ވާހަކަ
ސިލްސިލާ ވާހަކަ
19 މާރޗް 2024 | އަންގާރަ 16:18
18 ވަނަ ބައި

(17 ވަނަ ބަޔާ ގުޅޭ)

ދުނިޔެއަކީ ފަނާވެ ދަނިވި ތަނެކެވެ. ދުނިޔޭގެ އެއްވެސް ކަމަކީ އަބަދަށް ދެމިގެންވާ ކަމެއްވެސް ނޫނެވެ. އެއްދުވަހުން އަނެއްދުވަހަށް ކޮންމެ ކަމެއްވެސް ބަދަލުވެގެންދަނީ ހީނުކުރާހާވެސް އަވަހަށެވެ. ހަމަނުވެސް އެނގިތިއްބާ މަޑުމަޑުންގޮސް ނިހާގެ ބަނޑަށް ނުވަމަސް ފުރިއްޖެއެވެ. އެތައް ދުވަހަކުންސުރެ އިންތިޒާރުކުރަމުން އައި ދުވަސް ފެންނާކަށް ދެން މާކަގިނަ ދުވަހެއް ނުނަގާނެއެވެ. އިންތިޒާރުކުރުމަކީ ދަތިކަމެކެވެ. އެކަމަކު ތިމާ އިންތިޒާރު ކުރިކަމެއް ޙާސިލްވުމުން އެދަތިތަކުގެ މަތިން ހަނދާން ނެތި ދާނެއެވެ. ބުރަތައް ލުއި ވެދާނެއެވެ. ހަމަ ޙަޤީޤަތުގައިވެސް ޙަޤީޤީ އުފާވެރިކަމަކީ ކޮންމެވެސް ވަރެއްގެ އިންތިޒާރަކާއި ނުލާ ނުލިބޭނެ އެއްޗެކެވެ.

ހޮސްޕިޓަލްގެ ވިހާ ކޮޓަރީގެ ކުރިމަތީގައި ކެތްތެރިކަމެއް ނެތި ހިނގާލަ ހިނގާލަ އަހަރެން ހުރީމެވެ. ނިހާ ވިހަން ވެއްދިފަހުން މިހާރު ގައިގަނޑަކަށް ގަޑިއެއްހާއިރު ވެދާނެއެވެ. މި ހުރިހާ އިރުވެސް އަހަރެންނަށް ހުރެވުނީ ކޮޅަށެވެ. ވަރުބަލިކަމެއް ފޫހިކަމެއް އަހަރެންނަކަށް އިޙްސާސެއް ނުވެއެވެ. އިށީނދެލަންވެސް ބޭނުމެއް ނުވިއެވެ. ކީއްވެގެން ކަމެއް ޚުދު އަހަރެންނަކަށްވެސް ނޭނގެއެވެ. ވަރަށް ގިނަ ފަހަރު ނިހާގެ ޢާއިލާ މީހުން އަހަރެން ގާތު ސައިބޯން ދިޔުމަށް އެދުނެވެ. ގޮނޑިއެއްގައި އިށީނދެލައިގެން އިނުމަށް ނަޞޭހަތްތެރިވިއެވެ. އެކަމަކު އެކަން އަހަރެންނަކަށް މުހިއްމެއް ނުވިއެވެ. އެތަނުގެ ދޮރު ހުޅުވާލެވޭ ހަމަ ކޮންމެ ފަހަރަކު އެދޮރާ ދިމާއަށް އަހަރެންގެ ސަމާލުކަން ހުއްޓެއެވެ. ކީއްވެގެން ހެއްޔެވެ؟ އަހަރެން ހަމަ އަލީ ހެއްޔެވެ؟ ނުވަތަ މިއީ މިތަނުގެ ދޮރުމަތީގައި ހުންނަ ކޮންމެ ފިރިހެނެއްގެ ޙާލަކީބާއެވެ. އެނގޭ އެއްޗަކީ ހަމަގައިމުވެސް މިއީ އަހަރެންނަށް މުޅިން އާތަޖްރިބާއެއްކަމެވެ.

ނިހާ ވިހަން ވެއްދިތާ ބަރާބަރު ދޮޅުގަޑިއިރު ފަހުން ނިހާ ވިހައިފިއެވެ. ލޯބިލޯބި ފިރިހެން ކުއްޖެކެވެ. އެ ޚަބަރު ލިބުމާއިއެކު އަހަރެންގެ ލޮލުން ކަރުނައިގެ އަސަރު ހިނގާލިއެވެ. އުފަލުން ގޮހެވެ. އުފަލުން ގޮސް މީހުންނަށް ރޮވޭ ވާހަކަ އަހަރެންނަށް ޤަބޫލުކުރެވުނީ އެދުވަހުއެވެ.

ދަރިފުޅު ފެނުމާއިއެކު އަވަސްއަވަހަށް އަހަރެން އެނާ އުރާލީމެވެ. ގަޔާލާ ބޮނޑިކޮށްލީމެވެ.

އެ ތުއްތު ތުއްތު މޫނުގައި އެތައްފަހަރަކު ބޮސްދިނީމެވެ. އަޖައިބެއް ކަހަލަ ގުޅުމެކެވެ. ބައްޕަގެ ބީހުން އޭނާ ދެނެގެންފިއެވެ. ހިނިތުން ވެލިއެވެ. ބައްޕަޔާ ވަކިވާން އޭނާވެސް ބޭނުން ނުވާ ކަހަލައެވެ.

"މާބަނޑުއިރު ނިހާއަށް ވަރަށް ކާންދީފައި ހުރިކަން ކުޑަމީހާ ބަލައިލީމާއެނގޭ!"

މީހުންގަނޑުގެ ތެރެއިން ކޮންމެވެސް މީހަކު ވާހަކަ ދެއްކިއެވެ. އެއީ ކާކުކަމެއް އަހަރެންނަކަށް ނޭނގެއެވެ. އޭރު އަހަރެންގެ ލޮލަކަށް އެދަރިފުޅު ނޫން މީހަކު ނުފެނެއެވެ. އެކަމަކު އެއުފާވެރި ވަގުތުކޮޅު ދެމިއޮތީ ކުޑަ ހިނދުކޮޅަކަށެވެ. އެމީހުން ދަރިފުޅު އެތެރެއަށް ވައްދައިފިއެވެ. އޭރު އަހަރެން ހިތްފުރޭވަރަށް ދަރިފުޅާއި ދިމާއަށް އަދި ބަލާވެސް ނުލެވެއެވެ.  

އޭގެ ކުޑައިރުކޮޅެއް ފަހުން ނިހާ ނެރެފިއެވެ. ނިހާގެ މޫނުމަތިން ވަރުބަލިކަމުގެ އަސަރު ފާޅުވޭވޭ ހުއްޓެވެ. އަހަރެން ފެނުމުން ނިހާ ހިނިތުންވެލުމަށް މަސައްކަތް ކުރިއެވެ. އެކަމަކު އަހަރެން ނިހާ އަރާމުކުރުމަށް އެދުނީމެވެ. ހިތާހިތުން ނިހާއަށް ޝުކުރު އަދާކުރީމެވެ. އަހަރެން ދެކެ ނިހާ ވާ ލޯބީގެ ހެއްކަކަށް އެހާކަންހާވަރު ފުދެއެވެ. އަހަރެންގެ އުފަލައްޓަކައި ނިހާ ބުރަތަކެއް އުފުލައިފިއެވެ. ހިތްވަރެއްވެސް ކޮށްފިއެވެ. އެހާވަރުން އަހަރެންނަށް ފުދެއެވެ.

ކުޑަ ދުވަސްކޮޅަކު ހޮސްޕިޓަލުގައި މަޑުކުރުމަށްފަހު ނިހާ ގެއަށް ދޫކޮށްލިއެވެ. ގެއަށް އަލަށް ލިބުނު މެހެމާނާވެސް އެކުގައެވެ. ޒައިން ލިބުނު ދުވަހުން ފެށިގެން އަހަރެމެން ދެމީހުންގެ މަޤްސަދަކަށްވީ ޒައިންއެވެ. އޭނާ ތަންކޮޅެއް ބޮޑުވެލަންދެން އެހެން ކުއްޖަކު ނުހޯދުމަށް ދެމިހުންވެސް ނިންމީމެވެ. އެއީ މަންމައާއި ބައްޕަގެ ލޯބި ފުރިހަމައަށް ލިބިގެން ޒައިން ބޮޑުވުމަށްޓަކައެވެ. އެ ލޯބިން ތަންކޮޅެއްވެސް އުނިވިޔަ ނުދިނުމަށްޓަކައެވެ.

އުފާވެރި ކަމާއެކު ދުވަސްތައް ފާއިތުވަމުންގޮސް ޒައިންގެ އުމުރުން ތިން އަހަރު ފުރިއްޖެއެވެ. އޭރު އަހަރެމެންގެ ކައިވެންޏަށް ހަތަރު އަހަރު ފުރިއްޖެއެވެ. އެހާހިސާބުން ކުރިމަތިލާން ޖެހުނީ މުޅިން އާ ތަޖުރިބާއާކާއެވެ.

ހޮނިހިރު ދުވަހެއްގެ ހެނދުނުގެ ވަގުތެވެ. އޮފީސް ބަންދު ދުވަހެއް ކަމުން އަހަރެންވެސް އޮތީ ގޭގައެވެ. އޭރު ނިހާ އެއްޗެހި ދޮންނަނީއެވެ. ޒައިން ހުރީ އަހަރެންގެ ކައިރީގައެވެ.

"ޒިޔާމް! އަހަރެން ވާހަކައެއް ބުނަންތަ؟"

މެޝިނަށް އެއްޗެހި އެޅުމަށްފަހު ނިހާ މެޝިން ޖައްސާލިއެވެ.

"މާ ބުރައީދޯ؟"

އަހަރެން ވާހަކަ ދެއްކީ ޒައިންއާއި ދިމާއަށް ބަލަހައްޓައިގެން ހުރެއެވެ.

އުހުނ! އެހެންނެއް ނޫން!"

"ދެން؟"

"އަހަރެން ބޭނުން އޮފީހަކަށް ވަންނަން"

ނިހާ އައިސް އެނދު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނދެއްޖެއެވެ.

"ޒައިން! ތިހެން ނުހަދާ. ފޮތް ހަލާކުވާނެ. ގެނޭ ބައްޕަ އަތަށް"

ޒައިން އެނދުމަތީގައި އޮތް ފޮތެއް ނެގުމުން އަހަރެން އެފޮތް އަތުލުމަށްފަހު ތެދުވެ އެނދުގައި އިށީނދެލީމެވެ.

"އޮފީހަކަށް ވަންނާށޭ! ކިހިނެއްވީ؟ އޭރުން ކާކު ޒައިން ބަލާނީ؟ އަނެއްކާ މިއަހަރު ޒައިން ސްކޫލަށްވެސް ވައްދަން ޖެހޭނެއެންނު. ކިހާ އުނދަގޫވާނެ!"

ކުޑަކޮށް ވިސްނާލުމަށްފަހު އަހަރެން ޖަވާބު ދިނީމެވެ. އަހަރެން އެ ޖަވާބު ދިނީ ނިހާ އޮފީހަށް ވައްދަން ހަމަ ޙަޤީޤަތުގައިވެސް އަހަރެން ބޭނުން ނުވާތީއެވެ. އަހަރެން ދެކޭ ގޮތުގައި އަހަންނަށް ލިބޭ އެއްޗަކުން އަހަރެމެން ތިން މީހުންގެ ޚަރަދުތައް ހަމަޖައްސާލެވެއެވެ. އެހެންކަމުން ނިހާ ކޮންމެހެން ފައިސާ ނުހޯދިޔަސް ދަތިވެގެން އުޅޭކަށް ނުޖެހޭނެއެވެ.

"ނުވާނެ އުނދަގުލެއް! ދެމީހުން އޮފީހަށް ދަމުން ޒައިން ސްކޫލަށް ލާފައި ދާނީ، ދެން ނިމޭގަޑިއަށް ޒައިން ބަލާ ދާނީ! އަހަރެމެން އޮފީހުން އަންނަންދެން ދޮންތަމެންގޭގަ އޭނަ ބަހައްޓާނީ. އެހެންނޫނަސް އެއް ރުފިޔާވެސް އިތުރަށް ލިބެންޏާ އެވެސް ކިހާ ބޮޑު އެއްޗެއް. އޭރުން ސޭވް ވެސް ކުރެވިދާނެއެއްނު"

ކަންތައްތައް ގެންދާނެގޮތް ނިހާ އޮތީ މާ ކުރިންވެސް ހަމަޖައްސާފައެވެ.

"އަސްލު އެއީއެއް ނޫން ހަމައެކަނި މައްސަލައަކީ!"

"ދެން! ގެއްލިދާނެޔޭ ހީވަނީތަ؟"

އަހަރެންގެ ވާހަކަ މެދު ކަނޑާލުމަށްފަހު ނިހާ ވާހަކަދެއްކިއެވެ.

"ވެދާނެ! ކިނިހެއް އެނގޭނީ؟"

ޙަޤީޤަތުގައި ނިހާ ބުނީ އަހަރެން ހިތަށްވެސް ނާރާ ވާހަކައެކެވެ. އެހެންކަމުން އަހަރެންވެސް އެކަން ނެގީ އާދައިގެ ގޮތަކަށެވެ.

"ވާހަކައެއް އަހަންތަ؟"

ނިހާ ކުރީ ސުވާލެކެވެ.

"އިތުބާރު ކުރަންތަ؟"

އަހަރެން އެއްޗެކޭ ބުނުމުގެ ކުރިން ނިހާ އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"ނިހާ ތިހެން އެހީމަ އަހަރެން އެއްޗެކޭ ބުނެފާނަން. އަހަރެން ނިހާއަށް އިތުބާރުކުރަން. ނިހާއަކަށް އޮޅިފައެއް ނޯންނާނެ. އެހެންވެ ކަންނޭނގެ ހަތަރު އަހަރުވީއިރުވެސް މާބޮޑު މައްސަލަތަކެއް ނުޖެހި މި އުޅެވުނީ. އެކަމަކު އެ އިތުބާރު ދެމެހެއްޓުމަކީ ނިހާގެވެސް މަސައްކަތެއް. ގިނަ ދުވަހުން އުފެދޭނީ. ގެއްލޭލެއް އަވަސްވާނެ. އެއްފަހަރު ގެއްލިޖެއްޔޭ ދެން އުފައްދަން ވަރަށް އުނދަގޫވާނެ. އެވަރު ދަންނަންވާނެ."

"ހާދަ ދިވެއްސަށްވެސް ކުޅަދާނަވެއްޖޭ"

އަހަރެންގެ ވާހަކައަށް ނިހާ ދިނީ ވަރަށް ސާދާ ޖަވާބެކެވެ.

"އަދިވެސް އޯކޭ އެކޭ ނުބުނަމެންނު"

ނިހާ ގޮނޑިން ތެދުވެގެން އައިސް އަހަރެންގެ ކައިރީގައި އިށީނދެއްޖެއެވެ. އެންމެފަހުން އެއްބަސް ވާންޖެހުނީ އަހަރެންނަށެވެ. ނިހާ އެހާ ބޮޑަށް ބޭނުންވެގެން ބުނުމުން ހުރަސް އަޅަން ނުކެރުނީއެވެ.

ކުޑަދުވަސްކޮޅެއްގެ ތެރޭގައި  ސަރުކާރުގެ އޮފީހަކުން ނިހާގެ ވަޒީފާ ހަމަޖެހިއްޖެއެވެ. އޭރު ޒައިންވެސް ސްކޫލަށްވައްދާ ހުރިހާ ކަމެއް ހަމަޖެހިއްޖެއެވެ. ޒައިން ސްކޫލަށް ގެންދިޔުމަށްފަހު އަހަރެން އޮފީހަށް ދަނީ ނިހާވެސް ސައިކަލްގައި އޮފީހަށް ގެންގޮސްދީފައެވެ. އެކަން މާ އުނދަގޫ ކަމަކަށް އަހަރެންނަކަށް ނުވެއެވެ.

އޮފީހަށް ދިޔައީއްސުރެން އަހަރެންނަށް އިނދެވެނީ ގަޑި ބަލަ ބަލައެވެ. މިއަދަކީ ޒައިން ސްކޫލަށް ދިޔަ ފުރަތަމަ ދުވަސްކަމުން އަހަރެންނަށް އިނދެވެނީ އެކަމާ ވިސްނާށެވެ. އޮފީހުގެ މަސައްކަތަކާވެސް މާގަޔާ ވެވޭ ކަހަލަ ގޮތެއް ނުވެއެވެ. ވިސްނެނީ ޒައިން ކްލާހުގައި އުޅޭނެ ގޮތަކާއިމެދުގައެވެ.

ވަގުތުތައް އެކަހަލަ ގޮތަކަށް ފާއިތުވަމުންގޮސް ގަޑިން ދިހައެއެވެސް ޖަހައިފިއެވެ. އެއާއިއެކު ފޯނުވެސް ރިންގުވާން ފަށައިފިއެވެ.

"ހަލޯ!"

އަހަރެން ފޯނު ނެގީމެވެ.

"ޒިޔާމް! ޒައީން ބަލާ ދާން ހަނދާން ކުރައްޗޭ!"

އެކޮޅުން ވާހަކަދެއްކީ ނިހާއެވެ.

"ހަނދާން އެބަހުއްޓޭ.  މަގޭ ދަރިފުޅެންނު!"

ގޮނޑީގައި ރަނގަޅަށް އަހަރެން ހަމަޖެހިލީމެވެ.

"މަގޭ ދަރިފުޅޭ! ދެން އަހަރެންގެޔޯ!"

ނިހާ ވާހަކަ ދެއްކީ ސަމާސާ ރާގަކަށެވެ.

"މައްސަލައެއް ނެތް. ދެމީހުންގެ ދަރިފުޅު. ހެޕީތަ؟ އަލްސު އަހަރެން ހީކުރީ ނިހާ ހަނދާންވެސް ނުހުންނާނެ ކަމަށް "

އަތުކުރީގައި އޮތް ގަޑިއަށް އަހަރެން ބަލާލީމެވެ.

"ކީއްވެ ހަނދާން ނުހުންނަންވީ. އެއީ އަހަރެންގެ ދަރިފުޅެންނު!"

ފޯނު ހިފައިގެން ނިހާ ގޮނޑީގައި ހަމަޖެހިލިއެވެ.

(ނުނިމޭ)