ވާހަކަ
ސިލްސިލާ ވާހަކަ
6 ޑިސެންބަރ 2023 | ބުދަ 11:33
17 ވަނަ ބައި

(ކުރީ ދުވަހުގެ ބަޔާ ގުޅޭ)

މާނިއު ތެދުވެގެން ގޮސް އަލަމާރި ހުޅުވައިލިއެވެ. އެއްކަލަ ފޮށި ނެގިއެވެ. ޖިހާދަށް އިނދެވުނީ ބަލާށެވެ. ދެ ލޯ ބޮޑުކޮށްގެންނެވެ. ބިރުގެންފައެވެ. އަނގައިން ކުޅުހިކޭން ފަށައިފިއެވެ. މޭ ތެޅެނީ ވަރަށް ބާރަށެވެ. ހިތް ބުނަނީ އެތަނުން ނިކުމެގެން ދުވެ ރައްކާވާށެވެ. އަތަކަށް ފަޔަކަށް ހަރަކާތެއް ނައެވެ. މީހާ އިނީ ފާޑަކަށް ގަނޑުވެފައެވެ.

"ދެކޮޅު ނުހަދާތި! ތި ފިކުރުތަކުން ސަލާމަތްކޮށް ހަމަ މީހެއްގެ ގޮތުގައި ބަހައްޓަން އަހަރެން ބޭނުން." ފޮށިން ނެގި ޕެކެޓު ހިފައިގެން އައިސް ޖިހާދު ގާތު މާނިއު ޖައްސާލައިފިއެވެ.

މާނިއު ދިއްކޮށްލި ޕެކެޓުގައި ޖިހާދަށް ހިފުނީ ކީއްވެގެން ކަމެއް އޭނާއަކަށް ވެސް ނޭނގެއެވެ. އެ އަތް އިންތިހާއަށް ތުރުތުރު އަޅަމުން ދިޔަކަން މާނިއަށް ފާހަގަކުރެވުނެވެ. އެހެންނަމަވެސް އެނާ މަސައްކަތް ކުރީ ކޮންމެ ގޮތަކުންވިޔަސް ޖިހާދަށް މަސްތުވާ އެއްޗެހި ދޭށެވެ. އެއް ގޮތުން ނުވިއްޔާ އަނެއް ގޮތުންނެވެ. ނަތީޖާ ފެނުނީ މާނިއަށް ކާމިޔާބުގެ ހިނިތުންވުން ލިބޭގޮތަށެވެ. މާނިއު ބުނި ގޮތަށް އޭނާގެ ފުރިހަމަ އެހީތެރިކަމާ އެކު ޖިހާދު އެކަން ކޮށްފިއެވެ.

މާނިއުގެ ބަސް އަހައިގެން ފުރަތަމަ ފަހަރަށް ޖިހާދު މަސްތުވާތަކެތި ބޭނުންކޮށްފިއެވެ. އެކަން ނިންމާލުމަށްފަހު އޭނާ ބޯ އުފުލައިލިއެވެ. މަސްތުގެ ސަބަބުން ކުޑަވެ، ރަތްވެފައިވާ ދެ ލޮލުން މާނިއާ ދިމާއަށް ބަލައިލިއެވެ. މާނިއު ހިނިތުންވެލިއެވެ. ނިތް އެއްލަމުން ކަނާތުގެ ބޮޑުވާއިނގިލި އުފުލައިލިއެވެ. މާނިއު ހުރީ އުފަލުން ފުރިފައެވެ. ކުރެވުނު މޮޅު ކަންތަކާ މެދު ފަޚުރުވެރިވެފައެވެ.

އިރުކޮޅަކު އެހެން އިނދެފައި ޖިހާދު ތެދުވެއްޖެއެވެ. ކާލި އަޅަމުން ގޮސް ފާޚާނާއަށް ވަދެއްޖެއެވެ. އޭރު އޭނާގެ ބޯ ހީވަނީ ފަޅައިގެން ހިނގައިދާނޭހެންނެވެ. މޭނުބައިކުރާން ވެސް ފަށައިފިއެވެ. ފާޚާނާއަށް ވަދެ ގިނަ އިރުތަކެއް ނުވިއެވެ. އޯކާދެމޭން ފަށައިފިއެވެ. އެއާ އެކު ހޮޑުލެވިއްޖެއެވެ. އެތައް ބައިވަރު ހޮޑެއް ލެވިއްޖެއެވެ.

މެންދަމުގެ ހަމަހިމޭން ވަގުތެވެ. ފައިސަލަށް އޮތީ ނިދިފައެވެ. ހޭލެވުނީ ކައިރީގައި އޮތް ފޯނުގެ ރިންގުގެ އަޑަށެވެ. އޭނާ ނިދިގަނޑާ އެކު އޮވެ ފޯނު ނެގިއެވެ. ނަންބަރަށް ބަލައިލެވުނު އިރު މާނިއެވެ.

"ކީކޭ؟" ފައިސަލްގެ އަޑުގައި ހުރީ ނިދީގެ ކުރަކިކަމެވެ.

"އެކަން ނިންމާލައިފިން." މާނިއުގެ އަޑުގައި ހުރީ ފަޚުރުވެރިކަމެވެ.

"ކޮންކަމެއް؟" ފައިސަލަކަށް ނަގައެއް ނުގަނެވުނެވެ.

"މިހެން ބުނީމަ އެނގެންވާނެ!"

"ބުނެބަލަ! ކޮންކަމެއްތަ؟"

"ކޮބައިތަ ރޫމްމޭޓް؟"

މާނިއުގެ އެ ޖުމުލައާ އެކު ޖިހާދުގެ އެނދަށް ފައިސަލް ބަލައިލިއެވެ. އެ އެނދު ހުރީ ހުސްކޮށެވެ. ދެން އޭނާއަށް ބަލައިލެވުނީ ގަޑިއަށެވެ. ދެގަނޑި ބައިވަނީއެވެ.

"އެ ގޮލާ ނެތޭ!" ފައިސަލަށް ތެދުވެ އިށީނދެވުނެވެ.

"މި އޮތީ މި ކޮޓަރީގައި ދެމިފަ." މާނިއުގެ ޖުމުލަ ފައިސަލަށްވީ ހަކުރަށްވުރެ ވެސް ފޮނި ޚަބަރަކަށެވެ.

"ސީރިޔަސްކޮށްތަ؟" ފައިސަލަށް ފުންމައިގެން ތެދުވެވުނެވެ. ކޮޓަރީ ތެރޭގައި ހިނގާންފެށުނެވެ.

"އާނ، އަހަރެމެން ދާ ފަތުރާލީމަ ނުޖެހިއެއް ނުދެވޭނެ. ހެޔޮ މެކުނަކަސް."

"ބަރާބަރު!" ފައިސަލް ގޮސް އެނދުގައި ޖައްސާލިއެވެ.

"ކީއްވެ ކަލޭ އެހާވަރަކުން މިކަމަށް ގިލިއަޅައިގެން ތި އުޅުނީ. އެއީ ހާދަ އިނަސެންޓް ގޮލައެކޭ."

"ތިހެން ވީމައޭ އެކަން މިކުރުވީވެސް. އޭނަ ބަސް އެހީމަ ގޭތެރެއިން ހުރިހާ ލޮޓިއެއް އަންނަނީ މަށަށް. އަމާ ހީވަނީ އެއްޗެއް ބޮއިގެން އުޅޭހެން. އޭ، ގޭތެރެއަކު މިވާހަކައެއް ނުދެއްކޭނެ އިނގޭ! ދިމާވެގެން ވާހަކަ ދައްކާނީ. މާދަމާ ދިމާކޮށްލައިފައި މި ވާހަކަ ކިޔައިދޭނަން!" ހިތަށް ލިބުނު އުފަލާ އެކު ފައިސަލް އޮށޯވެ ބާލީހުގައި ބައްދާލަމުން ލޯ މަރައިލިއެވެ.

 

ޖެހިގެން އައި ދުވަހެވެ. މެންދުރު ފަހުގެ ވަގުތެވެ. މާޔޫސްވެ ގޮތް ހުސްވެފައި ހުރި ޖިހާދަށް މިހުނާ ނުފެނި ގިނަ އިރުވާން ފެށުމުން ކެތްތެރިކަން ކޮޅުންލާ ގޮތް ވެއްޖެއެވެ. އެންމެފަހުން އޭނާ ނިންމީ ކޮންމެ ގޮތަކުން ވިޔަސް މިހުނާއާ ބައްދަލުކުރާށެވެ. އޮތީ އެންމެ ގޮތެކެވެ. އެގޭ ދޮށަށް ދިޔުމެވެ. އެކަމަކު އެގެއަށް ވަންނާކަށް އޭނާއަކަށް ނުކެރޭނެއެވެ. މިހުނާ ނިކުންނާނެ އިރެއްގެ އިންތިޒާރުގައި އެގޭ ދޮށުގައި ހުރުން ނޫން ގޮތެއް ނެތެވެ.

ޖިހާދު ހުރީ މިހުނާމެންގޭ ކައިރީގައެވެ. އޭނާގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމެވެ. ހިތްދަތިކަމެވެ. އިންތިޒާރު ގުޅިފައިވަނީ މިހުނާއާއެވެ. އޭނާ ނިކުންނާނޭ އިރަކަށެވެ. ޖިހާދު އެ ތަނުގައި ހުންނަތާ ބައިގަޑިއެއްހައި އިރު ވެދާނެއެވެ. އިންތިޒާރަށް ނިމުން އަތުވެއްޖެއެވެ. މިހުނާ ނިކުމެއްޖެއެވެ.

މިހުނާއަށް ވަނީ މިވީ ސައުވީސްގަޑިއެއް ހާއިރުގެ ތެރޭގައި ވެސް ބޮޑު ބަދަލެއް އައިސްފައެވެ. ހީވަނީ ބަލި މީހެއް ހެންނެވެ. އޭނާގެ ދެ ލޯ ބުނެދެނީ އެތައް އިރަކު ރޮއިފައި ވާކަމެވެ. ދެ ލޯ ހުރީ ރަތްވެފައެވެ. ދުޅަ ވެސް ވެފައެވެ. މޫނުމަތީން ފެންދަމާލައި ތާޒާކަން ކެނޑިފައެވެ.

މިހުނާ ފެނުމާ އެކު ޖިހާދަށް ވީ ގޮތްވެސް ނޭނގުނެވެ. ދިގު އިންތިޒާރެއްގެ ނިމުން ފޮނިކޮށް ފެނުމުން ދެން ވާނެ ހުރިހައި ގޮތެއް އޭނާއަށް ވެއްޖެއެވެ. މިހުނާ ދޮރާށި ހުޅުވާލާފައި ނިކުމެގެން ހިންގައިގަތީ މަގު ހުރި ގޮތަށް އަނެއް ކޮޅަށް ކަމަށްވާތީ، އޭނާއަކަށް ޖިހާދެއް ނުފެނެއެވެ.

ޖިހާދު ވަގުތުން ހިނގައިގެންފިއެވެ. މިހުނާގެ ފަހަތުންނެވެ. އެ ދިޔަ ގޮތަށް ގޮސް މިހުނާއާ އަރައި ހަމަކޮށްފިއެވެ.

"މިހޫ..."

މިހުނާ ބަލައިލިއެވެ. އެ ވަގުތު އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ވަގުތުން ފިޔަވަޅަށް ހުއްޓުން އަރައިފިއެވެ. ބަލަހައްޓައިގެން ހުރެވުނީ ޖިހާދުގެ މޫނަށެވެ. ގިނައިރެއް ނުވެ އެ ދެލޮލުން ކަރުނަ އޮހިގެންފިއެވެ. އޭނާއަކަށް ކެތެއް ނުވިއެވެ. ރޮވިއްޖެއެވެ. އެއާ އެކު އޭނާ ދެ ލޯ ފޮހެލަމުން ބާރު ބާރަށް ހިނގައިގެންފިއެވެ.

"މިހޫ! މަޑުކޮށްބަލަ!" ޖިހާދު ވެސް ހިނގައިގެންފިއެވެ. މިހުނާގެ ފަހަތުންނެވެ. "މިހޫ! ޕްލީޒް! އަހަރެން ބޭނުން ވަރަށް ގިނަ ވާހަކަ ދައްކަން. މިހޫ! މަޑުކޮށްބަލަ!"

މިހުނާގެ ފިޔަވަޅަކަށް ހުއްޓުމެއް ނާރައެވެ.

"މިހޫ! މަޑުކޮށްބަލަ!" ޖިހާދު ގޮސް މިހުނާގެ އަތުގައި ހިފެހެއްޓިއެވެ. "ކޮންތާކަށް ތި ދަނީ؟"

"އަހަރެން ދާ ތަނެއް ކީއްކުރަން ބަލަނީ؟" މިހުނާގެ އަޑު ތުރުތުރު އަޅައިގަތެވެ. "ދޫކޮށްލާ މަގޭއަތުން!" އެ އަޑަކު ހަރުކަށި ކަމެއް ނެތެވެ. ރުޅިވެރިކަމެއް ވެސް ނެތެވެ.

"މިހޫ! ޕްލީޒް! އެންމެ ފަހަރަކު ނަމަވެސް އަހަރެން މި ބުނަން އުޅޭ އެއްޗެއް އަޑުއަހާބަލަ!" ޖިހާދު އަދިވެސް ހުރީ މިހުނާގެ އަތުގައި ހިފަހައްޓައިގެންނެވެ. "މިހޫ! އެއީ އަހަރެން ފޮނުވި މެސެޖެއް ނޫނޭ!"

"ދެން...؟"

"ބައްޕަ!"

"ބައްޕައޭ؟"

"އާނ! ބައްޕަ ލިޔުނު މެސެޖެއް." ޖިހާދުގެ އަޑު ތުރުތުރު އަޅަން ފެށިއެވެ. ދެ ލޯ ފެންކަޅިވެއްޖެއެވެ. "މިހޫއަށް އެނގެއެއްނު ބައްޕަމެން އަހަންނަށް ހަދާގޮތް."

"ދެން.... ކީއްވެ އަހަރެން އެވަރަށް ގުޅިއިރު ފޯނު ނުނެގީ؟ ފަހުން ނުގުޅުނީ؟" ޖިހާދުގެ ފެންކަޅިވެފައިވާ ދެ ލޮލަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރެފައި މިހުނާ އެހިއެވެ.

"ފޯނު ވެސް ބައްޕަ އަތުލީ." ޖިހާދު ދެ ލޯ ފޮހެލިއެވެ. "މިހޫ! ޕްލީޒް! ގަބޫލުކުރޭ! މިހޫއާ ދިމާނުވެގެން އަހަރެން މިހިރީ ކިރިޔާ މޮޔަނުވެ. މިހޫއަށް އަހަރެންގެ ހިތް އެދޭ މިންވަރު މިހާރު އަހަންނަށް އިހުސާސްކުރެވިއްޖެ!"

"އެ މެސެޖް ކިޔައިލީމަ ހިޔެއްނުވޭ ބައްޕަ ލިޔެފަ އޮތް މެސެޖެއް ހެނެއް." މިހުނާއަށް އެވާހަކަ ގަބޫލު ނުކުރެވިގެން އުޅޭކަހަލައެވެ.

"މިހޫ އަހަންނަށް އިތުބާރު ކުރަމެއްނު؟"

"ވަރަށް ބޮޑަށް އިތުބާރުކުރިން. ވަރަށް ވަރަށް ލޯބި ވެސް ވޭ! އެކަމަކު މިހާރު......."

"މިހާރު ކިހިނެއްވީ؟" ޖިހާދުގެ ހިތް ތެޅިގަތެވެ.

އަހަރެން މިހާރު ބޭނުމެއް ނޫން ޖިހާއާ ރައްޓެހިވެގެން އުޅޭކަން."

"މިހޫ! ތި ކަހަލަ ސަމާސާ ނުކޮށްފާނަންތަ؟"

"މީ ސަމާސާއެއް ނޫން! ޖިހާ އެ ރޭ އެ މީހާއާ އެކު ގޮސް މަސްތުވާތަކެތި..." މިހުނާގެ ލޮލުން އަނެއްކާވެސް ކަރުނަ އޮހިގަތެވެ.

"އެ ރެއަކު އަހަރެން ބޭނުމެއް ނުކުރަމޭ! މިހޫ މާ އަވަހަށް ރުޅި އައީނު."

"ނުކުރަމޭ؟"

"އާނ! ނުކުރަން."

"ހަމަ ޔަގީންތަ؟ ނުކުރަންތަ ބޭނުމެއް؟" މިހުނާގެ ހިތަށް ހަމަޖެހުމުގެ ފިނިކަމެއް ލިބޭންފެށިއެވެ.

"ދުވަހަކު ވެސް އަހަރެން މިހޫއަކަށް ދޮގެއް ނުހަދަން. ނުވެސް ހަދާނަން! އެ ރެއަކު އަހަރެން ބޭނުމެއް ނުކުރަން. އެކަމަކު.... ރޭ... އެކަން ކުރެވިއްޖެ." ޖިހާދު އިސް އޮބައިލިއެވެ. ކުށްވެރިއަކު ފަދައިންނެވެ.

ނުނިމޭ