ވާހަކަ
ސިލްސިލާ ވާހަކަ
27 އޭޕްރިލް 2023 | ބުރާސްފަތި 17:23
56 ވަނަ ބައި

(ކުރީ ދުވަހުގެ ބަޔާ ގުޅޭ)

"އޭތް! އޭތް! މިހާރު ކޮން ފާޑަކަށް ތި އުޅެންފެށީ؟" މޫސަބޭ ވަގުތުން އެ ދެ މައިންގެ ދެމެދަށް ވަދެ ދުރުކުރިއެވެ. "މި ގޭތެރޭގަ ތި ފާޑަށް އުޅޭނެކަމެއް ނެތް. އަވަހަށް މި ގޭން ނުކުމޭ! ތަޅާފޮޅަން ކޮންމެވެސް އެހެން ދިމާއަކަށް ދޭ!"

"ނޫން! ނޫން! މޫސަބޭ! ހެޔޮނުވާނެ! ތިހެން ނުހަދާ! އަހަންނަށް މިކަން ކޮށްދީ!" މޫސަބޭގެ ދެ ފައިތިލަ މައްޗަށް ޖަމީލާ ތިރިވިއެވެ. "ސަލީމާ އެހެން ހެދިޔަސް، އަހަރެން އެހެނެއް ނަހަދާނަން! އަހަރެން މި ހުރީ ހިތުން ރުހުމުން މޫސަބެއާ އިންނަން ވެސް ތައްޔާރަށް! މޫސަބޭ ބުނި ކޮންމެ ގޮތެއް ހަދައިގެން އަހަރެން މޫސަބެއާއެކު އުޅެފާނަން!"  ހަމަ ރަނގަޅަށް ވެސް ޖަމީލާ މޮޔަވެއްޖެއެވެ. އޭނާއަށް އެ އުޅެވޭގޮތް މިހާރު އޭނާއަށް ވެސް އެނގޭނޭހެނެއް ހިއެއް ނުވެއެވެ.

"ޖަމީލާ!" މޫސަބޭގެ އަޑު ބާރުވިއެވެ. "ތި ކިޔޭ އެއްޗެއް އެބަ އެނގޭތަ؟ ބަލަ މަ މިއުޅެނީ މޮޔަވެގެނެއް ނޫނޭ! ބޭކާރު އަނގަ ނުތަޅާ ހަމަ މިހާރު މި ގޭން ނިކުމޭ! މަގޭ ފަރާތުން ދެން ކަލެއަށް ކޮށްދޭނެ އެއް ކަމެއްވެސް ނޯންނާނެ!"

ޖަމީލާ ރޮއިރޮއިފައި މޫސަބޭގެ ގާތުގައި އާދޭސްކުރަމުން ގެންދިޔައެވެ. އެއިން އެއްވެސް ވާހަކައެއް އަޑުއަހާކަށް މޫސަބޭ ބޭނުމެއް ނުވިއެވެ. މޫސަބޭގެ އިންޒާރަކަށްވީ ހަމަ މިހާރު މި ވަގުތު އެ ގެއިން ނިކުތުމެވެ. އެހެންނަމަވެސް އެ އަޑު ޖަމީލާއަށް އިވޭހެނެއް ހިޔެއް ނުވެއެވެ. ނުކުންނާކަށް ނޫޅެއެވެ.

"ޖަމީލާ މިގެއިން ނުކުންނާނީތަ؟ ނޫނީ ފުލުހުންނަށް ގުޅައިގެން ގަދަކަމުން ނެރެންވީތަ؟ މޫސަބޭ ފޯނު ނެގިއެވެ. "އޭރުން މާ ރީއްޗެއް ނުވާނެ! މަންޒަރު ހުތުރު ނުކޮށް އަވަހަށް ނުކުމެގެން ދާންއުޅޭ!"

ޖަމީލާއަށް ގޮތް ހުސްވިއެވެ. އެ ގެއިން ނުކުތުން ނޫން ގޮތެއް ދެނެއް ނެތެވެ. ދެ ލޮލުން ކަރުނަ ފޮހެމުން އޭނާ ތެދުވިއެވެ. ކުރިއަށް އެޅި ފިޔަވަޅާއެކު މޫސަބޭ ވެސް އެ ތަނުން ހިނގައްޖެއެވެ. އަމިއްލަ އެދުމުން ފޯވެފައި ހުރި މީހެއްގެ ރުއިމާއި ގިސްލުމުގެ އަޑު އަހާން ބޭނުން ނުވީ ކަންނޭނގެއެވެ.  

ޖަމީލާ މަޑު ފިޔަވަޅުތަކެއްގައި ކުރިއަށް ހިނގައިގެންފިއެވެ. ޗާބީ ދީފައި ހުރި ބުދެއް ފަދައިންނެވެ. އޭނާގެ ފަހަތުން ސަލީމާ ވެސް ތެދުވެގެން ހިނގައިގެންފިއެވެ. އެ ކޮޓަރިން ނުކުތްގޮތަށް އޭނާ ހިނގައިގަތީ ދޮރޯއްޓާ ދިމާއަށެވެ. މިހައި ދުވަހު ދެކެމުން އައި ފޮނި ހުވަފެންތައް ބިލާހަކަށްވެ، ރޭވި ހުރިހައި ރޭވުމެއް ފަނުފުލުން ދިޔުމުން، ކުރެވެމުން ދިޔަ ހިތްދަތި އިހުސާސްތަކާ އެކުގައެވެ.

މި ހުރިހައި ކަމެއްގެ ނުބަޔަކީ ވެސް ސަލީމާއެވެ. އޭނާގެ ނުލަފާކަމެވެ. ގޮތްދޫނުކުރުމެވެ. އެ ހުރިހައި ވާހަކަ ދެއްކީމާ ވެސް ޖެއްސުންކުރީއެވެ. ނުލަފާ އަންހެނެކެވެ. މަރައި ވަޅުލިޔަސް ފާފައެއް ނުވާނެއެވެ. ޖަމީލާގެ ސިކުނޑީގައި އެނބުރެމުން ދަޔައީ ރުޅިވެރި އިހުސާސްތަކެކެވެ. ސަލީމާ ދެކެ އައި ރުޅިއެވެ.

ރުޅިއާއި ނަފުރަތުން ފުރިފައި ހުރެ، ދެ ލޯ ފުހެމުން ޖަމީލާ ބޭރަށް ނުކުތެވެ. އޭނާގެ ފަހަތުން ސަލީމާ ވެސް ނުކުތެވެ. ސަލީމާގެ މޫނަށް ޖަމީލާ ބަލައިލިއެވެ. އޭރު އެ ދެ ލޮލުގައި އަލިފާން ހިފާފައި ހުރި ކަހަލައެވެ. ސަލީމާގެ އެ މޫނު ފެނުމާއެކު، މިއަދު ސަލީމާ ކަންތައްކުރި އިހާނެތި ގޮތްތައް، ތޫނު ކަށިތަކެއް ފަދައިން އައިސް، އޭނާގެ ސިކުނޑިއަށް ހަމަލާދޭން ފަށައިފިއެވެ. އެއާއެކު އޭނާގެ ރުޅި ހައްދުން ނައްޓައިފިއެވެ. މީހާ ހޭބުއްދި ފިލައިފިއެވެ.

"ނުބައި ނުލަފާ އަންހެނާ! ހުރި ވައްތަރު ދެކިބަލަ!" ޖަމީލާ ދަތްކުނޑިވިކައިގަތެވެ. މަގުމަތީގައި ކޮޅުކޮޅަށް ހިނގާބިނގާވާ މީހުންނަށް ބެލުމެއްނެތެވެ. ދުއްވާ އެއްޗަކަށް ސަމާލުކަމެއް ނެތެވެ. "މަގޭ އަތުން މަރުވާނެ އެއްޗެއް މީ...." ޖަމީލާ ކުރިއަށް އެޅި ދެތިން ފިޔަވަޅަކާއެކު، ސަލީމާގެ ކަންކަށިމަތީގައި ހޫނު އެތިފަހަރެއް އަޅައިފިއެވެ. ވީ ތަދާއެކު ސަލީމާއަށް ހަޅޭއްލަވައިގަނެވުނެވެ. މޫނުމައްޗަށް އަނދިރިވިއެވެ.

ވީ ތަދެއްގެ ބޮޑުކަމުން ކަންނޭނގެއެވެ. ސަލީމާ ގާތަށް ވެސް އައީ އަމަށަކު ރުޅިއެއް ނޫނެވެ. މަންމައެއް ކަމަކު ކެތް ކުރެވޭނީ ވަކި ވަރަކަށެވެ. އޭނާއަށް ލިބިފައިވަނީ މަންމަދެކެ ލޯބިވާ ކަހަލަ ތަރުބިއްޔަތެއް ނޫނެވެ. ނަތީޖާއަކަށްވީ، ސަލީމާގެ އަތުގެ ހޫނު ހަމަލާއެއް ޖަމީލާގެ މޫނުމައްޗަށް ވެސް އެރުމެވެ. އިސާހިތަކު ދެ މައިން ކޯޅިގެންފިއެވެ. އަޑުފަށްގަނޑު ގަދަވެ، މީހުންތައް އެ ސަރަހައްދަށް ޖަމާވެއްޖެއެވެ. ދެ މީހަކު ކުރިއަށް ޖެހިލައި ދެ މައިން ދުރުކުރެވޭތޯ މަސައްކަތް ފެށިއެވެ. އެހެންނަމަވެސް އެއަށްވުރެ އެ ދެ މީހުންގެ ކުޅަނދުރުކަން ބޮޑެވެ.

"ފުލުހުންނަށް ގުޅާ!" މީހަކު ގޮވައިލި އަޑު އިވުނެވެ.

ބަޔަކު މީހުން ނުކުމެ އެ ދެ މީހުން މައިތިރިކޮށްފިއެވެ. އޭރު އެ ދެ މީހުން ވެސް ތިބީ ދާހިއްލައި ފޯވެ ގުނބުހިލިފައެވެ. އިރުކޮޅަކުން ފުލުހުން ވެސް އެ ތަނަށް އަތުވެއްޖެއެވެ. މާ ގިނަ ސުވާލެއް ކުރުމެއްނެތި، ފުލުހުންގެ ކާރަށް އެ ދެ މައިން އަރުވައިގެން ނައްޓާލައިފިއެވެ.

ފުލުހަށް ގެންދިޔުމުން އެ ދެ މީހުން ވެސް ތިބީ ފިނިވެފައެވެ. ބިރުގެންފައެވެ. ޣަފޫރަށް ގުޅާން އުޅެފައިވެސް ގުޅާކަށް ނުކެރުނެވެ. މަގުމަތީގައި، އެތައް ބަޔެއްގެ ތެރޭގައި އުޅެވުނު ގޮތާމެދު ކަންބޮޑުވެ ދެރަވެފައި ތިބިހެން ވެސް ހީވެއެވެ.

ފުލުހުން ޖަމީލާއާ ސުވާލުކުރުމުން، ސަލީމާ ބަސް ނާހައި އުޅޭތީ އަތް އިސްކުރެވުނީއޭ ބުނެ ބަހަނާ ދެއްކިއެވެ. ފުލުސް އޮފީހުން ދެ މައިންނަށް ނަސޭހަތް ދީފައި ފޮނުވައިލީ، އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް ބުނެފައެވެ. އެކުވެރިކަމާއެކު އުޅުމަށް ހަނދާންކޮށްދީ، ނަސޭހަތްދީފައެވެ.

ޖަމީލާމެންނަށް ގެއަށް އާދެވުނުއިރު، އެ ރޭގެ ނުވައެއް ޖަހައި ބޮޑުވެއްޖެއެވެ. ގެއަށް އައިއިރުވެސް އެ ދެ މީހުން އެކަކު އަނެކަކާ ވާހަކައެއް ނުދައްކައެވެ. ޖަމީލާގެ ހިތް އޮތީ މާޔޫސްކަމުގެ ފުން ކަނޑެއްގެ ތެރޭގައެވެ. އޭނާގެ ހިތް ބުނަމުން ދަނީ މި ރެއަކީ އޭނާގެ ހަޔާތުގެ ފަހު ރޭ ކަމުގައެވެ. ހިތް ތެޅެނީ މާ ބާރަކަށެވެ.

ޖަމީލާ އައިސް ދޮރާށީގެ ތަޅުގައި ހިފައިލިއެވެ. ތުރުތުރުއަޅާ އަތަކުން އޭނާ ބެލް ޖަހައިލިއެވެ. އިރުކޮޅަކުން ދޮރޯށި ހުޅުވިއްޖެއެވެ. ކުރިމަތީގައި ހުރީ ޣަފޫރެވެ. ޣަފޫރުގެ މޫނުމަތީން ފެންނާން ހުރީ ބުނެދޭން ނޭނގޭ ކަހަލަ ކުލަވަރެކެވެ. ހަމަ ގައިމުވެސް އެ މޫނުމަތީން ގާތްކަމެއް ނުފެނެއެވެ. ރުޅިވެރިކަމެއް ވެސް ފެންނަހެނެއް ހިޔެއް ނުވެއެވެ. އޭނާ އަވަސް އަވަހަށް އެތެރެއަށް ވަނެވެ. ފަހަތުން ސަލީމާ ވެސް ވަނެވެ. ދޮރާށި ލައްޕާފައި އެ ދެމައިންގެ ކުރިމައްޗަށް ޣަފޫރު އެރިއެވެ. އޭރު އަދި އެ މީހުންނަށް ގޭތެރެއަކަށް ނުވަދެވެއެވެ.

"ކޮން ތާކުން ޖަމީލާ ތި އައީ؟" ޣަފޫރު ސުވާލުކުރީ ހަމަ އާދައިގެ ގޮތަކަށެވެ. އޭނާއަށް ކަނޑެއް ފަޅެއް ނޭނގޭކަން ޖަމީލާއަށް ޔަގީންވިއެވެ.

"ފިހާރަތަކަށް ވަދެލަން ދިޔައީ." ޖަމީލާގެ ހިތަށް ހަމަޖެހުން ލިބުނެވެ.

"ކިތައް ފިހާރައަށް ވަނިން؟" ޣަފޫރު އެ ކުރީ ސަމާސާއެކޭ ޖަމީލާއަށް ހީވިއެވެ.

"އެހެން ނުއެއް ގުނާނެއެއްނު!" ހިނިއައިސްފައި ހުރެ ގެއަށް ވަންނަން ޖަމީލާ ފިޔަވަޅު އެޅިއެވެ.

"މަޑުކޮށްބަލަ!" ޖަމީލާއަށް ހުރަސްއަޅައި އޭނާ އެތެރެއަށް ވަނުން ޣަފޫރު މަނާކުރިއެވެ. "ތެދަށް ބުނެބަލަ! ކޮންތާކުން ތި އައީ؟"

"އަޅެ މި ބުނީނު!"

"ދޮގުހަދަން ތި ވަރުގެ އަންހެނަކު މަ ނުދެކެން."

"ދޮގެއް ނުހަދަމޭ!" ޖަމީލާގެ މޭ ތެޅެންފެށިއެވެ.

"މަށަށް އެނގޭ ޖަމީލާ ތި އައީ ފިހާރަތަކަށް ހިނގާފައި ނޫންކަން. ދެމައިން ކޮންމެވެސް ގަނޑެއްގަނެފަ ތި އައީ. އެހެންނޫންނަމަ މިހައި ލަސްވާންދެން ބޭރަކު ނޫޅޭނެ!"

"ސުބުހާނަﷲ! ހެޔޮނުވާނެ ތިހެން ބުނާކަށް!" ޖަމީލާ އަވަސް އަވަހަށް ދިފާއުގައި ވާހަކަ ފެށިއެވެ. "އަހަރެން ނުކުރަން އެއް ކަމެއް ވެސް. އެހެންނޫނަސް އަހަރެން ޣަފޫރުދެކެ ވަރަށް ލޯބިވޭ! އަހަރެންގެ ބޮލުގަ ދޮގު އިލްޒާމު ނާޅުވާ!"

"އެހެންވިއްޔާ އަހަރެން މި ކުރާ ސުވާލަށް ޖަވާބުދީ!" ޖަމީލާއާ ހަތަރު ކަޅި ހަމަކޮށްލަމުން ޣަފޫރު ބުންޏެވެ. "މޫސަބޭ ކިޔާ މީހަކު ދަންނަންތަ؟"

ޣަފޫރުގެ ސުވާލާއެކު ޖަމީލާ ސިހުނެވެ. ދެ ލޯ ބޮޑުވިއެވެ. ކުއްލިއަކަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. އެހެންނަމަވެސް ދޮގުހަދަން އާދަވެފައިވާ އޭނާގެ ސިކުނޑި، އޭނާއަށް ދޮގުހަދަން ފުރުސަތު ފަހިކޮށްދިނީ ނުހަނު ފަސޭހައިންނެވެ.

"ނުދަންނަން!" ޖަމީލާ ބޯ ހަލުވައިލިއެވެ. ހުވަފެނުން އެއް ރެއަކު މޫސަބެއަށް ގޮވުނުކަމާއި ސަލީމާ ކުރީ ދުވަހު ރޮއިރޮއިފައި މޫސަބެއާ އިންނާނަމޭ ކީ ހަނދާނެއް އޭނާއެއް ނެތެވެ. އެ ހުރިހައި ކަމެއް ޣަފޫރު ހަނދާން ހުއްޓެވެ.

"އެހެންތަ؟" ޣަފޫރު ގާތަށް ހިނިއައެވެ.

"އެއްކަލަ ރޭ ހުވަފެނުން ގޮވައި އާދޭސްކުރީ ކޮން މޫސަބެއަކަށް؟"

"އެއީ... އެއީ...."

"ދެން ހަމަ ނުދަންނަންތަ؟"

"އާނ!" ޖަމީލާ ހާސްވިލެއް ބޮޑުކަމުން ދާހިއްލައި ފޯވަމުން ދިޔައެވެ.

އިރުކޮޅަކުން ގޭތެރެއިން މީހަކަށް ޣަފޫރު އިޝާރާތް ކޮށްލިތަން ފެނުނެވެ. "އެހެންވިއްޔާ މީ ދަންނަ މީހެއްތަ؟"

ޣަފޫރު އިޝާރާތްކުރި މީހާއާ ދިމާއަށް ޖަމީލާއާއި ސަލީމާއަށް އެއްފަހަރާ ކަހަލަ ގޮތަކަށް ބަލައިލެވުނެވެ. އެ ވަގުތު ޖަމީލާއަށް ހީވީ އޭނާގެ ފުރާނަ ހަށިގަނޑުގެ ތެރެއިން ދެމިގަތް ހެންނެވެ. ބޮލަށް އެނބުރުން އަރައިގެންފައި ނުވެއްޓުނީވެސް ކިރިޔާއެވެ. ސަލީމާއަށް ވެސް ހުރެވުނީ، ދެ ލޯ ބޮޑުކޮށްގެން ބަލާށެވެ. ޣަފޫރު ގާތުގައި ހިނިއައިސްފައި އެ ހުރީ މޫސަބެއެވެ. އަނެއްކާ މީ ފެންނަނީ ހުވަފެނެއް ބާވައެވެ؟ ޖަމީލާގެ ބަސް ހުއްޓުނެވެ. ބުނާނޭ ހަމަ އެކައްޗެއް ވެސް ނޭނގުނެވެ. އިސްދަށަށް ޖަހައިލެވުނީ ގޮތް ހުސްވެގެންނެވެ.

"ޖަމީލާއަށް ހީވަނީތަ އަހަންނަށް ހަމަ އެއް ކަމެއް ވެސް ނޭނގޭނެއޭ. ޖަމީލާ ހިތުން ޖަމީލާއަކީ ވަރަށް ބޯ ބޮޑު، ސިކުނޑި ތަނަވަސް މީހެއް! ޖަމީލާ ތި ގަންނަ ހުރިހައި ގަނޑެއް، ދުވަހުން ދުވަހަށް މަށަށް އެނގެމުން އައީ. ބުނަންތަ ޖަމީލާ! މަކަރާ ހީލަތުން އެއްވެސް މީހަކަށް މޮޅެއް ނުލިބޭނެ! ތީ ކިހައި ރީތިކޮށް، ކިހައި އަރާމެއްގައި މި ގޭގައި އުޅެވެން އޮތް މީހެއް. ބޮޑު ގެއެއްގެ ވެރިކަން ދިނީމަ އުޅޭން ނޭނގުނު ތާނގައި، ޖަމީލާގެ ލަގޮނޑީގަ ލީ ނާށި. މަށާ މަގޭ ދަރިފުޅާ ޖައްސަން މަސައްކަތްކޮށް، އެވަރުން ނުފުދިގެން މަގޭ ދުވަސް ދުއްވާލާފަ، އުމުރު ދުވަހު އަހަރެން ކުރި ބުރަ  މަސައްކަތުން ހޯދި މުދާކޮޅާ މި ގެވެސް އަމިއްލަކޮށްލަން މަސައްކަތް ތިޔަކުރީ. އެހެންވީމަ ޖަމީލާއަކީ މަށަށް ހުރި ކިހައި ބޮޑު ބިރެއް!"

"ނޫން! ނޫން! ޣަފޫރު! އަހަރެން ދެން އެހެނެއް ނޫޅޭނަން! އަހަންނަށް މާފުކުރޭ ޣަފޫރު!" ޖަމީލާ ރޮއިގަތެވެ.

"ޖަމީލާ ކުރި ހުރިހައި ކުށަކަށް އަހަރެން މާފުކޮށްފިން!" ޣަފޫރުގެ މި ޖުމުލައާއެކު ޖަމީލާގެ ހިތަށް ފިނިކަން ލިބުނެވެ. "އެކަމަކު ދެވަނަ ފަހަރު ކަށިޖަހާކަށް ފުރުސަތެއް ނުދެވޭނެ! މިހާރުން ފެށިގެން ތީ މަގޭ އަނތްބެއް ނޫން!"

ޖަމީލާ ރޮއިގަތެވެ. އެ އަޑެއް ޣަފޫރު ނޭހިއެވެ. އަހާކަށް ބޭނުމެއް ވެސް ނުވިއެވެ. އޭނާ ޖަމީލާއަށް އެންގީ، އެ ދެމައިންގެ އެއްޗެއް ހުރިއްޔާ ހިފައިގެން އެ ރޭ އެ ގެއިން ނުކުތުމަށެވެ. ތިން މަސް ދުވަހު ޖަމީލާ އިންނާނެ ތަނެއް އޭނާ ހަމަޖައްސައިދިނެވެ. އަދި ތިން މަސްދުވަހުގެ ޚަރަދު ވެސް ދިނެވެ. ދެ ލޮލުން ކަރުނަ އޮހޮރަމުން ޖަމީލާއަށް މަޖުބޫރުވީ އެ ގެއިން ނުކުންނާށެވެ. ޣަފޫރުގެ ފިހާރާގައި އުޅޭ މުހައްމަދާއެކު، ތިން މަސްދުވަހަށް ޣަފޫރު ހިފި ކުލީ ކޮޓަރިއަށް ޖަމީލާގެ ދެ މައިން ވަންއިރު، އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! ލިބުނު ނިއުމަތަށް ޝުކުރުވެރި ވެވުނު ނަމައެވެ. ހާލުގައި ޖެހުނު ދުވަހު ހަމްދަރުދީގެ ލޮލަކުން ބަލައިލާނެ އެކަކު ވެސް ނެތެވެ.

ނިމުނީ