ނޯޓް: މިއީ ދިވެހިރާއްޖޭގައި ހިނގި ހާދިސާއެއްކަމަށް ބުނެ ދެކެވޭ ވާހަކައަކުން ޚިޔާލު ނަގައިގެން ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ.
ދުވަހުގެ އިރު އާ ދުވަހަކަށް ހިނިތުންވެލައިގެން ހުރެ އަރަމުން ދަނީ ދުނިޔޭގެ ހަލަބޮލިކަމަށް ފިކުރެއް ނެތިއެވެ. އިންސާނީ ނަސްލުގެ ތެޅިފޮޅުމަށް ސަމާލުކަމެއް ނެތިއެވެ. ކޮންމެ ދުވަހަކީ ތަފާތު ދުވަހެއްކަން ހަނދާނުން ފުހެލައިގެންނެވެ. އެހެންނޫންނަމަ އިރުގެ ރަން ދޯދިތައް މިއަދު ވ. ރަކީދުއަށް ހަދިޔާކުރީހީ، އެ ފަދަ ހިނިތުންވުމަކާ އެކުގައެއް ނޫނެވެ.
ގޯތިތެރެ ފުރިފައި އޮތީ، ކުދި ބޮޑެތި ގަސްރުކުންނެވެ. ހިރުނދުގަހާއި ދިއްގާގަހެވެ. މިދިލިގަހާއި ދުނބުރިގަހެވެ. ބޯކެޔޮގަހާއި ބަނބުކެޔޮގަހެވެ. ރަތުރުކާއި ނުލުރުކެވެ. ދަނބުރުކާއި ޖާފާނުރުކެވެ. މިހެން ގޮސް އެތައް ބާވަތެކެވެ. ގޯތީގެ ހުޅަނގުބިތުގައި ސިމެންތިން ރާނައި، ދަގަނޑު ޓިނުން ހިޔާކޮށްފައި ހުރި ކުޑަވަރެއްގެ ގެއެއް ހުއްޓެވެ. އެ ގޭގެ ދޮރު ހުރީ ލައްޕާފައެވެ. އެހެންނަމަވެސް އިރުކޮޅަކުން އެ ދޮރު ބޭރަށް ހުޅުވިއްޖެއެވެ. ހުޅުވުނު ދޮރުން ނުކުތީ ދެބައި އުމުރުގެ އަންހެނެކެވެ. އެއީ އެ ގޭ ޒާހިރާއެވެ. އޭނާ ލައިގެން ހުރީ، މަޑުމަޑު އަޅި ކުލައަކަށްދާ، ގަޔަށް ދޫ ހައުސްކޯޓަކެވެ. ކަޅު ބުރުގާއެއްގައި އޭނާ ހުރި އިރު، އޭނާގެ މޫނުމަތީން ފެންނާން ހުރީ ނުތަނަވަސްކަމެވެ.
ގެއިން ނިކުންގޮތަށް ޒާހިރާ ހިނގައިގަތީ، ގޭ ބިތްދޮށުގައި ހުރި ރުއްގަސްތަކާ ދިމާއަށެވެ. ހަރަކާތްތައް ހުރިގޮތުން ހީވަނީ، އެއްޗެއް ގެއްލިގެން ނިކުމެ އުޅޭހެންނެވެ. އެކި ފަހަރު އެކި ދިމާއަށް ކަޅި އުކަމުން ބަލަމުން ކުރިއަށް ދިޔައެވެ.
"މަޖީދު! މަޖީދު!" ތަންކޮޅަކަށް ގޮސްފައި، ޒާހިރާ ގޮވާންފެށިއެވެ. މަޖީދަކީ ބޮލުން ވައްޓައިލި ލިބާހާ އެކު، އޭނާ ކައިވެނިކުރި އޭނާގެ ފިރިމީހާއެވެ. ކައިވެންޏަށް ވިހި އަހަރުވެއްޖެއެވެ. މިހައި ދުވަސްވި އިރު ވެސް، އެ ދެމަފިރިންނަށް ދަރިއަކު ނުލިބެއެވެ. އެ ދެމަފިރިން ﷲއަށް ޝުކުރުވެރިވެ ކެތްތެރިވިއެވެ.
ކުއްލިއަކަށް ކަންފަތުގައި ޖެހުނީ، ގޯތިތެރޭގެ އެކި ދިމަދިމާއަށް ކަޅި އުކަމުން، މަޖީދަށް ގޮވަމުން ދިޔަ ޒާހިރާ، ރޮއި ހޭރިގެންފައި ހަޅޭއްލަވައިގަތް އަޑެވެ. "މަގޭ މަޖީދެއްވާ ނެތޭ" ކިޔައިފައެވެ.
ޒާހިރާ ރޮއި ހަޅޭއްލަވާ އަޑަށް، އެކި ދިމަދިމާއިން މީހުންތައް އެ ގޭދޮށަށް ޖަމާވާންފެށިއެވެ. އަންނަ ކޮންމެ މީހަކު ވެސް، ދުވެފައި ދަނީ ޒާހިރާއާ ދިމާއަށެވެ. ވީ ކީއްކަން ނޭނގިގެންނެވެ. އޮޅުންފިލުވާށެވެ.
ޒާހިރާގާތަށް ދިޔަ ބައެއް މީހުން، ވަކި ހިސާބަކަށް ގޮސްފައި، ދިޔަލެކަށް ވުރެ ބާރަށް އެނބުރި އާދެއެވެ. ފާޑަކަށް ބޮލަށް އެނބުރުން އަރައިގަނެގެން އަންނަ ފަދަ ގޮތަކަށެވެ. އަނެއް ބަޔަކު އުޅެނީ، ބިންމަތީގައި އޮވެ ރޮމުން ގެންދާ ޒާހިރާ މަސަލަސްކުރެވޭތޯއެވެ.
ކުއްލިއަކަށް ޒާހިރާގެ އަޑު ކެނޑިއްޖެއެވެ. އިރުކޮޅަކުން ފެނުނީ، އަތްދަނޑިމައްޗަށް ޒާހިރާ ނަގައިގަނެގެން، ތިން މީހަކު ގެއާ ދިމާއަށް އަންނަ ތަނެވެ. ޒާހިރާ ފަކީރުގެ ހޭވެރިކަމެއް ނެތެވެ. އޭރު ވެސް ހިތްވަރު ހުރި ބައެއް ފިރިހެނުން، ގަސްތަކުގެ ތެރޭގައި ލެއިން ކަޅިވެފައި އޮތް މަޖީދުގެ ފުރާނަ ނެތް މަސްގަނޑު ކައިރީގައި ހުއްޓުން އަރާފައި ތިއްބެވެ. އެތަނުން މީހަކު އެއް ފަރާތަކަށް ޖެހިލައި، ކައުންސިލްގެ ރައީސަށް ފޯނުން ގުޅައި އެ ޚަބަރު ދިނެވެ.
"އެކަމަކު ހާދަ ވަރެއް ކޮށްލާފައޭ އެ އޮތީ ދޯ!" މަގުމަތީގައި ހައެއްކަ ހަންހެނުން މަޖީދުގެ ވާހަކަ ދައްކަން ކޯޅިއަކަށް ތިއްބާ، އެ މަންޒަރު ދެކިފައި އެ ތަނަށް އައި އެހެން އަންހެނަކު ބުނެލިއެވެ.
"އާނ! ތި ވާހަކަ އަހަރެމެން ވެސް މި ދައްކަނީ."
"މަގޭ ހިތެއް ނުބުނޭ އިންސާނަކަށް އެ ވަރުގެ ކަމެއް ކުރާން ކެރޭނެއެކޭ."
"ދެން އިންސާނަކު ނޫނިއްޔާ ކާކު ކުރާނީ؟ ފުރޭތައެއް؟" އެތަނުން މީހަކު ދެ ލޯ ބޮޑުކޮށްލަމުން އަހައިލިއެވެ.
"ފުރޭތައަކަސް ހަންޑިއަކަސް ހެޔޮ! މީހަކަށް އެ ވަރުގެ އަނިޔާއެއް ދޭކަށް، އިންސާނަކަށް ހަމަ ނުކެރޭނެ!"
"ތިހެން ނުބުނޭ! އިންސާނުން، އިންސާނުންނަށް އެބަހުރި އެއަށްވުރެ މާ ބޮޑެތި އަނިޔާ ވެސް ކޮށްފަ."
"ބޮއިގެން މިހަރަ އުޅޭ މީހުން ޖެހިލުމެއް ނުވާނެ މީހަކަށް ކޮންމެ ފަދަ އަނިޔާއެއް ދޭކަށް ވެސް."
"އަހަރެންގެ ހިތަށް އަރަނީ މަޖީދު ނެތީމަ ޒާހިރާ އެކަނިވާނެ ވަރު. އެއީ ދަރިއަކު ނެތްތާނގައި، އަޅައިލާނެ ވާލެއް އިޔާރެއް ހުރި މީހެއް ނޫން. ނުލާހިކު ނިކަމެތިހާލުގައި އުޅެނިކޮށް މަޖީދު އޭނާއާ އިނީ ވެސް. މަޖީދު ކަހަލަ ހެޔޮ ފިރިއަކު ދެން ޒާހިރާއަށް ލިބޭނެހެނެއް ވެސް ހިޔެއްނުވޭ!"
"އެކަމަކު އެކަމެއް ވާންހުރި ގޮތަކަށް ވެގެން އެކަމެއް ނިމޭނީ. ދެން އޮންނާނީ ކެތްތެރިވުން."
"މީހަކު ބުނާތީ އެހިން މަޖީދަށް ކޮށްފައި އޮތް ވަރު ފެނިފައި ޒާހިރާ އަނބުރައިގަތީއޭ. ތެދެއްތަ އެއީ؟
"އާނ!"
"މިހާރު ޒާހިރާގެ ހާލު ކިހިނެއްބާ؟"
ޒާހިރާ ބާއްވާފައި އޮތީ އެ ގޭ ސިޓީންރޫމުގައި ހުރި ފަތްޖެހިއެނދެއްގެ މަތީގައެވެ. އޭނާގެ ދެ ލޯ ވަނީ މެރިފައެވެ. ހަރަކާތް ވަނީ ހުއްޓިފައެވެ. އޭނާގެ ގާތުގައި އަވަށްޓެރި ދެ އަންހެނަކު ތިއްބެވެ. އެކަކު ފެންތަށްޓެއް ހިފައިގެން ހުރެ، ޒާހިރާގެ މޫނުގައި ފެން ހާކަނީއެވެ. ޒާހިރާގެ ނަމުން ގޮވަމުންނެވެ. އޭނާ ޒާހިރާގެ މޫނާއި ހަތަރެސްފައިގައި ވެސް ފެން ހާކައިފިއެވެ. އިރުކޮޅަކުން ޒާހިރާގެ ލޮލުގެ އެސްފިޔަތަކަށް ލުއިލުއި ހަރަކާތެއް އަތުވެއްޖެއެވެ. ލޯ ހުޅުވާލައިފިއެވެ. ކައިރީގައި ތިބި ދެ މީހުންގެ މޫނަށް ވަކިވަކިން ބަލައިލިއެވެ. އެއާ އެކު އޭނާއަށް އަނެއްކާ ވެސް ބާރަށް ރޮއިގަނެވުނެވެ.
"މަޖީދު! އަޅެ ކޮބާ މަގޭ މަޖީދު؟ ކާކު އޭނަ މަރާލީ؟ އޭނަ މަރެއް ނުވޭ ދޯ!" ޒާހިރާ އުޅުނީ ތެދުވާށެވެ. ތެދުވެގެން ދުއްވައިގަންނާށެވެ.
"ޒާހިރާ! ތިހެން ނޫޅޭ! ކެތްތެރިވާންވާނެ!" އެ ތަނުން އަންހެނަކު އޭނާގެ ގައިގައި ހިފެހެއްޓިއެވެ. އަދި ވިސްނައިދޭން މަސައްކަތްކުރިއެވެ.
"ދޮންކާނާ! ދޮންކާނަ ތިހެން ބުންޏަސް، އަހަރެން ކިހިނެއް މަޖީދާ ނުލައި ދިރިއުޅޭނީ؟ އެ ކަހަލަ ހެޔޮ ފިރިއަކު އަހަރެން ހޯދާނީ ކޮންތާނުން؟ ކާކު އަހަންނަށް އަޅައިލާން ހުރީ؟ ކާކު އަހަންނަށް އެހީވާނީ؟" މޫނުމަތީގައި އަތް އަޅައިގެން އޮވެ ޒާހިރާ ރޯންފެށިއެވެ.
އެ ދުވަހު މެންދުރުނުވަނީސް ފުލުހުންގެ ތަހުގީގު ޓީމު ރަކީދުއަށް އަތުވެއްޖެއެވެ. އޭރު ވެސް މަޖީދުގެ ފުރާނަ ނެތް މަސްގަނޑު، އެ އޮތް ތަނުގައި އޮތެވެ. ފުހުލުން އައިސް، ތަހުގީގަށް ބޭނުންވާ ހުރިހައި އެއްޗެއް ނެގުމަށްފަހު އެ ރޭ މަޖީދުގެ ޖަނާޒާގެ ކަންކަން ނިންމިއެވެ. އެއަށްފަހު ދެން އޮތީ ތަހުގީގެވެ. އެ ގޮތުން ފުރަތަމަ ވެސް ފުލުހުން ސުވާލުކުރީ ޒާހިރާއާއެވެ. މަޖީދު މަރުވެފައި އޮއްވާ ފުރަތަމަ ފެނުނީ ޒާހިރާއަށް ކަމަށްވާތީއެވެ.
"އަޅުގަނޑު އިއްޔެ ހެނދުނު ހޭލިއިރު މަޖީދު ގެއަކު ނެތް! ބައެއް ދުވަސްދުވަހު ފަތިހު ތެދުވެގެން އޭނަ ހިނގާލަން ދާނެ. އަތިރިމައްޗަށް ދޮށިއެއްލަން ވެސް ދާނެ. އެކަމަކު އިއްޔެ ގެއަށް ނައިސް މާ ބޮޑަށް ލަސްވީމަ، އަޅުގަނޑު އޭނާއަށް ގުޅީ. ގުޅިއރު، ފޯނު އޮތީ ކޮޓަރީގައި. ދެން އަޅުގަނޑު ނިކުތީ އޭނަ ފެނޭތޯ ބަލައިލަން. ގޭ ބިތްދޮށަށް ދިޔަތަނާ ފެނުނީ........" ގިސްލަމުން ކަރުނަ ފޮހެމުން، ވާހަކަ ދައްކަމުން ގެންދިޔަ ޒާހިރާގެ އަޑު ބެދިއްޖެއެވެ. އޭނާއަށް ރޮވިއްޖެއެވެ. ގިސްލެވޭން ފަށައިފިއެވެ.
"އޭނާ ދެކެ ރުޅި އަންނަ އެއްވެސް މީހަކު މި ރަށުގައި އުޅޭކަން އެނގޭތަ؟" ޒާހިރާ ކުޑަކޮށް ހަމައަކަށް އެޅެންދެން މަޑުކޮށްލުމަށްފަހު، ފުލުހުން ސުވާލުކުރިއެވެ.
"ނޫން! އެކަހަލަ އެއްވެސް މީހަކު އުޅޭކަން އެނގިފައެއް ނެތް."
ފުލުހުން ބޭނުންވާ ސުވާލުތައްކޮށް ޒާހިރާގެ ފަރާތުން ބޭނުންވާ ހުރިހައި މައުލޫމާތެއް ލިބުމުން، އޭނާ ގެއަށް ފޮނުވާލައިފިއެވެ. ފުލުހުންގެ އިދާރާއިން އޭނާ ނިކުމެގެން ދިޔައީ ވެސް ރޮމުން ގިސްލަމުންނެވެ. އޭނާއަށް ވަމުން ދިޔަ ވަރު ފެނިފައި، ފުލުހުންގެ ހިތަށް ވެސް ވަނީ އަސަރުކޮށްފައެވެ.
ހަފުތާއެއްހައި ދުވަސް ފަހެވެ. މަޖީދުގެ މަރާ ގުޅިގެން ރަށަށް ވެރިވި ބިރުވެރިކަމާއި ސިހުމަށް ލުޔެއް ލިބި ރައްޔިތުން އާންމު ހާލަތަށް ރުޖޫޢަވާން ފަށައިފިއެވެ. އީޝާއާ ބައްދަލުކުރުމަށް ކެތްމަދުވެފައި ހުރި ނާއިލް ވެސް މި ރެއަށް އިރު އޮއްސުނު އިރު ހުރީ އުފަލުންނެވެ. މި ރޭ އޭނާއާ ބައްދަލުކުރަން އީޝާ އެއްބަސްވުމުންނެވެ. މި ދިޔަ ހައެއްކަ ރޭ އޭނާ ހުރީ އިރު އޮއްސުމަށްފަހު ބޭރަށް ނިކުންނަން ނުކެރިފައެވެ. ހިތަށް ބިރުވެރިކަން ވަދެފައެވެ.
ނާއިލާއި އީޝާ ތުނޑިއަށް ފޭބީ އެ ރޭ އިޝާނަމާދުގެ ފަހުންނެވެ. އެ ރެއަކީ މިލަހަނދުވަރެއްގެ ފަނޑު އަލި، އެ ރަށުގެ ތުނޑިއަށް ހަދިޔާކޮށްފައި އޮތް ރެއެކެވެ. ހިކި ދިޔައިގައި އުފެދިފައިވާ ކުދިކުދި ރާޅުތައް، ހަމަހިމޭންކަމާ އެކު މަޑުމަޑުން އައިސް ތުނޑީގައި ބޮސްދީފައި، އެނބުރި ދަނީ ވެސް ހަމަ އެހައިމެ ހަމަހިމޭންކަމާ އެކުގައެވެ. އެހެންނަމަވެސް އެ ދެ ކުދިންނާ ވިއްސަކަށް ފޫޓު ދުރުން، އެ ކުދިންގެ ފުރަގަހުގައި އޮތް، މިރިއްސާއި މަގުލާއި ކުރެއްޖާއި ބޯށިގަހުން ގެތިފައިވާ ހޭޅިއަކު އެ ހަމަހިމޭންކަމެއް ނެތެވެ.
ނުނިމޭ