ވާހަކަ
ސިލްސިލާ ވާހަކަ
12 ސެޕްޓެންބަރ 2022 | ހޯމަ 17:42
1 ވަނަ ބައި

ރަސްފަންނުގައި ގައި ހުރި ޖޯލިފަތިތަކުން ޖޯއްޔެއްގައި އިށީނދެލައިގެން އިން ޒުވާން އަންހެންކުއްޖާގެ މޫނަށް ސަމާލުކަމުގެ ނަޒަރެއް ދެވުނީ އެއްވެސް އިޚުތިޔާރެއްނެތިއެވެ. ވަރަށް ކުއްލި ގޮތަކަށެވެ. އެއީ ރީތިމޫނެކެވެ. ބަލާފޫހިނުވާ ކަހަލަ ގޮތެއް އެބަހުއްޓެވެ. އެހެންނަމަވެސް މި އުޅެނީ އެ މޫނުގެ ޖާދޫގައި ޖެހިގެނެއްނޫނެވެ. އެ މޫނުމަތިން ފެންނާން ހުރި ހިތާމައިގެ ބަނަކަން ފެނިގެންނެވެ. ދިގު އެސްފިޔަތަކަކާ އެކު ހުޅުވިފައިވާ އެ ބޮޑު ދެ ލޮލުގައި ހުރި ރަތްކަމާއި ވީރާނާކަން ފެނިގެންނެވެ. ކަޅިޖަހާނުލައި އެ ނާޒުކުމޫނަށް ބަލާން ހުރެވުނީ އެހެންވެއެވެ. ތަފާތު ކުލަތައް އެ މޫނަށް އަރައި ފައިބަމުންދެއެވެ. ހިތުގައި ކެކި އަރަމުން ދަނީ ކޮން ފަދަ ވޭނެއްކަމެއް ނޭނގެއެވެ.

މަޑު ފިޔަވަޅުތަކެއްގައި، އެހެނަސް މި ހިނދަށް ދުނިޔެއާ ވަކިވުމަށް ޓަކައި، ދުވާލުގެ ރަސްގެފާނު ކުރަމުން އެ ގެންދާ ދަތުރަށް ނިމުން އައުމުގެ ވަގުތު ކުޑަތަންވަނީއެވެ. ޖޯލިފަތީގައި އިން އެކަނިވެރި އަންހެން ކުއްޖާގެ ނަޒަރު ހުއްޓިފައިވަނީ އުޑުމަތީގައި ތަފާތު ކުލަތަކުން ކުލަޖެހެމުންދާ ވިލާތަކަށެވެ. ނުވަތަ ހަމަހިމޭންކަން އިޚުތިޔާރު ކޮށްފައިވާ ކަނޑުގެ ލޮނުގަނޑަށެވެ.

"އޭތް! މާއިޝާ!"

ހަރުކަށި ރާގަކަށް މީހަކު ގޮވާލި އަޑާ އެކު އެ އަންހެންކުއްޖާ އަށް ލިބުނީ ކުއްލި ސިހުމެކެވެ. އަޑުއައި ދިމާއަށް އަވަސްއަވަހަށް އޭނާ ބަލައިލިއެވެ. އޭރު އޭނާގެ ކުރިމަތީގައި ހުރީ އޭނާއާ ދާދި އެއްފުރައިގެ، އެއް އިސްކޮޅެއްގެ އަންހެންކުއްޖެކެވެ. އެ ކުއްޖާގެ މޫނުމަތީން ފެންނާން ހުރީ ރުޅިވެރިކަމެވެ. އެ ކުއްޖަކު ފެނުމާ އެކު، އޭނާއަށް ފުންމައިގެން ތެދުވެވިއްޖެއެވެ. ހީވީ ބޮޑު ބިރެއް ފެނުނުހެންނެވެ.

އެ ކުއްޖާ ފެނުމުން އެ ވަރަކަށް އޭނާ އެ ސިހުނީ ކީއްވެގެން ބާވައެވެ؟ ބިރުގަތީ ކީއްވެގެން ބާވައެވެ؟ އެ ކުއްޖާގެ މޫނުމަތިން ފެންނާން ހުރި ނުރުހުމާއި ރުޅިވެރިކަމުގެ އަސްލަކީ ކޮބާވައެވެ؟ އެ އަޑުގައި އެ ފަދަ ހަރުކަށިކަމެއް ހުރީ ކީއްވެގެން ބާވައެވެ؟ ހައްތާވެސް ސުވާލެވެ.

ވަރަށް އަމުރުވެރި ފާޑަކަށް ހަރުކަށިކަމާ އެކު އެ ބުނިއެއްޗެއް ބުނެފައި އެ ކުއްޖެކު އެނބުރި އައި ކޮޅަށް ހިނގައި ގެންފިއެވެ. މާއިޝާ ވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ. އެ ހިނގުމުގައި ހުރީ ޖެހިލުންވުމެވެ. ކަންބޮޑުވުމެވެ. ބިރުވެރިކަމެވެ. މޫނުމަތީގައި ވެސް މި ކުލަތަކެވެ.

*******************

މާއިޝާއަކީ މާލޭގެ ތަނަވަސް ދެމަފިރިއެއްގެ ދެމެދުން އުފަންވި ކުއްޖެކެވެ، އެއީ އެ ދެމަފިރިންނަށް ލިބުނު ހަމައެކަނި ފުރާނައެވެ. ފާތުމަތު މާހިރާއާއި އަބްދުލް ޣަފޫރަށްލިބުން ހަމައެކަނި ދަރިފުޅެވެ. ޣަފޫރަކީ މާލޭގެ ނަންމަޝްހޫރު ވިޔަފާރި ވެރިއެކެވެ. ބާޒާރުމަތީގައި ބޮޑު ފިހާރައެއް ހިންގާ، މާލޭގައި އަމިއްލަ ބޮޑު ގޯއްޗެއް އޮތް ތަނަވަސް މީހެކެވެ. އެހެންކަމުން މާއިޝާގެ ނަން ލިޔެވިފައި އޮތީ ނަސީބު ރަނގަޅު ކުދިންގެ ލިސްޓުގައެވެ. ޣަފޫރާއި މާހިރާއާ ދެމަފިރިން މާއިޝާ ދެކެ ވާ ލޯތްބަކީ، އެ ދެމަފިރިންގެ ފުރާނައަށް ވުރެ ވެސް އަގު ބޮޑު ލޯތްބެކެވެ.

މާއިޝާއަށް މާހިރާ ބަލިވެ އިނުމުން، މާހިރާއަށް ލުއިފަސޭހަކޮށް ދުނުމަށް ޓަކައި، ރާއްޖޭގެ އުތުރުގެ ރަށަކުން އެކަނިވެރި އަންހެނަކު އެ ގެއަށް ގެނައެވެ. ދެބައި އުމުރަށްވުރެ ޒުވާން އަންހެނެކެވެ. ނަމަކީ ޝާދިޔާއެވެ. އެއީ ޣަފޫރުގެ ރައްޓެއްސެއްގެ އެހީތެރިކަމާ އެކު ހޯދި އަންހެނެކެވެ. ބިދޭސީއަކު ގޭގައި ގެންގުޅުމަކީ ޣަފޫރަށް ކަމުދާ ކަމަކަށް ނުވާތީއެވެ.

ޝާދިޔާގެ ވަޒީފާއަކީ ގޭތެރޭގެ ކަންކަމުގައި މާހިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މާއިޝާ އުފަންވުމުން، މާއިޝާގެ ކަންކަން ވެސް ޝާދިޔާ ލައްވާ ކުރުވައެވެ. މާހިރާގެ ހުރިހާ ވަގުތެއް ވެސް ހުސްކުރީ މާއިޝާއަށެވެ.

މާއިޝާގެ އުމުރުން ދެއަހަރު ބައި ފުރުމާ އެކު، އެ މަންޖެ ޕުރީސުކޫލަކަށް ވައްދައި ތަޢުލީމީ ޙަޔާތުގެ ބިންގާ އެޅިއެވެ. މާއިޝާއަކީ ހިތްއަލި، ތޫނުފިލި ކުއްޖެއްކަމުން ތަޢުލީމީ ހަރުފަތްތައް ގިރާ ކުރަމުން، ކުރިއަރަމުން އައީ ކާމިޔާބުގެ ހަލުވި ދުވެލީގައެވެ. އުފަލާއި ތަނަވަސް ކަމުގެ ހިޔަލުގައެވެ. އެހީތެރިކަމާއި، އަޅައިލުމާއި، އަގުހުރި އެތައް ނަސޭޙަތްތަކެއްގެ ތެރެއިންނެވެ.

ދުވަސްތައް މާޟީއާ އެކުވަމުން އައީ، ހީވެސް ނުކުރާ ފަދަ ހަލުވިކަމަކާ އެކުގައެވެ. މި އަހަރަކީ ގުރޭޑު 7 ގައި މާއިޝާ ކިޔަވަމުން ދިޔަ އަހަރެވެ. ޝާދިޔާގެ އެހީތެރިކަމާއި މަންމައާއި ބައްޕަގެ ލޯތްބާއި އަޅާލުމާ އެކުގައެވެ. އުފާވެރި ދުނިޔެއެއްގައެވެ. ހިތާމައަކީ ކޮންއެއްޗެއްކަން ހުވަފެނަކުން ވެސް ނުފެނިހުރެއެވެ.

ދުވަސްވަރަކީ މަދަރުސާތަކުގެ އަހަރު ފަހުއިމްތިހާނުގެ ޓެސްޓު ދުވަސްވަރެވެ. މާއްދާ އަކަށްފަހު މާއްދާއަކުން ޓެސްޓު ނެގެމުންދެއެވެ. މި ދުވަސްކޮޅު މާއިޝާގެ އެންމެ  ގާތް އެކުވެރިޔަކީ ފޮތެވެ. މަންމަގެ ނަޞޭހަތާ އެއްގޮތަށް އަޅުކަމާއި ކިޔެވުން ނޫން ކަމެއް އޭނާގެ ނޯވެއެވެ.

ކުރި ބުރަ މަސައްކަތުގެ ނަތީޖާ އެނބުރި އައިސް، މާއިޝާއާ ބައްދަލުކުރީ ވަރަށް ފޮނިކޮށެވެ. ތާޖުއްދީން ސުކޫލުގެ ގްރޭޑް ހައަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ އޭނާއެވެ. އުފަލުގެ ކޮޅެއް ނެތެވެ. ސުކޫލުގެ އިސްވެރިންނާއި  މުދައްރިސުން، މާއިޝާގެ އެ ފަޚުރުވެރި ކާމިޔާބަށް ތަހުނިޔާކިޔެވެ. ބެލެނިވެރިންނާއި ކުދިން ވެސް މެއެވެ.

އަނެއް ކޮޅުން މާއިޝާގެ ކުޑަކުޑަ ޢާއިލާ ތައްޔާރުވަމުން އައީ ވަރުގަދަ ޕާޓީއަކަށެވެ. މާއިޝާ ހޯދި ފަޚުރުވެރި ކާމިޔާބަށް ޓަކައެވެ. އެ ކަމުގެ އުފަލުގައެވެ. ޕާޓިއަށް މާއިޝާ ތައްޔާރުކުރީ އޭނާގެ މަންމައެވެ. ހުދުކުލައިގެ ރީތި ހެދުމެއް ލެއްވިއެވެ. ހެދުމާ ގުޅޭ ގޮތުން މޭކަޕް ވެސް ކޮށްދިނީ މަންމައެވެ. ހޯދި ކާމިޔާބުގެ އިނާމެއްގެ ގޮތުން ވަރަށް ރީތި ރަން ހާރެއް އޭނާގެ ކަރުގައި މަންމަގެ އަތުން އެ ދުވަހު އަޅުވައިދިނެވެ.

އެ ރީތި ހާރު ފެނުމުން، މާއިޝާއަށް ލިބުހު އުފަލެއް ވެސް ނޭނގުނެވެ. އޭނާ އުފަލުން މަންމަގެ ގައިގައި ބައްދާލިއެވެ. "ތެންކިޔޫ މަމީ" އޭ ބުނެލެވުނެވެ.

އެ ހާރަކީ މީގެ މަހެއްހައި ދުވަސް ކުރީން އެއް ދުވަހަކު، މާއިޝާ، މަންމައާ އެކު ފިހާރައަކަށް ގޮސް އުޅެނިކޮށް ފެނިގެން ވަރަށް ރީތިވެގެން އުޅުނު ހާރެކެވެ. އެހެންކަމުން މާއިޝައަށް ޗަޕްރައިޒްއަކަށް ގަނެދިނީއެވެ. ބޭނުންވީ މާއިޝާ އުފާކޮށްދޭށެވެ.

ޕާޓީ އޮތީ ދަރުބާރުގޭގައެވެ. އެ ޕާޓީއަށް ސުކޫލުގެ ވެރިންނާއި މުދައްރިސުންގެ އިތުރުން ސްކޫލުގެ އެތައް ދަރިވަރުންނަކަށް ދަޢުވަތުދެވުނެވެ. އާއިލާގެ މެންބަރުންނާއި ރައްޓެހި ރަޙުމަތް ތެރިން ވެސް ގިނަ އަދަދަކަށް އައެވެ. ޕާޓީގައި މާއިޝާ ހުރީ އުފަލުން ފުރިފައެވެ. ތުންފަތްމަތީގައި ވިދަވިދާ ހުރި ހިނިތުންވުން ފެނިފައި މާހިރާއާއި ޣަފޫރުގެ ހިތް ވެސް ނަށަމުން ގެންދެއެވެ. ޝާދިޔާ ވެސް މި އުފަލުގައި ބައިވެރިވަމުން އައެވެ.

މާއިޝާގެ އުމުރުން ބާރަ އަހަރު ފުރި ތޭރަ އަހަރަށް އަޅައިފައިވާއިރު، ފެންނަ ފެނުމަށް އެއީ ފަނަރަ ސޯޅަ އަހަރު ކުއްޖެކެވެ. ރީތިދޮން ކުލައަކާ އެކު، ހެދި ހުރި ރީތި ހަށިގަނޑެކެވެ. ޒުވާން ފިރިހެން ކުދިންގެ ހިތްތައް ތެޅިގަންނަ ފަދަ އަސަރެއް އެ މޫނާއި ހަށިގަނޑުގައި މިހާރު ވެސް އެކުލެވޭން ފަށިފިއެވެ. 

ދުވަހަކަށްފަހު ދުވަހެއް، މާޒީގެ ފަތްފުށްތަކާ އެކުވަމުން ދެއެވެ. ގުދުރަތުގެ ގާނޫނާ އެއްގޮތަށެވެ. މާއިޝާގެ ހިތަށް އުފަލާއި ހަމަޖެހުން އިތުރުކުރަމުންނެވެ. ހިނިތުންވުމުގެ ކުލަތަކުން އަލިކުރަމުންނެވެ.

އެއް ދުވަހެއްގެ ހަވީރެވެ. މާއިޝާ އިނީ ބޮޑު ކޮޓަރީގައެވެ. ފޮތެއް ހިފައިގެން ކިޔައިލާށެވެ. އޭގެތެރެއަށް ގެނބި ގެއްލިފައެވެ. އެހެން އިންދާ އިރުކޮޅަކުން އެ ތަނަށް އައީ އޭނާގެ މަންމައެއް ފަދަ ހެޔޮ، ޝާދިޔާއެވެ. ޝާދިޔާ މާއިޝާދެކެ، ދަރިއަކުދެކެ ވާހައި ލޯބިވެއެވެ. ވާނީވެސް އެހެންތާއެވެ. މާއިޝާ ދުނިޔެއަށް ލީ ފުރަތަމަ ނޭވާއިން ފެށިގެން އޭނާ އުޅެމުން އެ އަންނަނީ މާއިޝާއާ އެކުގައެވެ. މާއިޝާގެ ކަންކަމުގައެވެ. އަނެއްކޮޅުން ޝާދިޔާއަކީ ދެ މީހުންނާ އިނދެ، ވަރިވެފައި އިން އަންހެނެއް ނަމަވެސް ދަރިއަކު ލިބިފައިވާ މީހެއްނޫނެވެ.

ޝާދިޔާ އައިސް މާއިޝާގެ ގާތުގައި މަޑުކޮށްލުމުން މާއިޝާ އިސްއުފުލައި ބަލައިލިއެވެ.

"ޝާދިޔާ ދައްތާ!" މާއިޝާ ހިނިތުންވެލިއެވެ. "ކިހިނެއްވީ؟" މާއިޝާގެ އަޑުގައި ހުރީ ގާތްކަމެވެ.

"ކަމެއްނުވޭ! ދަރިފުޅު ފޮތެއް ކިޔާން އިނީމަ މަޑުކޮށްލީ. ސައި ބޯނީ ކޮން އިރަކުން؟" ޝާދިޔާ އަބަދުވެސް މާއިޝާއާ މުޚާތަބުކުރަނީ ދަރިފުޅުގެ ނަމުންނެވެ.

"މަންމަ ކޮބައި؟ ސައިބޮއިފި؟" މާއިޝާ އަހައިލިއެވެ.

"އަދިނުބޮއި. އެބަ އޮތް ކޮޓަރީގައި."

"ނިދިފައި؟" އަތުގައި އޮތް ފޮތް ލައްޕާލުމުން މާއިޝާ އަހައިލިއެވެ.

"މަންމަ އުޅެނީ ކުޑަކޮށް ބޮލުގަ ރިއްސާތީ. ދަރިފުޅަށް ސައިދޭށޭ ބުނީ."

މާހިރާއަށް ކިތަންމެ ކުޑަ ކަމެއް ވިޔަސް، މާއިޝާ ވަރަށް ކަންބޮޑުވާނެއެވެ. ގާތުން ދުރަށް ވެސް ނުދާނެއެވެ. އަބަދުވެސް އިންނާނީ މަންމަގެ ޚިދުމަތުގައެވެ. ގޭގައި މީހުން ގެންގުޅުނު ނަމަވެސް މަންމަ ބަލިވެއްޖެއްޔާ، މާއިޝާ ބޭނުންވާނީ ހުރިހައި ކަމެއް ވެސް އޭނާގެ އަމިއްލަ އަތުން ކޮށްދޭށެވެ. މިހައި ކުޑައިރު ވެސް އޭނާ ބޭނުންވާ ގޮތަކީ އެއީއެވެ.

ޝާދިޔާގެ ދުލުން މަންމަގެ ބޮލުގައި ރިއްސާ ވާހަކަ ބުނުމާ އެކު، އަވަސް އަވަހަށް މާއިޝާ ތެދުވިއެވެ. ބާރުބާރަށް ހިނގައިގަތީ، މަންމަމެންގެ ކޮޓަރިއާ ދިމާއަށެވެ.

ނުނިމޭ