ވާހަކަ
ސިލްސިލާ ވާހަކަ
5 އޮކްޓޯބަރ 2023 | ބުރާސްފަތި 17:48
1 ވަނަ ބައި

އިރާކޮޅުގެ ވަގުތެވެ. މާލޭގެ ހަލަބޮލި މަގުތަކުގެ ތެރެއިން މަގެކެވެ. މަގުގެ އިރުން، ހުޅަނގަށް، މަގު ފުރާލައިގެން ހައެއްކަ އަށެއްކަ ސައިކަލު، އާދައިގެ ދުވެއްޔަކަށްވުރެ ހަރު ދުވެއްޔެއްގައި އަންނަ މަންޒަރު ފެނިއްޖެއެވެ. އެއިން ކޮންމެ ސައިކަލެއްގައި ދެ މީހުން ތިއްބެވެ. ބޮލުމެދަށް ހުޅިޖެހި ޒުވާނުންނެވެ. އެއިން ކޮންމެ މީހެއްގެ އަތުގައި ވަރުހުރި ލަޓިގަނޑެއް ނުވަތަ އެފަދަ ކޮންމެވެސް ހަތިޔާރެއް އޮތެވެ. އެ ބައިގަނޑު އަންނަ ގޮތުން ހީވަނީ ވަރުގަދަ ތަޅާފޮޅުމަކަށް ހަށިހަދައިގެން އަންނަ، ހަނގުރާމައިގެ ފައުޖެއް ހެންނެވެ.

"މިއޮތް އަރައިގަތީ! ސަލާމަތްވޭ!"

އެ ބައިގަނޑު ފެނުމާއެކު، އެ ސަރަހައްދުގައި މަޖާނަގަން ތިބި ޒުވާން ގުރޫޕަށް ކުއްލި ސިހުމެއް އަތުވެއްޖެއެވެ. އެބައިމީހުން ވަގުތުން ދިފާއަށް ސަމާލުވެއްޖެއެވެ. އެހެންނަމަވެސް އެ ކަމަކަށް ފުރުސަތެއް ނުލިބުނެވެ. ސައިކަލުގައި އައި ފައުޖު ހަޅޭއް ފަޅޭއް ލަވައިގެންފިއެވެ. ސައިކަލުތަކުގެ ފަހަތުގައި ތިބި ޒުވާނުން، ސައިކަލުން ފުންމާލައިފިއެވެ. ލަޓިގަނޑު މަޅައިގަންނަމުން ދުއްވައިގެންފިއެވެ. އަނެއް ގުރޫޕުގެ މީހުންނާ ދިމާއަށެވެ.

އެ ބައިގަނޑު އައިގޮތަށް އައިސް، އެ ގުރޫޕުގެ މައްޗަށް އަރައިގެންފިއެވެ. އެއެއް، މިއެއް ބެލުމެއް ނެތެވެ. ތަނެއް ދޮރެއް ނުބަލައެވެ. ތަޅައިގެންފިއެވެ. މުޅި ސަރަހައްދު އަޑު ބައްދާލައިފައި ވަނީ ތަޅާއަޑާއި ހަޅޭއްލަވާ އަޑާއި ރޯއަޑުންނެވެ. މުޅި މާހައުލަށް ނާމާންކަމާއި ބިރުވެރިކަން ވެރިވެއްޖެއެވެ.

މި ނުރައްކާތެރި އަނިޔާވެރި މަންޒަރު ފެނުމުން، އެ ހިސާބުގައި ތިބި އާންމުންގެ ގިނަ މީހުންގެ ހިތަށް ވެރިވީ ބިރުވެރިކަމެވެ. އެކަކު އަނެކަކުގެ ގައިގައި ތަޅާ މަންޒަރާއި ލިބެމުންދާ އަނިޔާ ފެނިފައި، އެއް ބަޔަކު ބިރުން ހަޅޭއްލަވަން ފެށިއެވެ. އަނެއް ބަޔަކު ރޮމުން ދުވާންފެށިއެވެ. ގޭގޭގެ ބެލްކަނިތަކަށް ނިކުމެ، ފޮޓޯނެގުމާއި ވީޑިއޯކުރުމުގައި ހަރަކާތްތެރިވާ މީހުންވެސް ފެނެއެވެ. އެހެންނަމަވެސް އެ އަނިޔާވެރި ހަމަލާތައް ހުއްޓުވާން ނިކުންނާނެ ފަހުލަވާނަކު މައްޗެއް ނުވިއެވެ. ކުޑަމިނުން ނުރުހުމުގެ ބަހެއްވެސް ބުނެލާން ކެރުނު މީހަކު ނެތެވެ.

މަގުމަތީގައި ތިބި ގްރޫޕް ތަޅައި ތިރިކޮށްލުމަށްފަހު، ސައިކަލުގައި އައި ބައިގަނޑު، ސައިކަލުތަކަށް އަރައި، އެ ސަރަހައްދު ދޫކޮށް ބަޗައިފިއެވެ. އޭރު އެތައް ބަޔަކަށް އެކި ވަރުވަރުގެ އަނިޔާ ވަނީ ލިބިފައެވެ. ތަންތަން ފެޅި، ދުޅަވެ، ރަނގަޅަށް ހިނގައި ނުގަނެވިފައި ތިބި ޒުވާނުން ވެސް ތިއްބެވެ. މަގުމައްޗަށް ދެމިފައި އޮތް އެކަކުގެ ގައިން ހޯސްލާފައި ލޭ ފައިބަމުން ދާ މަންޒަރުވެސް ފެނުނެވެ. ސަރަހައްދު އަމާންވުމުން، ފަސްޖެހިފައި ތިބި އާންމުން އެއްވީ، ޒަޚަމްވެފައި އޮތް ޒުވާނާ ހޮސްޕިޓަލަށް ގެންދިޔުމަށެވެ. އޭރު ފުލުހުން ވެސް އެ ސަރަހައްދަށް އަތުވެއްޖެއެވެ.

"މިރޭ އިރާކޮޅު އައިޖީއެމްއެޗާ ވީ ސަރަހައްދުގައި ނުރައްކާތެރި މާރާމާރީއެއް ހިންގައިފި. މި މާރާމާރީގައި ހަތް މީހަކަށް އެކި ވަރުވަރުގެ އަނިޔާވެފައިވާއިރު، އެކަކުގެ ބުރަކައްޓަށް ތޫނުއެއްޗަކުން ހަމަލާ ދީ ޒަޚަމްކޮށްލާފައިވޭ. ޚަބަރު ލިބިފައިވާ ގޮތުގައި މި މާރާމާރީއަކީ، ދެ ގޭންގެއްގެ ދެމެދުގައި ޖެހުނު މައްސަލައެއްގެ ސަބަބުން ހިންގި މާރާމާރީއެއް. މި މާރާމާރީއާ ގުޅިގެން މިހައިތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކުރިކަމެއް އެނގިފައެއް ނުވޭ!"

ރަމީޒު އިނީ ކުއްލި ޚަބަރެއް އަންނާތީ، ޓީވީ ހުޅުވައިގެން ޚަބަރު ބަލާށެވެ. އިރުކޮޅަކުން ސިޓިންރޫމަށް އައިސް ވަނީ އޭނާގެ އަންހެނުން ސައީދާއެވެ.

"މިރޭ ވެސް މާލޭގައި ވަރުގަދަ ތަޅާފޮޅުމެއް ހިނގާލައިގެން އެ ވާހަކަ އެ ގޮވަނީ." ސައީދާ އައިސް ވަނުމާއެކު، ރަމީޒު ކަންބޮޑުވެފައި އިނދެ ބުންޏެވެ.

"އަނެއްކާ؟" ސައީދާ އައިސް ރަމީޒު ގާތުގައި ސޯފާގައި ޖައްސާލިއެވެ.

"އާނ! އެކަކުގެ ހާލު ވަރަށް ސީރިޔަސް ކަމަށް ބުނެފި."

"ދެން ކީކޭ ބުނާނީ؟ މީގެ ދެ ރޭ ކުރިންވެސް މީހަކު މަރާލައިފި. މިދިޔަ ހަފުތާގަ ހިންގި މާރާމާރީއެއްގަ އަނިޔާވި ތިން މީހަކު އަދިވެސް އޮތީ އައިސީޔޫގައޭ ނޫހުގަ އޮތް. މީ މިހާރު އުޅެވޭވަރުގެ ގައުމެއް ނޫނެއްނު!"

"އާނ! ދެން ކީއްކުރާނީ؟" ރަމީޒު ޓީވީ ނިވާލާފައި ތެދުވިއެވެ. "ހިނގާ ކާންދަމާ! ވަރަށް ބަނޑުހައިވެއްޖެ!" ސައީދާގެ އަތުގައި ހިފައި ނަގަމުން، ރަމީޒު ބަނޑުގައި އަތް ޖައްސާލިއެވެ. "ކޮބާ މިހުނާ؟"

"ދެންމެ މަށާއެކު ފިހާރައަށް ގޮސްފަ އެ އައީ. މިހާރު ވެއްޖެ ކޮޓަރީގަ." ސައީދާ ތެދުވެގެން ރަމީޒާއެކު ހިނގައިގަތެވެ. ރަމީޒުގެ އަތުގައި ހިފާލައިގެންނެވެ.

"އެމަންޖެއަށް ވެސް ގޮވާ ކާން އަންނަން! އެހެންނޫނީ މިރޭ ވެސް ނުކައި ނިދާފާނެ! މިހާރަކަށް އައިސް ކެއުމާ ހާދަ ދުރުކޮށޭ އެ މަންޖެ އެ އުޅެނީ." މިހުނާ ކެއުމާ މާ ދުރުކޮށް އުޅޭތީ ރަމީޒު ކަންބޮޑުވިއެވެ.

"އެއީ މިހާރުގެ ކުދިން އުޅޭ ގޮތެއްނު! ފަލަވެދާނެތީ ނުކައި ތިބޭނީ. އެ ކަމުން ލިބޭ ގެއްލުމަކަށް ނުވިސްނާނެ!" ރަމީޒުގެ ފަހަތުން އައިސް ކާ ގެއަށް ވަންނަމުން ސައީދާ ވާހަކަ ދެއްކިއެވެ.

"ތިހެން ބުނީމަ މި ހަނދާންވީ. ކުރީ ދުވަހު އެ އުޅޭ ޒަކީވެސް ދެއްކި އޭނާގެ ދަރިފުޅުގެ ވާހަކަ. ނުކައި އެހެން އުޅެއުޅެ، އެ މަންޖެ ގޭސްވެގެން ގޮސް ވަރަށް ބޮޑުވަރުވެގެންނޯ މިހާރު އުޅެނީ. ލޭވެސް ވަރަށް މަދޭ ބުނި."

"އެހެންތަ؟ ކިހައި ދެރަ. އަންނާނަން މިހުނާ ގޮވައިގެން. އެ މަންޖެއަށް ތި ވާހަކަ ކިޔައިދޭތި!"

ހޮނިހިރު ދުވަހެއްގެ ހަވީރުގެ ވަގުތެވެ. ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންނަށް ހުކުރެއް ހޮނިހިރެއް ނޯންނާނެއެވެ. ކިޔެވުން ނެތިއްޔާ އޮންނާނީ އެހެން މަސައްކަތްތަކެވެ. ގުރޫޕް މަސައްކަތްތައް ކުރުމެވެ. އެސައިންމަންޓްތައް ނިންމުމެވެ. ޕްރެޒެންޓޭޝަންތައް ހެދުމެވެ. އެހެންކަމުން މިއަދުވެސް ޔުނިވަރސިޓީގެ ފެކަލްޓިތައް ފެންނަނީ ވަރަށް ހަލަބޮލިކޮށެވެ.

ޖިހާދު އިނީ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ކޮރިޑޯގައި ހުރި މޭޒެއްދޮށުގައެވެ. އިތުރު ތިން ކުއްޖަކުވެސް އެ މޭޒުދޮށުގައި ތިއްބެވެ. އެ ކުދިން ތިބީ ގުރޫޕު މަސައްކަތެއްގައެވެ. ކޮންމެ ކުއްޖެއްގެ އަތުގައިވެސް ގާނޫނީ ދާއިރާއާ ގުޅުންހުރި ފޮތެއް އޮތެވެ. ޖިހާދު އިނީ އެ ކުދިން ފޮތްތައް ހާވައިގެން ކިޔާ ޕޮއިންޓުތައް ނޯޓުކުރުމުގައި އަވަދިނެތިއެވެ.

"ކާކު ޕްރެޒެންޓޭޝަން ހަދާނީ؟" ރަހުމާ ބަލައިލީ ފަޒޫގެ މޫނަށެވެ.

"ތި ކަމަށް އެންމެ ކުޅަދާނަ ވާނީ ޖިހާދެއްނު!" ޖިހާދުގެ މޫނަށް ލޮލުގެ ކުޑަކޮޅުން ބަލައިލަމުން ފަޒޫ ބުނެލިއެވެ.

"ހޫނ! ބޮލުން ނައްޓާލީ ދޯ!" ފަޒޫގެ މޫނަށް ބަލައިލަމުން ޖިހާދު ސަމާސާ ގޮތަކަށް ހިނިތުންވެލިއެވެ.

"ބޮލުން ނައްޓަލީއެއް ނޫން!" ފަޒޫ ވެސް ހިނިތުންވެލިއެވެ.

"މާދަމާއަށް ނިންމަން ޖެހޭތީ މައްސަލައަކީ."

"ދެން.....؟ މިރޭ ނިންމާލެވޭނެ އެއްނު." ޖިހާދަށް ނިތް އެއްލަމުން ރަހުމާ ބުނެލިއެވެ.

"ބަލާނަން ނިންމޭތޯ. މައްސަލައަކީ ގޭގަ މަސައްކަތް ކުރަން މިހާރު އުނދަގޫކަމުން."

"ލޯޔަރުންނަށް ކޮންމެ ތަނެއްގަ ވެސް މަސައްކަތް ކުރެވެން ވާނެ. ކީކޭ މާނު!" ފަޒޫ ބަލައިލީ މާނުގެ މޫނަށެވެ.

"މަށެއް ތިކަމަކާ އެއްޗެއް ނުބުނާނަން."

ޖިހާދަށް ފޯނެއް އައީ އެ ވަގުތުއެވެ. އޭނާ ފޯނު ނަގައި ބަލައިލިއެވެ. ގުޅަނީ އޭނާގެ ލޯބިވެރިޔާ މިހުނާއެވެ. ޖިހާދު އަވަސްއަވަހަށް ފޯނު ހިފައިގެން ނިކުތީ ބޭރަށެވެ.

ކުޑަކުދިންގެ ބަގީޗާއާ ދިމާގައި، އަމީނީ މަގަށް ހުރި ދޮރޯށި ހުޅުވާލާފައި މިހުނާ ބޭރަށް ނިކުތެވެ. ނޫކުލައިގެ ޖީންސަކާއި ކަކުލާ ހަމައަށް އަންނަ ވަރުގެ ކަޅު ކުލައިގެ އަތް ދިގު ހެދުމުގައި ހުރިއިރު، އޭނާގެ ހިމަތޮޅި، ބައްޓަން ހެޔޮ ހަށިގަނޑުގެ ރީތިކަން އެތައް ގުނައަކަށް އިތުރުކޮށްދެއެވެ. ކޮނޑުގައި އަޅުވާލާފައި އޮތް އަތްދަބަސް ގުޅުވާފައިވަނީ އަޅާފައިވާ ޝޯލްއާއެވެ.

މިހުނާ ބޭރަށް ނުކުމެ ފުރަތަމަ ވެސް ބަލައިލީ، މަގުގެ ހުޅަނގު ކޮޅަށެވެ. ވަކި މީހަކު ދުށުމަށް ބަލައިލި ފަދަ ނަޒަރަކުންނެވެ. އެހެންނަމަވެސް އެ ނަޒަރު އެނބުރި އައިސް އޭނާއާ ބައްދަލުކުރީ ހުސްއަތާއެވެ. ބޭނުންވި ސޫރައެއް އޭނާއާ ހަމައަކަށް ގެނެހެއް ނުދިނެވެ. އޭގެ ބަދަލުގައި ފެނުނީ މަގު ހިނގާ މީހުންނާއި ދުއްވާތަކެތިން ތޮއްޖެހިފައި އޮތް މަގެވެ. ކުޑަކުދީންގެ ބަގީޗާ ކައިރީގައި ހަލަބޮލިކަން އަދި ވަކީންބޮޑެވެ.

މަގުގެ ދެ ކޮޅަށް ދެތިން ފަހަރަކު ބަލައިލުމަށްފަހު، ދެން މިހުނާ ބަލައިލީ، އަތުކުރީގައި އޮތް ގަޑިއަށެވެ. ފަސްގަޑި ބައިވަނީއެވެ. އަނެއްކާވެސް ބަލައިލެވުނީ މަގުގެ ހުޅަނގުކޮޅަށެވެ. އޭނާ ކެތްތެރިކަން ކުޑަވެފައި ހުރި މިންވަރު އެ ބެލުންތަކުން ދޭހަވެއެވެ. ރަތް ވިލާގެ ކުލަތަކުން ފެވެމުން ދާ އުޑުމައްޗަށް އޭނާއަށް ބަލައިލެވުނީ، އިޚުތިޔާރެއް ނެތިއެވެ. އާ ރެޔަކާ ކުރިމަތިލުމަށްޓަކައި ދުނިޔެ ތައްޔާރުވަމުން ދަނީއެވެ.

މާ ގިނައިރު ހުންނާކަށް މިހުނާއަކަށް ނުޖެހުނެވެ. އޭނާގެ ފޮނި އިންތިޒާރަށް ނިމުން ގެނެސްދިނީ ޖިހާދެވެ. މިހުނާ ފެނުމާއެކު، ޖިހާދުގެ މޫނުމަތި އަލިވެގެން ދިޔައެވެ. އުފާވެރިކަމުގެ ވިދުވަރު މޫނުމަތީގައި ކޮޅުކޮޅަށް ދުވެލިއެވެ. ރީތި ހިނިތުންވުމަކުން މިހުނާގެ މޫނުމަތީގެ ސިފަވެސް ރީތިވިއެވެ.

"ދުނިޔޭގަ އިންސާނަކަށް ޕަރީއެއް ލިބޭނަމަ، މަށަށް މިހިރީ ޕަރީއެއް ލިބިފަ. ހާދަ ރީއްޗޭ!" މިހުނާގެ މޫނަށް ޖިހާދު ބަލައިލީ އަސަރުން ފުރިގެންފައިވާ ބެލުމަކުންނެވެ.

"ހޫނ..." މިހުނާ ގަތީ ލަދެވެ. އެއީ ޖިހާދުގެ އެފަދަ ތައުރީފުގެ ބަސްތަކުން މިހުނާއަށް އަބަދުވެސް ވާގޮތެވެ. ލަދުވެތިކަމުގެ އެ ސިފަ ޖިހާދަށް ވަރަށް ކަމުދެއެވެ.