އެ ރަށް ފެނުމާއެކު އަހަންނަށް ލިބުނީ ވަރަށް ބޮޑު ހައިރާންކަމެކެވެ. ދުއްވާ އެއްޗެހީންނާއި ހިނގާބިނގާވާ މީހުންތަކުން ފުރި ބާރުވެފައި ހުންނަ އެ ރަށުގެ މަގުތަކުގައި ވެރިކަން ކުރާތަން ފެނުނީ، އެކަނިވެރިކަމާއި ފަޅުކަމެވެ. ލިބުނު ހައިރާންކަމުގައި އަހަރެން އައިސް ތިރިކޮށްލީ، ބެލްކަންޏާ ދިމާގައި ހުރި، ދެކެފަރިތަ، ހިތް ފަސޭހަ ޖަނބުރޯލު ގަހަށެވެ. ބެލްކަނީގެ ދޮރުން ގޭތެރެއަށް ބަލައިލީމެވެ. މަގުތައް ފަޅުވެފައި އޮތް ނަމަވެސް، ގޭގައި މީހުން އުޅެއެވެ. ވަށައިގެން ހުރި ހުރިހައި ގެއެއްގައި ވެސް މީހުން އުޅޭތަން ފެނެއެވެ. އެއް ބަޔަކު ބެލްކަނިތަކަށް ނުކުމެ ތިބިއިރު، އަނެއް ބަޔަކު ގޭތެރޭގައެވެ. މި މަންޒަރު ފެނުމާއެކު، މި ރަށަށް ކޮންމެވެސް ކަމެއް ދިމާވެއްޖެއޭ އަހަރެންގެ ހިތް ބުނާން ފަށައިފިއެވެ.
ވެގެން މި އުޅެނީ ކީއްތޯ ބަލައިލާހިތް ވެއްޖެއެވެ. އެހެންކަމުން މީހުން ދައްކާ ވާހަކަ އިވޭ ފަށަށް، ސިއްރުސިއްރުން ޖެހިލައިފީމެވެ. ކަންފަތުގައި ޖެހުނީ، ސިޓީންރޫމުގައި ހުޅުވާފައި ހުރި ޓީވީގެ ބާރު އަޑެވެ. އަހަރެން ކަންފަތް ކޮޅަށް ޖަހައިގެން އިނދެ އަޑުއަހާން ފެށީމެވެ. އިވުނު ވާހަކަތަކުން އެނގުނީ، ރަށް އޮތީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމެވެ. ބޭރަށް ނިކުމެ އުޅުން ރަށުގެ ރައްޔިތުންނަށް މަނާވެފައިވާ ކަމެވެ. ކޮންމެހެން ނިކުންނާން ޖެހިއްޖެ ހާލަތެއްގައި، ޚާއްޞަ ހުއްދައެއް ނަގައިގެން މެނުވީ، ބޭރަށް ނުނިކުމެވޭނޭ ކަމެވެ. އެ މީހުންނަށް ރައްކާތެރިކަން އޮތީ އެ ގޮތުގައެވެ.
މުޅި ދުނިޔެ ހިސާރުކުރަމުން އަންނަ "ކޮރޯނާ" ނަމަކަށް ކިޔާ ނުރައްކާތެރި ވައިރަހެއް،މި ރަށަށް ވެސް އެރީއެވެ. އެ ވައިރަހުން ސަލާމަތްވުމަށް، މި ވަގުތު ކުރެވެން އޮތް ހަމައެކަނި ކަމަކީ، ބޭރަށް ނުނިކުމެ ގޭގައި ތިބުމެވެ. އެހެންނަމަވެސް ބަސްނާހާ ބަޔަކު،އެ އަމުރު މުގުރަމުން ގެންދާކަން، ޓީވީއިން އިވުނު ވާހަކަތަކުން އެނގުނެވެ. އެހެން އުޅޭން ފަށައިފި ނަމަ، އޭގެ ނަތީޖާ ހިތިވެދާނޭކަން ވެސް އެނގުނެވެ. ހިތަށް އެރިއެވެ. ސަހަރޯއެވެ! ހާދަހާ ދެރައެވެ. އެހެންނަމަވެސް މި ނޫން ގޮތެއް މި ހިނދަށް ނެތްކަން ވެސް އެނގުނެވެ.
ހިތަށް ކުރި ފުން އަސަރެއްގެ ބޮޑުކަމުން، އެ ގޭތެރެއިން ފެންނާން ތިބި މީސްމީހުންގެ މޫނަށް، ވަކިވަކީން އަހަންނަށް ބަލައިލެވުނެވެ. އެ މީހުން ފެނުމުން، ގާތްތިމާގެ ބަޔަކު ފެނުމުން ކުރެވޭ ފަދަ އިހުސާސެއް ކުރެވުނެވެ. ދޮންކޮ ފެނުމުން ކުރި އަސަރު ވަކީން ބޮޑުވިއެވެ. ހިތް އެދެންފެށީ އެ ގެއަށް ވަންނާށެވެ. ދިމާވެފައިވާ މި ހާލަތުގައި، ހިތްވަރުގެ ބަހެއް ނުވަތަ ނަސޭހަތުގެ ޖުމުލައެއް ނަމަވެސް ބުނެލާށެވެ. ބަޔަކު އުޅޭހައި ގޮތަކަށް ނޫޅެ، ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް އިޙުތިރާމްކޮށް، ބޯ ލަނބާށޭ ބުނާށެވެ. ގެއިން ނުނިކުމެ ތިބޭން އެ އަންގަނީ، ފަރުވާއެއް ވެކްސިނެއް ހޯދިފައި ނުވާ، ގައިން ގަޔަށް އަރާ ނުރައްކާތެރި ވައިރަހަކުން ސަލާމަތްވާން އޮތް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ވާތީއެވެ.
ގޭގައި ތިބެން އާދަވެފައި ނެތް ބަޔަކު، ތިޔަ ގޮތަށް ގޭގައި ބަންދުވުމުން، ދެރަވާނެ ވަރާއި ފޫހިވާނޭ މިންވަރު އަހަންނަށް އިހުސާސް ކުރެވެއެވެ. ފަރުޟު ފަސް ނަމާދާއި ސުންނަތް ނަމާދުތަކަށް ފަރުވާކުޑަކޮށްގެން އުޅުނު އުޅުން ދޫކޮށް، ހެއްދެވި ފަރާތްމަތިން ހަނދުމަކުރާކަށް އަދިވެސް ނުވޭ ހެއްޔެވެ؟ ގޭގައި ހުރި މުސްޙަފުތަކަށް އަރާފައި ހުރި ހިރަފުސްތައް ފޮޅާލައިފިން ހެއްޔެވެ؟ ތިޔަ ހާލަތުން މިންޖުކޮށްދެއްވުން އެދި، ދެ އަތް އުފުލައިލުމަށްވުރެ ވަކީން ފައިދާ ހުރީ ކޮން ކަމެއްގައި ހެއްޔެވެ؟ އާއިލާގެ މެންބަރުންނަށާއި ރައްޓެހިންނަށް ގުޅައި، ހާލުބަލައި ހިތްވަރު ދިނުމަކީ، މި ހާލަތުގައި ބޭނުންތެރިކަމެއް ނޫން ބާވައެވެ؟ ފޫހިވެގެން މާޔޫސްވެގެން ނޫޅޭށެވެ!
މިއީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ހާލަތެކެވެ. އެންމެން ތިޔަ ގޮތަށް، ގިނަ ދުވަސްތަކަކު ބަންދުވެފައި ތިބޭން ޖެހިއްޖެ ނަމަ، އިޤުތިޞާދީ އަނދަވަޅަކަށް ދުނިޔެ ވެއްޓިދާނެއެވެ. ތިޔައީ ބޭރުން ގެންނަ ތަކެއްޗަށް މުޅި ދިރިއުޅުން ބަރޯސާކޮށްގެން އުޅޭބަޔެއްކަން އަހަރެން ދެނަހުރީމެވެ. ކުރީން އުޅޭހެން، ކޮންމެ ކާ ގަޑިއަކަށް، ނަން ހުސްކޮށް ސުފުރާމަތި ފުރާލުމުގެ އާދަ އަދިވެސް ދޫ ނުކުރަން ހެއްޔެވެ؟ ކާތަކެއްޗާއި ކަރަންޓާއި ފެން އިސްރާފުކުރުމުގެ އާދައަކަށް ބަދަލެއް ނުގެންނަމު ހެއްޔެވެ؟ ޚަރަދުބޮޑު ދިރިއުޅުމަށް ދަރީން ހޭނިގޮތަށް، ޚަރަދު ކުޑަކޮށް އުޅޭން ދަރީންނަށް ދަސްކޮށްދިނުމާމެދަކު ނުވިސްނަމު ހެއްޔެވެ؟ ކުރިމަގު އޮތީ ކިހިނެއް ކަމެއް ނޭނގެއެވެ. ވެދާނެ ގޮތަކަށް ވިސްނައިގެން، ދިރިއުޅުމުގެ އެންމެހައި ކަންކަން ބައްޓަންކުރާން އަވަސްވާށެވެ!
މިއީ އެ މީހުންގާތު އަހަރެން ދައްކާން ބޭނުންވި ވާހަކަތަކެވެ. އެހެންނަމަވެސް އެ ފަދަ ކުޅަދާނަކަމެއް އަހަންނަށް ލިބިފައެއް ނެތެވެ. އިނދެވޭކަށް ވެސް ނެތެވެ. އިރު އޮއްސެނީއެވެ. ކުރިން އަހަރެން މިގޭ ކޮށީގައި ހައްޔަރުކޮށްފައި، އެ މީހުން އުފަލާއެކު ކާރުގައްޔާއި ސައިކަލުގައި ބުރުޖަހަންދާ ފަދައިން، އެ މީހުން ގޭބަންދުގައި ބައިތިއްބާފައި، އަހަރެން މި އުދުހިގަންނަނީ މިނިވަންކަމާއެކު އަހަރެންގެ ހާއްޔާ ދިމާއަށެވެ. އެހެންނަމަވެސް އެ މީހުންގެ އެ ހާލަތާމެދު ހަމްދަރުދީވަމުންހިތާމަކުރަމުންނެވެ. ޚާއްޞަކޮށް އަހަރެން އެ ކޮށިން މިނިވަންކޮށްދިން ކުޑަކުޑަ ދޮންކޮއާމެދު ވެވޭ ހަމްދަރުދީ ވަކީން ބޮޑެވެ.