ހަނދުމަހުގެ ސާދަވިލޭރޭގެ އިރާކޮޅުގެ ވަގުތެވެ. ހަނދުވަރުގެ ރިހި އަލިން ރޯޝަންވެފައިވާ، ގދ. މަޑަވެލީ ރަށްދެބައި މަގުން، ބަނދަރުމައްޗާ ދިމާއަށް ހިނގާލައިފައި އަންނަ ޒުވާން ދެމަފިރިންނަކީ، އެކަކު އަނެއްކަކު ދެކެ ނިހާޔަތަށް ލޯބިވާ ދެމަފިރިންނެވެ. އެ ދެމަފިރިން އެކަކު އަނެކަކާދިމާއަށް ބަލައިލާގޮތާއި ކޮށްލައި ހަރަކާތްތަކުން އެ ވާހަކަ ބުނެދެއެވެ. ކަކުލާހަމައަށް ފައިބާ، އޮރެންޖު ކުލައިގެ މައްޗަކާއި ކަޅު ޖިންސެއް ލައިގެން، އޮރެންޖު ކުލައިގެ ކުދި މާތަކެއް ޖެހި ކަޅު ޝޯލެއްގައި ހުރި، މުނިޔާގެ ރީތިކަން އިތުރުކޮށްދެނީ، އޭނާގެ ފަރި ހިނގުމެވެ. ފަސް ފޫޓަށް ދެމިލައިފައިވާ އެ ހަށިގަނޑާ ދިމާއަށް ހުއްޓޭ ކޮންމެ ކަޅިއެއްގައި ހުންނަނީ ތައުރީފުގެ ބެލުމެކެވެ. ނޫނީ ހަސަދައިގެ ކަޅިއެޅުމެކެވެ. ކަޅު ކުލައިގެ އަތް ދިގު ގަމީހަކާއި ގަދަ ނޫ ކުލައިގެ ޖީންސެއްގައި ހުރި ސާޖިދު ހުރީ، މުނިޔާގެ އަތުގައި ހިފާލައިގެންނެވެ. އެ ދެމަފިރިންގެ ދެމެދުގައި ބަދަލުކުރެވެމުން ދިޔައީ ލޯތްބާއި އުފާވެރިކަމުން ކުލަޖެހިފައިވާ ލަފުޒުތަކާއި ޖުމުލަތަކެވެ.
ސާޖިދާއި މުނިޔާ ކައިވެނިކުރީ މީގެ ތިން މަހެެއްހައި ދުވަސް ކުރީން މާލޭގައެވެ. މުނިޔާ އުޅެ ބޮޑުވީ މާލޭގައި ކަމަށް ވިޔަސް، އޭނާއަކީ މަޑަވެއްޔަށް އުފަން، މަޑަވެލީގެ ރައްވެއްސެކެވެ. ރަށަށް އައީ، މި އަހަރު ގުރޭޑް ނުވައެއް ނިންމާލި ކޮއްކޮގެ ސްކޫލް ބަންދާ ގުޅިގެން، މަަންމަ ރަށަށް އަންނާން ބޭނުންވުމުންނެވެ. ސާޖިދަކީ ހއ. ފިއްލަދުއަށް އުފަން ޒުވާނެކެވެ. މަޑަވެއްޔަށް އައީ އަލަށެވެ. އެހެންނަމަވެސް އޭނާގެ ކިބައިގައި ހުންނަ ހިތްހެޔޮ، އެކުވެރި މިޒާޖުގެ ސަަބަބުން، ހަފުތާއެއްހައި ދުވަސްތެރޭގައި މި ރަށުން ރައްޓެހިންކޮޅެއް ހޯދައިފިއެވެ.
ސާޖިދާއި މުނިޔާ ބަނދަރު މައްޗަށް ފައިބައި، ހުއްޓޭކޮޑާ މަގުން ދެކުނަށް ހިނގައިގަތެވެ. އެއާއެކު އިރުދެކުނުން ޖެހެމުން އައި ހިތްފަސޭހަ ވައިރޯޅި އައިސް، އެ ދެ ކުދިންގެ ހަށިގަނޑުގައި ބައްދާލިއެވެ. ފިނިފިނި އަތަކުންނެވެ. އޭރު ސާދަވިލޭރޭގެ ފުރިހަމަ ހަނދު، އިރުމަތީ އުދަރެހުގައި ދަމަކަށް އަރައި، އެ ދެމަފިރިންނާ ދިމާއަށް ހިނިތުންވެ ބަލަހައްޓައިގެން ހުއްޓެވެ. ހަނދުގެ ރިހި އައްޔާއި ބަނދަރުމަތީގައި ޖަހާފައި ހުރި ބައްތިތަކުގެ ރަތް އަލި އެކުވެގެން އުފެދިފައިވާ މަސްހުނި އަލި، މުނިޔާގެ މޫނުގައި ފިރުމާންފެށީ އޯގާވެރި އަތަކުންނެވެ. އެ މޫނު އިތުރަށް އުޖާލާކުރުވަމުންނެވެ.
"މާޝާﷲ! ހާއްދަ ރީއްޗޭ! މުނީގެ މޫނު ފެނިފަ، ހަނދު ވެސް އެހެރީ ލަދުގެންފަ." މުނިޔާގެ މޫނަށް ސާޖިދު ބަލައިލީ، އުފަލުން ފުރިފައިވާ ހިތަކާއެކުގައެވެ. ހަޔާތުގެ ބައިވެރިއަކަށް ފަސްމީރު ކުރިރުކެއް ލިބުނީތީ، ހިތާހިތުން ޝުކުރުވެރިވަމުންނެވެ.
"ދެން... ސާޖީ!" ސާޖިދުގެ އަތުގެ މުލައްދަނޑީގައި ބައްދާލަމުން، ސާޖިދުގެ ކޮނޑުގައި މުނިޔާ ބޯ އަޅައިލިއެވެ. ހިނިތުންވެލަމުންނެވެ.
"ކޮން ތާކަށް މިހާރު މި ދެވެނީ؟"
"ހުއްޓޭކޮޑާއަށް." މުނިޔާ އިޝާރާތްކުރީ، ރަށުގެ ދެކުނު ކޮޅަށެވެ. "ވަރަށް ރީތި ތުނޑިއެކޭ އެއީ."
ސާޖިދާއި މުނިޔާ ހުއްޓޭކޮޑާއާ ދިމާއަށް ހިނގަމުން ދިޔައިރު، "ކަޅުފޮށީ"ގައި ތިބި މީހުންގެ ލޯތައް، އެ ދެމަފިރީންނާ ދިމާއަށް ހުއްޓިފައި ހުރިކަމެއް އެ މީހުން ނުދެނަހުއްޓެވެ. ހަރަކާތްކުރަމުން ދިޔަ ދޫތަކުގެ އަޑެއް، އެ ދެމަފިރީންގެ ކަންފަތާ ހަމައަކަށް ނުފޯރައެވެ. އެ މީހުން، އެ މީހުންގެ ލޯބީގެ އުފާވެރި ދުނިޔޭގައި ސަމާސާ ވާހަކަތަކުގައި ތިބެ، ހުއްޓޭކޮޑާއަށް ފޭބިއެވެ.
"މީ ހާދަ ރީތި ތުނޑިއެކޭ!" ހަނދުވަރުގެ އަލިން ދިއްލިފައިވާ ދޮންވެލިގަނޑަށް ސާޖިދު ބަލައިލީ، ގުދުރަތުގެ ފުރިހަމަކަމަށް ތައުރީފު ކުރަމުންނެވެ.
މުނިޔާގެ އަތުން ދޫކޮށްލުމަށްފަހު، ތުނޑިމަތީގައި ސާޖިދު ހިނގައިލިއެވެ. އެ ކޮޅަށާއި މި ކޮޅަށް ނަޒަރު ހިންގައިލިއެވެ. ތުނޑީގެ ކޮންމެ ދިމާއަކުން ވެސް ސާޖިދުގެ ހިތަށް ލިބުނީ ދިރުމެވެ. އުފާވެރިކަމެވެ. މި ތުނޑިއަށް މީގެ ކުރިން ސާޖިދެއް ނާދެއެވެ. އެހެންކަމުން މި ރީތިކަން ފެނިފައި، އޭނާގެ ހިތް ވަނީ އުފަލުން ބަނޑުންވެފައެވެ. މުނިޔާ ހުރީ، އޭނާގެ ރަށުން ފިރިމީހާއަށް ލިބޭ ހިތްހަމަޖެހުން ފެނި އުފާވެފައެވެ. ތުންފަތްމަތީީގައި ދުވެލަދުވެލައި ހުރި ހިނިތުންވުން އެ ވާހަކަ ބުނެދެއެވެ.
"ހިނގާ އެހެރަ ހޮޅުއަށީގައި ޖައްސާލަން!" ފަހަތުގައި ހުރި މުނިޔާއާ ދިމާއަށް ބަލައިލަމުން، ދުރުގައި ހުރި ހޮޅުއަށްޓަށް ސާޖިދު އިޝާރާތްކުރިއެވެ.
މުނިޔާ ގޮސް ސާޖިދުގެ އަތުގައި ހިފައިލަމުން، ހޮޅުއަށްޓާ ދިމާއަށް ހިނގައިގަތެވެ. މި ރޭގެ ރަން ތާޖުގެ ވެެރިޔާ، މެދު އުޑަށް ފަށައިގެން އުޅޭ ދަތުރައިގެން ބުރަހެލިކަމާއެކު ކުރިއަށް ދިޔައީ، ތުނޑިމަތީގައި ތިބެ އެ ދެމަފިރީން ފެންވަރާނެ ރިހި ހަނދުވަރުގެ ދޯދިތައް ހަދިޔާކުރަމުންނެވެ.
ސާޖިދުގެ ދެމަފިރިން ގޮސް ހޮޅުއަށީގައި ޖައްސާލިއެވެ. ކަނޑަށް މޫނުލައިގެންނެވެ. ފޫދެމުން އަންނަ ދިޔަވަރާއެކު، ނުވަރުގެ ރާޅު އައިސް ގޮނޑުދޮށާ ކުރާ ލާނެތް ސަމާސާގެ އަޑުން، އެ މާހައުލުގައި އުދައްދާފައިވާ މިޔުޒިކަކީ ހިތްފަސޭހަ އަޑެކެވެ. ސާޖިދުގެ ގައިގައި ޖެހި ފިތިގެން އިން އިރު، މުނިޔާގެ ބޯ އޮތީ ސާޖިދުގެ ކޮނޑުމަތީގައެވެ. އަތް އޮތީ ސާޖިދުގެ އަތުގެތެރޭގައެވެ. ސާޖިދު އިނީ އެ އަތުގައި މަޑުމަޑުން ފިރުމައިލަ ފިރުމައިލައެވެ.
"މި ކަހަލަ ރެއަކު ކުޑަކުޑަ ރިޔަލު ބޮއްކުރައެއްގައި، ދެ މީހުން ދަތުރުކޮށްލަން ހާދަ އަރާމުވާނޭ!" ހަނދުވަރުގެ އަލިން ދިރުންލިބިފައިވާ ކަނޑަށް ނަޒަރު ހުއްޓާލައިގެން އިނދެ ސާޖިދު ބުނެލިއެވެ. "ކެރޭނެތަ؟"
"ސާޖީ އިންނާނަމެއްނު މަގޭ ގާތުގަ."
"ގާތުގައެއް ނޫން! އުނގުގަ."
"އަޅެ ހާދަ ލޯތްބޭ!" މުނިޔާ ލޯ މަރައިލީ، ސާޖިދުގެ އަތަށް ފިތާލަމުންނެވެ.
"މާދަމާ މަސްދަތުރު ދާގޮތަށްތަ އޮތީ؟" ދެކެވެމުން ދިޔަ އެކިއެކި ވާހަކަތަކުގެ ތެރެއިން މުނިޔާ އަހައިލިއެވެ.
"އާނ! މަސްދަތުރު ނުގޮހެއް ނުވާނެއެއްނު!" މަަހަށް ދިޔުމަކީ ސާޖިދު ވަރަށް ފޯރި ހުންނަ ކަމެކެވެ. "މުނީ ވެސް ދާންވާނެ. ނިޔަމް ވެސް ގޮވައިގެން ދާނީ." ނިޔަމްއަކީ މުނިޔާގެ ކޮއްކޮއެވެ.
"އަހަރެން ނުވޭ މަހަށް ދާހިތެއް! އެކަމަކު ސާޖީ ދާތީ ވަރަށް ދާ ހިތްވޭ!"
"މޫސަމެން މިހާރު ރާވާފައި އޮތީ، ހަވީރު މަސް ބާނައިގެން، އިރުއޮއްސޭއިރަށް "ކަނޑެވާރެހާ" ކިޔާ ރަށަކަށް ދާން!"
"ކަނޑެވާރެހާއަށޭ؟" ސާޖިދުގެ ކޮނޑުމަތިން، ބޯ އުފުލަައިލައި ސާޖިދުގެ މޫނަށް މުނިޔާ ބަލައިލިއެވެ.
"އާނ! އެ ރަށަށް ގޮސް، ބާބަކިޔު ހަދާނީޔޯ. މަޖާވާނެއެއްނު!" ސާޖިދު އިނީ ވަރަށް ގަޔާވެފައެވެ.
"އެއީ ފަޅުރަށެއް! މަށަކަށް ނުކެރޭނެ ދާކަށް! މަންމަ ނުވެސް ފޮނުވާނެކަންނޭނގެ!"
"އެއީ ވަރަށް ދުރުގައި އޮންނަ ރަށެއްތަ؟"
"ނޫން! މި ތާ ވަރަށް ކައިރީގައި އޮންނާނީ."
"އޭރުން އޯކޭއެއްނު! ދާންވާނެ! މި ކަހަލަ ހަނދުވަރުދޭ ދުވަސްވަރަކު ކިހައި ފައްކާވާނެ! އަހަރެން ބޭނުން މުނީއާއެކު އެ ރަށުގެ ބީޗުގަ ހިނގާލަން. ހަނދުވަރުގެ ތެރޭގައި، ފޮޓޯ ނަގައި ހަދާލަން." މުނިޔާ ގެނެސް ގައިޔާ ކައިރިކޮށްލަމުން، މުނިޔާގެ ގައިގައި ސާޖިދު ބައްދާލިއެވެ. ސާޖިދުގެ ގައިން ދުވި މަޑުމަޑު މީރުވަހުން، މުނިޔާގެ އެތެރެހަށި ފުރުނެވެ. ޖެހެމުން ދިޔަ މަޑުމަޑު ވައިރޯޅިން ފިނިކަން އުފައްދާފައިވާ މުނިޔާގެ ހަށިގަނޑަށް، ސާޖިދުގެ ހޫނުކަން ވަދެ، އެ ހަށިގަނޑުގައި އުފާވެރިކަމުގެ އާރެއް އުފެދި ކޮޅުކޮޅަށް ދެމޭންފެށިއެވެ.
"މަ ވެސް މިހެން ދެކޮޅަށް ދެމިދެމި މިހިރަ ހަލާކުވަނީ. މަ ވަކި އަރާމުގަތަ މި އުޅެނީ؟" ފޯނު ކަންފަތުގައި ޖަހައިގެން ސިޓިންރޫމުގައި އިން ވަސީމާއަށް އިވުނީ ފައިސަލްގެ ނުރުހުުމުގެ އަޑެވެ.
"ތިހެން ވީމައެއްނު މި ދަތުރުގަ އަންނަން ވެސް މަ ބުނީ. ފައިސަލް ބޭނުން ނުވީނު އަންނަން."
"ދިޔައިމަ ކާކު ފައިސާ ހޯދަނީ؟ ވަސީމާ އަތުގައި ރަންވަޅެއް ހުރީތަ؟" ކޮންމެ ދުވަހަކު ގުޅާފައި އެއް ވާހަކައެއް ދައްކާތީ ފައިސަލް ހިތްހަމަނުޖެހުނެވެ.
"އެ އެއް ނޫން ވާ ގޮތަކީ. މަ ނޫޅެން ވާ ގޮތް އޮޅިގެނެއް."
"ކޮބާތަ ވާގޮތަކީ؟"
"މަށާއެކު މި ރަށަށް އައިމަ، ތި އުޅޭ އުޅުމެއް ނޫޅެވޭނެއެއްނު!"
"ކޮން އުޅުމެއްތަ މަ އުޅެނީ؟"
"ހިލޭ އަންހެނުން ފަހަތުން ދުވާ ދުވުން ހުއްޓާލަންޖެހި..."
"ބުނަންތަ ރަނގަޅު ވާހަކައެއް. ކޮންމެހެން ޒުވާބުކުރަން އުޅޭނެކަމެއް ނެތް! މަ މި ތެޅޭ ތެޅުމެއް ތެޅެނީ ހަމަ ކަލޭމެންނަށް ޓަކައި. ކަލޭމެންގެ އުފަލަށް ޓަކައި."
"ތި ތެޅުން ތެޅިގެން މަށަށް އޮތީ ކޮން ފައިދާއެއް؟ ބޭނުންވާ އެއްޗެއް ގަނެލާނެ ފައިސާފޮއްޗެއް އަތުގައި އޮންނަނީއެއް ނޫން! ބޭސް ހުސްވެގެން ބޭސް ފޮނުވަން ބުނިފަހުން ހަތަރު ދުވަސްވީ. އެ ވެސް ފޮނުވުނީއެއް ނޫން! މިހާރު ވެސް ކައިބޮއި މި ހަދަނީ މުނިޔާއާ ސާޖިދަށް ލިބޭ އެއްޗަކުން."
"ކިހައި ރަނގަޅު! ކިހައި ރީތި! މަށަށް ކޮށްދެވުނު ކަމެއް ނެތެއްނު! ތަނެއް ކުއްޔަށް ހިފައިގެން މާލޭގައި އުޅޭތާ ސޯޅަ، ސަތާރަ އަހަރުވީ އިރު، މަތިން މީހަކު ފައިބާތަ ކުލި ދެއްކީ؟ ދަރިންނަށް ކިޔަވައިދީ ނިމޭއިރު، އެހެން މީހަކު ބޮޑުލާރިއެއް ވެސް ދިއްކޮށްލިތަ؟ އެ ކުދިންނަށް ވެސް މިއަދު އެއްޗެއް ތިޔަ ދެވެނީ، މި ދެ އަތުން ބުރަ މަސައްކަތްކޮށް އެ ކުދިން ބަޔަކަށް ހެދީމަ."
"ދެން ކޮންމެހެން ކަލަގޮވާނެކަމެއް ނެތް! އިނދެގެން އުޅެންޏާ ޖެހޭނީ ކޮށްދޭން! ދަރިން ހޯދަންޏާ ޚަރަދު ވެސް ކުރަންޖެހޭނެ!"
"ކަލަގޮވަނީއެއް ނޫނޭ! ވަސީމާ ނިކަން ވިސްނައިލަބަލަ!" ފައިސަލްގެ އަޑާއި ރާގު ބަދަލުކޮށްލިއެވެ. "އަހަރެން ޗުއްޓީގަ ރަށަށް ނުގޮސް މި ހުރީ، ދާހިތް ނުވާތީއެއް ނޫނޭ! ފަށައިގެން މި އުޅޭ މަސައްކަތް ނިންމާނުލައި، އެއްވެސް ދިމާއަކަށް ޖެހިިލެވެންނެތްކަން، ވަސީމާއަށް ހަމަ ރަނގަޅަށް އެނގޭނެ! އެކަމަކު ހަމަ ކޮންމެ ދުވަހަކު ގުޅާފަ ތި ކުރަނީ އެ ޝަކުވާ. ތިހެން އުޅެގެން ދުވަހަކު އުފާވެރިކަމެއް ދިރިއުޅުމަށް އަންނާނެތަ؟"
"ތިތާ ހުރީމަ ފައިސަލަށް ހުރިހައި އުފަލެއް ވެސް ލިބޭ ވިއްޔަ. އެހެންވީމަ ފައިސަލަށް އެ ވީނު."
ވާހަކަ މިހައި ހިސާބަށް ދިޔަތަނާ ފެނުނީ، މުނިޔާއާއި ސާޖިދު އައިސް ގެއަށް ވަންތަނެވެ. އެހައިތަނުން ފޯނު ކުރުކޮށްލާފައި ވަސީމާ ފޯނު ބޭއްވީ، އެ ދެމަފިރިންގެ ހޫނު ވާހަކަތައް، އެ ކުދިންނަށް އިއްވާން ބޭނުން ނުވާތީއެވެ.
"ކޮންތާކުން ކޯއްޗެއް ގަނެގެން ތި އައީ؟" އެ ކުދިންގެ އަތުގައި ހުރި ކޮތަޅުތައް ފެނިފައި ވަސީމާ އަހައިލިއެވެ
"އައި މަގުމަތީގައި "ދީނާރު" ފިހާރައަށް ވަދެ، ގެއަށް ބޭނުންވާ ބައެއް ސާމާނު ގަނެލީ. ކޮބާ ކޮއްކޮ؟"
"ކޮޓަރީގަ އެބައިން ކޮންމެވެސް އެއްޗެއް ބަލަން. އެއީ އެއްނު ކޮއްކޮގެ ކަމަކީ." ފައިސަލާ ދެބަސްވުމުގެ ސަބަބުން އުފެދުނު ނުރުހުމުގެ ކުލަވަރު ވަސީމާގެ މޫނުމަތީން އަދި ފިލައިގެނެއް ނުދެއެވެ.
"ކޮއްކޮގެ އޮންނާނީ ކޮރެއަން ސީރީޒް ބެލުން." ގެނައި ކޮތަޅުތައް މޭޒުމަތީގައި ބަހައްޓާފައި މަންމައާ ދިމާއަށް މުނިޔާ ހިނގައިގަތެވެ.
"ބައްޕަ ގުޅީތަ؟" މަންމަގާތުގައި ޖައްސާލަމުން މުނިޔާ އަހައިލިއެވެ. މުނިޔާއާ ޖެހިގެން ސާޖިދު ވެސް އިށީންނިއެވެ.
"އާނ! ދެންމެ ގުޅި. ދަރިފުޅުމެން ކޮން އިރަކުން ކަނީ؟ ކޮއްކޮއަށް ގޮވައިގެން ކާން އުޅެންވީނު!"
"މަންމާ! އޯކޭތަ ކަނޑެވާރެހާއަށް މާދަމާ ރޭ ބާބަކިޔު ހަދަން ދިޔަސް؟"
"ކަނޑެވާރެހާއަށޭ؟ ރޭގަނޑު؟" މުނިޔާއާ ދިމާއަށް ވަސީމާ ބަލައިލީ، ނުރުހުމުގެ ނަޒަރަކުންނެވެ.
ނުނިމޭ