މެދު އުޑުގައި ހުރި ބުރު ހަމަ ހަނދުން އޮހެމުން ދިޔަ ރިހި އަލިން އުޖާލާވެފައިވާ، ހިތްފަސޭހަ ދޮންވެލި ތުނޑިއެކެވެ. ވިނަކޮޅެއް، ކުނިކޮޅެއް، ގާކޮޅެއް ވެސް ފެންނާން ނެތް ސާފު ހުދު ވެލީގެ މަސަންދެކެވެ. ހަތަރު ފަރާތުގައި ޖަހާފައި ހުރި ހަތަރު ލަންޓަނުގެ އަލިފާން އައްޔާއި ރިހި ހަނދުވަރު އެކުވެ، އެ މާހައުލުގައި އުފައްދާފައި ވަނީ، ލޯބިވެރިންނަށް ޓަކައި ޖާދޫއެކެވެ. ދުރުން އިވެމުން އަންނަ ފުއްޓަރުގެ އަޑާއި ތުއްތު ރާޅުތައް މަޑު ފިޔަވަޅުތަކެއްގައި އައިސް، ގޮނޑުދޮށުގައި ބޮސްދީފައި ހަށި ދަމާލާ އަޑާއި ހޭޅިފަށަށް ވެއްޓޭ ލުއިލުއި ވައިރޯޅި، މިރިއްސާއި މަގުލާއި ކުރެއްޖާ ކޮށްލާ ސާމާސާގެ އަޑުން، އެ މާޙައުލުގެ އިޝްޤީ ރަހަ ހެޔޮވަރުކޮށްދެއެވެ. އެ ވެށްޓަށް އިތުރު ދިރުމެއް ގެނެސްދެނީ، ވަށާލެވިފައިވާ ބަނަފިނީގެ ތެތްކަމެވެ.
މި ހިތްފަސޭހަ ދޮންވެލީގެ ދާނުގައި ފަލަކް އޮތީ، އޭނާގެ ވިންދާއި ފުރާނައިގެ ބައިވެރިޔާ ކަމަށްވާ، އާފާޤުގެ ތަނަވަސް އުނގުގައެވެ. އެއް ފައި ކުރުކޮށް، އަނެއް ފައި ދަމާލައިގެން އުޑުތިލަމަތިންނެވެ. އޭނާގެ ކަނާތް އޮތީ އާފާޤުގެ ވާތުތެރޭގައެވެ. ވާތް އޮތީ އޭނާގެ މެދަށް އަޑިވެފައިވާ ހިނދި ބަނޑު މަތީގައެވެ. ދެ ލޯ ވަނީ މެރިފައެވެ. ހިތް އޮތީ ފުރިފައެވެ. އާފާޤުގެ ފިރުމުންތަކުން އެ ހިތަށް ލިބޭ އުފާ، ގުނަވަމުން އިތުރުވަމުން ދެއެވެ. އޭނާ ބޭނުންވަނީ މުޅި އުމުރު، އެ ގޮތުގައި ހޭދަކޮށްލާށެވެ. ކާކަށް ބޯކަށް ބޭނުމެއް ނުވެއެވެ.
އެ ޖާދޫގެ މާހައުލުގައި އިން އާފާޤުގެ ނަޒަރު ހުއްޓިފައި ހުރީ ފަލަކާ ދިމާއަށެވެ. ރަތްރިހި އަލިން ކުލަޖެހިފައިވާ، ފަލަކްގެ ދޮން މޫނަށެވެ. އޭނާގެ އުނގަށް ފެތުރިފައިވާ، ކަޅު، ފަށުވި އިސްތަށިގަނޑަށެވެ. މެރިފައިވާ، ބޮޑު ދެ ލޮލަށެވެ. ގުދުރަތުގެ ފިޔާތޮށި ފިހިން ކުލަ ޖައްސާފައިވާ، ތުނިތުނި ތުންފަތަށެވެ. ތުނިކޮށް އިސްތަށިފަޅާފައިވާ، ހިމަ ބުމައާއި ރީތި ނޭފަތަށެވެ. އަންހެން ބައްޓަމަށް ކިއްސަރުޖެހިފައިވާ، ނަލަ ހަށިގަނޑަށެވެ.
އިރުކޮޅަކު އެހެން އޮވެފައި، ފަލަކް ލޯ ހުޅުވައިލިއެވެ. ހިނިތުންވެލިއެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ، އާފާޤުގެ ފިރިހެން ވަންތަ މޫނަށެވެ. ފުން ދެ ލޮލަށެވެ. އޭނާ އިރުކޮޅަކު ބަލާން އޮވެފައި، ބަނޑުމަތީގައި އޮތް އޭނާގެ އަތް އުފުލައިލިއެވެ. ދެ ދުވަހެއްވަރު ވެފައިވާ، އާފާޤުގެ ތުނބުޅީގައި ފިރުމައިލިއެވެ. ކޮނޑާ ހަމައަށް ފާބާފައިވާ ކަޅު، ބޯ އިސްތަށިގަނޑާ ކުޅެލިއެވެ.
"ހާދަ އަވަހަށް ތި ހޭލެވުނީ!" އާފާގު ހިނިތުންވެލިއެވެ.
"ހޫނ!" އާފާޤުގެ ކޮނޑަށް ދެ އަތް އެއްލަމުން ފަލަކް ތެދުވެ، ލޯތްބާއެކު އާފާޤުގެ ކޮނޑުގައި ބޯ އަޅައިލިއެވެ.
"ކީއްވެ މާ އަވަހަށް ތި ތެދުވީ؟" ފަލަކްގެ ހަށިގަނޑު ގަޔާ ކައިރިކޮށްލަމުން އާފާޤު ލޯ މަރައިލިއެވެ. "ހިތް ފުރޭންދެން ބަލައިލާން އޮތް ނަމަ."
"ނުނިދުނު! ލޯ މަރާލީމާ ވެސް ތި މޫނު ފެންނަނީ." އާފާޤުގެ ކަންފަތްދޮށުގައި ވައިއަޑުން ފަލަކް ބުނެލިއެވެ.
"ހަމަ އެހައި ލޯބިވޭތަ؟" އާފާޤުގެ އަޑުގައި ޖަޒުބާތުގެ އޮއިވަރު ހިނގައިގަތެވެ.
"ވަރަށް ވަރަށް ލޯބިވޭ."
"ކީއްވެ އެހައި ލޯބިވަނީ؟"
"ރީތި ވީމަ!" ފަލަކް ހިނިތުންވެލިއެވެ.
"ދެން...؟"
"ރަނގަޅުވީމަ. ތިހައި ބޮޑަށް ކެއަރ ކުރާނެ މީހަކު، މި ދުނިޔޭގައި ނު ވެސް ހުންނާނެ!"
"އަހަރެން ވެސް ފަލަކް ދެކެ ވަރަށް ލޯބިވޭ! ފަލަކާ ނުލައި އަހަރެންގެ ދިރިއުޅުން ފުރިހަމައެއް ނުވާނެ!" ފަލަކްގެ ގައިގައި އާފާޤް ބައްދާލިއެވެ. "ދުވަހަކު ވެސް މި އަތުގެ ތެރެއިން ވީއްލިގެން ދާތަން ދެކޭކަށް ބޭނުމެއް ނޫން!"
"އިރާދަކުރެއްވިއްޔާ ތި ދުވަހެއް ނާންނާނެ! ކޮންމެ ހާލެއްގައި އުޅޭން ޖެހުނަސް، އަހަރެން އާފާޤާ ވަތްކެއް ނުވާނަން!" އާފާޤުގެ ކޮނޑުގައި ބޯ އަޅާލައިގެން އޮތް ފަލަކްގެ ދެ ލޯ ވަނީ މެރިފައެވެ.
"މި ދެމެދަށް އެކަކަށް ވެސް ނުވަދެވޭނެ! މިއީ އަހަރެން ވާ ވަޢުދެއް!"
ލިބުނު އުފަލެއްގެ ބޮޑުކަމުން، އާފާޤުގެ ގައިގައި ކުރިއަށްވުރެ ވެސް ބާރަށް ފަލަކަށް ބައްދައިލެވުނެވެ. އެ ފިނިފިނި މާހައުލުގައި، އާފާޤުގެ ހަށިގަނޑުގައި ހުރި ހޫނުކަން، އޭނާގެ ހަށިގަނޑަށް އިތުރު އުފަލެއް ހޯދައިދެމުން ގެންދިޔައެވެ. އާފާޤުގެ ގައިން ދުވާ މީރު ވަސް، އޭނާގެ ހިތަށް ދިރުން ގެނެސްދިނެވެ. އޭނާ ބޭނުން ވަނީ އެ ގޮތުގައި ތާ އަބަދަށް އޮންނާށެވެ. އެ ހޫނުކަމާއި އެ މީރުވަހުގެ ލައްޒަތުގައި އުމުރު ހުސްކޮށްލާށެވެ. އާފާޤު ނުފެނި، ވަކިން އެންމެ ފަޅި ސިކުންތެއް ވެސް ހޭދަކުރުމަކީ، އޭނާއަށް ލިބޭ އަނިޔާއެކެވެ.
ކުއްލިއަކަށް ދުރުން ވަރަށް ބާރު އަޑެއް އިވިއްޖެއެވެ. ފަލަކް ސިހުނެވެ. އަޑު އައި ދިމާއަށް ބަލައިލެވުނެވެ. އެ ވަގުތު ފެނުނު މަންޒަރެއްގެ ސަބަބުން އޭނާގެ މޭ ތެޅިގަތެވެ. ދެ ލޯ ބޮޑުވިއެވެ. އާފާޤުގެ ގައިގައި ކުރިއަށް ވުރެ ބާރަށް ބެއްދުނެވެ. ނަޒަރު ހުއްޓިފައި ހުރީ، ފެންނަމުން ދާ މަންޒަރަށެވެ.
އެ ދިމާއަށް އާފާޤަށް ވެސް ބަލައިލެވުނެވެ. އޭނާ ހާހެއް ނުވެއެވެ. މޫނުމަތިން ކަންބޮޑުވުމުގެ ކުޑަ ވެސް ނިޝާނެއް ނުފެނެއެވެ. އޭނާގެ ފުރަގަހަށް ފަލަކް ޖައްސާލުމަށްފަހު، ވަގުތުން ދެ ވަރަ ހުޅުވައިލިއެވެ. ހަމަ އެ ސިކުންތުގައި ފަލަކް ގޮވައިގެން އޭނާ އުދުހިގަތެވެ. އެ ހިތްފަސޭހަ ތުނޑި ދޫކޮށް، ހުރިގޮތަށް މައްޗަށެވެ. ވަޒަނެއްހައި ހަލުއިކޮށް މައްޗަށް އަރައިގެން ދިޔައެވެ.
އާފާޤު އޭނާގެ ބިޔަ ދެ ފިޔަގަނޑު ދަމާލައިގެން، ޖައްވުގައި އުދުހެމުން ދިޔައެވެ. ހަނދުވަރުގެ ހުދު އަލިން ކުލަޖެހި ދިއްލިފައިވާ ވިލާތަކުގެ ތެރޭގައެވެ. ބަޔެއް ވިލާތަކުގެ މަތިންނެވެ. ބަޔެއް ވިލާތަކުގެ ދަށުންނެވެ. ތަރިތަކުގެ ރިހި ބެބުޅުންތަކުން ހިތް ފުރަމުންނެވެ. އެ ތަރިތައް އެ ދެ ކުދިންނަށް މަރުހަބާގެ ލަފުޒުތައް ގަތަމުން ދާ ކަހަލައެވެ.
ފަލަކް އޮތީ އާފާޤުގެ ބުރަކަށިމަތީގައި ދިގުދެމިލައި، އޮށޯވެލައިގެންނެވެ. އާފާޤުގެ ކަރުގައި ދެ އަތުން ބައްދާލައިގެންނެވެ. މީގެ ކުޑައިރުކޮޅެއް ކުރީން އޭނާގެ ހިތަށް ވެރިވި ނުތަނަވަސްކަމާއި ބިރުވެރިކަން މިހާރު ވަނީ ފިލާފައެވެ. މިހާރު އެ ހިތް ވަނީ އުފަލުން ފުރިފައެވެ. އާފާޤާއެކު މިނިވަން ޖައްވެއްގައި އުދުހެލުމުގެ ފުރުސަތު ލިބުނީމައެވެ. އެއީ އޭނާއަށް އައު ކަމެއް ނޫނެވެ. ކޮންމެ ރެއަކު ވެސް، އެތައް ވަގުތެއް ޖައްވުގައި އޭނާ ހޭދަކުރެއެވެ. ހަނދުވަރުގެ ރޭތަކާއި ކަޅުފޮއި ރޭތަކުގައެވެ.
ފަލަކަށް ހޭލެވުނީ އާފާޤާއެކުގައި ޖައްވުގައި އުދުހެމުން ދަނިކޮށެވެ. ގޭގެ ޓިނު ފުރާޅަށް އެއްޗެއް ވެއްޓި ޖެހުނު އަޑަށެވެ. ހޭލެވުމާއެކު އޭނާއަށް ޗޮކެއް ކަނޑައިލެވުނެވެ. އެއީ އޭނާ ދުވަހަކު ވެސް ނިމުންގެންނާން އެދޭ ހުވަފެނެއް ނޫނެވެ. އޭނާ ބޭނުންވަނީ، މުޅި އުމުރު އެ ހުވަފެނުގައި އަފާޤާއެކު ހޭދަކުރާށެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް ލޯ މަރައިލިއެވެ. އާފާޤުގެ ހަޔާތަށް އެނބުރި ދިޔުމަށް ޓަކައެވެ.
"ކޮންތާކަށް ދާށޭ؟" ބަދިގޭގައި ރޮށިފިހަން އިން ނަޖުމާއަކަށް، ބަޝީރު ބުނި އެއްޗެއް ސާފެއް ނުވިއެވެ.
"މުށިމަހެއް ބޭނޭތޯ ބަނދަރުމައްޗަށް ގޮއްސަ އެބަ އަންނަމޭ."
"ތި ހާލުގައި ހުރެގެން ދެވޭ؟" ނަޖުމާ އިޝާރާތްކުރީ ބަޝީރުގެ ފަޔަށެވެ. ރުކަކުން ވެއްޓި ބަޝީރުގެ އެއް ފައި ވަނީ، މީގެ ދުވަސްކޮޅެއް ކުރިން ބިނދިފައެވެ. ދިވެހި ބޭސްގަނޑެއް އަޅައިގެން ކުރި ފަރުވާއިން، މިހާރު ކުޑަކޮށް ހިނގާލެވޭވަރު ވެއެވެ. އެހެންނަމަވެސް އަދި ވެސް ވަރަށް ބޮޑަށް ރިހެއެވެ.
"ނުގޮސް ކިހިނެއް އުޅޭނީ؟ ފައިސާފޮއްޗެއް ވެސް ލިބޭނީ މަސައްކަތެއް ކޮށްގެން ދޯ!"
ނަޖުމާ އިތުރު އެއްޗެއް ނުބުނެއެވެ. ބަޝީރު އޭނާ ގެންގުޅޭ ދޮށި ހިފައިގެން، ރަށުގެ ބަނދަރުމައްޗާ ދިމާއަށް ހިނގައިގަތެވެ. ފާޑަކަށް ކޮރުޖަހަމުންނެވެ. މުށިމަސްގަނޑު އޮންނަނީ ބަނދަރުގައެވެ.
ބަޝީރަކީ ށ. ފޯކައިދޫ މީހެކެވެ. ރަށްރަށަށް މީސްމީހުން އަރުވާލި ދުވަސްވަރު، މަތިވެރިއަށް ފޮނުވާލި މީހެކެވެ. އޭރު ބަޝީރުގެ އުމުރުން ވާނީ ސޯޅަވަރަކަށް އަހަރެވެ. އަރުވާލި މީހެއްގެ ގޮތުގައި އެއް އަހަރު އޭނާ މަތިވެރީގައި ހޭދަކުރިއެވެ. މިނިވަންވި އިރު، އޭނާގެ ހިތް ވަނީ އެ ރަށާ ގުޅި ލާމެހިފައެވެ. އެ ރަށުގައި ދިރިއުޅޭ ހިތްވެފައެވެ. ރީތި، ހިތްފަސޭހަ ރަށަކަށްވީމާ އެކަންޏެއް ނޫނެވެ. އެހެންކަމުން މިނިވަންވެގެން ވެސް އޭނާ އެނބުރި އައީ މަތިވެރިއަށެވެ. ބަޝީރު ފަދަ އެތައް ބަޔަކު އެ ރަށުގައި ދިރިއުޅެއެވެ.
ނަޖުމާއަކީ މަތިވެރިއަށް އުފަން ކުއްޖެކެވެ. ޅަފަތުގައި މަންމައާއި ބައްޕަ ނިޔާވެފައިވާ އެކަނިވެރި ކުއްޖެކެވެ. އަރުވާލި މީހެއްގެ ގޮތުގައި ހުރިއިރު ވެސް ބަޝީރަށް ވަރަށް ކަމުދިޔަ ކުއްޖެކެވެ. އެހެންކަމުން މިނިވަންވެގެން އެ ރަށަށް އޭނާ އެނބުރި އައި އެންމެ ބޮޑު ބޭނުމަކީ، ނަޖުމާގެ ލޯބި ހާސިލުކުރުމެވެ. ނަޖުމާއާއެކު ދިރިއުޅުމެއް ފެށުމެވެ.
ނަޖުމާއާ ދިމާއަށް ބަޝީރު ދިއްކޮށްލި އަތުގައި ނަޖުމާ ހިފީ، ހިފާހިތުންނެވެ. ނަޖުމާގެ އުމުރުން ސޯޅަ އަހަރުގައި، ބަޝީރުގެ އުމުރުން އަށާރަ އަހަރުގައި، އެ ދެ މީހުން ކައިވެނިކުރިއެވެ. ދިރިއުޅޭންފެށީ ނަޖުމާގެ މައިންބަފައިންގެ ފަން ޖިފުޓިގަނޑުގައެވެ. ޖިފުނޓިގަނޑު ކިތަންމެ ބަލަސް، އަތްމަތި ކިތަންމެ ދައްޗަސް، އެ ދެމަފިރިންގެ ހިތުގައި، އެކަކު އަނެއްކެއްގެ މައްޗަށް އުފެދިފައިވާ ލޯބި ވަރަށް މަތިވެރިއެވެ. އެހެންކަމުން އެ މީހުންގެ ދިރުއުޅުން ދިޔައީ އުފާވެރިކޮށެވެ. ލިބޭ އެއްޗަކުން ފުއްދާލައިގެން، ނުލިބުނު އެއްޗަކުން ނުފުއްދައެވެ.
އެ ދެމަފިރިންނަށް ދަރިއަކު ލިބުނީ، ކައިވެންޏަށް ފަސް އަހަރުވީ ފަހުންނެވެ. ލޯބިލޯބި އަންހެން ކުއްޖެކެވެ. ދަރިފުޅަށް ދިން ނަމަކީ ފަލަކްއެވެ. އެއީ ނަޖުމާއަށް ރީތިވެގެން ކީ ނަމެކެވެ.
"އެނގޭތަ ތި ނަމުގެ މާނަ؟" ބަޝީރު އެ ދުވަހު ނަޖުމާއާ ސުވާލުކުރިއެވެ.
"ނޭނގޭ!"
"އުޑު."
"އެކަމަކު ވެސް ކިހައި ރީތި ނަމެއް. ނޫންތަ؟"
"ނަޖޫއަށް ރީތިވީމާ، މަށަށް ވެސް ރީތިވާނެއެއްނު! މައްސަލައަކީ މި ފުކު ބޮޑުވެގެން އަބަދު ފަލަކަށް ބަލާން އިނދެފާނެތީ." ފަލަކް އުރާލައިގެން ހުރެ، އެ މަންޖެގެ ކޮލަށް ދޮނެއް ދެމުން ބަޝީރު ބުނެލިއެވެ.
ރަތާއި ރީދުލާއި އޮރެންޖުކުލައިގެ ވިލާތަކުން، އުދަރެސް ފުރި ބާރުވަމުން އަންނަ ވަގުތެވެ. ދުވަހެއްގެ ނިމުން އިއުލާނުކުރުމަށް ޓަކައި، މަޑު ފިޔަވަޅުތަކެއް އަޅަމުން، އިރު ތިރިއަށް ސޮހެމުންދެއެވެ. ފަލަކް އިނީ، މަތިވެރީ ހުޅަނގު ދެކުނު ފަރާތު ގޮނޑުދޮށުގައި އިށީނދެލައިގެންނެވެ. ފަލަކަށް ނަޒަރު ހުއްޓާލައިގެންނެވެ. އެއީ އޭނާގެ އަބަދުގެ ވެސް އާދައެވެ. އިރު އޮއްސޭ މަންޒަރާއި އިރު އަރާ މަންޒަރަށް އޭނާގެ ޝައުޤުވެރިކަން ވަރަށް ބޮޑެވެ. ގުރޭޑް ހައެއް ހަތެއްގެ އުމުރުން ފެށިގެން، އެ ކަން ވަނީ ފާހަގަކުރެވޭން ފަށާފައެވެ. އުމުރުން ދުވަސްތައް ގުނެމުން ދިޔަ ވަރަކަށް، އޭނާގެ ކިބައިން މި ކަންކަން ފެންނަ މިންވަރު އައީ އިތުރުވަމުންނެވެ.
ނުނިމޭ