އެހެންކަމުން މި ރޭ އެންމެ ހިނދުކޮޅަކަށް ވެސް އީޝާއާ ވަކިވާކަށް ނާއިލް ބޭނުމެއް ނުވެއެވެ. އީޝާ ވެސް ބޭނުންވަނީ ނާއިލްއާ އެކު މުޅި ރޭ ވޭތުކޮށްލާށެވެ.

"ހާދަ ހިތްފަސޭހަ ރެއެކޭ ދޯ!" ވަށައިގެން ފެންނާން އޮތް ގުދުރަތުގެ ހިތްފަސޭހަ މަންޒަރަށް ނާއިލް ނަޒަރު ހިންގައިލިއެވެ. "ހިތަށް އަރާ މިކަހަލަ މިނިވަން ޖައްވެއްގަ އީޝާއާ އެކު މުޅި އުމުރަށް ހުރެވޭނެ ނަމައޭ." ނާއިލް ބަލައިލީ އީޝާގެ ފުން ދެ ލޮލަށެވެ.

"ދުޢާކުރޭ!" އީޝާ ހިނިތުންވެލީ ނާއިލްގެ މޫނަށް ބަލައިލަމުންނެވެ.

"ކުރަން. އަބަދު ވެސް ދުޢާކުރަން." ނާއިލް ވަގުތުން ބުނެލިއެވެ. "އަޅެ އަހަރެމެން މެރީކުރަން ބައްޕަ އޯކޭވާނެ ނަމަ ދޯ!" ނާއިލް ތުނޑިމަތީގައި އިށީންނުމުން އީޝާ ވެސް އިށީނނެވެ.

"އަބަދަކު ބައްޕަމެންނަކަށް ވެސް އެ ގޮތަށް ހިފަހައްޓައިގެނެއް ނުތިބެވޭނެ."

"އަހަރެން އެންމެ ދެރަވަނީ، އަހަރެމެން މިހެން ފޮނި އުއްމީދުތައް ކޮށްކޮށް ތިއްބާ، އެ މީހާއާ ގަދަކަމުން އީޝާ ދެވާފާނެތީ." ނާއިލް އެ ބުނީ ބަޞީރުގެ ވާހަކައެވެ. އީޝާގެ ބައްޕަ ބޭނުންވަނީ ބަޝީރާ އީޝާ ދެވާށެވެ.

"އިރާދަކުރެއްވިއްޔާ އެ ކަހަލަ ދެރަ ގޮތެއް މެދުވެރިއެއް ނުވާނެ!" އީޝާގެ މޫނުމަތީގައި ހުރި އުފާވެރިކަމުން ބަޔެއް އެ މޫނުގައި ވަޅުޖެހިއެވެ. ނާއިލަށް އެކަން ފާހަގަކުރެވުނެވެ. އެހެންކަމުން އޭނާ އެ މައުޟޫ ބަދަލުކޮށްލިއެވެ. އެހެން ވާހަކައެއް ފެށިއެވެ.

ރިހިފަތްގަނޑެއް ފަދަ ހުދު ދޮންވެލި ތުނޑިމަތީގައި ނާއިލާއި އީޝާ ތިއްބެވެ. އެ ދެ ކުދިންގެ އަމިއްލަ ވާހަކައިގައެވެ. މޫދަށް ކުރިމަތިލައިގެންނެވެ. ވަށައިގެން ފެތުރިފައިވާ ވެލިގަނޑު މަތީގައި، ހަނދުވަރު ކަކުނިތައް ދުވެދުވެ ތިއްބެވެ. ލިބިފައިވާ މިނިވަންކަމުގެ ބޭނުން ހިފުމުގައެވެ.

މި ހިތްފަސޭހަކަމުން ހިތް ފުރާލައިގެން ލޯބީގެ ދުނިޔޭގައި ތިބި ނާއިލާއި އީޝާއަށް، އެ ކުދިންގެ ފުރަގަހުގައި އޮތް ހޭޅިތެރޭގައި ހިނގަނީ ކޮންކަމެއްކަމެއް ނޭނގެއެވެ. އެނގޭ ނަމަ އެހެން ތިބޭކަށް ނުކެރޭނެއެވެ.

ހަނދުވަރުގެ ފަނޑު އަލީގެ ތެރެއިން އެ ހޭޅީގެ ގަސްތަކަށް ލުއިލުއި ހަރަކާތެއް އަތުވެއްޖެއެވެ. އަނެއްކާ ވެސް އަތުވެއްޖެއެވެ. އެއާ އެކު އެ ދިމާއިން އިންސިއެއްގެ ސޫރާގައި ކަޅު ހިޔަންޏެއް ފެނިއްޖެއެވެ. އެހެންނަމަވެސް ހަމަ އެ ސިކުންތުގައި އެ ހިޔަނި ގަސްތަކުގެތެރޭގައި ބޮނދައިފިއެވެ. ޔަގީނެވެ. ކޮންމެވެސް ލޮލެއް އެ ކުދީންގެ ހަރަކާތްތައް އެބަ ދެކެއެވެ. އެހެންނަމަވެސް ނުބީހެންޏާ ކަނޑާހަމައެވެ.

"މާދަމާ ރޭ ވެސް އަންނަންވާނެ ދޯ!" އީޝާގެ މޫނަށް ނާއިލް ބަލައިލިއެވެ.

"އިންޝާﷲ!" އީޝާ ހިނިތުންވެލިއެވެ. އެ ވަގުތު އެ ރީތި މޫނުގެ ރީތިކަން އެތައް ގުނައަކަށް އިތުރުވިއެވެ. "މަޖީދުގެ މަރާބެހޭގޮތުން މިހާރު އެއްވެސް ކަމެއް އެނގިއްޖެތަ؟" އިރުކޮޅަކު އިނދެފައި އީޝާ މަޑުމަޑުން އަހައިލިއެވެ.

"ފުލުހުން އައިސް ތަޙުޤީޤު ފަށައިގެން އުޅެނީ. އަދި ވާނުވާއެއް ނޭނގޭ ކަންނޭނގެ."

"މަގޭ ހިތަށް އަރަނީ މި ރަށުގައި ވެސް މިހާރު ހާދަ ރަޙުމުކުޑަ މީހުން އުޅެއޭ. އައްޔަ ބުނި މަސްތައް ވެސް ކަފައި ނަގާފައޭ ހުރީ."

"ޢީޝާއަށް ހީވޭތަ އިންސާނަކަށް އެ ވަރުގެ ކަމެއް ކުރާން ކެރޭނެހެން؟" އީޝާގެ މޫނަށް ނާއިލް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.

"ތިބުނީ؟" ނާއިލްގެ މޫނަށް އީޝާއަށް ބަލައިލެވުނީ ސިހުމާ އެކުގައެވެ.

"މަގޭ ހިތް ބުނަނީ އެއީ ކޮންމެވެސް ރުހާނީ މަޚުލޫޤެއް ކޮށްފައި ހުރި ކަމެކޭ."

"ރޫހާނީ މަޚުލޫޤެކޭ؟" އީޝާއަށް ބިރުން ކުއްލިއަކަށް ނާއިލްގެ އަތުގައި ހިފެހެއްޓުނެވެ. "ހިނގާ ދެން މި ތަނުން ދާން!" އީޝާއަށް އަވަސްއަވަހަށް ވަށައިގެން އެކި ދިމަދިމާއަށް ކަޅި ހިންގައިލެވުނެވެ.

"މާ ބޮޑަށް ބިރުގަތީދޯ!" ނާއިލް ގާތަށް ހިނިއައެވެ.

"އާނ! އަސްލު ވެސް ބިރުގަންނަން ފަށައިފި."

"އެހެންވިއްޔާ ދެން ހިނގާ ދާން! މިހާރު ގޭ މީހުން އީޝާ ހޯދަން ވެސް އުޅޭނެ ކަންނޭނގެ!"

ނާއިލާއި އީޝާ ތެދުވެގެން އެއްގަމަށް އެރުމަށް ހިނގައިގަތެވެ. އޭރު ހޭޅިތެރޭގައި އެ ދެ ކުދިންނާ ދިމާއަށް ހުއްޓިފައިވާ ކަޅި، ސިއްރު ބެލުމަކުން އެ ދެ ކުދިންގެ ހަރަކާތްތަކަށް ބަލަމުން ދެއެވެ.

"ޢީޝާ! ދޮގު ނުހަދާ ބުނާތި! ކޮންތާކުން ތި އައީ؟" އީޝާ އައިސް ގެއަށް ވަނުމާ އެކު، އޭނާގެ ކަންފަތުގައި ޖެހުނީ ބައްޕަ ފައިސަލްގެ ހަރުކަށި ރުންކުރު އަޑެވެ. އޭނާގެ ގާތުގައި އީޝާގެ މަންމަ މަރީނާ ވެސް އިނެވެ. ސިޓީންރޫމުގައެވެ. ހީވަނީ އީޝާގެ އިންތިޒާރުގައި ތިބިހެންނެވެ.

އީޝާގެ ހިތް ބާރަށް ތެޅިގަތެވެ. ބައްޕަ ކުރި ސުވާލަށް ދޭނެ ޖަވާބެއް ވެސް އޭނާގެ ހިތަކަށް އެ ވަގުތު ނައެވެ.

"ކީއްވެ އަނގައިން ނުބުނެވުނީ؟ ޖަވާބުދީބަލަ! ކޮންތާކުންހޭ ތި އައީ؟" ފައިސަލް ފުންމައިގެން ކަހަލަ ގޮތަކަށް ތެދުވިއެވެ. "މާމަގެއަށޭ ކިޔާފަ މަންމަ ގާތުގައި ދޮގުހަދާފަ ގޮސް ކޮންތާކު ތެޅުނީ؟ ހީކުރަނީތަ އީޝާ އުޅޭގޮތް ނުބަލާ އަހަރެމެން ތިބޭނެ ކަމަށް؟"

އީޝާގެ ހިތް ބާރަށް ތެޅެމުންދެއެވެ. އޭނާއަށް އެ ހުރި ފިޔަވަޅުމަތީގައި އިސްއޮބާލައިގެން ހުރެވުނީއެވެ. ބަހަކުން ބަހެއް ބުނާން ނުކެރިފައެވެ. އެ ހަމަހިމޭންކަމަކީ އިއުތިރާފުންކަން ފައިސަލް ދެނެގަތެވެ.

"އީޝާއަށް ކީއްވެތަ ބުނާ އެއްޗެހި އަޑު ނީވެނީ؟ ހީވަނީތަ މިއުޅެނީ ދެރަގޮތެއް ހަދާށޭ؟ އެން؟"

އީޝާގެ ދެ ލޮލަށް ކަރުނަ ޖަމާވާންފެށިއެވެ. ބައްޕަ ރުޅިއައިސްގެން އެއްޗެހިކިޔާންފެށުމުންނެވެ. ނާއިލާ ވަކިވާންޖެހިދާނެތީ ހިތަށް ލިބެމުން ދިޔަ ދަތިކަމެއްގެ ބޮޑުކަމުންނެވެ. އެހެންނަމަވެސް ނުރޮއި އޭނާ ކެތްކުރިއެވެ.

"ތި ނާއިލަކާ ގުޅުނުފަހުން ޢީޝާއަށް އަންނަމުންތިދާ ބަދަލު ނިކަން ވިސްނަބަލަ! އެންމެ ފަހުން، މައިން ބަފައިންނަށް ދޮގު ހަދާން ވެސް ފެށުނީނު. އެއީ ހަމަ ތި ނާއިލް ކުރުވާ ކަންތަކޭ. ކިހައި ދެރަ ކަމެއް ދެން މީ."

ފައިސަލް ސޯފާގައި އިށީނދެ ހަމަޖެހިލއެވެ. އެއަށްފަހު އީޝާއަށް ގޮވައިގެނެސް، އޭނާގެ ގާތުގައި، ސޯފާގައި ބޭންދިއެވެ. މި ފަހަރު ފައިސަލް ވާހަކަ ދައްކަންފެށީ މައިތިރި އަޑަކުންނެވެ. އެއްޗެއް ވިސްނައިދޭން ވާހަކަދައްކާ ފަދަ ގޮތަކަށެވެ.

"ދަރިފުޅާ ޢީޝާ! ތިހެން އުޅެނިކޮށް ބަޞީރަށް ނޫނީ އެގޭ މީހަކަށް، ދަރިފުޅުގެ ތި އުޅން ފެނިއްޖެއްޔާ ކިހިނެއް ހަދާނީ؟ މަންމައާއި ބައްޕަ ކޮން ޖަވާބެއް އެ މީހުންނަށް ދޭނީ؟ އަހަރެމެން ކިހައި ލަދެއް ގަންނާނެ. އަނެއްކޮޅުން ބަސީރު ގާތަށް ރުޅި ވެސް އަންނާނެއެއްނު! ޢީޝާއަށް ހަމަ ރަނގަޅަށް އެނގޭނެ ޢީޝާ އިންނަން ހުރި މީހަކީ ބަޞީރުކަން. އެ ކަހަލަ ނަސީބެއް އަތުގައި ހިފީމަ ތަނަކު ހުރި ފާޑެއްގެ ސޮރުގަނޑަކާ ހިތާވެގެން ތި އުޅެނީ ކޮން އުފަލެއް ލިބޭނެކަމަށް؟"

ފައިސަލް ދައްކަމުން ދިޔަ ވާހަތަކުން އީޝާގެ ހިތަށް ލިބެމުން ދިޔައީ ދަތިކަމެވެ. ދެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އިސާހިތަކުން ދެ ލޮލާ އަލްވަދާޢު ކިޔަން ފަށައިފިއެވެ. ކޯތާފަތްމަތީން ތިރިއަށް ފައިބާންފަށައިފިއެވެ. އީޝާގެ ހާލަތާ މެދު ހަމްދަރުދީވަމުންނެވެ.

"މީގެ ފަހުން އެ ނާއިލާ ވާހަކަ ދައްކައިގެން ނުވާނެ. ފެންނަ ހިސާބަށްވެސް ގޮސްގެން ނުވާނެ!"

"މީގެ ފަހުން އެ ނާއިލާ ވާހަކަ ދައްކައިގެން ނުވާނެ. ފެންނަ ހިސާބަށްވެސް ގޮސްގެން ނުވާނެ! އީޝާއަށް ކައިވެނިކުރެވޭނީ ބަޝީރާ" ފައިސަލްގެ ވާހަކަ މިހައި ހިސާބަށް ދިޔަ އިރު އީޝާއަށް ރޮވިއްޖެއެވެ.

އެ ބުނާ ބަޝީރެއް ފެނުނަސް އީޝާގެ މޭ ބޮޑުވެއެވެ. ހުންނަ ސިފައިންނެވެ. ބޯ ހީވާނީ ހަތައެއް ހެންނެވެ. ދެ ކަންފަތާއި ނޭފަތް ވެސް ހުންނަނީ ތޮރުފާފައެވެ. މުދިލައްވާފައެވެ. އެއީ ދެން މާ ޒަމާނީ މީހޭކޯލައެވެ. އޭނާ ހުންނަ މަގަކަށް ވެސް ނާރައިވޭތޯ އީޝާ ބަލައެވެ.

އީޝާއަށް ނޭނގުނަސް، ފައިސަލަށް ރޭކާ ނުލިޔަސް، މިހާރު ވެސް ބަޝީރު އެޅެނީ އެ ރަށުގެ އަންހެން ކުއްޖަކު އަތުއަޅުވާލައިގެންނެވެ. އެއީ ނީރާއެވެ. ނީރާއަކީ އެ ރަށުގެ ވަރަށް ނިކަމެތި އާއިލާއެއްގެ ކުއްޖެކެވެ. އެހެންނަމަވެސް ރަށުގެ ނިސްބަތުން ރީތި ކުއްޖެކެވެ. ބަސީރު ނީރާއާ ރައްޓެހިވެގެން އުޅޭކަމެއް އެ ރަށުގެ އެއްވެސް މީހަކަށް ނޭނގެއެވެ. އެއީ އޭނާ ވަރަށް ސިއްރުން ކުރާކަމެކެވެ. ނީރާއަށް އޮންނަނީ އެ ވާހަކަ މީހެއްގެ ގާތުގައި ދެއްކުން މަނާކޮށްފައެވެ. އޭނާ ނީރާއާ ބައްދަލުކުރަނީ ރޭގަނޑުގެ ވަގުތުގައެވެ. އޭނާ ނީރާއާ ރައްޓެހިވީ ހަމަ އެންމެ ބޭނުމަކުއެވެ.

ނުނިމޭ