ވާހަކަ
ސިލްސިލާ ވާހަކަ
10 މެއި 2024 | ހުކުރު 15:28
45 ވަނަ ބައި

(ކުރީ ދުވަހުގެ ބަޔާ ގުޅޭ)

"މިހައި ހިސާބުން މިއަދުގެ ސަރިޔަތުގެ މަޖުލިސް ނިންމާލާނަން. ދެން މި ސަރިޔަތުގެ އިތުރު އަޑު އެހުމެއް އޮންނާނީ، މިއަންނަ ހޯމަ ދުވަހުގެ ދިހައެއް ޖަހާއިރު."

މައްސަލަ ދިރާސާ ކުރުމުގައި އެ ރޭ ވަރަށް ގިނަ އިރު ޖިހާދު ހޭލާ އިނެވެ. ޖެހިގެން އައި ދުވަހު ވެސް އޭނާ އުޅުނީ އެ މަސައްކަތުގައެވެ. އޭނާ އެ ދުވަހު މާނިޢާ ބައްދަލުކުރިއެވެ. އިތުރު ކަންކަން ހޯދިއެވެ. އެ ރޭ އޭނާ ކޮޓަރިއަށް އައިސް ކޮޓަރީގެ އެތަންމިތަން ހާވައި އެއްޗެއް ހޯދަން ވަރަށް މަސައްކަތްކުރިއެވެ. މާދަމާއަކީ ސަރިޔަތް އޮންނަ ދުވަހެވެ. އެހެންކަމުން އޭނާ ސަތިޔަތުގެ މަޖުލީހަށް ދިޔައީ ވަރަށް ރަނގަޅަށް ތައްޔާރުވެގެންނެވެ.

ޖެހިގެން އައި ދުވަހެވެ. ސަރިޔަތުގެ މަޖުލިސް ފެށިއްޖެއެވެ. ކުރީ ދުވަހެކޭ އެއް ފަދައިން ދައުލަތުގެ ވަކީލާއި މިހާދުގެ ވަކީލު މައްސަލައިގައި ވަކާލާތުކުރަމުން ގެންދިޔައެވެ. ފަނޑިޔާރު ފަހަރަކު މީހަކަށް ފުރުސަތު ދެއްވަމުން އަޑުއައްސަވަމުން ގެންދެވިއެވެ. އެ ގޮތުން ޖިހާދަށް އެއް ފަހަރު ލިބުނު ފުރުސަތުގައި ވާހަކަ ދައްކަމުން ބުންޏެވެ.

"އިއްޒަތްތެރި ގާޟީ! މި މަޖުލިހަށް އަޅުގަނޑު މި ދަންނަވާ ވާހަކައިގެ އިތުރު ހެތްކެއް މިއަދު ހުށަހަޅާނަން. މިއޮތީ ފައިސަލްގެ އަމިއްލަ ދަބަހުން ފެނިފައި އޮތް އެ އަލަމާރީގެ ޑަބަލް ކީއެއް. ތިބޭފުޅުން ފޮރެންސިކް ތަހުގީގަކުން މި ތަޅުދަނޑި ބޭނުންކޮށްފައިވަނީ ކާކުތޯ ބައްލަވާ!" އަތަށް އަންގިއެއް ލެއްވުމަށްފަހު ޖިހާދު ތަޅުދަނޑިއެއް ނަގައި ފަނޑިޔާރަށް ދެއްކިއެވެ. "އިތުރަށް އަޅުގަނޑު ހޯދި ހޯދުންތަކުން އެނގިފައިވަނީ، ފައިސަލް މިދިޔަ މަހު ހަތެއްގައި ބެންކޮކަށް ފުރަންވެގެން، އެމީހުން ވިއްކަން ގެންގުޅުނު ހުރިހައި މަސްތުވާތަކެއްޗެއް ރައްކާކުރަން އެއާ ހަވާލުވި މީހަކީ ފައިސަލްކަން. މި ކަން ސާބިތުކުރެވޭ ވަރުގެ އޯޑިޔޯ ރެކޯޑިން ވެސް މިއަދު އަޅުގަނޑު ތިބޭފުޅުންނަށް އަރުވާނަން."

ދެ ފަރާތުގެ ބަހުސްތަކަށް ފަހު މިއަދުގެ ސަރިޔަތް ވެސް ނިމިއްޖެއެވެ.

ސަރިޔަތުގެ މަޖުލީހަށް ޖިހާދު ހުށަހެޅި ހެތްކާ ގުޅިގެން އިތުރަށް މައްސަލަ ތަހުގީގުކުރަން ޖެހިއްޖެއެވެ. އެހެންކަމުން ހަމަ އެ ދުވަހު ފުލުހުން ގޮސް މާނިއު ހައްޔަރުކޮށްފިއެވެ. އަދި މައްސަލަ އަލުން ތަހުގީގުކުރަން ފެށިއެވެ. އެއަށްފަހު ހަފުތާއެއްހައި ދުވަސްތެރޭގައި ތަހުޤީޤު ނިންމައި މައްސަލަ ކޯޓަށް ފޮނުވައިފިއެވެ.

މިއަދަކީ ވެސް މިހާދުގެ ސަރިޔަތުގެ އަޑުއެހުމެއް އޮތް ދުވަހެކެވެ. އެހެން ދުވަސްދުވަހެކޭ އެއްފަދައިން މިއަދުގެ ސަރިޔަތުގެ މަޖުލީހަށް ވެސް އީސާފުޅު އައެވެ. ދެފަރާތުގެ ވަކީލުންގެ ވާހަކަތަކަށް ފަހު، ދެން އޮންނާނީ ހުކުންކުރުންކަމަށް ވިދާޅުވެ މިއަދުގެ އަޑުއެހުން ނިންމާލިއެވެ.

"ދަރިފުޅާ! ކިހިނެއް ވާނެހެން ހީވަނީ؟" ކޯޓުން ނިކުތްގޮތަށް، ޖިހާދު ގާތުގައި އީސާފުޅު އެހިއެވެ. އޭރު އޭނާގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ފެންނާން ހުއްޓެވެ.

"ކަންބޮޑުނުވޭ ބައްޕާ! އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ!"

އީސާފުޅު ފުން ނޭވާއެއް ދޫކޮށްލަމުން ހިނގައިގަތެވެ. މި ދަނީ ފިހާރައަށޭ ބުނެފައެވެ.

މިއަދަކީ ބޮޑު ދުވަހެކެވެ. މިހާދުގެ މައްޗަށް ހުކުން ކުރާ ދުވަހެވެ. އެހެން ދުވަސްދުވަހާ ޚިލާފަށް މިއަދުގެ ސަރިޔަތަށް އީސާފުޅުގެ އިތުރުން މިހުނާއާއި ވަފާ ވެސް އައެވެ. ފަނޑިޔާރު ވަޑައިގަތުމާ އެކު، އެންމެން ތެދުވިއެވެ. އޭރު މިހުނާއާއި ވަފާގެ މޭ ބާރަށް ތެޅެމުންދެއެވެ. ވަފާގެ ހާލު ވަކިން ބޮޑުހެން ހީވެއެވެ. ވާނީ ކިހިނެއްބާވައެވެ؟ މައްސަލަ ނިންމާނީ ކޮން ގޮތަކަށް ބާވައެވެ؟ މިހާދުގެ މައްޗަށް ކުރާނީ ކޮން ފަދަ ހުކުމެއް ބާވައެވެ؟ އެންމެން ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

ސަރިޔަތުގެ މަޖުލިސް ފެށިއްޖެއެވެ. ހުކުން އިއްވުމުގެ ވަގުތު ޖެހިއްޖެއެވެ. ފަނޑިޔާރު ވާހަކަ ދައްކަވަން ފެއްޓެވުމާ އެކު، އެންމެން ނޭވާ ހިފަހައްޓައިލިއެވެ.

"މި ސަރިޔަތުގެ މަޖުލިހަށް، މުހައްމަދު މިހާދުގެ ވަކީލް ހުށައަޅުއްވާފައި ހުރި ޞައްހަ ހެކިތަކުގެ މައްޗަށް ރިއާޔަތްކުރުމާއެކު، މުހައްމަދު ފައިސަލްގެ އަމިއްލަ އިޢުތިރާފުން، މި ސަރިޔަތަށް ސާބިތުވެފައި ވަނީ، މުހައްމަދު މިހާދުގެ ކޮޓަރީގައި ހުރި އޭނާގެ އަމިއްލަ އަލަމާރިއަށް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ބުރައުން ޝުގަރގެ 980 ގްރާމް ލާފައިވަނީ ފައިސަލްކަމަށް. މިކަން އޭނާ ކޮށްފައިވަނީ މުހައްމަދު މިހާދު ގެންގުޅޭ ތަޅުދަނޑި ވަގަށް ނަގައިގެން، އޭގެ ދެވަނަ ތަޅުދަނޑިއެއް ހައްދައިގެން ކަމަށް ވެސް އޭނާ ވަނީ އެއްބަސްވެފަ. އެހެންކަމުން މި މައްސަލައިގައި މުހައްމަދު މިހާދު ކުށްވެރި ނުވާކަމަށް ނިންމައި މި ގަޒިއްޔާ ނިންމިން."

ފަނޑިޔާރުގެ ވާހަކަފުޅު ނިމުމާ އެކު މިހާދާއި ޖިހާދުގެ އިތުރުން މިހުނާއާއި ވަފާގެ މޫނުމަތިން ވެސް ފެނިގެން ދިޔައީ އުފާވެރިކަމެވެ. އީސާފުޅަށް ވެސް ފުންމައިގެން ތެދުވެވުނެވެ. ހަށިފުރައި ނޭވާއެއް ދޫކޮށްލެވުނީ އުފަލުން ފުރިފައިވާ ހިތަކާ އެކުގައެވެ.

ފުރުސަތު ލިބުމާ އެކު މިހާދު ފުރަތަމަ ވެސް ހިނގައިގަތީ އޭނާގެ ހުރި ހަމައެކަނި ކޮއްކޮއާ ދިމާއަށެވެ. ޖިހާދުގެ ކުރިމައްޗަށް ހުއްޓުނު އިރު، އޭނާގެ ދެ ލޯ ވަނީ ފެންކަޅިވެފައެވެ. ކަރުނަ އޮހިގަންނާން ހުރީ ތައްޔާރުވެފައެވެ.

"ކޮއްކޯ!!" މިހާދަށް ބޭއިޚުތިޔާރުގައި ކަހަލަ ގޮތަކަށް ޖިހާދުގެ ގައިގައި ބައްދައިގަނެވުނެވެ. އެއާ އެކު އޭނާއަށް ރޮވިއްޖެއެވެ. "ދޮންބެއަށް މާފުކުރޭ!" މިހާދު އަޑު ތުރުތުރުއަޅައިގަތެވެ.

"އަހަރެން އަބަދު ވެސް ދޮންބެއަށް މާފުކުރަން. ހިތް ވަރަށް ސާފު! ދެން އެ ކަމާ ނުވިސްނާ." ޖިހާދުގެ ދެ ލޮލުން ވެސް ކަރުނަ އޮހިގަތެވެ. އެހެންނަމަވެސް އޭނާގެ ތުންފަތް މަތީގައި ވަނީ ހިނިތުންވުމެވެ. މި މަންޒަރު ދެކޭން ތިބި އީސާފުޅާއި މިހުނާއާއި ވަފާގެ ދެ ލޮލުގައި ވެސް ވަނީ ކަރުނައެވެ.

މި ރެއަކީ މާމުއީގެ ރެއެކެވެ. އުފާވެރިކަމުގެ އިންތިހައީ ރެއެކެވެ. އެތައް ހުރަސްތަކަކާއި އެތައް ކަރުނައަކަށް ފަހު ހަގީގީ ހިނިތުންވުން ގެނެސްދިން ރެއެވެ. އާއެކެވެ. ކައިވެނީގެ މާތް ގޮށުން މިހުނާއާއި ޖިހާދު ގުޅައިލެވުނު ރެއެވެ. މިހާދާއި ވަފާގެ ކައިވެނި ވެސް ވެވުނު ރެއެވެ. ދެ ކައިވެނީގެ ޕާޓީ އޮތީ އެއް ޕާޓީއެއްގެ ގޮތުގައެވެ. "ޕެމެލޯ"ގެ ހިތްގައިމު މާހައުލުގައެވެ. ޕާޓީއަށް އަންނަ މެހެމާނުންގެ އިންތިޒާރުގައި، ކައިވެނީގެ ރީތި ހެދުމުގައި ހަތަރު ކުދިން ތިބި އިރު، ޖިހާދާއި މިހުނާގެ މޫނުމަތީން ފެންނަނީ އުފާވެރިކަމެވެ. މިހާދާއި ވަފާގެ މޫނުމަތީން ވެސް ފެންނާން ހުރީ އުފާވެރިކަމެވެ. ތިން ފަރާތުގެ އާއިލާގެ މެންބަރުންނާއި  ރައްޓެހިން ޕާޓިއަށް ޒިޔާރަތްކޮށް ހެޔޮ އެދުމާއި ތަހުނިޔާ ކިޔަމުންދެއެވެ. އުފާވެރި ހަޔާތަކަށް އެދެމުންނެވެ.

އިރުކޮޅަކުން ފެނުނީ އެ މީހަކަށް ޓަކައި ޖިހާދު ދަރަނިވެރިވެފައިވާ ކައުންސިލަރާއި ރިސޯޓް އޯނަރު ޕާޓިއަށް އައިސް ވަންތަނެވެ. ޖިހާދަށް އެ މީހުން ފެނުމާ އެކު، އަވަސް އަވަހަށް އެ ދިމާއަށް ހިނގައިގަތެވެ. ޕާޓިއަށް އައުމުން ވަރަށް އުފަލާ އެކު ޝުކުރު އަދާކުރިއެވެ.

"މިއަދުން ފެށިގެން އެއް މަސްދުވަސް ދުވަހުގެ ޗުއްޓީއެއް ޖިހާދަށް ދީފިން އިނގޭ! ޖިހާދު ބޭނުމިއްޔާ ހަނީމޫން ހަދާލަށް ރިސޯޓަށް ދެވިދާނެ!" ޖިހާދާ ސަލާންކޮށްލަމުން އޯނަރު ހިތްހެޔޮކަމާ އެކު ބުނެލިއެވެ.

"ވަރަށް ބޮޑަށް ޝުކުރިއްޔާ!"

އެ ދެ މީހުންނާ އެކު، ކެމެރާ ކުރިމަތީގައި ހަތަރު ކުދިން އެތުރެލިއެވެ. އުފަލާއި  ހިނިތުންވުމާ އެކުގައެވެ.  

ނިމުނީ