ދަމަކަށް އިރު އަރައިފިއެވެ. އިރުވަޔަށް އަލިކޮށްފައިވާ ސާފު ނޫ އުޑު، މިއަދު ވަނީ އިރުގެ މިލްކަކަށް ހަދާފައެވެ. އިރުގެ ދޯދިތައް ހަލުއިކަމާ އެކު މަސައްކަތްކުރަމުން ގެންދިޔައީ، އޭގެ މުށުގެ ތެރެއަށް މުޅި ދުނިޔެ ގެނެވޭތޯއެވެ.
ގުދުރަތުގެ ފުރިހަމަކަން ފެންނަ ރީތި ކުޑަކުޑަ ރަށުގެ ވަށައިގެން ފެތުރިފައިވާ ހުދުފަސްގަނޑަށާއި ފެހިކަން ގަދަ ގަސްތަކުގެ މައްޗަށް އިރުގެ ހޫނު އަތުގެ ބާރު ހިންގާން ފަށައިފިއެވެ. ގޮނޑުދޮށުގެ ހިމުން ދޮންވެލީގެ މަސަންދުގައި، މީގެ އިރުކޮޅެއް ކުރީން ލޯތްބާ އެކު ފިރުމަމުން ގެންދިޔަ ރާޅުތަކުގެ މިޒާޖު ބަދަލުވީ ހަމަ ކުއްލިއަކަށެވެ. ކުލުނާއި އޯގާވެރިކަމުގެ ފޭރާން ބާލައި އުކާލުމަށްފަހު، ރުޅިވެރިކަމާއި ރަހުމުކުޑަކަމުގެ ފޭރާމުގައި ނިކުމެ، ކުށެއް ނެތް އެ އެކަނިވެރި ގޮނޑުދޮށަށް ވަރުގަދަ ހަމަލާތަކެއް ދޭންފަށައިފިއެވެ. ކޮން ކުށެއްގެ ބަދަލު ހިފުމެއްކަމެއް ނޭނގެއެވެ.
ދުރުން މާ ދުރުން އެ ރަށާ ދިމާއަށް ދުއްވާފައި އަންނަ ގަދަ ފެހި ކުލައިގެ ކުޑަކުޑަ ޑިންގީއެއް ފެނިއްޖެއެވެ. އޭގައި އިނީ އެންމެ މީހެކެވެ. ޑިންގީ އެ އައި ގޮތަށް އައިސް، އެ ރަށުގެ ކުޑަކުޑަ ނެރުން ފަޅުތެރެއަށް ވަދެއްޖެއެވެ. މުގުރަމުން ދިޔަ ބިޔަ ރާޅުތަކުގެ ރުޅިއަށް ބެލުމެއްނެތިއެވެ. ފަޅަށް ވަންގޮތަށް ޑިންގީގެ މިސްރާބު ފަހިކުރީ ރަށުގެ ވައިދަށް ފަރާތަށެވެ. ފަރިތަކަމާ އެކު ޑިންގީ އެ ދިމާއަށް ކައިރިކޮށް، ލޮތާރިލައި، ޑިންގީ އަޅައިފިއެވެ.
އެ ޑިންގީގައި އިނީ ރިޟުވާނެވެ. އެއީ އެރަށާ މާ ދުރުނޫން ރަށެއްގައި ދިރިއުޅޭ ޒުވާނެކެވެ. އޭނާ ޑިންގީން ފުންމައިލީ، ކޯސްޓު ހުސްކުރި ކުޑަ ދަޅަކާއި އެއްޗެހިތަކެއް އަޅާފައި ހުރި ރަތް ކޮތަޅެއް ހިފައިގެންނެވެ. ކަކޫތާފެނުގައި ހިނގާލައިފައި އައިސް ރަށަށް އަރައި، ހަލުއި ފިޔަވަޅުތަކެއްގައި އެއްގަމަށް ހިނގައިގެންފިއެވެ. ގުދުރަތުގެ އަޖައިބެއް ފަދަ ހުދު ދޮންވެލިގަނޑުމަތީގައި، އޭނާގެ ފައިތިލައިގެ ނިޝާތައް ކުރަހަމުންނެވެ. ފިޔަވަޅުތައް އެތުރެމުން ދިޔައީ ރަށުގެ ހޭޅިފަށާ ދިމާއަށެވެ.
ރިޟުވާނަކީ އިސްކޮޅުން މެދުމިނުގެ، ރޫފަ ހެޔޮ ޒުވާނެކެވެ. އޭނާގެ ކަނދުރާއާ ހަމައަށް ފައިބާ، ފަން އިސްތަށިގަނޑާއި، އޮޅަލި ކުލައިގެ ވަށް މޫނު ވަނީ، އަތްވަށް އަނދާފައެވެ. ގަދަ ރަތްކުލައިގެ އަތް ކުރު ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ލައިގެން ހުރި އިރު، އަތްފައި ފެންނަނީ ވަރުގަދަކޮށެވެ.
ހޭޅިފަށުން އެއްގަމަށް އެރޭން އޮތް ހަނިހަނި މަގުން ރިޟުވާނު ކުރިއަށް ދިޔައެވެ. ތަންކޮޅަކަށް ދިޔަތަނާ މަގުގެ އެއް ފަރާތެއްގައި އޮތް ހުސް ބިމެއްގައި، ދަނޑިފަނުން ހަދާފައި ހުރި ކުޑަ ޖިފުޓިއެއް ފެނިއްޖެއެވެ. އޭނާގެ މިސްރާބު ހުރީ އެ ގެއާ ދިމާއަށެވެ.
"ޝަނޫރާ! ޝަނޫ! ލޯބީ!" އެ ގެއާ ދިހަވަރަކަށް ފޫޓަށް ކައިރިވުމާ އެކު، ރިޟުވާނު ގޮވަންފެށިއެވެ. އެ އަޑުގައި ހުރީ ލޯތްބާއި އުފާވެރިކަމެވެ. އޭނާ ގޮސް އެ ގޭގެ ދޮރުމައްޗަށް ހުއްޓުނީ ވެސް އެ ގޮތަށް ޝަނޫރާއަށް ގޮވަމުންނެވެ. އޭރު އޭނާގެ ތުންފަތްމަތީގައި ހުރީ ހިނިތުންވުމެވެ. މޫނުމަތީގައި އުފާވެރިކަމެވެ. ދުނިޔޭގެ ހުރިހައި އުފަލެއް އޭނާގެ ވަށައިގެން ތަވާފުކުރަމުންދާ ކަހަލައެވެ.
އަތުގައި ހުރި ދަޅާއި ކޮތަޅު އެއް ފަރާތެއްގައި ބަހައްޓާފައި، އެ ގޭގެ ފުޅަލިގަނޑުގައި ރިޟުވާނު ހިފައިލިއެވެ. އެއް ފަރާތްކޮށްލުމަށް ޓަކައެވެ.
"ޝަނޫ! ލޯބީ! ހިނގާ އަވަހަށް ސައިބޯ........." ރިޟުވާނު ފެށި ޖުމުލަ އޭނާގެ ކަރުތެތޭގައި ތާށިވެއްޖެއެވެ. ފުޅަލިގަނޑު އެއް ފަރާތްކޮށް، ގޭތެރެއަށް ބަލައިލުމާ އެކު ލިބުނު ކުއްލި ސިހުމެއްގެ ސަބަބުންނެވެ. އޭނާގެ ދެ ލޯ ވަގުތުން ބޮޑުވެއްޖެއެވެ. މޫނުމަތީގައި އުފުލިފައި ހުރި އުފާވެރިކަމުގެ ނިޝާންތައް، މޫނުމަތީގައި ވަޅުޖަހައިފިއެވެ. ކަންބޮޑުވުމާއި ހާސްކަން ހިލިގެންފިއެވެ.
ނޭވާ އަވަސްވެ ކުރުވެފައި ހުރެ ރިޟުވާނު ގޭތެރެއަށް ދެމިގެންފިއެވެ. ބާރަ ފޫޓު، ބާރަ ފޫޓު ހުންނަ ވަރުގެ އެ ކުޑަކުޑަ ޖިފުޓިގަނޑުގެ އެކިދިމަދިމާއަށް އޭނާ ކަޅި ހޫރާންފެށިއެވެ. ބިންމަތީގައި އަޅާފައި އޮތް ނޫ ކުލައިގެ ސަތަރިމަތީގައި ދަބަހެއް ހުއްޓެވެ. ދަބަސް ކައިރީގައި ދެ ބާލީހާއި ގުޅަވެށިފައި އޮތް ބެޑްޝީޓެއް އޮތެވެ. އެއްވެސް މީހެއްގެ ހިލަމެއް، ނިޝާނެއް ނެތެވެ.
"ޝަނޫ..... ޝަނޫ....."
ގޭތެރޭގައި ޝަނޫރާ ނެތުމުން، އަވަސް އަވަހަށް ރިޟުވާނު ބޭރަށް ނިކުމެއްޖެއެވެ. ވަށައިގެން ހެދިފައި ހުރި މަގުލާއި ކުރެއްޖާއި ބޯއްޓާއި ފުނަ ކާނި ފަދަ ގަސްތަކުން ބޯވެފައިވާ ވަލާ ދިމާއަށް ބަލަންފަށައިފިއެވެ. މޫނުމަތީން ފެނާން ހުރި ހާސްކަމާއި ކަންބޮޑުވުން، އޭނާގެ އަވަސް ހަރަކާތްތަކުން ކިތަންމެ ރީއްޗަކަށް ވެސް ސިފަވަމުންދެއެވެ.
"ޝަނޫ...." ވަކި މަންޒިލެއް ނެތި ރިޟުވާނު ކުރިއަށް ހިނގައިގެންފިއެވެ. އެކި ފަހަރު އެކި ދިމާއަށް ބަލަމުންނެވެ. "ޝަނޫ! ކޮންތާކު ތި އުޅެނީ؟ ޝަނޫ! އަޅެ އަނގައިން ބުނެބަލަ!" ރިޟުވާނުގެ އަޑު އައީ ހިނދެއް ހިނދަކަށް ބާރުވަމުން ހަލުއިވަމުންނެވެ. "ޝަނޫ! އެއްޗެކޭ ބުނެބަލަ! މީ ޝަނޫގެ ރިޟޭއޭ!" ރިޟުވާނުގެ އަޑުގައި ތުރުތުރެއް އެކުލެވޭން ފަށައިފިއެވެ. ހިތް ތެޅެމުން ދަނީ ވަރަށް ބާރަށެވެ. "ޝަނޫ! އަޅެ ކޮންތާކަށްތަ ތި ދިޔައީ؟ ލޯބި ތިހެން އުޅެންޏާ ރިޟޭ މޮޔަވެދާނެއެއްނު!"
ރިޟުވާނުގެ އަޑާ އެއްވަރަށް އޭނާގެ ހާސްކަން ވެސް އައީ އިތުރުވަމުންނެވެ. ޝަނޫރާއަށް ގޮވަމުން އެކި ދިމަދިމާއަށް އޭނާދުވަން ފެށިއެވެ. ވަލުތެރެއަށް ވަންނަމުން، ގަސްތަކުގެތެރެ ބަލަމުން، ރުއްގަހު ކުރިއަށް ނަޒަރު އުކަމުން، މޮޔައަކު ފަދައިން އޭނާ ތެޅިފޮޅެމުން ކުރިއަށް ދިޔައެވެ. ތަންތަނުގައި އަޅައިގަނެ ހަންމެށެމުން، ލޭކޮށެމުންދާކަމެއް އިހުސާސެއް ނުވެއެވެ. މި ފަދަ ހާލެއްގައި ގޮސް އަތިރިމައްޗަށް ފައިބައިފިއެވެ. އޭރު އޭނާ ހުރީ ވަރުބަލިވެ ދާހިއްލައި ފޯވެފައެވެ.
ގޮނޑުދޮށަށް ފައިބައި ހޭޅިތެރެއަށާއި މޫދަށް ބަލަމުން ރިޟުވާނު ކުރިއަށް ދިޔައެވެ. އިރުން ހުޅަނގަށެވެ. ވަކިހިސާބަކަށް ދިޔަތަނާ، އޭނާއާ ވިއްސަކަށް ފޫޓު ދުރުން، ހޭޅިތެރެއިން ގަސްބޮނޑިއެއް ހެލިލިތަން ފެނިއްޖެއެވެ. މި މަންޒަރު ފެނުމާ އެކު ރިޟުވާނުގެ ފިޔަވަޅަށް ހުއްޓުން އަރައިފިއެވެ. ކަޅިޖަހައިނުލައި އެ ދިމާއަށް ބަލަހައްޓައިގެން ހުރެއްޖެއެވެ. އޭރު އޭނާގެ ނޭވާ ވެސް ހުރީ ހިފެހެއްޓިފައެވެ. ހިތް ތެޅޭ އަޑު ކަންފަތާ ހަމައަށް ފޯރައެވެ.
އިރުކޮޅަކު އެހެން ހުރެފައި، މަޑުމަޑުން އެ ދިމާއަށް ފިޔަވަޅުއަޅާން ރިޟުވާނު ފަށައިފިއެވެ. ލުއިލުއި ފިޔަވަޅުތަކެކެވެ. އެޅުނީ ދެތިން ފިޔަވަޅެކެވެ. އެ ގަސްބޮނޑީގެ ތެރެއިން ކުއްލިއަކަށް ޒުވާން އަންހެން ކުއްޖަކު ނިކުމެ، ރޮމުން ހޭރެމުން ކަހަލަ ގޮތަކަށް ރިޟުވާނާ ދުރަށް ދުއްވައިގެންފިއެވެ. މަޑު އަޅިކުލައިގެ ބާ ޓީޝާޓްގަނޑަކާއި ކަޅު ހަރުވާޅެއް ލައިގެން ހުރި އިރު، އެ ކުއްޖާގެ ބޮލުގެ އިސްތަށިގަނޑު އޮތީ ހޭވި ތަރުތީބު ގެއްލިފައެވެ. އެ ބޮލުގައި މިއިން ދުވަހަކު ފުނާ ޖައްސާލައިފައި ހުރިހެނެއް ހީނުވެއެވެ. މޫނުމަތީން ވެސް ވަނީ ތެޔޮހިލިފައެވެ. އެހެންނަމަވެސް އެއީ ރީތި ކުއްޖެއްކަން މޫނުމަތީގެ ކިއްސަރާއި ހަށިގަނޑުގެ ބައްޓަން ބުނެދެއެވެ.
އެ ކުއްޖާ ދުއްވައިގަތްތަން ފެނުމާ އެކު، އޭނާގެ ފަހަތުން ރިޟުވާނު ވެސް ދުއްވައިގެންފިއެވެ. "ޝަނޫރާ"އޭ ކިޔައި ހަޅޭއްލަވައިގަންނަމުންނެވެ.
ބޮޑު ބިރެއް ފެނިގެން ދާ މީހެއް ފަދައިން، އިރުއިރުކޮޅާ ފަހަތަށް އެނބުރި ރިޟުވާނާ ދިމާއަށް ބަލަމުން ޝަނޫރާ ކުރިއަށް ދިޔައެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ސިހުމާއި ބިރުވެރިކަމެވެ. ނޭވާ ހުރީ ކުރުވެ އަވަސްވެފައެވެ.
ފަހަތަށް ބަލަމުން ދުވެވުނުހައި ބާރަކަށް ޝަނޫރާ ދުވަމުން ދިޔައެވެ. ވަކި ހިސާބަކަށް ދިޔަތަނާ، އޭނާގެ އެއް ފައި ގަނބައިގެންފިއެވެ. ކަކުނިހަރެއް މަތީގައި ފައި އެޅުނީ ކަންނޭނގެއެވެ. އެއާ އެކު އަރިއަޅާލައިފިއެވެ. ބެލެންސް ގެއްލިއްޖެއެވެ. ހަޅޭއްލަވައިގަނެވުނެވެ. އަނގަ ވަތަށް ވެއްޓި ޖެހޭކަށް ގިނަ އިރެއް ނުނެގިއެވެ. އެހެންނަމަވެސް އޭނާ ހިތްވަރު ދުލެއް ނުކުރެއެވެ. އަވަސްއަވަހަށް ތެދުވެއްޖެއެވެ. ފަހަތަށް ބަލައިލި އިރު ރިޟުވާނު ވަރަށް ގާތަށް އަތުވެއްޖެއެވެ. ޝަނޫރާ އަނެއްކާވެސް ދުއްވައިގެންފިއެވެ. އޭރު އޭނާ މޫނުމައްޗާއި މުޅި ގައިގައި ތަތްވެފައި ވަނީ ދޮންވެއްޔެވެ.
"ޝަނޫ! މަޑުކޮށްބަލަ! ކީއްވެތަ ތި ދުވަނީ؟ ކޮންތާކަށްތަ ތި ދަނީ؟ އަހަރެން މޮޔަކުރަން ނޫޅޭ ޝަނޫ!" ޝަނޫރާގެ ފަހަތުން ދުވެފައި އައި ރިޟުވާނުގެ އަޑުގައި ހަރުކަށިކަމުގެ ރަހަ ހިފާން ފަށައިފިއެވެ. އޭނާގެ ދުވެލި ކުރިއަށްވުރެ ހަލުއި ވެސް ކޮށްލައިފިއެވެ. އިސާހިތަކު ޝަނޫރާއާ އޭނާ އަރައި ހަމަކޮށްފިއެވެ.
"ޝަނޫ! މަޑުކޮށްބަލަ!"
ޝަނޫރާއަށް ރިޟުވާނު އޭނާއާ އަރައި ހަމަކޮށްފައިވާ ތަން ފެނިފައި، ބިރުން ރޮއިގަނެވުނެވެ. އެއާ އެކު ރިޟުވާނު އެއްލި އަތުން ޝަނޫރާގެ ކޮނޑުގައި ހިފަހައްޓައިފިއެވެ. ދެން ފެނުނީ ދެ މީހުން އެކުގައި ކަހަލަ ގޮތަކަށް ދޮންވެލި ގަނޑުމައްޗަށް ވެއްޓި ޖެހުނުތަނެވެ.
ރިޟުވާނު ވަގުތުން، ވަރުބަލިވެ ނޭވާ ކުރުވެފައިވާ ޝަނޫރާގެ ގައިގައި އޮޅުލައިގެންފިއެވެ. އޭރު އެ ދެ މީހުން ތިބީ ވެއްޔާ ތަތްތެޅިފައެވެ. އެހެންނަމަވެސް އެއަކަށް ރިޟުވާނު ނުބަލައެވެ. އޭނާ ޝަނޫރާގެ މޫނުމައްޗާއި ގައިގެ އެތަން މިތަނުގައި ބޮސްދެމުން ގެންދިޔައީ އާވާރާއެއް ފަދައިންނެވެ. އޭރުވެސް ޝަނޫރާ މަސައްކަތްކުރަމުން ދިޔައީ ރިޟުވާނުގެ ކިބައިން ސަލާމަތްވެވޭތޯއެވެ.
"ޝަނޫ! އަޅެ ކިހިނެއް ތި އުޅެނީ؟ ލޯބި ނުފެނިގެން ރިޟޭ އުޅޭތާ ކިހާއިރެއް މިހާރު. ކީއްވެ ރިޟޭއަށް ފިލަން ތި މަސައްކަތްކުރަނީ؟ ރިޟޭ މިހައި ލޯބިން އުޅޭއިރު ތިހެން އުޅޭކަށް ނުވާނެއެއްނު. ހިނގާ އަވަހަށް ގެއަށް ދާން!" ރިޟުވާނު ތެދުވެ ހިންދެމިލައި، ބިންމަތީގައި އޮތް ޝަނޫރާގެ އަތުގައި ހިފިއެވެ. "އަވަހަށް ތެދުވޭ!" ޝަނޫރާގެ މޫނުމަތީގައި ތަތްވެފައި ހުރި އިސްތަށިތައް އެއްފަރާތްކޮށްލައި، މޫނުމަތީން ވެލިތައް ފޮޅައިލަމުން ރިޟުވާނު ވާހަކަ ދެއްކީ ލޯބިންނެވެ.
ނުނިމޭ