ވާހަކަ
ސިލްސިލާ ވާހަކަ
24 އޭޕްރިލް 2024 | ބުދަ 09:16
43 ވަނަ ބައި

(ކުރީ ދުވަހުގެ ބަޔާ ގުޅޭ)

"ކުއްލިއަކަށް ދާން މި ޖެހުނީ. މި ވަގުތު ގޮސްލާނަން. އެކަމަކު އަދި ފަހުން ތި ވާހަކަ ދައްކަންވާނެ." މާނިއުގެ ކޮޓަރިން ނިކުތުމަށް ޓަކައި ޖިހާދު ހިނގައިގަތެވެ.

"ކަލެއަށް ވަރަށް އިތުބާރުކޮށްފައި އިނގޭ މި ވާހަކަތައް މި ކިޔައިދިނީ."

"އޯކޭ!" ޖިހާދު ހިނިތުންވެލަމުން ނިކުމެ ކޮޓަރީ ދޮރުލެއްޕިއެވެ.

ޖިހާދު ދިޔަގޮތަށް ދިޔައީ ގެއަށެވެ. ގެއަށް ގޮސް ކޮޓަރިއަށް ވަދެ، ޖައްސައިލީ، ވަރުބަލި ފިލުވައިލާށެވެ. ސިކުނޑިއަށް ބަރުޖެހިފައިވާ ފިކުރުތަކާ ދުރުވެލެވޭތޯއެވެ. އެހެންނަމަވެސް ކަންވީ އެހެނެއް ނޫނެވެ. މިހުނާގެ ޚިޔާލުތައް އޭނާ ވަށައިލީއެވެ. ނުބައި ވަސްވާސްތައް ސިކުނޑިއަށް ވެރިވާންފެށީއެވެ. އޭނާ މެލޭޝިޔާއަށް ގޮސް މޮޅު މީހަކަށްވެގެން އައުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ، މިހުނާގެ އާއިލާއަށް އޭނާއަކީ ހަރުދަނާ މީހެއްކަން ދެއްކުމެވެ. އެނބުރި އައިސް، މިހުނާގެ މައިންބަފައިންގެ ރުހުމާ އެކު، ލަސްނުކޮށް މިހުނާއާ ކައިވެނިކުރުމެވެ. އޭނާ ކިޔަވަން ހޭދަކުރި ދުވަސްތަކުގައި ހިތްވަރު ހޯދީ އެ ކަމުންނެވެ. އެހެންނަމަވެސް ކިޔަވައި ނިމިގެން އައި އިރު، އޭނާއަށް މިހުނާ ގެއްލިއްޖެއެވެ. ވީ ތަނެއް، ވީ ގޮތެއް ވެސް ނޭނގެއެވެ.

 

ޖިހާދު ވިސްނަމުން ދިޔައީ ދެން ހަދާނެ ގޮތަކާ މެދުގައެވެ. މިހުނާގެ ޚަބަރެއް ހޯދަން ދާނެ ދިމާއެއް އޭނާގެ ހިތަކަށް ނައެވެ. މި ކަހަލަ ފިކުރެއްގައި އޮއްވާ އޭނާގެ ހަނދާނަށް އައީ މަރީއެވެ. މަރީއަކީ މިހުނާގެ އެންމެ ގާތް އެކުވެރިޔާއެވެ. މިހުނާގެ ފަރާތުން ޖިހާދުގެ ވެސް ރައްޓެއްސެކެވެ. އެހެންނަމަވެސް މަރީ އުޅޭ ތަނެއް، ފޯނު ނަންބަރެއް އޭނާއަކަށް ނޭނގެއެވެ. އެހެންކަމުން އެ މަގުން ހިނގައިގަންނާކަށް ވެސް ފަސޭހައެއް ނުވިއެވެ.

ފިކުރުގެ ދުނިޔެއެއްގައި ޖިހާދު އޮއްވައި، އޭނާގެ ފޯނެއް ކޯލެއް އަންނާން ފަށައިފިއެވެ. ނަގައި ބަލައިލި އިރު ގުޅަނީ ބައްޕައެވެ. ޖިހާދު ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ.

"ކީކޭ ބައްޕާ!"

"ދަރިފުޅު ކޮންތާކު ތިއުޅެނީ؟"

"ގޭގަ."

"ކައިފިން؟"

"އާނ! މިއަދު އޮފީހުން ކައިގެން އައީ."

"މި ވަގުތު ކަމެއްގަތަ ތި އުޅެނީ؟"

"ނޫން! ހަމަ އޮތީ."

"އެހެންވިއްޔާ ވަރަށް އަވަހަށް އައިސްބަލަ އައި ޖީ އެމް އެޗަށް!"

އައި ޖީ އެމް އެޗޭ ބައްޕަ ބުނުމުން ޖިހާދަށް ލިބުނީ ސިހުމެކެވެ. އޭނާއަށް ފުންމައިގެން ތެދުވެވުނެވެ.

"ކިހިނެއްވީ އަނެއްކާ؟ ބައްޕަ ބަލިވީތަ؟"

"ނޫނޭ! އިރާދަކުރެއްވީތީ ބައްޕަގެ ހާލު ރަނގަޅު!"

"ދެން...؟"

"އައިމަ އެނގޭނެ. ބައްޕަ މިހިރީ ހޮސްޕިޓަލުގަ. އަވަހަށް އަންނާތި އިނގޭ!" ޖިހާދަށް އެއްޗެއް ނުބުނެވި އުޅެނިކޮށް އީސާފުޅު ފޯނު ބާއްވައިފިއެވެ. ޖިހާދު އުޅުނީ ވަގުތުން ބައްޕައަށް ގުޅާށެވެ. ޑައިލްކޮށްލި ވެސް މެއެވެ. އެހެންނަމަވެސް ރިންގުވުމުގެ ކުރީން ކަނޑާލައިފިއެވެ. އެއަށްފަހު އަވަސްއަވަހަށް ތައްޔާރުވެލައިގެން އޭނާ ނައްޓައިލީ ހޮސްޕިޓަލާ ދިމާއަށެވެ.

މިހުނާ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ. ރަމީޒާއި ސައީދާ ތައްޔާރުވަމުން ދިޔައީ، އެ ތަނުން ނިކުތުމަށެވެ. ހޮސްޕިޓަލުގެ އިދާރީ ގޮތުން ނިންމަންޖެހޭ ކަންކަން ނިންމާފައި ރަމީޒު އެނބުރި އައި އިރު، ސައީދާ އިނީ ގެންދާންޖެހޭ ތަކެތި ބަންދުކޮށްގެންނެވެ. މިހުނާ ވެސް އިނީ ރީތިވެލައިގެން އެނދުގައި އިށީނދެލައިގެންނެވެ.

"ދަރިފުޅު ހާދަ ރީތިވެލައިގެން ތި އިނީ. މިއަދު ހީވަނީ ހަމަ ފޮޅިފައި އިން ފިނިފެންމަލެއްހެން." ރަމީޒު ވަންގޮތަށް މިހުނާއާ ސަމާސާކޮށްލުމުގެ ގޮތުން ބުނެލިއެވެ. އެހެންނަމަވެސް ރަމީޒުގެ އެ ވާހަކައަކުން މިހުނާއަކަށް އަސަރެއް ނުކުރިއެވެ. ކުޑަމިނުން ހިނިތުންވުމެއް ވެސް ނުފެނުނެވެ. ރަމީޒާ ދިމާއަށް ބަލައިލުން ފިޔަވައި އެހެންކަމެއް ނެތެވެ. އެއީ މި ފަހަކަށް އައިސް މިހުނާގެ ހާލެވެ. ހިނިތުންވުމާއި ވާހަކަދެއްކުން އޭނާގެ ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޑޮކްޓަރުން ލަފާދެއްވަނީ ހިތްހަމަޖައްސައިގެން ގެންގުޅުމަށެވެ.

"ދެން ތިހެން ހުއްޓުންއަރާފައި ނީނދެބަލަ ދަރިފުޅާ! ޑޮކްޓަރު ވެސް ވިދާޅުވިއެއްނު ހީނލައި ހަދާން ވެސް ވާނެއޭ!"

"އަޅެ ހިނި އަންނަންޏާއެއް ނޫންތަ ހެވޭނީ." މިހުނާ މަޑުމަޑުން ބުނެލިއެވެ.

މިހުނާ އެހެން ބުނެލި ގޮތުން ސައީދާއާއި ރަމީޒު ގާތަށް ވަރަށް ހިނިއައެވެ. އެހެންނަމަވެސް އެ ވަގުތު ވެސް މިހުނާގެ މޫނުމައްޗަކުން އެ ފަދަ އަލާމާތެއްގެ ކުޑަ މިންވަރެއް ވެސް ނުފެނުނެވެ.

"ދޮގެއް ވެސް ނޫނެއްނު! ހިނި އައިމައެއްނު ހެވޭނީ." ސައީދާ ހެމުން ހެމުން މިހުނާއާ އެއްބަސްވިއެވެ.

"މަ ދެން ނުބުނާނަން އެއްޗެކޭ!" ރަމީޒު ދެ ލޯ ފޮލެހިއެވެ.

މަންމައާއި ބައްޕަގެ ހިނިއައިސްފައިވާ މޫނަށް މިހުނާ ބަލައިލިއެވެ. އެ ވަގުތު އޭނާގެ ހިކިފައިވާ ތުންފަތްމަތީގައި ވެސް ލުއިލުއި ހިނިތުންވުމެއް ދުވެލިއެވެ

"ސައީދާ! ދެން ހިނގާ ނިކުންނަން! ބިލް ވެސް ނިންމާފަ މި އައީ."

"އީސާފުޅު ދެންމެ އައިއްސަ އެބަ އަންނަމޭ ކިޔާފަ އެ ދިޔައީ." ސައީދާ ތެދުވިއެވެ.

"މަށަށް ގުޅާފައި ވެސް ތިހެން ބުނި. އެހެންވެ އޭނާއަށް މަ ދެފަހަރަކު ގުޅައި ވެސް ފީމޭ! ފޯނެއް ނުނަގާ!"

"އެކަމަކު އޭނާ އައިމައެއްނު ދެން ދާންވާނީ. އޭނަގެ ގައިން ލޭފޮދެއް އެޅިފަހުން ވިއްޔަ މިހުނާއަށް ލުއިވީ ވެސް. ދޯ ދަރިފުޅާ!"

އީސާފުޅު ހުރީ އޯޕީޑީ ދޮރުމަތީގައެވެ. އޭނާގެ އިންތިޒާރު ދިގުލައިގެނެއް ނުދިޔައެވެ. ޖިހާދު އަތުވެއްޖެއެވެ.

"ކިހިނެއްވީ ބައްޕާ!" ޖިހާދުގެ އަޑުގައި ހުރީ ކަންބޮޑުވުމެވެ.

"މާ ބޮޑު ކަމެއް ނުވޭ! އައިސްބަލަ!" އީސާފުޅު ހިނގައިގަތީ ހޮސްޕިޓަލު ތެރެއަށެވެ. ސުވާލުތަކެއްގައި ހުރެ، ޖިހާދު ވެސް އީސާފުޅުގެ ފަހަތުން ހިނގައިގަތެވެ.

ޖިހާދުގެ ހިތަށް ހެރެމުން ދިޔަ ކަށިތައް ގުޅިފައިވަނީ މިހާދާއެވެ. ޖަލުގައި ހުއްޓާ މިހާދަށް ކަމެއް ވެގެން ހޮސްޕިޓަލަށް ގެނައީ ބާވައެވެ؟ ބޮޑުދައިތަ ގޭގައި އެބަ އުޅެއެވެ. ނޫނީ ފައިސަލް ގެނައީ ކަމަށް ވެސް ވެދާނެއެވެ.

"ބައްޕާ! ކަމެއް މާ ބޮޑަށް ގޯސްވީތަ؟ ފެމެލީ މީހަކަށް ކަމެއް ވީތަ؟"

"ދަރިފުޅާ! އެހައި ކަންބޮޑުނުވެބަލަ!" ޖިހާދުގެ މޫނަށް ބަލައިލަމުން އީސާފުޅު ހިނިތުންވެލިއެވެ. އެ ހިނިތުންވެލުމާ އެކު، ޖިހާދުގެ ހިތަށް ވެރިވެފައިވާ ނުތަނަވަސްކަން އެއްކޮށްހެން ފިލައިފިއެވެ. ހަމަ ގައިމު ވެސް ބޭބެއަށް ނޫނީ އާއިލާގެ އެހެން މީހަކަށް ވިޔަސް، ދެރަ ގޮތެއް ދިމާވެގެން އުޅޭ ނަމަ، އެ ގޮތަށް ބައްޕަ ހިނިތުން ނުވާނެއެވެ.

އީސާފުޅު ގޮސް ވަނީ ކޮޓަރިތައް ހުންނަ ބަޔަށެވެ. އޭނާ އެ ދިޔަ ގޮތަށް ގޮސް 12 ނަންބަރު ކޮޓަރީގައި ޓަކިޖަހައިލިއެވެ. އޭރު އޭނާގެ ފަހަތުގައި ޖިހާދު ހުއްޓެވެ.

ގިނަ އިރުތަކެއް ނުވެ ކޮޓަރީ ދޮރު ހުޅުވިއްޖެއެވެ. ކުރިމަތީގައި ހުރީ ރަމީޒެވެ. ރަމީޒަށް ފެނުނީ އީސާފުޅެވެ. ޖިހާދެއް އޭރު އޭނާގެ ލޮލަކު އަޅައެއް ނުގަނެއެވެ.

"އީސާފުޅު ޖެހޭތަ އަދި ވެސް އައިސް ޓަކިޖަހަން؟"

"ނަސީބެއްނު ބޮލުގައި ޓަކި ނުޖެހިކަން." އީސާފުޅުގެ އަޑުގައި ހުރީ ސަމާސާ ރާގެކެވެ.

އީސާފުޅުގެ އެ ޖުމުލައަށް ރަމީޒުގެ ކަންފަތާ ހަމައަށް ދެވުނު ނަމަވެސް އެތެރެއަކަށް ނުވަދެވުނެވެ. އެއަށްވުރެ ކުރިން، ރަމީޒުގެ ލޮލުގައި ޖިހާދުގެ މޫނު އަޅައިގެންފިއެވެ. އޭނާގެ ނަޒަރު ޖިހާދުގެ މޫނުގައި ތަތްވިއެވެ. ބަސް ހުއްޓުނެވެ. ޖިހާދަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. ހިތް ތެޅިގަތެވެ. ހީ ވެސް ނުކުރާ ކަހަލަ މޫނެއް ފެނުމުންނެވެ.

މިހެން މިކަން ވެދާނެކަން އީސާފުޅަށް އެނގެއެވެ. އެހެންކަމުން އޭނާ ހުރީ އެކަމަށް ތައްޔާރުވެގެންނެވެ. އޭނާ ވަރަށް ހަމަޖެހިލައިފައި ކޮޓަރިއަށް ވަނެވެ.

"ވަދޭ ދަރިފުޅާ!" ޖިހާދަކީ އޭނާގެ ދަރިއެއްކަން ރަމީޒަށް ގަސްދުގައި އަންގައިލީއެވެ.

ރަމީޒު އެއް ފަރާތަށް ޖެހިލިއެވެ. ބޭއިޚުތުޔާރުގައި ޖެހެވުނު ޖެހެވުނެއް ކަހަލައެވެ. އެ ވަގުތު ޖިހާދު މަޑު ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރީ ދޮރުމައްޗަށް ހުއްޓުނެވެ. އޭރު ޖިހާދުގެ މޭ ވަރަށް ބާރަށް ތެޅެމުންދެއެވެ. ކޮންމެވެސް ވަރަކަށް ގައިން ދާ ވެސް ހިއްލައިފިއެވެ.

ކޮޓަރި ތެރެއިން ޖިހާދަށް ފެނުނީ ސައީދާއެވެ. އޭނާ ހުރީ އެނދުކައިރީގައި ކޮޅަށެވެ. ޖިހާދު ފެނިފައި ސައީދާގެ ހަރަކާތްތަކަށް ވެސް ހުއްޓުންއެރިއެވެ. ދެ ލޯ ބޮޑުވިއެވެ. އޭނާއަށް ހުރެވުނީ ޖިހާދާ ދިމާއަށް ކަޅި ހުއްޓާލި ގޮތަށެވެ. ހިތަށް އަރަމުން ދިޔައެވެ. ޖިހާދު މިހާރު ހާދަ ތަފާތެވެ. ކުރިން ދިގުކޮށްފައި އޮތް އިސްތަށިގަނޑު ވަނީ ރީތިކޮށް ކޮށާލައިފައެވެ. ހުރީ ގަމީހާއި ފަޓުލޫނުލައި ދަށަށްޖަހައި އޮފީސް ބޫޓުގައެވެ. އޭނާގެ ދިގު އިސްކޮޅުގައި މިހާރު ފެންނަ އިރު، އެއީ ކުރީގެ ޖިހާދެއް ނޫނެވެ. ޝަޚުޞިއްޔަތު އެބަ ހުއްޓެވެ.

"ޖިހާދު؟" ސައީދާއަށް މަޑުމަޑުން ބުނެވުނެވެ.

ޖިހާދުގެ ކަޅި ކޮޓަރީގެ އެކި ދިމަދިމާއަށް ހަރަކާތްކުރަމުން ދިޔައެވެ. އޭނާގެ ލޮލުގައި މިހުނާއެއް އަޅައެއް ނުގަތެވެ. އޭނާ ދެކެން ބޭނުންވި މޫނެއް ނުފެނުނެވެ. އެހެންނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭގައި، ފާޚާނާގެ ދޮރު ހުޅުވާލައިފައި އެ ނިކުތީ މިހުނާއެވެ. މިހުނާއަށް ފުރަތަމަ ވެސް ފެނުނީ ދޮރުމަތީގައި ހުރި ޖިހާދެވެ. އެ ވަގުތު އޭނާއަށް އަވަސްއަވަހަށް އެސްފިޔަ ޖަހައިލެވުނެވެ. ޖިހާދުގެ ޚިޔާލުތައް ސިކުނޑީގައި އުތުރިއަރަމުންދާލެއް ބޮޑުކަމުން، ޖިހާދުގެ ސޫރަ ވެސް ވައިގެ ތެރެއިން ފެންނާންފެށިއޭ ހީވެގެންނެވެ.

ނުނިމޭ