ވާހަކަ
ސިލްސިލާ ވާހަކަ
28 ސެޕްޓެންބަރ 2023 | ބުރާސްފަތި 18:42
32 ވަނަ ބައި

(ކުރީ ދުވަހުގެ ބަޔާ ގުޅޭ)

"އެއީ.... އެއީ... އިންސާނެއް ނޫން! އިންސާނެއް ނޫން!" އެންމެ ފުރަތަމަ ޖެހުނު މީހާގެ ގައިގައި ބައްދައިގެންފައި، ރިޟުވާނާ ދިމާއަށް އިނގިލި ދިއްކޮށްގެން ހުރެ، ޝަނޫރާ ބާރަށް ގޮވަމުންދިޔައެވެ.

އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ޝަނޫރާގެ ގާތަށް ދިޔައެވެ. އޭރު ރިޟުވާނު ވެސް ދިރުނބާކޮޅުގައި ހުރެފައި، ހަލުއި ފިޔަވަޅުތަކެއްގައި އެ ދިމާއަށް އާދެއެވެ. މުހައްމަދަށް ވެސް ލިބުނު ހައިރާންކަމާއި ސިހުމާއެކު ދޯނީގެ ދުވެލި މަޑުކޮށްލައި އިންޖީނުވެސް ނިވާލެވުނީއެވެ. އޭރު ދޯނި އޮތީ ކަނޑަށް ނިކުމެ ތަންކޮޅަކަށް ދުއްވިފައެވެ.

"އޭނަ އެ އަންނަނީ އަހަރެން މަރާލަން. އަހަރެން ސަލާމަތްކުރޭ!" ރިޟުވާނު އަންނަތަން ފެނުމުން ޝަނޫރާ ބިރުން ތެޅިފޮޅިގަތެވެ.

"ޝަނޫ! ހަމަޖެހިބަލަ! އެއީ ޝަނޫރާގެ ފިރިމީހާއެއްނު! ރިޟުވާނޭ އެއީ!" ސާމީގެ އަޑު ކަންފަތުގައި ޖެހުމާއެކު، ޝަނޫރާއަށް ކުއްލި ހަމަހިމޭންކަމެއް އައެވެ. އޭނާ އަވަސްއަވަހަށް، ދެ ލޯ ބޮޑުކޮށްފައި ސާމީއާ ދިމާއަށް ބަލައިލިއެވެ.

ދޯނިތެރެއަށް ވެރިވެފައިވާ މިލަ ހަނދުވަރުގެ ތެރެއިން ސާމީގެ މޫނު ފެނުމާއެކު، ޝަނޫރާ އޮޅުލައިގަނެގެން ހުރި މީހާގެ ގައިން ދޫކޮށްލާފައި، ސާމީގެ ގައިގައި ހިފައިގަތެވެ.

"ނޫން ސާމީ! އެއީ ރިޟުވާނެއް ނޫން! އޭނަ އެ އުޅެނީ ރިޟުވާނު މަރާލާފަ ރިޟުވާނަށް ވެގެން. އަހަރެން ސަލާމަތްކޮށްދީ! އޭނަ އަހަރެން މަރައިލަފާނެ!"

"ޝަނޫ! ހަމަޖެހިބަލަ! ކިހިނެއްވެގެން ތި އުޅެނީ؟ މީ ރިޟޭއޭ! މޮޔަ ނުގޮވަބަލަ!" ޝަނޫރާ އާދޭސްކޮށްކޮށް ހުއްޓައި ރިޟުވާނު އައިސް ޝަނޫރާގެ އަތުގައި ހިފެހެއްޓިއެވެ. އޭނާ އުޅުނީ ސާމީގެ އަތުގެ ތެރެއިން، ޝަރޫނާ ދަމައިގަންނާށެވެ. އެހެންނަމަވެސް ޝަނޫރާ ހުރީ އެއަށްވުރެ ބާރަށް ސާމީގެ ގައިގައި ބައްދައިގެންނެވެ.

"ތީ ރިޟުވާނެއް ނޫން! މަގޭ ގައިގަ އަތްނުލާ! އަހަރެން ކަލޭދެކެ ބިރުގަނޭ!" ޝަނޫރާ ބާރަށް ހަޅޭއްލަވަމުން ގެންދެއެވެ. "ސާމީ! ހެޔޮނުވާނެ! އޭނާގެ ކިބައިން އަހަރެން ސަލާމަތްކޮށްދީ! އޭނަ އަހަރެން މަރާލަފާނެ! އެއީ... އެއީ...." ހުއްޓުން އަރާފައި ހުރި ސާމީގެ މޫނަށް ޝަނޫރާ އާދޭހުގެ ނަޒަރަކުން ބަލައިލިއެވެ.

"ޝަނޫރާ!" ރިޟުވާނުގެ ބާރު އަޑުން ދޯނިތެރެ ގުގުމައިލިއެވެ. "ކޮން މޮޔައެއްތަ ވެގެން ތި އުޅެނީ؟ ކާކުގެ ގައިގަތަ ބައްދައިގެން ތި ހުންނަނީ؟"

ރިޟުވާނު ކުރިއަށް ޖެހިލައި، ޖެހި އެންމެ ލަތްކަކާއެކު، ސާމީގެ އަތުގެ ތެރެއިން ޝަނޫރާ ދަމައިގެންފިއެވެ. އަދި ސާމީގެ މޭގައި އަތްއަޅައި، އިދިފުށަށް ކޮށްޕާލައިފިއެވެ. ނުވިސްނައި ހުއްޓައި އައި ހަމަލާއެއްކަމުން، ސާމީއަކަށް އޭނާގެ ހަށިގަނޑު ހިފަހައްޓައެއް ނުލެވުނެވެ. އެ ދިޔަ ގޮތަށް ގޮސް ތައްޓު މައްޗަށް އިދިފުށަށް ޖެހިއްޖެއެވެ.

މި މަންޒަރު ފެނިފައި މުހައްމަދު އަވަސްއަވަހަށް ގޮސް، ވެއްޓިފައި އޮތް ސާމީ ނެގިއެވެ. އޭރު ސާމީ އުޅުނީ ވެއްޓި ޖެހުނު ގޮތުން އުނަގަނޑަށް ތަދުވެގެންނެވެ. ސާމީއަށް ހެދި ގޮތް ފެނިފައި، މުހައްމަދުގެ ލޭ ކެކިގަތެވެ. އޭނާ އިސް އުފުލައި ބަލައިލިއެވެ. އޭރު ޝަނޫރާގެ އެއް އަތުގައި ހިފައި، ދަމާކޫތާފައި ކަހަލަ ގޮތަކަށް ދޯނީގެ ދިރުނބާކޮޅަށް ގެންދެއެވެ. ޝަނޫރާ ނުދާން ގަދަހަދައެވެ. ޝަނޫރާގެ މޫނުމަތީގައި ދެ ބޮނޑިއެއް އެޅިތަން ވެސް މުހައްމަދަށް ފެނުނެވެ.

"ކަލޭމެން ތި ތިބެނީ ކީއްވެފަތަ؟ މީހެއްގެ ދަރިއެއްގައިގަ ތަޅައި މަރާތަނެއް ނުފެނޭތަ؟" މުހައްމަދު ގާތަށް އައި ރުޅީގައި، ދޯނީގައި ތިބި މީހުންނާ ދިމާއަށް ހަޅޭއްލަވައިގަތެވެ.

މުހައްމަދުގެ އަޑަށް ދޯނީގައި ތިބި މީހުންނަށް ލިބުނީ ސިހުމެކެވެ.

"ކަލޭމެންނަކަށް ނީވޭތަ އެ ކުއްޖާ އެ ކުރާ އާދޭހުގެ އަޑެއް؟ އެ ކުއްޖާއަށް އެ ކުރާ އަނިޔާއެއް ނުފެނޭތަ؟"

މުހައްމަދު ދުއްވައިގަތެވެ. ދޯނީގެ ދިރުނބާކޮޅަށެވެ. އޭނާ އެ ދިޔަ ގޮތަށް ގޮސް، ރިޟުވާނުގެ އަތުގައި ހިފެހެއްޓިއެވެ. އޭރުވެސް ރިޟުވާނު އުޅުނީ ޝަނޫރާގެ މޫނުމަތީގައި ބޮނޑިއެއް އަޅާށެވެ. މުހައްމަދު ވަރަށް ހުޝިޔާރުކަމާއެކު، ރިޟުވާނުގެ އަތުގެ ތެރެއިން ޝަނޫރާ ދަމައިގަތެވެ.

"ދެން އެންމެ ފަހަރަކު މި ކުއްޖާގެ ގައިގަ ޖެހިޔަސް، ކަލޭގެ ބޮލާއި ކަދުރާ ދެތަން ކުރާނަން!" ރުޅި އައިސްފައި ހުރިލެއް ބޮޑުކަމުން މުހައްމަދުގެ ހަށިގަނޑު ތުރުތުރުއަޅައެވެ.

"މި ދޭތެރެއަށް ވަންނަން ކަލޭ ތީ ކާކު؟ ހަމަ މިހާރު އޭނަގެ ގައިން ދޫކޮށްލާ!" ރިޟުވާނު ކުރިއަށް ޖެހިލިއެވެ. އެވަގުތު ފަހަތުގައި ހުރެފައި، ޒަކީ ދުވެފައި އައިސް ޝަނޫރާ ގެންގޮސްފިއެވެ. ރިޟުވާނު ވަގުތުން އެ ދިމާއަށް ދުއްވައިގަންނަން މަސައްކަތްކުރިއެވެ.

"ނުދެވޭނެ! މިތާ މަޑުން އިނދޭ! އެހެންނޫނީ..."

މުހައްމަދަށް ޖުމުލަ ފުރިހަމަ ކުރެވޭ ގޮތެއް ނުވިއެވެ. ރިޟުވާނުގެ އަތުގެ ހޫނު ހަމަލާއެއް މުހައްމަދުގެ މޫނުމައްޗަށް އަރައިފިއެވެ. ވަގުތުން މުހައްމަދު އަރިއަޅާލިއެވެ. އެހެންނަމަވެސް އޭނާ އެތަނަށް ނުވެއްޓި ސަލާމަތްވިއެވެ. އެވަގުތު ރިޟުވާނުގެ މޫނުމަތީގެ ސިފަ، ބިރުވެރި ސިފައަކަށް ބަދަލުވެގެން ދިޔަތަން މުހައްމަދަށް ފެނުނެވެ. އެހެންމަވެސް ހަމަ ސިކުންތެއް ދެ ސިކުންތެއްގެ ތެރޭގައި ރިޟުވާނުގެ ސިފައަށް ބަދަލުވިއެވެ. ހީވީ އޭނާގެ އަސްލު ސިފަ މުހައްމަދަށް ދައްކާލިހެންނެވެ.

މުހައްމަދުގެ މޫނުމައްޗަށް ވީ ތަދަށްވުރެ، ލިބުނު ސިހުން ބޮޑުވިއެވެ. ޝަނޫރާ ރޮއިރޮއިފައި އެ ގޮވި އެއްޗަކީ ހަގީގަތެއްކަން އޭނާއަށް ޔަގީން ކުރެވުނެވެ. އެހެންނަމަވެސް ދޯނީގައި ދެން ތިބި މީހުންގެ ތެރެއިން އެކަކަށް ވެސް މި ކަން ފާހަގަކުރެވުނުހެނެއް ހިޔެއް ނުވެއެވެ.

މުހައްމަދަށް ދިން ވަރުގަދަ ހަމަލާއަށްފަހު، އަނެއްކާވެސް ރިޟުވާނު ހިނގައިގަތީ ކޮޅުފަސްކޮޅާ ދިމާއަށެވެ. މުހައްމަދު އެ ހުރި ފިޔަވަޅުމަތީގައި ހުއްޓުން އަރާފައި ހުއްޓެވެ. ރިޟުވާނު އަންނަތަން ފެނިފައި ޝަނޫރާ އަނެއްކާވެސް ބިރުން ރޮއިގަތެވެ. ޒަކީގެ ގައިގައި ބާރަށް ބެއްދިއެވެ.

ރިޟުވާނު ކުޅަނދުރަކަށް ވެގެން އަންނަތަން ފެނުމުން، މަޅުމަތީގައި އުނަގަނޑަށް ތަދުވެފައި އިން ސާމީއަކަށް ނީނދެވުނެވެ. އޭނާ ތެދުވެ، ޝަނޫރާއާއި ރިޟުވާނާ ދެ މީހުންގެ ދެމެދަށް ވަނެވެ. އޭރު ޝަނޫރާގެ މުޅި ހަށިގަނޑު ތުރުތުރުއަޅާކަން ޒަކީއަށް އެނގެއެވެ.

"ދުރަށްދޭ!" ގަދަ އަޑުން ރިޟުވާނު އިންޒާރު ދިނެވެ.

"ކަލޭ ކީއްވެތަ ތިހައި ނުލަފާވެގެން ތި އުޅެނީ؟" ސާމީ ވަރަށް ހަރުކަށިކަމާއެކު ސުވާލު ކުރިއެވެ.

"ކަލޭމެންނަކަށް ނުޖެހޭނެ މަގޭ އަންހެނުންނާ މަށާ ދެމެދަށް ވަންނާކަށް! ހަމަ މިހާރު ދުރަށްދޭ! އެހެން ނޫނީ...."

"އެހެން ނޫނީ ކީއް ކުރެވޭނީ؟" އޭނާގެ ވާހަކަ މެދުކަނޑައިލަމުން، ސާމީވެސް ބާރަށް ސުވާލުކުރިއެވެ.

"ކީއްހޭ ކުރެވޭނީ؟"

ރިޟުވާނު ދެ ލޯ ބޮޑުކޮށްފައި ދަތްކުނޑިވިކައިގަތެވެ. ހަމަ އެ ވަގުތު ސާމީއަށް ހަމަލާ ދިނުމަށްޓަކައި އޭނާ އަތް ހޫރައިލިއެވެ. މި ފަހަރު ސާމީ ހުރީ، އެވަރު ވިސްނައިގެންނެވެ. އޭނާ ވަރަށް ހުޝިޔާރުވެ ހުރެ، އެ ހަމަލާއިން ރެކިގަތެވެ. ހަމަ އެ ވަގުތު އަނެއްކާ އަނެއް ހަމަލާ ސާމީއާ ދިމާއަށް ފޮނުވައިލިއެވެ. ފައިންނެވެ. އެ ހަމަލާވެސް ސާމީގެ ގަޔަކަށް ނޭރިއެވެ. އެހެންނަމަވެސް އެ ހަމަލާއިން ސަލާމަތްވާން އުޅުމުގެ ތެރޭގައި، ތައްޓުމައްޗަށް ސާމީ ވެއްޓިއްޖެއެވެ. ނަސީބަކުން ޖެހުނީ ތަދުވާ ގޮތަކަށް ނޫނެވެ.

ލިބުނު ފުރުސަތުގައި ރިޟުވާނު ވަގުތުން ސާމީގެ ގައިމައްޗަށް ޖެހިގަތެވެ. އޭނާ ހިފީ ސާމީގެ ކަރުގައެވެ. ސާމީ ތެޅިގަތެވެ. އެއާއެކު، ޝަނޫރާ ރޮއިގަތެވެ. ދިރުނބާކޮޅުގައި ހުއްޓުން އަރާފައި ހުރި މުހައްމަދަށް ހަމަހޭވެރިކަން އައީ އެ ވަގުތުއެވެ. ރިޟުވާނުގެ ބިރުވެރި ސޫރަ ފެނުމުން މުހައްމަދަށް އޭރު ވީ ގޮތް ފިލައި، ހަމައަކަށް އެޅި، ހަމަ ބިމަށް ފޭބުނު އިރު ކަމަކުދާކަށް ނެތެވެ. ދޯނިތެރެ މިއޮތީ ރޯވެފައެވެ. އޭނާ ވަގުތުން ދުއްވައިގަތެވެ. އޭރު ދޯނީގައި ތިބި އެހެން މީހުން ރިޟުވާނުގެ އަތްދަށުން ސާމީ ސަލާމަތް ކުރެވޭތޯ، ރިޟުވާނުގެ ދެ އަތުގައި ހިފައިގެން އުޅެއެވެ.

އެ މީހުންނާ ދިމާއަށް ދުއްވައިގަތް ވަގުތު، މުހައްމަދުގެ ލޮލުގައި އަޅައިގަތީ ދޯނީގެ އެއް ފަރާތުގައި އޮތް ދާވަންޏެވެ. އޭނާ ވަގުތުން ގުދުވެ، ދާވަނި ނަގައި އަތަށް ހެޔޮވަރުކޮށްލިއެވެ. އެވަގުތު ރިޟުވާނު ހިންދެމިލައި، އޭނާގެ ކިބައިން ސާމީ ސަލާމަތްކުރަން އުޅުނު މީހުންތައް ފޮޅުވައިލިއެވެ. އެކި މީހުން އެކި ދިމާއަށް ވިއްސައިގެން ދިޔައެވެ. ނަސީބަކުން އެއްވެސް މީހަކު ހަފޮޅުން ބޭރެއް ނުވެއެވެ. ޖެހުނު ގޮތުން ބައެއް މީހުން ތިބީ ހިރިނުލެވިފައެވެ.

ރިޟުވާނު ވަގުތުން ދުއްވައިގަތީ، ބިރުން ވިރިވިރި އިން ޝަނޫރާއާ ދިމާއަށެވެ. އޭރު ރިޟުވާނުގެ ސިފަ ވަނީ ބިރުވެރި ސިފައަކަށް ބަދަލުވެފައެވެ. ދޯނީގައި ތިބި އެންމެންނަށް ވެސް، އެ ސިފައިގައި ރިޟުވާނު ހުއްޓައި ފެނިއްޖެއެވެ. އެއާއެކު އެންމެންގެ ހިތަށްވެސް ވަނީ ވަރަށް ބޮޑު ބިރުވެރިކަމެކެވެ.

ރިޟުވާނު އެ ދިޔަ ގޮތަށް ގޮސް، ޝަނޫރާ ނަގައި އުފުލާލައިފިއެވެ. އޭނާ އުޅުނީ ޝަނޫރާ ގޮވައިގެން މޫދަށް ފުންމައިލާށެވެ. އެ މަންޒަރު ފެނިފައި މުހައްމަދަށް ހަޅޭއްލަވައިގަނެވުނެވެ. އަތުގައި އޮތް ދާވަނިން އެ ބިރުވެރި މަޚުލޫގަށް ހަމަލާދޭން އޭނާ މަސައްކަތްކުރިއެވެ. ލެވުނުހައި ބާރެއްލައިފައި ހޫރައިވެސް ލިއެވެ. އެހެންނަމަވެސް ލައްވައެއް ނުލިއެވެ. އޭތި އެ ދިޔަ ގޮތަށް ގޮސް ޝަނޫރާ ގޮވައިގެން ކަނޑަށް ފުންމާލައިފިއެވެ.

މި ހިތްދަތި މަންޒަރާއެކު އެންމެންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ހަޅޭއްލަވައިގެނެވުނެވެ. ސާމީއަށް ފުންމައިގެން ތެދުވެވުނެވެ. ރޮއިގެންފައި އޭނާއަށް ދުއްވައިގަނެވުނީ އޭތި ފުންމާލި ދިމާއަށެވެ. އަޑުގެ ކޮޅަށް ޝަނޫރާގެ ނަމުން ގޮވަމުން، އޭނާ އެ ދިޔަ ގޮތަށް ގޮސް، ދޯނީގެ މަތިކަންމަތީގައި އަތްއަޅައިފައި، ގުދުވެ ކަނޑަށް ބަލަންފެށިއެވެ. އަނދިރިކަމުން ތަނެއްދޮރެއް ނޭނގެއެވެ.

މުހައްމަދު އަވަސް އަވަހަށް ގޮސް ވަދު ފޮށީގައި ޓޯޗު ނަގައި ކަނޑަށް އަލިކުރާންފެށިއެވެ. އެކި ދިމަދިމާއަށް އަލިކުރަމުން ޝަނޫރާގެ އެއްވެސް ހިލަމެއްވޭތޯ އޭނާ ބަލަމުން ގެންދިޔައެވެ. އޭރުވެސް ސާމީ އަޑުން އަޑުނަގައި ރޮމުން ގެންދެއެވެ. އޭނާ އަދިވެސް އޮތީ ހަމަ އެ ދިމާގައި ކަނޑަށް ބަލާށެވެ.

"ސާމީ! ތިހެން ނޯވެ މި ކޮޅަށް އާދޭ!"

މުހައްމަދަށް ޖުމުލަ ފުރިހަމަކޮށްލެވުނީ ހަމަ ކިރިޔާއެވެ. ސާމީ އޮތް ދިމާ ކަނޑުތެރެއިން ކުއްލިއަކަށް ބޮޑު ބަޑިއެއް އެޅި އަޑާއެކު، އެ ދިމާއިން އެރި އަތަކުން ސާމީގެ ކަރުގައި ހިފައިފިއެވެ. ބަސްބުނާ ހިނދުން ސާމީ ކަނޑަށް ދަމައިގެންފިއެވެ.

"ސާމީ!" މުހައްމަދަށް އެ ދިމާއަށް ދުއްވައިގެނެވުނެވެ. އެހެންނަމަވެސް އޭނާގެ ފިޔަވަޅަށް ހުއްޓުން އެރީ، ކުއްލިއަކަށް ދޯނި ދެ ފަރާތަށް ހަލުވައިގަތުމުންނެވެ. ހީވީ ކުއްލިއަކަށް ކަނޑުގެ ރާޅުތައް އުފުލި ދޯންޏަށް ހަމަލާދޭންފެށިހެންނެވެ. ދޯނީގައި ތިބި އެންމެން ބިރުން ހަޅޭއްލަވައިގަތެވެ.

މި ނާޒުކު ދަނޑިވަޅުގައި މުހައްމަދަށް ގޮތް ހުސްވިއެވެ. ކަނޑުވި ދެ މީހުންގެ ޚަބަރެއް ނުބަލައި، އެ ތަނުން ދާކަށް ހިތެއް ނޭދުނެވެ. އެކަމަކު ދޯނި ހަލުވާވަރުން ހީވަނީ ދެންމެ ދެންމެ ފެތިދާނެހެންނެވެ. އިތުރު ގޮތެއް ނެތުމުން، އޭނާ އަވަސްއަވަހަށް ގޮސް އިންޖީނު އިސްޓާޓުކޮށް ދޯނި ކުރިއަށް ދުއްވާލިއެވެ. އެއާއެކު ދޯނި ހެލުވުން މަޑުވެއްޖެއެވެ.

ކަން ހިނގި ގޮތުގެ ޚަބަރު ދިނުމާއެކު، ވަގުތުން ފުލުހުންނަށް އަންގައިގެން ރަށުގެ ރައްޔިތުންނާއި ފުލުހުން، ގެއްލުނު މީހުން ހޯދަން މަސައްކަތްފަށައިފިއެވެ. އޭރު މުޅި ރަށަށް ވަނީ ހިތާމައިގެ ބޮޑު އޮއިވަރެއް ފެތުރި، ރަށު ރައްޔިތުންގެ ލޮލުން ކަރުނަ އޮހޮރުވާލައިފައެވެ. ދެ މީހަކު މަރުވެ، ތިން މީހަކު ގެއްލުމުގެ ފުން ހިތާމައެވެ.

ޖެހިގެން އައި ދުވަހުގެ ނުވައެއްޖަހާ އެހައިކަންހާއިރު، ރަށުގެ ހުޅަނގުފަރާތު ގޮނޑު ދޮށަށް ސާމީއާއި ޝަނޫރާގެ ފުރާނަ ނެތް މަސްގަނޑު ލައްގާފައި އޮއްވާ ފެނުނެވެ. ހަފުތާއެއްހައި ދުވަހު މަސައްކަތްކުރި އިރު ވެސް، ރިޟުވާނުގެ ޚަބަރެއް ނުވުމުން، އެންމެ ފަހުން އޭނާ ހޯދުން ހުއްޓާލީއެވެ. މަރުވެ ދިޔަ މީހުންގެ ހިތާމައިގައި އެ އާއިލާތައް، އެތައް ދުވަހެއް ހޭދަކުރިއެވެ.

ނިމުނީ